14 ޑިސެމްބަރ 2019 ( ހޮނިހިރު )

ދުނިޔޭގެ އެންމެ ކާމިޔާބު ސީއީއޯއިން ގެ ތެރޭގައި ގިނައީ އެތެރެއިން އައިސްފައިވާ ސީއީއޯ އިން

ހާވާޑް ބިޒިނަސް ރިވިއު އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ސީއީއޯ ގެ ތެރެއިން ގިނައީ އިންސައިޑާ ނުވަތަ އެތެރެއިން އައިސްފައި ވާ (ކުންފުނީގައި މަސައްކަތްކުރާ ފަރާތެއް ސީއީއޯ އަކަށް އައްޔަންކުުރުން) ސީއީއޯ އިންނެވެ. އެންމެ ކާމިޔާބު 100 ސީއީއޯ އިންގެ ތެރެއިން 85 ފަރާތަކީ އެތެރެ އިން އައިސްފައި ވާ ސީއީއޯ އިންނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އެންމެ ކާމިޔާބު 100 ސީއީއޯ އިންގެ ތެރެއިން 24 އިންސައްތަ ސީއީއޯ އިންނަކީ އެމްބީއޭ ފުރިހަމަ ކޮށްފައިވާ ފަރާތްތަކެވެ. އަދި މިލިސްޓްގައި ހިމެނޭ ސީއީއޯ އިން ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އެވެރެޖްކޮށް 44 އަހަރު ގައެވެ. އަދި ސީއީއޯގެ މަގާމުގައި ގާތްގަޑަކަށް 17 ވަރަކަށް އަހަރު ހޭދަ ކޮށްފައި ވެއެވެ.

ހަމަ މިދިރާސާ އިން ދައްކާ ގޮތުގައި އެންމެ ކާމިޔާބު ސީއީއޯ އިންނަކީ އެދާއިރާ ގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ. އެގޮތުން، މިފަހަރުގެ އެންމެ ކާމިޔާބު ސީއީއޯ، އިންސިއުލިން އުފެއްދުމަށް މަޝްހޫރު ނޯވޯ ނޯޑިސްކްގެ ސީއީއޯ ލާސް ރެބިން ފޮރެސްޓްރީ އިން މަތީ ތައުލީމް ހާސިލު ކުރި ނަމަވެސް ނޯވޯ ނޯޑިސްކް ގައި 30 އަހަރު ވަންދެން މަސައްކަތް ކޮށްފައި ވެއެވެ.

ދެވަނަ އަށް އެންމެ ކާމިޔާބު ސީއީއޯ މާޓިން ސޮރެލް ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓިން ސަރވިސް ފާމް (ޑަބްލިއު ޕީޕީ) ގެ ސީއީއޯ އަކަށް ވެފައި ވަނީ އެމްބީއޭ ފުރިހަމަ ކުރުމަށްފަހު 10 އަހަރަށް ވުރެ ގިނަ ދުވަހު އެޑްވަޓައިޒިން ދާއިރާ ގައި މަސައްކަތް ކުރުމަށްފަހު ގައެވެ.

އެންމެ މަގުބޫލު ސީއީއޯ އިން ހޮވުމު ގައި ހާވާޑް އިން ބަލާފައިވާ މިންގަނޑުގެ ތެރޭގައި މާލީ ގޮތުން ކުންފުންޏަށް ލިބޭ ކުރިއެރުމުގެ އިތުރުން، މާހައުލަށާއި، އިޖްތިމާއީ ކުރިއެރުމަށާއި، ގަވަނަންސްގެ ހަރުދަނާ ކަމަށް ވެސް ބަލާފައިވެއެވެ.

މިދިރާސާ އިން ދެއްކި ނަމަވެސް ރާއްޖޭ ގައި ޕަބްލިކު ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުގެ ސީއީއޯ އިން އާންމު ގޮތެއްގައި އައްޔަން ކުރަނީ ބޭރުންނެވެ. އެތެރެ އިން އައްޔަން ކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ސީއީއޯ އިން އައްޔަން ކުރުމުގައި ދާއިރާގެ ތަޖްރިބާ އަށް ބެލުމެއް ނެތި އައްޔަންކުރާ ސީއީއޯ އިންގެ އުމުރު ވެސް ކުރެެވެ.


ކިޔުންތެރިންގެ ޚިޔާލު