12 ނޮވެމްބަރ 2019 ( އަންގާރަ )

banner

އޭއެޗް އެންޑް އެސޯސިއޭޓްސް އިން ކްރޯވޭ ހޮވާތު އިންޓަނޭޝަނަލް އާއި ގުޅިއްޖެ

ފުވައްމުލަކަށް ނިސްބަތްވާ ހަސަން މުހައްމަދު ގެ އޮޑިޓް ފާމް އޭއެޗް އެންޑް އެސޯސިއޭޓްސް އިން ދުނިޔޭގެ އެންމެ ބޮޑު އެއް އެކައުންޓިން ނެޓްވޯކު ކަމަށްވާ ކްރޯވޭ ހޮވާތު އިންޓަނޭޝަނަލް އާއި ގުޅި، ބޭރުގެ އެފަދަ ބަޔަކާ ގުޅުނު ރާއްޖޭގެ ފުރަތަމަ ފަރާތަށް ވެއްޖެ އެވެ. 

ކްރޯވޭ ހޮވާތު އިންޓަނޭޝަނަލް އިން ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ ގާތްގަނޑަކަށް 200 އޮޑިޓް ފާމް ގެންގުޅެއެވެ. އޭއެޗް އެންޑް އެސޯސިއޭޓްސް، ކްރޯވޭ ހޮވާތު އިންޓަނޭޝަނަލްއާ ގުޅުމާ އެކު، އޭއެޗް އެންޑް އެސޯސިއޭޓްސް ވަނީ ކްރޯވޭ ހޯވޮތު މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފަ އެވެ.

އެ ކުންފުނި ރީބްރޭންޑް ކުރުމަށް މިދިޔަ ހޯމަ ދުވަހު ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދު (ހުނުބޮލި) ވިދާޅުވީ އެ ކުންފުނީގެ ހިދުމަތްތައް ދެން ދޭނީ ކްރޯވޭ ހޯވޮތުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ފަރާތުގެ ފަންނީ އެހީތެރިކަމާ އެކު ކަމަށެވެ.  

މާލޭގެ އިތުރުން ފުވައްމުލުގައި ވެސް އޮފީސް ހިންގާ ކްރޯވޭ ހޯވޮތު މޯލްޑިވްސް އަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އޭ ކެޓަގަރީ ވެސް ދީފަ އެވެ. އޮޑިޓު ކުރުމާ ގުޅޭ ކަންކަމުގެ އިތުރަށް، އެކައުންޓިން އާއި ޓެކްސްގެ ކަންކަމުގައި އިރުޝާދު ދިނުމާއި އިންވެސްޓަރުންނަށް ލަފާ ދިނުން ފަދަ ގިނަ ހިދުމަތްތަކެއް އެ ފާމުން ދެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލް 10 އޮޑިޓު ފާމުގެ ތެރޭގައި ހިމެނޭ ކްރޯވޭ ހޯވޮތުގެ މެމްބަރަކަށް ވެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ހިދުމަތް ދޭ ގައުމެއްގެ ހާލަތު ރަނގަޅަށް އެނގުމާއި އެކަށީގެންވާ މިންވަރަކަށް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު