A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: ޕީޕީއެމް ސެމީ ފައިނަލުން ބަލިވެ ތަށި އުފުލާލަނީ

ލޯކަލް ކައުންސިލް އިންތިޚާބު ނިމި ނަތީޖާއަށް ލިބުމާއިއެކު ޕީޕީއެމް ގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ނިހާނު ބަލި ގަބޫލުކުރައްވާ ކުރެއްވި ޓްވީޓް ވެގެންދިޔައީ ފާޑުކިއުން އަމާޒުވި ޓްވީޓަކަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އިން ޕީޕީއެމް ބަލިވި ބަލިވުން ނިހާނު ސިފަކުރެއްވީ ސެމީފައިނަލުން ބަލިވެ ކުރިއަށް އޮތް ފައިނަލުން މޮޅުވާނެ ކަމަށެވެ. ސެމީ ފައިނަލުން ބަލިވެ ފައިނަލަށް އެއްވެސް ޓީމެއް ދަތުރުކޮށްފާނެބާވައެވެ.

އާންމުންކުރިމަތި ކުރުވި ސުވާލު ފިޝަރީޒް މިނިސްޓާ ޝައިނީ ދެއްވި ޖަވާބު ވަރަށް ތަފާތެވެ. އެޖަވާބާއި ގުޅިގެން އުފެދޭ ސުވާލުތަކާއި ކުރަހާލެވޭ މަންޒަރުތައް ވަރަށް ތަފާތެވެ. މިކޮލަމުގައި އަޅުގަނޑު މިސިފަކޮށްލަނީ ޝައިނާ ދެއްވި ޖަވާބާއި ގުޅިގެން ކުރަހާލެވޭ މަންޒަރެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ “ގާނޫނު އަސާސީގެ ހަމަތަކަށް ބަލާއިރުގައި، ރައީސް ނަޝީދަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެކޭ. އެބޭފުޅާ އަކަށް ފައިނަލް މެޗަކަށް އަރައިވަޑައެއް ނުގެންނެވޭނެ. އަދި ލޯކަލް ކައުންސިލް އިންތިހާބުން އިދިކޮޅު ފަރާތްތަކަށް ކުރި ލިބުނު ކަމުގައިވިޔަސް، އެބޭފުޅުންނަކީ ޑިސްކޮލިފައިވެފަ ތިބި ބައެއް. ރައީސް މައުމޫނަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެއް. ރައީސް ނަޝީދަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެއް. ގާސިމަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެއް. އެހެންވީމަ ވަރަށް ރީއްޗަށް އަދި އަޅުގަނޑުމެންނަށް ފައިނަލް ކުޅުމުގެ ފުރުސަތު އެބަ އޮތް،” ކަމަށެވެ.  

މިނިސްޓަރ ޝައިނީގެ ޖަވާބުގައި ދެތިންކަމެއް ފާޙަގަކޮށްލާނަމެވެ. ރައީސް ނަޝީދާއި އިދިކޮޅު ޓީމު ޑިސްކޮލިފައިވީ ކޮންދުވަހަކުތޯއެވެ. ޑިސްކޮލިފައިވީ ސެމީ ފައިނަލުގެ ކުރިންކަމުގައިވާނަމަ ސެމީފައިނަލުގައި ކުޅުނީ ކީއްވެގެންތޯއެވެ. އެހެންކަމުން، އެޓީމު ކުޅުނުއިރު ޑިސްކޮލިފައިވެފައިވާ ކަމަކަށް ނުބެލެވެއެވެ. ޑިސްކޮލިފައިކުރާނީ މެޗުން މޮޅުވީމާ ކަމަށް ބެލެވިދާނެއެވެ.

އެހެންކަމުން، ސެމީ ފައިނަލުން އިދިކޮޅު ޓީމު މޮޅުވެ ސަރުކާރު ޓީމު ކަޓައިގެންދާނެ ކަމަށް ގަބޫލުކުރުމާއިއެކު އިދިކޮޅު ޓީމު ޑިސްކޮލިފައިވެފައިވާކަން އެގިއްޖެއެވެ. އެއާއިއެކު، އިދިކޮޅު ޓީމު ޑިސްކޮލިފައިކޮށް ސެމީގައި ބަލިވި ޓީމަށް ފައިނަލަށް ދިއުމަށް ޖާގަދެވޭނެއެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި ކުޅޭނެ ޓީމަށް ބަލާލާއިރު އެޓީމުތަކެއް ނެތެވެ. ތިންވަނަ އަދި ހަތަރުވަނަ ޓީމުގައިވެސް ހިމެނޭ ޑިސްކޮލިފައިވެފައިތިބި ކުޅުންތެރިންނެވެ. އެއާއިއެކު، ފައިނަލް މެޗު ނުކުޅެ ޕީޕީއެމަށް ތަށި އުފާލާލެވޭނެއެވެ. މިއީ މިނިސްޓަރ ޝައިނީގެ ސިފަކުރުމުން އަޅުގަނޑަށް ކުރަހާލެވޭ މަންޒަރެވެ. 

އާންމު ރައްޔިތުން ކުރިމަތިކުރުވި ސުވާލުތަކަށް އަޅުގަނޑުދޭނެ ޖަވާބު ތަފާތެވެ. ސެމީ ފައިނަލުން ބަލިވެ ފައިނަލަށް އެއްވެސް ޓީމެއް ދަތުރުކޮށްފާނެބާވައެވެ. ގިނަ ބަޔަކު މިސުވާލުގެ ޖަވާބުގައި ބުނާނީ ނޫނެކޭއެވެ. ނަމަވެސް، ހަގީގަތަކީ ސެމީ ފައިނަލުން ބަލިވެ ފައިނަލަށް ދެވިދާނެ އުސޫލުން ރާވާ އިންތިޒާމު ކުރާ މުބާރާތްތައްވެސް މަދެއްނޫނެވެ. 

ނަމަވެސް އެފަދަ މުބާރާތްތަކުގައި ބަލިވާ ޓީމު ސެމީފައިނަލުގެ ތިންވަނަ މެޗުގައި ބައްދަލުކޮށް މޮޅުވާން ޖެހެއެވެ. އެއުސޫލުން ކުޅޭ މުބާރާތްތަކުގައި ކުޅޭނީ ސެމީ ފައިނަލުގެ ތިން މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ. ބަލިވާ ޓީމެއް ބައްދަލުކުރާނީ ތިންވަނަ އަދި ހަތަރުވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !