24 އޭޕްރީލް 2019 ( ބުދަ )

banner

ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ހަނިކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން، ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި ކަމަށް ރައީސް އޮފީހުން ހާމަ ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ޤާނޫނުގެ 41 ވަނަ މާއްދާއާއި އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނޭ ބާރުތަކާއި އެ ސިޓީ ކައުންސިލަކުން ފޯރުކޮށްދޭނޭ ޚިދުމަތްތައް، ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ހާމަކުރެއެެވެ. 

މާލެ އާއި އައްޑޫ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބާރުތައް ހަނިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށެވެ. ކައުންސިލްތަކުގެ ބާރުތައް ކަނޑައެޅުމުގެ އިހްތިޔާރު ގާނޫނުން މިހާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އަލަށް އުފެދުނު ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރެއްވީ ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގަ އެވެ.

ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިކުރެއްވިއިރު، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ޕީޕީއެމަށް ލިބިއްޖެ ނަމަ ބާރުތަކާއި މުސާރަތައް ވެސް އަލުން އިޔާދަކޮށްދެއްވާނެ ކަމަށް ކެމްޕޭން ތެރޭގައި ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ހާމަކުރަމުން ދިޔައެވެ. ނަމަވެސް، މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތިން ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ނެގީ އިދިކޮޅު އެމްޑީޕީންނެވެ. 

އަލަށް ގެނެވުނު އިސްލާހާއިއެކު ސިޓީ ކައުންސިލްގެ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ވަނީ ދަށްކޮށްފަ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ 11،500ރ. އަށް ދަށްކުރިއެވެ. 

މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން ސިޓީ ކައުންސިލްގެ މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބޭއިރު، ޑެޕިއުޓީ މޭޔަރުންނަށް 35،000ރ. ލިބެ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބެ އެވެ.  

banner

ކިޔުންތެރިންގެ ޚިޔާލު