24 އޭޕްރީލް 2019 ( ބުދަ )

banner

ގައުމުތަކުން ޤަތަރާއި ގުޅުންކެނޑަމުންދާތީ ރައީސް ޓްރަމްޕާއި އިސްރާއީލާއި ހެވިފައި

މިދިޔަ ހޯމަދުވަހު ގަތަރާއިއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުން ކަނޑާލިކަމަށް އަލްއަރަބިއްޔާ އާއި ހަވާލާދީ ދިވެހި މީޑިއާތަކުން ހާމަކުރަން ފެށުމުން އެކަމާއި އެންމެ ފަހުން ސަރުކާރުން އެއްބަސްވިއެވެ. އަދި ސަރުކާރުން އެކަމާއި ގުޅިގެން ނެރުނު ރިޕޯޓްގައި ބަޔާންކޮށްފައިވަނީ ގަތަރާއި އޮތް ގުޅުން ދިވެހި ރާއްޖެއިން ކަނޑާލީ ޓެރަރިޒަމަށާއި ހައްދު ފަހަނަޅާ ދިއުމަށް ރާއްޖެއިން ތާއީދު ނުކުރާތީ ކަމަށް ސަރުކާރުން ބުނެފިއެވެ. ގަތަރު ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއްގެ ގޮތުގައި ދިވެހި ސަރުކާރުންވެސް ލޭބަލް ކުރީއެވެ. މިއީ އެމެރިކާއާއި އިޒްރޭލުން ސިފަކުރާގޮތެވެ. 

ގަތަރުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑާ މިޝާލް ބިން ހަމަދު އައްސާނީ ވިދާޅުވީ ހުރިހާ ކަމެއް ބިނާވެފައިވާ ސައްހަނޫން ތުހުމަތު ތަކެއްގެ މައްޗަށެވެ. އެއީ އެއްވެސް ހެއްކެއް ހުރި ވާހަކަތަކެއްނޫނެވެ.  

އެމެރިކާއާއި އިޒުރޭލުގެ ޓެރަރިސްޓްގެ ގޮތުގައި ސިފަ ކުރާ ޖަމާއަތްތަކުގެ ތެރޭގައި ހަމާސް ޖަމާއަތާއި، މުސްލިމް ބްރަދާހޫޑް ހިމެނެއެވެ. މިދެޖަމާއަތަކީ ގަތަރާއި ގުޅުން ބޮޑު ދެޖަމާއަތެވެ. އިޒުރޭލާއި އެމެރިކާ އެންމެ ކަންބޮޑުވާ ދެޖަމާއަތަކީ މިއީއެވެ. ސަބަބެއް ނެތިއެއްނޫނެވެ. އިޒުރޭލަށް އެންމެ ބިރުބޮޑު ޖަމާއަތްތަކަކީ މިއީ ކަމަށްވާތީއެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި މިސްރުގެ ވެރިކަމަށް މުސްލިމް ބްރަދާހޫޑް އައުމާއި ގުޅިގެން އެވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ކަމަށް ކުރެވޭ ތުހުމަތު ތަކުގެ އިތުރުން ހަމާސް ޖަމާއަތް ފޮހެލުމަށް އިޒުރޭލުން ކުރަމުން ގެންދާ މަސައްކަތްވެސް ފާޙަގަކުރެވެއެވެ. މީގެ އިތުރުން ފަލަސްތީނުގެ އާންމު ރައްޔިތުންވެސް އިޒުރޭލުން ސިފަ ކުރަމުންދަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. އެހެންކަމުން، އިޒުރޭލާއި އެމެރިކާއިން ގަތަރާއި މެދު ކަންބޮޑުވަމުންދާ ސަބަބެއްކަމަށް ބެލެވެނީ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވަމުން ދިއުން ކަމަށްވެސްވެދާނެއެވެ. 

މިކަން އިތުރަށް ސާފުވެގެން ދިޔައީ މިދިޔަ އަންގާރަ ދުވަހު ޕެރިހުގައި މީޑިއާއާއި ވާހަކަ ދައްކަވަމުން ސައޫދީ އަރަބިއާގެ ފޮރިން މިނިސްޓާ އާދިލް އަލްޖުބައިރު ދެއްކެވި ވާހަކަފުޅާއި ގުޅިގެނެވެ. އާދިލް އަލްޖުބައިރު ވިދާޅުވީ ގަތަރުން ހަމާސް ޖަމާއަތާއި މުސްލިމު ބްރަދާހޫޑާއި އެކު އޮންނަ ގުޅުން ކަނޑާލަންޖެހޭކަމަށެވެ. 

މިކަމާއި ގުޅިގެން ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައޫދީ ފޮރިން މިނިސްޓާ ދެއްކެވި ވާހަކަފުޅާއި މެދު ފަލަސްތީނު ރައްޔިތުންނާއި އަރަބި އަދި އިސްލާމީ ގައުމުތަކުން ހައިރާންވާކަމަށެވެ. 

މިކޮމެންޓްތަކުން ސާފުވަނީ އެމެރިކާއިންވެސް އަދި ސައޫދީ އަރަބިއާވެސް އެބުނާ ހަރުކަށި އިސްލާމީ ޖަމާއަތްތަކަކީ ހަމާސް ޖަމާއަތާއި މުސްލިމް ބަރަދާހޫޑްކަމެވެ. އެހެންކަމުން، ދިވެހި ސަރުކާރުންވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި މުސްލިމުގެ އެކުވެރިކަމަށް މަސައްކަތްކުރާ މުސްލިމް ބްރަދާހޫޑަކީ ޓެރަރިސްޓް ޖަމާއަތްތައްކަމަށް ސިފަކުރަނީ ބާވައެވެ. 

ގަތަރާއިއެކު އެކުވެރި ގައުމުތަކުން ގާއިމްކޮށްފައިވާ ގުޅުން ކަނޑަމުންދާތީ އެންމެ އުފާކުރަނީ އިޒުރޭލާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ގަތަރާއި ގައުމުތަކުން ގުޅުންކަނޑަމުންދާތީ އެކަމާއި އުފާ ކުރައްވާ އިޒުރޭލުގެ ޑިފެންސް މިނިސްޓާ އެވިގްޑޯ ލިބާމަން “މިއީ ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ގިނަގުނަ އެއްބާރުލުންތަކެއް ލިބެމުންއަންނަ ކަމުގެ ސާފުހެއްކެއް” ކަމަށެވެ.

ދިވެހި ސަރުކާރުން ވިދާޅުވެފައިވަނީ ގަތަރާއި ގުޅުން ކަނޑާލީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫންކަމަށެވެ. އެއީ އެކަން އޮތްގޮތް ކަމަށްވެދާނެއެވެ. ނަމަވެސް، ގައުމުތަކުން ގަތަރާއި ގުޅުންކަނޑަމުން ދިއުމާއި ޓްރަމްޕްގެ މެދުއިރުމަތީ ދަތުރާއި ގުޅުންހުރިކަން ޓްރަމްޕްގެ ޓްވީޓް ތަކުން ސާބިތުވެއެވެ. “އަޅުގަނޑު އިހަކަށްދުވަހު މެދުއިރުމައްޗަށް ކުރި ދަތުރުގައި ހަރުކަށި ޚިޔާލުތަކަށް ފަންޑުކުރުމަށް ފުރުސަތު ދީގެންނުވާނެކަމަށް ބުނިން. ލީޑަރުން އިގިލިދިއްކުރީ ގަތަރަށް – ބައްލަވާ” ގަތަރާއި ގުޅުން ކަނޑަމުންދާ މައްސަލައާއި ގުޅިގެން ޓްރަމްޕް ކުރެއްވި ފުރަތަމަ ޓްވީޓްގައިވެއެވެ. ގަތަރުން ޚަރަދުކުރި ހަރުކަށި ޚިޔާލުތަކުގެ ބަޔަކީ ކޮބައިތޯއެވެ. އެއީ ހާލުގައި ޖެހޭ ފަލަސްތީނު ރައްޔިތުންތޯއެވެ. 

“ސައުދީ އަރަބިއާއަށް ކުރެވުނު ދަތުރާއި ރަސްގެފާނާއި ވެވުނު ބައްދަލުވުން ވަރަށް ކާމިޔާބު، 50 ގައުމުން ނަތީޖާ ނެރެދީފި” ޓްރަމްޕް ކުރި ދެވަނަ ޓްވީޓްގައިވެއެވެ. މިޓްވީޓާއި ގުޅިގެން އެމެރިކާއިން ރަސްމީކޮށް ކޮމެންޓެއް ކުރައްވަން ބޭނުންނުވާކަމަށް ހާމަކޮށްފައިވެއެވެ.

ނަމަވެސް، ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެގައުމުގެ ލީޑަރުން (ސަލްމާނު ރަސްގެފާނާއި ރައީސް ޓްރަމްޕް) ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ލިބޭނޭމަގު ބަންދުކުރުމާއި ހަރުކަށީ ޚިޔާލު ޕްރޮމޯޓް ކުރުން ހުއްޓުވުމާއި ގުޅޭ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 

މިޓްވީޓްތަކާއި ބަޔާންތަކުން ފާހަގަކުރެވެނީ ގަތަރު އެކަހެރިކުރުމަކީ ސައޫދީ އަރަބިއާ މެދުވެރިކޮށް އެމެރިކާއިން ކުރަން ބޭނުންވިކަމެއް ކަމެެވެ. މިކަމަށް މިހާތަނަށް އުފާކޮށްފައިވަނީ އިޒުރޭލުން އެކަނިކަމަށްވާއިރު، މިކަމަކީ އިޒުރޭލުގެ ލާބައާއި މަންފާއަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ ކަމެއްކަމެވެ. މިކަމުގައި ބޭނުންކުރަނީ ސައުދީ އަރަބިއާކަމެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު