17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ކޮލަމް ސުމެއް: ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހޭބޯނާރާ ކެމްޕޭނުގައި

ލޯކަލް ކައުންސިލް އިންތިޚާބު ކުޑަތަންވަމުން އަންނައިރު ސިޔާސީ ފަރާތްތައް ދަނީ ކެމްޕޭނުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސިޔާސީ ވާންނުޖެހޭ ފަރާތްތައް ސިޔާސީ މައިދާނުން ފެންނަން ފެށުމާއިއެކު ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ފަރާތްތައް އޮޅުންއަރާ ސިސްޓަމް ހިގާގޮތާއި ރަގަޅު ގޮތާއި ނުރަގަޅު އުސޫލުތައް މަސްހުނިވެއްޖެއެވެ. ދައްކަން މިއުޅޭ ވާހަކައަކީ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓްނާއި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ވަކި އަތަކަށް ނިކުންނަން ޖެހޭތޯއެވެ.

މިސުވާލުގެ ޖަވާބުގައި ސަރުކާރުން ދެއްވަމުންގެންދަވާނީ ވަރަށް ސާފުސާދާ ޖަވާބެކެވެ. މަޖުބޫރުކަމެއް ނެތެވެ. އެބައެއް ގަބޫލުކުރާ ޕާޓީއަކަށް ސަޕޯޓްކުރަންވީއެވެ. ނަމަވެސް، ފެންނަ ހަގީގަތަކީ އިދިކޮޅު އެއްވެސް މައިދާނަކުން ސިވިލް ސާވަންޓެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސްފަރާތެއް ނުވަތަ އާންމު މުވައްޒަފުންވެސް ނުފެނުމެވެ. އެފަދަ ފަރާތެއް އިދިކޮޅު ހަރަކާތްތަކުން އެއްފަހަރު ފެނުނުނަމަ އަނެއްފަހަރު އެއޮފީހަކު މަސައްކަތެއް ނުކުރެއެވެ. ވަޒީފާ ގެއްލެއެވެ.

މިއަށްވުރެންވެސް ބަލައިގަންނަން އެންމެ އުދަގޫ ކަމަކަށް ވަނީ ޕީޕީއެމްގެ ފޯމުތައް ފުރުމަށްފަހު މެޑަމް އާއި ހަވާލުކުރާ ފޮޓޯތައް އާންމުކުރާއިރު ފޯމްބޮނޑި ހިފައިގެން ވަޑައިގަންނަވަނީ ކޮންމެވެސް ސަރުކާރު ހިއްސާވާކުންފުންޏެއްގެ އެންމެ އިސްވެރިޔާއެވެ. ފަހަތުން ފެންނާނީ އެކުންފުނީގެ މުވައްޒަފުންނެވެ. އެއްވެސް މަޖުބޫރުކަމެއްނެތެވެ. އެތަނުގައި އެނައުންސް ކޮށްލާނީ “އެމްޕީއެލްގެ ސީއީއޯ އާއި އެކުންފުނީގެ މުވައްޒަފުން” ގެނައި ފޯމުތަކުގެ ވާހަކައެވެ. ނުވަތަ ފެނަކައާއި ފެނަކަ މުވައްޒަފުންގެ ވާހަކައެވެ. ނުވަތަ އެނޫންވެސް އެފަދަ ކޮންމެވެސް ކުންފުންޏެއްގެ ވާހަކައެވެ.

ހީވާކަހަލައެވެ. ކުންފުނިތަކުގެ ސީއީއޯގެ މަގާމަކީ ޕީޕީއެމްގެ ކޮންމެވެސް ސިޔާސީ ގޮއްޕެކެވެ. މުވައްޒަފުންނަކީ އެގޮފީގެ މެމްބަރުންނެވެ.

ސުވާލުކޮށްފާނެއެވެ. ކުންފުނިތަކުގެ މުވައްޒަފުންނަށް ޕާޓީތަކުގައި އުޅުމުގެ މިނިވަންކަމާއި ދެކޮޅަށް ވަކާލާތުކުރަނީއެވެ. ނޫނެކެވެ! އެހެނެއް ނޫނެވެ. އެމިނިވަންކަން ލިބެންޖެހެއެވެ. ނަމަވެސް، ސިޔާސީ ޕޯޑިއަމްތަކަށް އަރާ ޕާޓީގެ ފޯމުގައި ސޮއިކުރާއިރު އޭނާއަކީ އެމްޕީއެލްގެ ސީއީއޯއެއްނޫނެވެ. ނުވަތަ ފެނަކައިގެ މެނޭޖަރެއްނޫނެވެ. އޭނާއަކީ ކޮންމެވެސް ގެއެއްގެ އަހުމަދެކެވެ. ނޫނީ މުހައްމަދެކެވެ.

ކުންފުންޏެއްގެ ސީއީއޯގެ ހައިސިއްޔަތުން ނޫނީ ކުންފުންޏެއްގެ މެނޭޖަރެއްގެ ހައިސިއްޔަތުން އެއްވެސް ޕާޓީއެއްގައި ސޮއިކޮއްފިނަމަ އެތަމްސީލުކުރެވެނީ އެކުންފުންޏެކެވެ. އެކަންކުރެވޭނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަލިބިގެނެވެ. އަދި ކުންފުނީގެ އަސާސީ ގަވާއިދުގައި ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމާއި ސިޔާސީ ހަރަކާތް ހިންގުން އެކުންފުންޏެއްގެ މަގުސަދުގައި ލިޔެވިފައި އޮންނަންވާނެއެވެ. ނޫނީ އެބޭނުންކުރެވެނީ، ހިއްސާދާރުން އެއެޖެންޓަށް (މުވައްޒަފަށް) ދީފައިނުވާ ހައްގެކެވެ. މަގާމުގެ ނާޖާއިޒު ފާއިދާއެކެވެ.

ކުންފުނިތަކުގެ ސީއީއޯއިން ޕީޕީއެމްގެ ފޯމު ބޮޑިތައް ހަވާލުކުރަމުންދާ މަންޒަރު ޓީވީއިން ބަލަމުންދާއިރު ސިފަވެގެންދަނީ ކުންފުނިތަކުގެ ވާދަވެރިކަމެވެ. ޕާޓީގެ ފޯމު ހޯދުމަށް އޮންނަ ވާދަވެރިކަމެވެ. އެއްކުންފުނިން އަނެއް ކުންފުންޏަށްވުރެ ގިނަ ފޯމު މެޑަމްއަށް އެރުވުމަށް ކުރަމުންދާނެ ބުރަ މަސައްކަތެވެ. ވިޔަފާރީގެ މާހައުލުގައި ކަސްޓަމަރުން ހޯދުމަށްޓަކައި ކުރާ ބުރަ މަސައްކަތް އެފޯރިއާއި އެޖޯޝުގައި ޕާޓީ މެމްބަރުން ހޯދުމަށް ކުރަމުންގެންދާނެ މަންޒަރެވެ.

މިއީ ވަރަށްވެސް ބިރުވެރި ފެށުމެއް ކަމަށް އަޅުގަނޑަށް ސިފަވެއެވެ. މިހާރުވެރިކަން ކުރާ ފަރާތުން ސަރުކާރުގެ ކުންފުނިތައް ހިސޯރުކުރެވިދާނެއެވެ. ވެރިކަން ބަދަލުވުމާއިއެކު ކުންފުނިތަކުގެ ސީއީއޯއިން ބަދަލުކުރެއެވެ. ނަމަވެސް، ބާކީ ތިބި މުވައްޒަފުން ބަދަލެއް ނުކުރެވޭނެއެވެ. އެހުރިހާ މުވައްޒަފުން ދެން އަވަސްވެ ގަންނަންޖެހޭނީ ސިޔާސީ ޕާޓީ ބަދަލުކުރުމަށެވެ. އާސިޔާސީ ޕާޓީ އަށް މެމްބަރުން ވެއްދުމަށެވެ. މުޅި ކުންފުނީގެ މަގްސަދު އޮޅި އިގްތިސާދީ ދުވެއްޔަށް އަސަރުކުރާނެއެވެ.

މިކަމުގެ ހައްލަކީ ކޮބައިތޯއެވެ. ސަރުކާރުގެ މެޖޯރިޓީ ނުއޮންނަ ގޮތަށް ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ އަމިއްލަ ފަރުދުންނަށް ނޫނީ ބޭރުގެ ކުންފުނިތަކަށް ވިއްކާލުމެވެ. ނުވަތަ، ސިޔާސީ ހަރަކާތްތަކާއި ކުންފުނިތައް ދުރުކުރަން އެބަޖެހެއެވެ. މިއީ ސުމެއްގެ ޚިޔާލަކަށް ވެދާނެއެވެ. ސަތޭކައިގެ ޚިޔާލު އަދި ގިނަވާނެކަމަށް ގަބޫލުކުރަމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު