A wide advertisement which will be shown on all devices. (700 x 100)

އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކު އުފެއްދުމުގެ މަޝްވަރާތައް ނިންމާލައިފި

އޭއައިއައިބީ އުފެއްދުމުގެ މަޝްވަރާތައް ނިންމުމަށްފަހު މަންދޫބުން. ފޮޓޯ: އޭއައިއައިބީ

ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 57 ޤައުމެއް ގުޅިގެން އުފައްދަން މަސައްކަތްކުރާ އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް އުފެއްދުމުގެ ސިލްސިލާ މަޝްވަރާތައް ނިންމާލައިފިއެވެ.
ސިލްސިލާ މަޝްވަރާތައް ނިންމާލެވުނު ފަސްވަނަ ބައްދަލުވުން އޮތީ މެއި މަހުގެ 20 އިން 22 އަށް ސިންގަޕޫރުގައެވެ.
މި ބައްދަލުވުމުގައި، ބޭންކުގެ ތިމާވެށްޓާއި އިޖުތިމާޢި ސިޔާސަތުގެ ފްރޭމްވޯކާއި ޕްރޮކިޔޯމަންޓް ޕޮލިސީ ފްރޭމްވޯކުގެ ދެލިކޮޕީއާއި އެހެނިހެން މުހިއްމު ކަންތަކާމެދު ބަޙުސްކުރެވުނެވެ. އަދި މަޝްވަރާތައް ނިންމާލިއިރު، ބޭންކުގެ ހިންގާ ޤަވާޢިދު އެކުލަވާލައި ނިމިފައިވާކަމަށް އޭއައިބީގެ އިންޓެރިމް ސެކްރެޓެރިއެޓުން ހާމަކުރިއެވެ.
އޭއައިބީގެ އިންޓެރިމް ސެކްރެޓެރިއެޓުން އިތުރަށް ހާމަކުރި ގޮތުގައި، ބޭންކުގެ ހިންގާ ޤަވާޢިދު އަންނަ ޖޫންމަހުގެ ނިޔަލަށް ފާސްކޮށް، އަންނަ އަހަރު ބޭންކު ހިންގަން ފެށޭވަރު ވާނެއެވެ.
ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ފިނޭންސް މިނިސްޓަރުގެ ސީނިއަރ އެޑްވައިޒަރ ޢާރިފް ޙިލްމީ އާއި ލީގަލް ކޮންސަލްޓެންޓް އަޝްރަފް ރަޝީދު އެވެ.
އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކަކީ، ޗައިނާ އިން އިސްނަގައިގެން އުފައްދަން ފެށި ބޭންކެކެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު މި ބޭންކު އުފެއްދުމުގެ އެމްއޯޔޫގައި 21 ޤައުމަކުން ސޮއިކުރިއެވެ.
އައު ވާލްޑް ބޭންކް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާ މި ބޭންކުގެ މަޤްޞަދަކީ އޭޝިޔާ ޤައުމުތަކުގެ މަގުހެދުމާއި، ބަނދަރުހެދުމާއި، ނަރުދަމާ އެޅުން ފަދަ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ލޯނު ހޯދައިދިނުމެވެ. އޭޝިޔާގައި މިހާރުވެސް ތަފާތު ޑިވެލޮޕްމަންޓް ބޭންކުތައް ހުރި އިރު އޭއައިއައިބީ އުފެއްދުމާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މިކަމާމެދު ޗައިނާގެ ރަސްމީ ޖަވާބަކީ، އޭޝިޔާގައި އަދިވެސް ޢުމްރާނީ ތަރައްޤީއަށް އެކަށީގެންވާވަރަށް ފަންޑު ނުކުރެވޭކަމެވެ.
އޭއައިއައިބީ އުފެއްދުމަށް ގިނަ ޤައުމުތަކެއް ތާއީދު ލިބުމަކީ އެމެރިކާގެ ބަލިކަށިކަން ހާމަކޮށްދޭކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނާބުނުމާމެދު ބަރަކް އޮބާމާ ބުނެފައިވަނީ، އެ ބޭންކު އުފެއްދުމާ އެމެރިކާ ދެކޮޅު ނޫންކަމެވެ. އަދި އެކަމަކީ ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ ހެޔޮ އަސަރުކުރާކަމެއްނަމަ އެމެރިކާގެ ތާއީދު އޮތްކަމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !