A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: ފާފު އަތޮޅަކީ ފްރެންޗް ރިވިއެރާ ނަމަ ފާފު މޮނާކޯގެ ތަސައްވުރު

ފްރާންސްގެ ތެރޭގައިވާ މިނިވަން ދައުލަތެއް ކަމަށްވާ މޮނާކޯ: މޮނާކޯ އަކީ ފްރެންޗް ރިވިއެރާގެ ބައެއް

ފާފު އަތޮޅު ތަރައްގީކުރުމާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ރައްޔިތުންނަށް ނުލިބި ޝަކުވާތައް ގިނަވުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފާފު އަތޮޅު ތަރައްގީކުރާނީ ފްރެންޗް ރިވިއެރާ ތަރައްގީކޮށްފައިވާ ފަދައިންނެވެ. އެހެންކަމަށްވާނަމަ ފްރެންޗް ރިވިއެރާ އޮތް ހާލަތަށް ފާފު އަތޮޅު އައުމަކީ އެކަށީގެންވާ ކަމެކެވެ. 

ފްރެންޗް ރިވިއެރާގެ އެންމެ މުއްސަދި ޝަހަރަކީ ވެޓިކަން ފިޔަވާ ދުނިޔޭގެ ނިސްބަތުން އެންމެ ކުޑަ ގައުމު ކަމަށްވާ މޮނާކޯއެވެ. މޮނާކޯ އަކީ މަދު މަހުޖަނުންގެ ގައުމެކެވެ. އެގައުމަށް ފްރާންސްގެ ގާނޫނެއް ނުހިގައެވެ. އެގައުމުގައި އޮތީ ވިރާސީ ރަސްކަމެކެވެ. 

ވީމާ ފާފު އަތޮޅުގައިވެސް މޮނާކޯއެއް އުފެދުމަކީ ދުރުކަމެއްނޫނެވެ. އެހެންކަމަށްވާނަމަ ފާފު މޮނާކޯގައި ހިގާނީ ދިވެހި ގާނޫނެއްނޫނެވެ. ފާފު މޮނާކޯގެ ގާނޫނެވެ. ފްރާންސްގެ މޮނާކޯ ފަދައިން ފާފު މޮނާކޯގައިވެސް ވަށައިގެ އޮންނާނީ ދިވެހިރާއްޖެއެވެ. ފާފު އަތޮޅުގެ ރަށްތަކެވެ. ފަހަރުގައި ފާފު އަތޮޅުވެސް ނުއޮވެދާނެއެވެ. އޮންނާނީ މީމު އަތޮޅާއި ދާލު އަތޮޅެވެ. 

ފާފު މޮނާކޯވެސް ވެގެންދާނީ މުއްސަދި ގައުމަކަށެވެ. އެގައުމުގެ ރައްޔިތުންނަށް ވެގެންދާނީ ސައޫދީ ސަލްމާން ރަސްގެފާނުގެ ދަރިފަސްކޮޅާއި އައުވާނުންނާއި ބާދީން އެކަނި ކަމަށްވުމީވެސް ދުރުކަމެއްނޫނެވެ. ފާފު މޮނާކޯގެ މުއްސަދިކަމުގެ ފައިދާ ނަގާނީ ހަމައެކަނި އެގައުމުގެ ރައްޔިތުން ކަމުގައިވާ ސަލްމާން ރަސްގެފާނުގެ ދަރިސްކޮޅު މީހުންނަށް އެކަނިވުމީވެސް ދުރުކަމެއްނޫނެވެ. 

ފާފު މޮނާކޯވެސް ވެގެންދާނީ ޓެކްސް ހެވަނަކަށެވެ. ދިވެހި މަހުޖަނުންވެސް ޓެކްސް ނުދެއްކުމުގެ ނިޔަތުގައި ފާފު މޮނާކޯގައި ކުންފުނިތައް އުފެއްދުމަކީ ވެދާނެކަމެކެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ވަންނަންޖެހޭ ފައިސާ މަދުވެ އޭގެ ފައިދާ ފާފު މޮނާކޯއަށް ނުވެވެސް ހިގައިދާނެއެވެ. 

ފާފު މޮނާކޯގައި އޮންނާނެ ކަމަށް ބެލެވެނީ ވިރާސީ ރަސްކަމެކެވެ. ސަލްމާނު ރަސްގެފާނަށްފަހު ސައޫދީ ރަސްކަން ދެވަނަ ޖީލަކަށް ބަދަލުވެގެންދާއިރު ވެރިކަމަށް ފާރަލަމުންދާ ގިނަ ބަޔަކުވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން އޭގެތެރެއިން ބައެއް ފަރާތްތަކަށް އިތުރު ރަސްކަމެއް ކުރުމަށް ނުވަތަ ސިޔާސީ ގޮތުން އަރުވާލުމަށްޓަކައި ފާފު މޮނާކޯގެ ރަސްކަން ހަވާލުކުރުމަކީ ދުރުކަމެއްނޫނެވެ. 

ފާފު މޮނާކޯއަށް ސަލްމާނު ރަސްގެފާނު ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަކީ ދުރުކަމެއްނޫނެވެ. އެގޮތުން، ރަސްގެފާނު ސީދާ ވަޑައިގަތުމަށް އިންޓަނޭޝަނަލް އެއާޕޯޓާއި، ރަސްގެފާނު ޔޮޓްތައް ބަދަރުކުރުމަށް ޔޮޓްމެރީނާއާއި، ރަސްގެފާނު މުނިފޫހިފިލުވުމަށް، ޑިސްކޯތަކާއި، ކެސިނޯތަކާއި، ރެސްޓޯރަންޓްތަކާއި، ރަސްގެފާނު ދަރިންނާއި މުނިކާފަދަރިންނާއި އަދި އެހެންދަރިވަރުން އިލްމު އުގެނުމަށް ޔުނިވާސިޓީތަކާއި މިފަދަ އެތައްތަނެއް ގާއިމްކޮށްފާނެއެވެ. ގަބޫލުކުރެވޭ ގޮތުގައި އެތަންތަނުގެ އަގު އިންތިހާއަށް ބޮޑުވާނެއެވެ. މިތަންތަނުގެ ފައިދާއެއް ނަގާނެ ކަމަށް ބެލެވެނީ ރަސްގެފާނެވެ. 

މިކަން މިމަގުން ހިގައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފްރެންޗް ރިވިއެރާ ގާއިމްވެދާނެއެވެ. ނަމަވެސް އުފެދޭނީ ހަމައެކަނި މޮނާކޯއެކެވެ. އެމޮނާކޯގެ ފައިދާ ނަގާނީ ސައުދީ ރަސްގެފާނާއި އެމަނިކުފާނުގެ ދަރިފަސްކޮޅުންނެވެ. ދިވެހިންނަށް އެއިގެ އެއްވެސް މަންފާއެއްނެތެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !