A wide advertisement which will be shown on all devices. (700 x 100)

ސުނާމީ 2004: ފުވައްމުލަކުގެ ތަޖުރިބާ

ސުނާމީގެ އަސަރު ފުވައްމުލަކުން ފެނުނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތިރިވުމުގެ ގޮތުގައެވެ. ކ. ދިޔަވަރު ހިކިފައި، ވ. ފުވައްމުލަކު ބަނދަރު 2005ގައި

ދެހާސް ހަތަރެއްގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހާދިސާ ފުވައްމުލަކުން ތަޖުރިބާ ކުރެފިވަފއި ވަނީ ކޮންގޮތަކަށް ހެއްޔެވެ؟ ރާއްޖޭގެ ހުޅަނގު ބިތުގެ ގިނަ ރަށްތަކަކަށް ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ލިބިގެން ދިޔައެވެ. އަދި އެތައްބައެއްގެ ފުރާނަ ވެސް ގެއްލިގެން ދިޔައެވެ. ނަމަވެސް ފުވައްމުލަކަށް ސުނާމީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިނަމަ ވެސް، ބޮޑު ގެއްލުމެއް ލިބިފައިވާ ކަން އެނގޭކަށް ނެތެވެ.

އެދުވަހު، 2004 ޑިސެމްބަރު 26 ވީ އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި އަޅުގަނޑު ދިރިއުޅެމުން ދިޔަގޭ ބަދިގެ ފަރާތުގައި ހުއްޓައި، އަންހެނުންގެ ބޮޑު ދައިތައަކު ރާއްޖެއަށް ބިންހެލުމެއް އައިސްގެން އުޅޭ ޚަބަރު ދިނެވެ. އަދި އެއާއެކު ބޮޑު ރާޅު އަރައިގެން އުޅޭ ވާހަކައެވެ. މާލޭގައި ތިބި ތިމާގެ މީހުން، ގޭގެ މަތީ ބުރިތަކުން ފައިބައި ބިންމަތީގައި ތިބި ވާހަކައެވެ. އާއިލާ މީހުންނަށް ޚަބަރު ދިނުމަށެވެ. ރިޒޯޓުތަކަށާއި ރަށްރަށަށް ވެސް ބޮޑު ރާޅު އަރައިގެން އުޅޭ ވަހަކައެވެ. އަދި ބައެއް މީހުން ރާޅާ ދަމައިގެން ގޮސް، ގެއްލިފައިވާ ކަމަށެވެ. އަދި ރައްކާތެރި ވުމަށް ފޯނުން ގުޅާފައި ބުނިކަމުގެ މައުލޫމާތެވެ. އަދި ރަށްރަށުގެ އެއްގަމަށް ރާޅުއަރާ އިމާރާތްތަކާއި ގަސްތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާ ކަމުގެ ވާހަކަ ދެކެވެމުން ދިޔައެވެ.

ނަމަވެސް، އަޅުގަނޑަށް އެކަން އެއީ އެހާ ބޮޑުކަމެއްގެ ގޮތުގައި ނަގައިގަންނަން އުނދަގޫވީ ފުވައްމުލަކަށް ވެސް ހުޅަނގު މޫސުމުގެ ގަދާގައި ކޮންމެ އަހަރަކު ވެސް މާނޭރެ ފަރާތުން، ހުޅަނގު ދެކުނުފަރާތުން ރާޅުތައް، ނޫނީ އުދަ އެރިކަމުގައި ވިޔަސް މާބޮޑު ގެއްލުމެއް ނުވާތީއެވެ. ބޮޑު ރާޅުގައި އަޅުގަނޑުގެ ތަޖުރިބާއަކީ އެއީ ކަމުގައި ވީހިނދު ރާޅުތައް އެހާބޮޑުވެ (ފަހުން ވީޑިއޯތަކުން ފެނުނު ގޮތަށް) އެހާ ބޮޑެތި ގެއްލުން ތަކެއް ލިބިދާނެ ކަމުގެ އެއްވެސް ކަހަލަ އިހުސާސެއް އޭރު ކުރެވިފައި ނެތުމުން، ސުނާމީ ވިސްނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ބިންހެލުމުގެ ޚަބަރަށް ކަންބޮޑު ވިއެވެ.

އޭރު އަހަރެން ދުއްވާ ހޮންޑާ ވޭވް 110 ގެ ސައިކަލުގައި، އަންހެނުންނާއި އެކު މިސްރާބު ޖެހީ އެޚަބަރު އާއިލާ އެހެން މީހުނަށް ދިނުމަށެވެ. އެއިރު ރަށުގެ މެދު ހިސާބުގެ ގިނަ ބަޔަކަށް އެޚަބަރު އަދި ނޭގެއެވެ. ގެއަށް ގޮސް އާއިލާ މީހުނަށް ޚަބަރު ދީފައި އިތުރަށް ޚަބަރު ދަބަރު ބަލާލަން ރަށުގެ ބޯޅަ ދަނޑު ސަރަހައްދާއި ދިމާލަށް ދިއުމަށްފަހު މާއެދެވޭ ޚަބަރެއް ނެތުމުން، ބޮޑުރާޅު ބަލާލުމަށް ބަނދަރާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަންހެނުންނާއިއެކު ސައިކަލުގެ  ދުއްވާފައި ގޮސް ބަނދަރާއި ހަމަވިއިރު ދަންނަ ދެތިން ޒުވާނުން ބަނދަރު ސަރހައްދުގައި ތިއްބެވެ. ސައިކަލުން ނުފައިބާ ބަނދަރުގެ އެއްގަމު ތޮށި ކައިރިން މަޑުމަޑުން އެ ދެތިން މީހުނާއި ވާހަކަ ދައްކަމުން ދުއްވަމުން ދިޔައީމެވެ. އެމީހުން ވެސް ކިޔަމުން ދިޔައީ އެވަގުތު ދިޔަވަރަށް އަންނަ ބަދަލުގެ ވާހަކައެވެ. ރާޅުގެ އަސަރެއް އެއްވެސް ގޮތަކަށް ބަދަރު ތެރެއިން ނުފެނެއެވެ. ނަމަވެސް ވާހަކަ ދައްކަމުން ދިޔައީ ބަނދަރުގެ އެތެރޭގެ ދިޔަވަރު ކުއްލި ކުއްލިއަށް އުސްވެފައި ކުއްލިއަކަށް ތިރިވާ ވާހަކައެވެ. އެއީ އާއްމުކޮށް ދިޔަވަރަށް ވަގޮތެއް ނޫނެވެ. އަދި އުސްވެގެން ދާ ފަހަރު އެހާތަނަށް ދުވަހަކުވެސް އުސްނުވާހައި ބޮޑަށް ދިޔަވަރު އުފުލެއެވެ. އެކަން އެގޮތަށް ވާ ސަބެބެއް ނޭނގުނެވެ.

ބަނދަރުގައި މާގިނައިރެއް ނުވަނީސް އަނެއްކާވެސް ބަދަނރުގެ ދިޔަވަރު އުސްވާން ފެށިއެވެ. އުސްވަމުން އުސްވަމުން ގޮސް ބަނދަރުގެ މަގަތު ތޮއްޓެއްގެ ގޮތުގައި އަޅާފައިވާ ލަކުޑިގަނޑުގެ މަތިން އަރައި ކުޑަ ތަންކޮޅަކަށް ފެތުރުނެވެ. އަދި ދެތިން ސިކުންތުހާ ވަގުތުގެ ތެރޭގައި ތިރިވާންފަށައި، ދިޔަވަރު އަޑިއަށް ދިޔައެވެ. އެދިޔަގޮތަށް ގޮސް ވަރަށް ބޮޑަށް އަޑިޔަށް ދިޔައެވެ. ބަނދަރުގައި އަޅާފައިވާ ދޯނިތައް ނުބީހޭކަން ވެސް ނޭގެއެވެ. އެހާވެސް ތިރިވިއެވެ.

ދިޔަވަރު އުސްވާން ފެށުމުން އަހަވަހަށް ސައިކަލާއެކު ދުރަށް ދުއްވީމެވެ. ނަމަވެސް ދެން ވާގޮތެއް ބަލަން ތަންކޮޅެއް ދުރުގައި މަޑުކުރީއެވެ. އެއީ ލަފާކުރެވޭ ގޮތުން ހެނދުނު 9 އާއި 10 އާއި ދެމެދުގެ ވަގުތެވެ. އެހާހިސާބުން އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ.
ނަމަވެސް ދެންވެސް ދިޔައީ އެހެން ދިމާލަކުން ބޮޑު ރާޅު ފެނޭތޯއެވެ. ބަހާރުމަގުން ދުއްވާފައި ގޮސް ރަސްގެ ފަންނާއި ބަޑަހަލް ފަންނާއި ހިސާބުން ވެސް ބެލީމެވެ. މާބޮޑު ތަފާތެއް ފާހަނގައެއް ނުކުރެވުނެވެ. ދެން ދިޔައީ އަނބުލު ފަންނަށެވެ. އެހިސާބުގައި ތިބި ދަންނަ މީހުން ކިޔައިދިން ގޮތުގައި ދިޔަވަރު އުސްވެފައި އަޑިއަށް ދިޔަގޮތަށް ގޮސް ފަރުމަތި އެއްކޮށް ހިކުނެވެ. އަދި މަސްތައް ތެޅިތެޅި ފަރުމަތީގައި ތިއްބެވެ. ޒުވާން ކުދިން ދުވެފައި ގޮސް މަސް ވެސް ނެގިކަމަށް ބުންޏެވެ.

ނަމަވެސް އެހިސާބުގައި އެވަގުތު ތިބި ދޮށީ އުމުރުގެ މީހުންގެ ބަހަށް އަވަހަށް ކުދިންތައް އެއްގަމަށް އެރުވީކަމަށް ވެއެވެ. އަނބުރާ ދަޑިމަގު އަވަށަށް ދިޔުމުން އެނގުނީ ހޯދަޑު އަނބުލު ފަނުން ކަންހިނގި ގޮތަށް، ދިޔަވަރު އަޑިއަށް ގޮސް މަސްތައް ފަރުމަތީގައި ތެޅިތެޅި ތިއްބާ ދަޑިމަގު މީހުން ވެސް މަސް ނެގި ކަމެވެ.

މިއީ ފުވައްމުލަކުން އަޅުގަނޑު ސުނާމީ ތަޖުރިބާ ކުރިގޮތެވެ. އަދި ތަޖުރިބާ ކުރެވުނު މިންވަރެވެ. އިތުރަށް ޚަބަރުތައް ލިބެންފެށީ މެންދުރު ފަހުންނެވެ. ރިޒޯޓުގައި މަސައްކަތް ކުރަން ގޮސް ހުއްޓައި، ދަޑިމަގު އަބްދުލް ގާދިރު (ފުޓުބޯޅަ ކުޅުނު) އަކީ ސުނާމީގައި ރާޅާ ދަމައިގެން ގޮސް އެތައް އިރެއް ފަހުން ސަލާމަތް ކުރެވުނު މީހެކެވެ. އަދި އަބްދުލްގާދިރާއެކު މަސައްކަތުގައި އުޅުނު އެއްކުއްޖަކު ސުނާމީގައި ވަނީ ގެއްލިގެން ގޮސްފައެވެ.

ޚަބަރުތަކުން އެނގުނު ގޮތުގައި ފުރަތަަމަ ހީކުރެވުނު ވަރަށްވުރެ ސުނާމީގެ އަސަރު މާބޮޑެވެ. ރާއްޖެއަށް ލިބުނު ގެއްލުންވެސް މާބޮޑެވެ. ނަމަވެސް ބިންހެލުމުގެ އަސަރު ކުޑަ މިންވަރަކަށް ނޫނީ ރާއްޖޭގެ އެއްވެސް ހިސާބަކަށް ނުކުރެއެވެ. މި ސުނާމީއަކީ ކަނޑުގެ އަޑިއަށް އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ރާޅުބާނިއެކެވެ. އެ ރާޅުބާނީގެ އުސްމިން ރާއްޖޭގެ ސަރަހައްދުގައި ހުރީ 4 ފޫޓާއި 11 ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. ރާއްޅަށް ވުރެ ބޮޑަށް މުޅި ރާއްޖެއަށް ކުރިމަތިވީ ލޮނުގަނޑު އުފުލި ރަށަތައް ފެނުއަޑިއަށް ދިއުމާއި ދިޔަވަރު ތިރިވުމެވެ. އަދި އެއާއެކު އުފެދުނު އޮއިވަރުގެ އަސަރެވެ.

ސުނާމީ ތިބާ އިޙުސާސު ކުރީ ކޮންތަނެއްގައި ކޮންގޮތަކަށް ހެއްޔެވެ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !