26 މާރޗް 2017 (އާދީއްތަ)


ކޮލަމް ސުމެއް: "ވެލާނާ" އެއާޕޯޓްގެ ނަން ނިސްބަތްވަނީ ނާސިރަކަށް ނޫން

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ވައިގެ މައިދޮރޯށި ކަމަށްވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓްގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ޚަބަރާއިއެކު ސޯޝަލް މީޑިއާގައި ގުގުމާލައިފިއެވެ. 

އެއްބަޔަކު އެއަށް ތައުރީފުކުރާއިރު އަނެއްބަޔަކު ނުރުހުންފާޅުކުރެއެެވެ. ދުނިޔެ ހިގާ ބީދައިންނެވެ. ހުރިހާ އެންމެންނަށް ކަމުދާ އެއްވެސް ގޮތެއް ނޯންނާނެއެެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ވައިގެ މައިދޮރޯށީގެ ނަން ބަދަލުކުރި ސަބަބެއް ކަމަށް ރައީސް އޮފީހުން ހާމަކުރާ ސަބަބާއި މެދުވެސް ސުވާލު އުފެދުނެވެ. އެސަބަބެއް ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ "އެއަރޕޯޓުގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ދިވެހިރާއްޖެއަށް ޚާރިޖީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްގީ އަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އާއި، "ވެލާނާ" މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށް ވުމާއެކު، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް އެއަރޕޯޓުގެ ނަން ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށް ވާތީ، މި ނަން ކިޔުމަށް ނިންމެވީ އެވެ" ނަމަވެސް، މިސަބަބަކީވެސް އަޅުގަނޑަށް ގަބޫލުކުރެވުނު ސަބަބެއް ކަމަށް ނުވާތީ އެއާއިމެދު ބަހުޘްކޮށް އަޅުގަނޑުގެ ޚިޔާލުފާޅުކުރަމެވެ.

އެއާޕޯޓްގެ ނަން ނާސިރަށް ނިސްބަތް ކުރަންޖެހެނީ މިނިވަންކަން ހޯއްދަވައިދެއްވައި ގެނެއްނޫން

އިބްރާހިމް ނާސިރަކީ ދިވެހިގައުމަށް ފުރިހަމަ ދާޚިލީ މިނިވަންކަން ހޯއްދައިދެއްވި އަބްތާލެކެވެ. މިކަމާއިމެދު އެއްވެސް ދިވެއްސެއް ދެކޮޅެއް ނަހަދާނެވެ. ނަމަވެސް ހުޅުލޭ އެއާޕޯޓްގެ ނަން އިބްރާހިމް ނާސިރަށް ނިސްބަތް ކުރަން ޖެހޭ ސަބަބެއް ކަމަށް އަޅުގަނޑަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ކުރެއްވި ބުރަ މަސައްކަތެއް ނޫނެވެ. އާދެ! އިގިރޭސިން އަޅައިފައިވާ ދަގަޑުފިލާ އެއާޕޯޓް މިނިވަންކޮށް ދިވެހި ދައުލަތުގެ ބާރު ހިގާ އެއާޕޯޓެއް އަޅުއްވައި ދެއްވުމަށް ކުރެއްވި މަސައްކަތާއި އެއާޕޯޓް އެމަނިކުފާނުގެ ބެލުމުގެ ދަށުން ނިންމާ އެއެއާޕޯޓްގެ ޚިދުމަތް އެމަނިކުފާނުގެ ޒައާމަތުގައި ލިބިގެން ދިއުމުންނެވެ. މިއަށްވުރެ މުހިންމު ސަބަބެއް އެބައޮތްތޯއެވެ.

ނަމަވެސް ސަރުކާރުން ދެއްކެވި ސަބަބު ގަބޫލު ނުކުރެވޭ މިދަންނަވަނީ އެކަމުގެ ސަބަބުން ދިވެހި ތާރީޚަށް އުނިކަމެއް އައިސްދާނެތީއެވެ. މިއަދު އެފަދަ ގޮތަކަށް ލިޔެކިއުންތައް ނެރުއްވުމާއި ގުޅިގެން ނާސިރު އެއާޕޯޓް އެޅުއްވުމަށް ކުރެއްވި މަސައްކަތް ހަދާންނެތިދާނެތީއެވެ. އެކަމުގެ އަގު ވަޒަން ކުުމުގެ ބަދަލުގައި އެހެން ކަމެއްގެ އަގު ވަޒަންކޮށް ނަން ދިނުމަކީ ހަމަޖެހޭ ކަމެއްކަމަށް ނުފެންނާތީއެވެ.

ވެލާނާ ނިސްބަތްވަނީ ނާސިރަކަށް ނޫން

ވެލާނާ ނިސްބަތްވަނީ ނާސިރަށްތޯ މިއަދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ވީމާ ވެލާނާ އަކީ ކޮބައިތޯ ބަލައިލަން އެބަޖެހެއެވެ. ދިވެހި ބަހުގެ ރަދީފުގައި ވާ ގޮތުން ވެލާނާ އަކީ ކޮލީނަމެކެވެ. އަދި ދެވަނަ މާނައެއްގައި ވަނީ ބޭރާބެހޭ ކަންތައް ކުރައްވަން އިސްވެ ހުންނަވާ ވަޒީރު ކަމުގައެވެ.

ވެލާނާ އަކީ ބޯދާ ބަަހަކަށް ވާތީ ދިވެހި ތާރީޚަށް ބަލާލުންވެސް މުހިންމެވެ. އިހުޒަމާނުގައި ވެރިކަމުގެ ބާރު ބެހިފައިވަނީ ހަބާރަށެވެ. މިހަބާރަކީ ހަވަރެވެ. މިހަވަރުގެ ކޮންމެ ވަރެއްގައިވެސް އިސްބޭކަލަކު ހުންނަވައެވެ. އެބޭކަލަކީ ރަސްކަމުގެ ދަރުބާރަށް އަރާ ވަޒީރު ކަމަށް ބެލެވެއެވެ. މިހަވަރުގެ ތެރެއިން ވެލާނާ ވަރުގެ އިސް ބޭކަލެއްގެ ގޮތުގައި ވެލާނާ ބެއިކަލަކު އިންނަވައެވެ. ވެލާނާ ބެއިކަލަކީ ޚާރިޖީކަންތައްތައް ބަލަހައްޓާ މިޒަމާނުގެ ގޮތުންނަމަ ފޮރިން މިނިސްޓަރެވެ.

އަލީ ނަސީރު (މަޑަވެލި) ހަވަރާއި ގުޅޭގޮތުން ލިއުންތެރިންގެ ގުޅުމުގައި ލިއްވާފައިވަނީ ވެލާނާ އުފެދިގެން އައިސްފައިވަނީ ހަވަރު އުފެދުމާއިއެކުއެވެ. ހަވަރުގެ ހަވަރު ތެރެއިން އެއްވަރަށް ވެލާނާވަރު ކިޔައެވެ. އެވަރުގެ އިސްބޭކަލަކަށް ވެލާނާ ބޭކަލަކު ހުންނަވައެވެ (އަލީ ނަސީރު، 2013).

ވީމާ ތާރީޚީ ނަޒަރަކުން ބަލާއިރު ވެލާނާއަކީ އިހުޒަމާނުގައި ރަސްކަލުންގެ ދަރުބާރު (މަތިގެއަށް) އެރުމަށް ކޮލިލާ އުސޫލުން ލައިފައިވާ ކޮއްޔެކެވެ. މިކޮއްޔާއި އިބްރާހިމް ނާސިރާއި ހުރި ގުޅުމަކީ ކޮބައިތޯއެވެ.

އެއްވެސް ޒަމާނެއްގައި އިބްރާހިމް ނާސިރަށް ވެލާނާ ކޮލިލައިފައިވާ ކަމެއް ނުވަތަ އެނަން ނިސްބަތްކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. ނަމަވެސް، އިބްރާހިމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު ގެ ނަމުން ނިސްބަތް ކޮށްފައިވާތީ އިބްރާހިމް ނާސިރަށް ލެވިފައިވާ ރަންނަ ބަޑޭރިކަމުގެ ކޮއްޔެއްކަން އެގެއެވެ. މިކޮއްޔަކީ ކިލެގެކަމުގެ ކޮއްޔެކެވެ. ދިވެހި ތާރީޚަށް ބަލާއިރު ވަޒީރުން ނުވަތަ ހަވަރުގެ ބޭކަލުންނަކީ ކިލެގެ ބޭކަލުންނަށްވުރެ ދަށްފަންތީގެ ބައެކެވެ. ކިލެގެ ބޭކަލުންގެ އިސްމީހަކީ ރަސްކިލެގެ ނުވަތަ ރަސްގެފާނެވެ. ހަވަރު ބޭކަލުންނަކީ ކިލެގެ ބޭކަލުންގެ ދަށުން ރަސްގެފާނުގެ އަމުރު މައުރޫފު ތަމްފީޒުކުރައްވަން ތިއްބަވާ ބޭކަލުންނެވެ.

ވެލާނާގެ ނިސްބަތްވަނީ ކޮންބޭފުޅަކަށްތޯ؟

ވެލާނާ ނިސްބަތްވަނީ ހަސަން ވެލާނާ މަނިކުފާނަށެވެ. ހަސަން ވެލާނާ މަނިކުފާނަކީ ކުރީގެ އުއްތަމަ ފަޑިޔާރު އިބްރާހިމް ސިރާޖުއްދީންގެ ޒައިނަބު ދީދީގެ ބީރު ހަސަން ދީދީގެ މަލިން މަނިކުފާނުގެ ދަރިކަލެކެވެ. މިދެންނެވި އިބްރާހިމް ސިރާޖުއްދީނަކީ މަޝްހޫރު އުއްތަމަ ފަޑިޔާރު ހަސަން ތާޖުއްދީންގެ ކަތީބު އަހުމަދު މުހިޔުއްދީންގެ ދަރިކަލެކެވެ.

މިދެންނެވި ވެލާނާ ހަސަން މަނިކުފާނު މަޝްހޫރުވެފައިވަނީ ވެލާނާ މަނިކުފާނުގެ ގޮތުގައެވެ. ވެލާނާ މަނިކުފާނުގެ ދޮށީ ދަރިކަލަކީ ވެލާނާގޭ މުހައްމަދު ދީދީއެވެ. ވެލާނާގޭ މުހައްމަދު ދީދީގެ ދެދަރިން ކަމަށްވާ އިބްރާހިމް މުހައްމަދު ދީދީ އާއި އަހުމަދު ދީދީގެ ނަން ފާހަގަކުރަންޖެހެއެވެ. އިބްރާހިމް ދީދީ އަކީ ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ނާއިބު ރައީސެވެ. އިބްރާހިމް ނާސިރަކީ އަހުމަދީދީގެ ދަރިކަލެކެވެ. ވީމާ ވެލާނާގެ ނިސްބަތްވަނީ އިބްރާހިމް ނާސިރުގެ މުނި ކާފައަށެވެ. އިބްރާހިމް ނާސިރަކަށް ނޫނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނިސްބަތްވާނީ ވެލާނާ މަނިކުފާނަށް

ދިވެހިރާއްޖޭގެ ވައިގެ މައިދޮރޯއްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކިޔައިފިނަމަ އެއެއާޕޯޓް އެނިސްބަތް ކުރެވުނީ އިބްރާހިމް ނާސިރަކަށް ނޫނެވެ. އެނިސްބަތް ކުރެވުނީ ވެލާނާ މަނިކުފާނަށް ކަމަށް ގަބޫލުކުރެވެއެވެ. އިބްރާހިމް ނާސިރުގެ މުނިކާފައަށެވެ.

އިބްރާހިމް ނާސިރަކީ ކޮންބޭފުޅެއްތޯ؟

އިބްރާހިމް ނާސިރު ރަންނަބަޑޭރިކިލެގެފާނުންގެ މައިކަބަލަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވާ ފުވައްމުލަކު ނަޔާގޭ މޫސާ ދީދީގެ އައިޝަތު ދީދީ އެވެ. ބައްޕައަކީ ވެލާނާގޭ އަހުމަދު ދީދީއެވެ.

ފުވައްމުލަކު ދަރިއެއްގެ ނަން ނެތިގެން ދިޔައީ

މިބަދަލާއިއެކު ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން އިތުރު ހިތާމައެއްވެސް ކުރަމެވެ. ސަބަބަކީ އެނެތިގެން އެދިޔައީ ދިވެހި ގައުމަށް އެތަކެއް ޚިދުމަތެއް ކުރެއްވި ފުވައްމުލަކު މަންމައެއްގެ ދަރިއެއްގެ ނަމެވެ. އިބްރާހިމް ނާސިރުގެ ޒިކުރާ އާކުރެވުމަކީ އަޅުގަނޑުމެން ފަދަ ފުވައްމުލަކުގެ ދަރިއެއްގެ ޒިކުރާ އާ ކުރުމެކެވެ. ފުވައްމުލަކު މަންމައެއްގެ ދަރިއެއްގެ ނަން ފަޑުވެގެން ދިއުމަކީ ފުވައްމުލަކު ދަރިއެއްގެ ނަން ފަޑުވެގެން ދިއުމެކެވެ. ފުވައްމުލަކަށް އައި ފަޑުވުމެކެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

  • User Icon

    ހަސަން

    ނާސިރުގެ ކާފަޔަކީ ހަސަން ވެލާނާ މަނިކުފާނެއްނޫނެވެ. ވެލާނާގޭ މުހައްމަދު ދީދީއެވެ.
  • User Icon

    ސްމޭޝް

    ލިޔުންތެރިޔާ ފާހަގަކޮށްފައި ވަނީ ދިވެހި ތާރީޚުގައި ހަސަން އަދި އަޙުމަދު ދީދީ މިދެގޮތަސް ވެސް ލިޔެވިފައިވާ ކަމަށެވެ. ތާރީޚު ލިޔުންތެރިއެއް ކަމަށްވާ އަބްދުަލް ހަކީމު ހަސަންމަނިކު ދިވެހި ޑައިޖެސްޓްގެ 40 ވަނަ އަދަދުގައި ވެސް ލިޔުއްވާފައި ވާގޮތުން އިބްރާހިމް ނާސިރު ގެ ބައްޕައަކީ ފުރަތަމަ ޖުމްހޫރިއްޔާގެ ނާއިބު ރައީސް އިބްރާހިމް ދީދީ އާއި އެއްބަޑު އެއްބަފާ އަޙުމަދު ދީދީ އެވެ. އަދި އެމީހުންގެ ބައްޕައކީ ވެލާނާގެ މުޙައްމަދު ދީދީއެވެ.