A wide advertisement which will be shown on all devices. (700 x 100)

ސަރަހައްދުގެ ގައުމުތަކަށް ގޯނާކުރުމަކީ ސައޫދީންގެ ޒަމާންވީ އާދައެއް.

ސައޫދީއަރަބިޔާގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް(ވ) އަދި އޭނާގެ ދަރިފުޅު އަދި ވަލީއަހުދު މުހައްމަދު(ކ)

ނަސްރުﷲ އަލީ

ގަލްފުގެ ތިންގައުމަކާއި މިސުރު އެކުވެގެން، ގަތަރާ ދެކޮޅަށް މިއަހަރުގެ ޖޫންމަހުގެ ކުރީކޮޅުގައި އަޅައިގެން އުޅޭ ދަތިކުރުމުގެ ފިޔަވަޅަކީ އާކަމެއްނޫނެވެ. ތާރީޚަށް ބަލާލާއިރު ސައޫދީންގެ މިފަދަ ގޯނާތައް މެދުއިރުމަތީގެ ގައުމުތަކަށް އެކިފަހަރުމަތިން ތަޖުރިބާކޮށްފައިވެއެވެ. މިފަހަރުގެ މިކަންތައް ފެށިގެން އައީ މީގެ ދެމަސްކުރިން ގަތަރުގައި ތިބި މިގައުމުތަކުގެ ސަފީރުން އަނބުރާ އެގައުމުތަކަށް ގެނދިޔަ ހިސާބުންނެވެ. ސައޫދީން ބޭނުންވަނީ މެދުއިރުމަތީގެ ހުރިހާ ގައުމުތަކެއްގެ މައްޗަށް އަތްގަދަކުރުމަށެވެ. އެހެންހުރިހާ ގައުމުތަކުގެ މައްޗަށް ނުފޫޒު ހިންގުމަށެވެ. ސައޫދީން ބޭނުންވާހާ ގޮތަކަށް ކަންކަން ނުކޮށްފިނަ އެބަޔަކަށް ފިއްތާ، އިނދަޖައްސާލަން މަސައްކަތްކުރުމަކީ މީގެކުރިން ވެސް ސައޫދީން ކޮށްފައިވާކަމެކެވެ. ގަތަރަކީ ދުނިޔޭގައިވެސް އޮތް އިގްތިސާދު އެންމެ ވަރުގަދަ އެއްގައުމެވެ. ތަބީއީ ގޭސް(ނެޗުރަލް ގޭސް) އެންމެ ގިނައަދަދަކަށް ހުރީ ގަތަރުގައެވެ. މިއީވެސް ސައޫދީންނަށް ކެތްވާވަރުގެ ކަމަކަށް ނުވެއެވެ. ސަބަބަކީ އިގްތިސާދީ ގޮތުން ފުދުންތެރި، ވަރުގަދަ ގައުމުތައް، ބަޔަކު ހަމަ ބުނާހާ ގޮތަކަށް ހަދަން އެއްބަސް ނުވާނެތީއެވެ.

ދުނިޔޭގެ ފުރަތަމަ ބޮނޑު ހަނގުރާމަ ނިމުނުތަނާހެން ކުވޭތު ހިފުމަށްޓަކައި، ކުވޭތާއި ދެކޮޅަށް ސައޫދީން ވަރުގަދަ ހަނގުރާމައެއް ކުރިއެވެ. މިހަނގުރާމައަކީ ކުވޭތަކީ ސައޫދީންގެ ބައެއްކަމަށް ހެދުމަށް ކުރިހަނގުރާމައެކެވެ. ހަނގުރާމަ ނިމުނުއިރު ކުވޭތުގެ އެތައް ސަތޭކަ މީހުން ޝަހީދުވިއެވެ. ހަނގުރާމަ ނިމުމަށްފަހުވެސް، 1919 އިން 1920 ދެމެދު މިދެގައުމުގެ ސަރަހައްދީ ރޮނގުގައި ދޭތެރެ ދޭތެރެއިން ހަމަލާބަދަލުކޮށްފައިވެއެވެ. ހަނގުރާމަޔަށް ފަހު ކުވޭތާ ދެކޮޅަށް ނަޖުދުކަރައިން (މިހާރުގެ ސައޫދީއަރަބިޔާއިން) ވިޔަފާރީގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއެވެ. މިދަތިކުރުންތައް ސާދަ އަހަރަށް ދެމިގެން ދިޔައެވެ. ކުވޭތާއި ދެކޮޅަށް ސައޫދީންފެށި، އަސްކަރީ އަދި އިގްތިސާދީ ހަމަލާތަކުގެ ބޭނުމަކީ ކުވޭތުގެ ވީހާވެސް ބޮޑުސަރަހައްދެއް ސައޫދީއަރަބިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

އިރާގާއި، ކުވޭތު އަދި ނަޖުދުކަރައިގެ، (މިހާރުގެ ސައޫދީއަރަބިއާގެ) ސަރަހައްދު ކަނޑައެޅުމަށްޓަކައި، 1922 ވަނަ އަހަރު ސައޫދީއަރަބިޔާގެ އަލް އުޤައިރުގައި، އިނގިރޭސީންނާއެކު ސަމިޓް ބައްދަލުވުމެއް ބޭއްވުނެވެ. ނަމަވެސް މިބައްދަލުވުމުގައި ކުވޭތު ތަމްސީލުކުރުމުގެ ފުރުސަތެއް ނުދެއެވެ. މިސަމިޓް ބާއްވަން ޖެހުނު މައިގަނޑު ސަބަބަކީ، ޝޭޚް އަބްދުލްއަޒީޒް އިބްނު ސައޫދުގެ މޭސްތިރިކަމުގެ ދަށުން ހަނގުރާމަކުރަމުންދިޔަ ނަޖުދުކަރައިގެ ވައްހާބީ ބަދަވީންގެ އުދަގޫ އިރާގަށް ބޮޑުވުމެވެ. މުސްލިމް ދުނިޔޭގައި އަބްދުލް އަޒީޒްގެ ނަމުން ކިޔޭ މީނާ އަކީ ސައޫދީއަރަބިޔާގެ ބާނީ، އަދި ފުރަތަމަ ރަސްގެފާނެވެ. އަބްދުލްއަޒީޒްއަށް އެކިބަނޑަށް 100 ވަރަކަށް ކުދިން ލިބިފައިވެއެވެ. މީގެތެރޭގައި 45 ފިރިހެންކުދިން ހިމެނެއެވެ. މިކުދިންގެ މައިންގެ ތެރޭގައި އެތަކެއް އަނބިންނާއި ޖާރިޔާއިން ހިމެނެއެވެ.

އަލް އުޤައިރު ސަމިޓުގައި އިރާގާއި ނަޖުދުކަރައާއި އަދި ކުވޭތުގެ ސަރަހައްދީ އިން ކަނޑައެޅިއެވެ. މީގެ ތެރޭގައި ނަޖުދުކަރައާއި އިރާގާދެމެދު ވަކިބަޔަކަށް ނިސްބަތްނުވާ ސަރަހައްދެއްވެސް ކަޑައެޅިއެވެ. މިހެން ހަދަންޖެހުނީ އެސަރަހައްދުގެ މިލްކުވެރިކަމާމެދު ދެގައުމަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ. ހަމަމިފަދަ ސަރަހައްދެއް ކުވޭތާއި ނަޖުދުކަރައާއި ދެމެދު ގާއިމްކުރެވުނެވެ. ސަމިޓް ނިމިގެން ދިޔައީ ކުވޭތުގެ ތިންބައިކުޅަ ދެބަޔަކީ ނަޖުދުކަރައިގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ އިނގިރޭސީންގެ ބޮލަށްއެރިގެން ޝޭޚް އަބްދުލްއަޒީޒް އިބްނު ސައޫދު ހިންގި ނުބައި އަމަލެކެވެ. ކުވޭތުގެ އެއްވެސް ފަރާތެއް ސަމިޓުގައި ބައިވެރިކޮށްފައި ނުވާތީ ކުވޭތުގެ ހައްގުގައި ބަސްބުނާނެ އެއްވެސް މީހަކު ނެތުމުން، އިބުނު ސައޫދު ބޭނުންވެގޮތަށް ކަންތައްވެ ނިމިދިޔައީއެވެ. މިއެއްބަސްވުން ތަންފީޒުކުރަންފެށީ1922 ވަނައަހަރު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ސައޫދީއަރަބިޔާގެ ފެށުން އައީވެސް މިފަދަގޮތަކަށެވެ. މިހާރުގެ ސައޫދިއަރަބިޔާ އުފެދުނީ، އަބްދުލްއަޒީޒްގެ އިސްވެހުރި ކުރި ހަނގުރާމާގައި އޭނާގެ އުފަންރަށް ރިޔާޒް ހިފުމާހަމައިންނެވެ. ރިޔާޒް ހިފުމަށްފަހު އޭނާ ނަޖުދުކަރަ ފަތަހަކުރިއެވެ. އަދި އެންމެފަހުން ހިޖާޒްކަރަ ފަތަހަކޮށް، މިހާރުގެ ސައޫދީއަރަބިޔާގެ ގޮތުގައި އޭނާގެ އާއިލާގެ ނަމަށް ނިސްބަތްވާގޮތަށް ގައުމު އިއުލާންކުރީ 1932 ވަނަ އަހަރުއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !