17 އޮކްޓޯބަރ 2018 ( ބުދަ )

banner

ޕާޓީ ބަދަލުކުރުމާއި ގޮޑިގެއްލުން، ރިއާސީ ނިޒާމެއްގައި ކަންހިގާ ގޮތެއްނޫން

ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮޑިގެއްލޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސްމިވަނީ ފޯރިފަދަވެފައެވެ. އެގޮތުން، ޕާޓީ ބަދަލުކޮށްފިނަމަ ގޮޑި ގެއްލުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ކަންތައް ހިގާގޮތްކަމަށާއި އަވައްޓެރި އިންޑިޔާ އާއި އިގިރޭސިވިލާތުގައި އެކަން އެބީދައިން ހިގާކަމަށާއި އަދި މިބަދަލުގެ ސަބަބުން ކަރަޕްޝަނަށް ހުޅުވިފައިވާ ދޮރު ބައްދުވީކަމަށް ދެކޭ ބަޔަކުވެސް މަދެއްނޫނެވެ.

ނަމަވެސް، ހަގީގަތަކީ މިދެންނެވި، ބީދައިން އަމަލުކުރަނީ މަދު ބަރުލަމާނީ ގައުމުތަކެއްގައެވެ. އިގިރޭސިވިލާތުން އެފަދަ ގޮތަކަށް އަމަލެއްނުކުރެއެވެ. ޕާޓީ ބަދަލުކުރުމަކީ އިގިރޭސިވިލާތުގައި އާންމު ކަމެއްވެސް ނޫނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ޕާޓީ ބަދަލުކުރައްވާ ބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ދިނުމަށްފަހު އަލުން ވާދަކުރައްވާ ކާމިޔާބުވެސް ކުރައްވައެވެ. އެގޮތުން، ކޮންޒަވޭޓިވް ޕާޓީއިން އިންތިޚާބުވެވަޑައިގެންނެވި ޑޮގްލަސް ކާސްވެލް ވަނީ 2014 އޮގަސްޓް 29 ވަނަ ދުވަހު ޕާޓީ ބަދަލުކުރައްވާ، އިސްތިއުފާ ދެއްވާފައެވެ. އަމިއްލައަށް މަގުތަނަވަސް ކުރެއްވި އިންތިޚާބުގައި ޔޫކޭ އިންޑިޕެންޑެންސް ޕާޓީ އިން ވާދަކުރައްވާ 2014 އޮކްޓޯބަރ 09 ވަނަ ދުވަހު އަލުން ގޮނޑި ވެސް ވަނީ ކާމިޔާބުކުރައްވާފައެވެ. 2014 ސެޕްޓެމްބަރ 27 ވަނަ ދުވަހު، މަރކް ރެކްލަސް ވެސް ވަނީ ކޮންޒަވޭޓިވް ޕާޓީ ދޫކުރައްވާ، މަޖިލީހުން އިސްތިއުފާ ދެއްވާފައެވެ. އަދި 2014 ނޮވެމްބަރ 20 ވަނަ ދުވަހު އަލުން ގޮނޑި ކާމިޔާބުކުރެއްވީ ޔޫކޭ އިންޑިޕެންޑެންސް ޕާޓީ ޓިކެޓްގައެވެ. މި ބޭފުޅުން އިންތިޚާބުގައި އަލުން ވާދަކުރައްވަން ޖެހިވަޑައިގަތީ، ފަހަރެއްގައި ވެސް ޕާޓީ ބަދަލުކުރެއްވުމުންނެއް ނޫނެވެ. ނަމަވެސް، އިންތިޚާބެއް ލާޒިމުކުރުވީ އިސްތިއުފާދެއްވުމުގެ ސަބަބުންނެވެ.

އަވަށްޓެރި އިންޑިޔާގައި، ސިޔާސީ ޕާޓީ ބަދަލުކުރުމަކީ މަޖިލީހުގެ ގޮނޑި ގެއްލޭ ކަމެކެވެ. ނަމަވެސް، އެފަދަ ގޮތަކަށް ކުރިއަށްގެންދަނީ އެކަމަށް ޚާއްސަ ގާނޫނެއްގެ ދަށުންނެވެ. އެގާނޫނުގެ ދަށުންވެސް އިންތިޚާބަކާ ނުލާ އެފަދަ ބަދަލެއް ނުގެނެވޭނެއެވެ.

ދެން އޮތީ ބޮޑު ވާހަކައެވެ. ކަރަޕްޝަނަށް މަގުފަހިވާވާހަކައެވެ. ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުން، މިބަދަލާއިއެކު މަޖިލިސް މެމްބަރުން ގަނެވިއްކުމުގެ ބާޒާރު ނިމުމަކަށް އައީއެވެ. ބޮޑެތި އަގުތައް ނަގައިގެން ޕާޓީ ބަދަލުކުރުން ނިމުމަކަށް އައީއެވެ. ސުވާލަކީ ހަމައަސްލުވެސް ބޮޑެތި އަގުތައް ނަގައިގެން ޕާޓީ ބަދަލުކުރޭ ހެއްޔެވެ. އެއީ ހިގާ ކަމެއްކަމަށް މަޖިލިސް މެމްބަރުންގެ ދުލުން ބުނެވުމުން އެކަމަށް ހެކިލިބެއެވެ. އެގޮތުން، ޕީޕީއެމްއަށް ވެސް ގިނަ އަދަދެއްގެ މެމްބަރުންވަނީ ބަދަލުވެފައެވެ. އެފަދަ މެމްބަރުން އެފަދަ ވާހަކަދެއްކުމަކީ ހިގާކަމެއްކަމަށް ގަބޫލުކުރުމަށް ލިބުނު ހުއްޖަތެކެވެ. މިކަމަށް އޮތް އެންމެ ރަގަޅު އިސްލާހަކީ އަމިއްލައަށް އިސްލާހުވުން ކަމަށް ވީނަމަވެސް، އެފަދަ ކަންތައްތައް ނުހިގާގޮތަށް ގާނޫނުތައް އިސްލާހުކުރުމަކީ މުހިންމުކަމެކެވެ.

ސުވާލަކީ މިބަދަލުގެ ސަބަބުން މަޖިލިސް މެމްބަރުންގެ ބޮޑެތި އަގުތަކުގައި ޕާޓީ ބަދަލުކުރުމުގެ ފޮރު ބަންދުވާނެ ހެއްޔެވެ. ފަހަރުގައި އެގޮތަށް އެކަންވެދާނެއެވެ. ނަމަވެސް، ދެން ނިކުންނާނެ ނަތީޖާ އަށް ވިސްނާލުން ބުއްދިވެރިއެވެ. އަމިއްލަ ވިސްނުމާއި ފިކުރު އެއްފަރާތްކޮށް ޕާޓީއިން ބޭނުންވާ ގޮތަށް ވޯޓުދޭ ރޮބަޓުން ތަކަކަށް މަޖިލިސް މެމްބަރުން ބަދަލުވުމެވެ.

މިގައުމުގައި ރައްޔިތުން ނިންމާފައިވަނީ ތިންބާރު ވަކިވެފައިވާ ރިއާސީ ނިޒާމެއް ބޭއްވުމަށެވެ. ދުނިޔޭގެ އެއްވެސް ރިއާސީ ނިޒާމެއްގައި މިފަދަ ގޮތަކަށް ގޮޑި ނުގެއްލޭއިރު ބަރުލަމާނީ ނިޒާމުގައިވެސް ޕާޓީ ބަދަލުކުރުމުން ގޮޑި ގެއްލެނީ މަދު ގައުމެއްގައެވެ. ޕާޓީ ބަދަލުކުރުމާއިއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި ވެރިކަން ވެއްޓުމާއި ކައިރިއެވެ. ނަމަވެސް، ރިއާސީ ނިޒާމެއްގައި އެފަދަ ގޮތަކަށް ވެރިކަމެއް ނުވެއްޓޭނެއެވެ.

ރިއާސީ ނިޒާމެއްގައި އެއްބާރު އަނެއްބާރާއި އެކުވާކަށް ނުޖެހެއެވެ. ރިއާސީ ނިޒާމަކީ އެއްބާރުން އަނެއްބާރަށް ފާރަވެރިވާ ނިޒާމެކެވެ. ވީމާ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީކުރުވާ އެންމެ މުހިންމު ގުނަވަނެވެ. މިގުނަވަން ޕާޓީތަކުގެ ވަކިތަކުގެ ދަށަށް ގޮސްފިނަމަ ލިބޭނެ ގެއްލުން މާބޮޑެވެ. އިދިކޮޅު ޕާޓީއިން ވެރިކަމަށް ދަތިކުރުމަށް މަސައްކަތްކުރާއިރު މެމްބަރުން ތިބޭނީ ޕާޓީގެ ރޮބަޓުންގެ ގޮތުގައެވެ. ސަރުކާރު ހިންގާފަރާތުން ތިބޭނީ ރަބާ ސްޓޭމްޕުތަކެއްފަދަ މެމްބަރުންތަކެކެވެ. ރައްޔިތުންނަށް އެންމެ ބޭނުންތެރި ގޮތުގައި މަސައްކަތް ކުރެވޭނެ ވެއްޓެއް ގާއިމުވުމަކީ ދުރުކަމެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު