24 އޭޕްރީލް 2019 ( ބުދަ )

banner

ކޮލަމް ސުމެއް: އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖަކާއި ހިމާރުގެ ވާހަކަ

އަހަރެމެން ކުޑައިރު އަޑުއަހާ ވާހަކައެއް އޮވެއެވެ. އުމުރުން ދުވަސްވީ މީހަކާއި، ކުޑަކުއްޖަކާއި ހިމާރެއް ކުރި ދަތުރެއްގެ ވާހަކައެކެވެ. ހިމާރަކީ ބަލިކަށި ހިމާރަަކަށްވާތީ އުމުރުން ދުވަސްވީ މީހާ ބޭނުންވީ އޭނަގެ ކާފަދަރިފުޅު ހިމާރު މައްޗަށް ސަވާރުވެގެން އޭނާ ހިގާފައި ގެއަށް ދިއުމަށެވެ. ނަމަވެސް، ތަންކޮޅަކަށް ދެވުނުތަނާ ބަޔަކާއި ދިމާވިއެވެ. މިމީހުން ގޮވަން ފެށިއެވެ. މިއީ ހާދަ ރަހުމްކުޑަ ކުއްޖެކެވެ. އެއުމުރުންދުވަސްވީ މީހާ އެދަނީ ހިގާފައެވެ. އެހިސާބުން ކުޑަކުއްޖާ ހިމާރުން ފައިބައި އުމުރުން ދުވަސްވީމީހާ ހިމާރަށް ސަވާރުވެ ދަތުރުފެށިއެވެ. ނަމަވެސް، ތަންކޮޅަކަށް ދެވުނުތަނާ ދިމާވި ބަޔަކު ކުދި ކިޔަންފެށިއެވެ. މިއީ ހާދަ ހަމްދަރުދީއެއްނެތް ކުޑަކުއްޖެކެވެ. އެއުމުރުން ދުވަސްވީ މީހާ އެގެންދަނީ ހިގާފައެވެ. އެހިސާބުން ދެމީހުން ހިމާރަށް ސަވާރުވެ ދަތުރުފެށިއެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ އެހެން ބަޔަކާ ދިމާވިއެވެ. އެމީހުން އެކަކު އަނެކަކަށް ކިޔަންފެށިއެވެ. މިއީ ހާދަހާވާ ރަހުމެއްނެތް ބަޔެކެވެ. އެބަލިކަށި ހިމާރުމައްޗަށް ދެމީހުން ސަވާރުވެގެން ދާއިރު އެހިމާރު ދެންމެ ދެންމެ މަރުވެދާނެ ހެންހީވެއެވެ. އެހިސާބުން އެދެބަފައިން ހިތަށް އެރީ މިއީވާ ތެދުވާހަކައެކެވެ. އެހެންކަމުން، ދެމީހުން ހިމާރުން ފައިބާ ހިމާރާއިއެކު ދެބަފައިން ހިގާލާފައިދާންފެށިއެވެ. ނަމަވެސް، ތަންކޮޅަކަށް ދެވުނުތަނާ ދިމާވި ބަޔަކު ފެށީ ހޭށެވެ. އަދި ހެމުން ހެމުން ގޮވަން ފެށިއެވެ. މިއީ ހާދަހާވާ މޮޔަބަޔެކެވެ. ހިމާރެއް ލިބިމެ އެދެމީހުން އެދަނީ ހިގާފައެވެ. ގަބޫލު ކުރާ ބަޔަކަށް ހައްތަހާވެސް ތެދުވާހަކައެވެ. ކަންތައްކުރާނެ ނުކުރާނެ ގޮތް އޮޅޭހާވެސް ތެދެވެ.

މިއަދުގެ ސިޔާސީ މައިދާނުންވެސް ފެންނަނީ އެފަދަ ވާހަކަތަކެވެ. ސިޔާސީ ލީޑަރުން ނިންމަމުންދާ ނިންމުންތަަކަށް އެއްބަޔަކު ޣައްދާރުވުމޭ ބުނާއިރު އަނެއް ބަޔަކު ބުނަނީ އެއީ ބަތަލުން ކަމަށެވެ. މިކުޑަކުޑަ ސިޔާސީ ހަލަބޮލި ރާއްޖެއަށް އިއްޔެއަކީ އަނެއްކާވެސް ސިޔާސީ ހަލަބޮލިކަން އިތުރުވި ދުވަހެކެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ މުޝްތަޝާރު އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެދުމަށް ކޮޅުފައިންޖަހާ އެޕާޓީގެ 10 މެމްބަރަކު އެޕާޓީ ތަމްސީލުކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރަށް ސޮއިކޮށްފައިވާކަން މީޑިއާއަށް ތިލަވި ދުވަހެކެވެ. ސޮއިކުރި ބޭބޭފުޅުން ތެރެއިން އެއްމެ ބޭފުޅަކު ފިޔަވައި އެހެން އެއްވެސް ބޭފުޅެއް އެކަން ދޮގު ކޮށްފައެއްނުވެއެވެ. އެހެންކަމުން އެއީ އެއްބަސްވުންކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުންދާއިރު ދެކޮޅު ހެއްދެވި ބޭފުޅާ ވަނީ މަޖުބޫރީ ހާލަތެއްގައި ކަމަށްބުނާ ބަޔަކު ވެސް މަދެއްނޫނެވެ.

މިސަރުކާރު އައީ ފުވައްމުލަކު ގިނަ ބަޔަކު ސިޔާސީ މަތީފަޑީ ގައި ތިބެގެނެވެ. ނަމަވެސް، ފަހަރަކު މީހަކު ދަމުން ދަމުން ގޮސް މިހާރު ހުރީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަންޏޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. އިއްޔެ މަޖިލީހުގެ އިދާރާއަށް މިވެއްދީ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ބޭރުކުރޭ އަދަދަށްވުރެ ގިނަ އަދަދެއްގެ ސޮޔާއިއެކުއެވެ. އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވެސް ދުވަސްދަނީ ނޫންބާވައެވެ. އެހެންފަހަރު ފަހަރާއި އެއްގޮތަށް މިފަހަރު ވެސް ފުވައްމުލަކު ދަރިއަކު ބޭރުކުރުމަށް ފުވައްމުލަކު ދަރިއަކު ވަނީ ސޮއިކޮށްފައެވެ. މީގެކުރިން، ދިވެހި ޖުމްހޫރިއްޔާގެ ނާއިބުރައީސް އާދެ! ދިވެހި ރައްޔިތުން ވޯޓް ދެއްވި ނާއިބު ރައީސް ބޭރުކުރުމަށް ކުރުމަށް ފުވައްމުލަކު ތިން މެމްބަރުން ވެސް ވަނީ ވޯޓްދީފައެވެ. ތަފާތަކީ މިފަހަރު ސޮއިކުރީ އެންމެ މެމްބަރެކެވެ. އެމެމްބަރު ސޮއި އެކުރެއްވީ އެމެމްބަރު ތަމްސީލުކުރައްވާ މަޖިލީހުގެ އެމެމްބަރުގެ ވޯޓުން ހޮއްވެވި ރައީސެކެވެ. ކުރިން މަގާމުން ދުރުކުރުމަށް ވޯޓް ދެއްވީ ރައްޔިތުން ސީދާ ވޯޓްދެއްވި ބޭފުޅަކަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ސޮއިކުރެއްވުން އެއީ މާބޮޑު މައްސަލައެއްނޫން ކަމަށް ދެކޭ ބަޔަކުވެސް އުޅެއެވެ. އެމީހަކު ދެއްވި ވޯޓާއި ކުރި ތާއީދު އަބުރާ ގެނައުމަކީ މިރާއްޖޭގެ ސިޔާސީ މަސްރަހުގައި އާންމު ކަމަކަށްވާތީއެވެ.

އެއީ ސިޔާސީ މައިދާނާއި ދުރުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ވިސްނުން ކަމަށްވިޔަސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީސްމީހުންގެ ވިސްނުން މުޅިން ތަފާތެވެ. އެއްބަޔަކު ޝާހު ސިފަކުރަނީ ރައްޔިތުންނަށް ހަރާންކޯރުވެފައިވާ ޣައްދާރެއްގެ ގޮތުގައެވެ. އަނެއްބަޔަކު ހަމައެއަލީ ޝާހު އެކުރެއްވި އަމަލު ސިފަކުރައްވަނީ ގައުމީ ބަތަލެއްގެ އަގުނުކުރޭ ފަދަކަމެއްގެ ގޮތުގައެވެ. ވެވަޑައިގަތް މަތިވެރި ގުރުބާނީއެއްގެ ގޮތުގައެވެ. ފުވައްމުލަކު ތާރީޚުގައި އަލީ ޝާހުގެ ނަން ލިޔަންވީ ޣައްދާރެއްގެ ގޮތުގައިތޯ ނޫނީ ބާޣީއެއްގެ ގޮތުގައިތޯ މިއުޅެނީ ސާފު ނުވެގެނެވެ.

ޣައްދާރުވުން މިބަސް ބޭނުންކުރެވެނީ ޚިޔާނާތްތެރިވުމުގެ މާނާއިގައެވެ. ހަރާންކޯރު މިއީވެސް މިބަހާއި މާނަ ވަރަށް އެއްގޮތް ބަހެކެވެ. ހަރާންކޯރުވުމުގެ މާނައަކީ ސާހިބުމީހާއަށް ޚިޔާނާތްތެރިވުމެވެ. ވީމާ، އަލީ ޝާހަށް ވެވިފައިވަނީ ޚިޔާނާތެއްތޯ ބަލާލުން މުހިންމެވެ. ރައްޔިތުންގެ މަޖިލީސް މެމްބަރުން އައްޔަންކުރަނީ ރައްޔިތުންނެވެ. އެއީ ރައްޔިތުންގެ ޚާދިމުންނެވެ. ވީމާ އެމެމްބަރުންގެ ވެރިމީހަކީ ރައްޔިތުންނެވެ. ރައްޔިތުންގެ ވިސްނުން ތަފާތެވެ. ކުރިން ފާހަގަ ކޮށްލި ވާހަކައިގައިވާ ބީދައިން އެކަކުފެންނަ އެންމެ ރަގަޅު ގޮތަކީ އެނެކަކަށް ކަމުނުދާ ގޯސްގޮތެކެވެ. ވީމާ، ޝާހަށް ރައްޔިތުންނާއި ދެކޮޅަށް ކުރެވުނީ ކޮންކަމެއްތޯއެވެ. ޝާހު ވޯޓު ދީގެން ހޮވި މީހަކަށް ޝާހުގެ އިތުބާރު ގެއްލުމުން ދުރުކުރުމަށް ވޯޓު ދިނީއެވެ. ދާއިރާގެ ރައްޔިތުންނަށް ދެވުނީ ކޮން ގެއްލުމެއް ހެއްޔެވެ. އެއްބަޔަކަށް އޭނާގެ އެއަމަލު ގޯސް ވެދާނެއެވެ. ހިމާރާއި އުމުރުންދުވަސްވީމީހާއި ކުޑަކުއްޖާގެ ވާހަކައިގައިވާ ބީދައިން އެންމެންނަށް ކަމުދާނެ ގޮތެއްވެސް ނޯންނާނެއެވެ. އެގޮތަށް ކަންތައްތައް ކުރަން އުޅެންޏާ ޝާހުވެސް ލިބެނީ އެވާހަކައިގައި ލިބުނު ކަހަލަ ކެއްސަކަށްވެސް ވެދާނެއެވެ.

ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް ބުރަކޮށް މަސައްކަތްކުރި ގިނަ ބަޔަކު މިހާރުވަނީ ރައީސް ޔާމީނު ދޫކުރައްވާ ވަޑައިގެންފައެވެ. އެހެންކަމުން ރައީސް ޔާމީނުގެ އެދިލެއްވުމާއި ދެކޮޅަށް މެމްބަރަކު ވޯޓް ދެއްވުން އެއީ ޣައްދާރުވުން ކަމަށް ބެލެވިދާނެ ހެއްޔެވެ. މިޒަމާނަކީ ޑިމޮކްރަސީގެ ޒަމާންކަމުން ޑިމޮކްރަސީ ހަމައިން ގިނަ މީހުން ބުނަނީ ކީކޭތޯ ބެލުންވެސް މުހިންމެވެ. އަލީ ޝާހުއާއިއެކު ކެމްޕޭނުކުރި ފަރާތްތަކުން ހަމަހިމޭނުން ތިބޭ ތިބުން ސިފަކުރައްވާ އުތުރު ދާއިރާގެ ސިޓީ ކައުންސިލް ގޮޑިއަށް ޖޭޕީގެ ފަރާތުން ކުރިމަތިލުމަށްފަހު ފަހުވަގުތު ޕީޕީއެމް އަށް ތާއީދުކުރެއްވި ހަސަން އަތީގް ސޯޝަލް މީޑިއާގައި އެބޭފުޅުންވެސް ޣައްދާރުވީ ކަމަށް ސިފަކޮށްފައިވެއެވެ. އެހެންކަމުން، ޝާހުގެ މިއަމަލަކީ ދާއިރާގެ ގިނަ ރައްޔިތުންގެ ވިންދާއި ގުޅިފައިވާ ކަމެއްތޯވެސް ސުވާލުއުފެދެއެވެ. ނަމަވެސް، ފުވައްމުލަކު ދަރިއަކު ދިވެހިދައުލަތުގެ އިސްމަގާމަކުން އެއްފަރާތްވެގެން ދިއުމަކީ ފުވައްމުލަކު ރައްޔިތުންނަށް ލިބުނު ދެރައެއްކަމަށްވެސް ވެދާނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު