A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: ދެންތަޅުއަޅުވާނީ ރައީސް އޮފީހުގައިބާ!

ރިއާސީ ނިޒާމަކީ ތިންބާރު ވަކިވެފައިވާ އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭ ނިޒާމެކެވެ. ނަމަވެސް، ދިވެހި މިނިވަން ޖައްވުން ފެންނަނީ އެފަދަ މަންޒަރެއް ނޫނެވެ. އެއްބާރު އަނެއްބާރަށް ނުފޫޒު ފޯރުވާތަނެވެ. ތިންބާރު އެކެއްގެ އަތްމައްޗަށް ދިޔަ ދުވަސްތަކެއްވެސް ވަނީ ފާއިތުވީ ފަސްއަހަރު ދުވަހުގެ ތެރޭގައި ފެނިފައެވެ. 

އެއީވެސް ހިތި ތަޖުރިބާތަކެކެވެ. މިގައުމުގައި ދުވަހަކުވެސް ނުހިގާފަދަ ބޮޑެތި ކަރަޕްޝަނުގެ މައްސަލަތަކެއް ވަނީ ހިގާފައެވެ. އޮޑިޓާ ޖެނެރަލްވެސް ވަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާން ފެށުމާއިއެކު މަގާމުގެއްލިފައެވެ. ސިޔާސީ ކުށްވެރީންނަށް ރޭގަނޑާއި ދުވާލު ހޭލާތިބެ ވަނީ ޝަރީއަތްތައް ކޮށް ނިންމާލާފައެވެ. ސިޔާސީ ކުށްވެރީންނަކީ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައެޅިފައެވެ. އީއީޒީ ނަމުގައި ބޮޑެތި އިނާޔަތްތަކާއިއެކު ބޭރުމީހުންނަށް ބިން މިލްކުކުރެވޭނެ ގޮތަށްވަނީ ގާނޫނު ބަދަލުކޮށްފައެވެ. ރައްޔިތުންގެ ވޯޓާއިއެކު ހޮވުނު ނާއިބު ރައީސަކު ބޭރުކޮށް ގަނޫނު އަސާސީ ބަދަލުކޮށް މިހާތަނަށް ރާއްޖެ ނުދެކޭފަދަ ބޮޑެތި ކަރަޕްޝަންގެ އަމަލު ހިންގެވި ކަމަށް ތުހުމަތުކުރެވޭ ފަރާތް ވަނީ ނާއިބު ރައީސެއްގެ ގޮތުގައި އައްޔަންކޮށްފައެވެ. 

މިއިން އެއްވެސް ކަމެއް ރައީސަށް ރޭކާ ނުލާއިރު އޭރުގެ އޮޑިޓާ ޖެނެރަލްވެސް އަދި އާންމު ރައްޔިތުންވެސް އެވާހަކަތައް ދެއްކިއެވެ. ސައިހޮޓާ، ފިނިއަށިތަކުގައި އެވާހަކަ ދެއްކުނެވެ. ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރުން އަމިއްލައަށް އޭރު ފައިސާ ގޯނި ބެހިކަމަށް ބުންޏެވެ. އެއީ ހަމަ ރައީސަށް ރޭކާވެސް ނުލާ ހުރިހާ މެމްބަރުނާއި އޭރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރު އަދި ފަހުން ނާއިބު ރައީސް ކުރިއަށް ގެންދެވި ޖަރީމާތަކެއް ހެއްޔެވެ. އަގުބޮޑެތި އަގޮޓިތަކާއި ކާރުފަދަ ތަކެތި ހަދިޔާއަކަށް ލިބުމުން ކިހިނެތް ހޯދިފައިސާތަކެއްތޯވެސް އަހާލަން ބޭނުންނުވަނީ އިތުބާރު ކުރާލެއް ބޮޑުކަމުން ކަމަށްވެދާނެއެވެ. ނޭގެއޭ ބުމުނަކީ ފަސޭހަކަމެކެވެ. ނަމަވެސް އެއީ ޒިންމާއިން ރެކެން ބޭނުންކުރެވިދާނެ ހަތިޔާރެއްނޫނެވެ. ކާނަލް ނާޒިމުގެ ގެއިން ފިސްތޯލަ ފެނުމުން އެ ފިސްތޯލަ އަކީ ކިހިނެތް އައި ފިސްތޯލައެއްކަން ބަޔާންނުކުރެވުމުން ކުށްވެރިވީ ނަމަވެސް ބައެއް ފަރާތްތައް މިވަނީ ނޭގެއޭ ބުނެ ނިންމާލާފައެވެ. އެހެންކަމުން، ތިން ބާރު އެކެއްގެ އަތްމައްޗަށް ދިއުމާއިއެކު ކުރެވުނީ ހިތި ތަޖްރިބާއެކޭ ބުނުމަކީ ގޯހެއްކަމަށް ނުދެކެމެވެ.

ދެންއޮތީ، ތިންބާރު ވަކިވެފައި އޮތުމުން ހިގާ ހަމަނުޖެހުންތަކެވެ. މިއީވެސް ދިވެހިންނަށް އާކަމެއްނޫނެވެ. ދެފަހަރެއްގެ މަތިން މިކަން މިވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ. ޑިމޮކްރެޓިކް އުސޫލުން ބޭއްވުނު ފުރަތަމަ އިލެކްޝަންގައި އެމްޑީޕީއިން ކާމިޔާބު ކުރިނަމަވެސް، ގާނޫނު ހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިޔައީ އިދިކޮޅު ފަރާތްތަކަށެވެ. އެހެންކަމުން، ސަރުކާރު ހިންގުމަށް އެތަކެއް ގޯނާއެއްކުރިއެވެ. ލޯކަލް ކައުންސިލް އުފެދުނީ ބިޔަ ކައުންސިލްތަކަކާއިއެކުއެވެ. ނަމަވެސް، ވެރިކަން ބަދަލުވެ ތިންބާރު އެކެއްގެ އަތްމައްޗަށް ދިއުމާއިއެކު ލޯކަލް ކައުންސިލްތައް ކުޑަކުރިއެވެ. ފަޑިޔާރުގެ އާއިމެދު ސަރުކާރު ހިންގާފަރާތުން ހިތްހަމަ ނުޖެހި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ސްޕްރީމް ކޯޓުގައި ތަޅު އެޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ އެއީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ނުފޫޒު ފޯރުވުމެވެ. ނުވަތަ ހިސޯރު ކުރުމެވެ. 

ދުވަސްތައް ބަދަލުވެ މިއަދު މިއޮތީ އަނެއްކާވެސް އެފަދަ ކަމަކާއި ކުރިމަތިވެފައެވެ. ސަރުކާރު ހިންގާފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ފަސްދުވަސް ވަންދެން ތަޅު އެޅުވިއެވެ. މިއީވެސް އެފަދަ ޖަރީމާއެއްކަމަށް ސިފަކުރާ ފަރާތްތައް ސިފަކުރި ނަމަވެސް ސަރުކާރުން މިއަދު ބުނަނީ ރައްޔިތުންގެ މަޖިލިސް ހިމާޔަތްކުރީއެވެ. ކޮންބައެއްގެ ކިބައިންތޯއެވެ. އެ މަޖިލީހުގެ މެމްބަރުންގެ ކިބައިންނެވެ. ސަރުކާރުން ސިފަ ކުރާ ގޮތުގައި މިއަދު ސްޕްރީމް ކޯޓު ވަނީ މިނިވަންވެފައެވެ. ފަޑިޔާރުގެ ރަގަޅެވެ. ރައްޔިތުންގެ މަޖިލީހުގައި ކަރަޕްޝަނާއި ފަސާދައާއި ޓެރަރިޒަމްގެ އަމަލު ހިންގާކަމާއިމެދު ޝައްކުގެ ނަޒަރަކުން ބެލެވެއެވެ. ސްޕްރީމް ކޯޓް މިއަދު މިނިވަން ވެފައިވަނީ ސަރުކާރާއި އެއްކޮޅަކަށް ހުކުމްތައް ނެރެވޭތީ ތޯއެވެ. ނުވަތަ ހަމަ މިނިވަންކަމުން ނެރެވޭ ހުކުމްތަކެއްގެ ސަބަބުންތޯއެވެ. އެހެންކަމުން މިއަދު އެބާރުގައި ތަޅުއެޅުވުމުގެ ބޭނުމެއްނެތެވެ. ސަރުކާރު ހިންގާ ޕާޓީގެ ރައީސެއް ރައްޔިތުންގެ މަޖިލީހުގައި ހުންނަވަނިކޮށް އެފަރާތް އެއްފަރާތްކުރުމަށް ސޮއިކޮށް މަޖިލީހަށް ހުށަހެޅުމާއިއެކު މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ގެއްލިއްޖެ ކަން ކަށަވަރުވިއެވެ. މިކަމާއި ވިދިގެން މާގިނަ ދުވަހެއްނުވެ މަޖިލީހުގައި ތަޅުއެޅުވުމުން އުފެދޭ ސުވާލު ގިނައެވެ. މަޖިލީހުގެ މެޖޯރިޓީ ގެއްލުމާއިއެކު މަޖިލީހުގައި އެޅުވުނު ތަޅެއްތޯއެވެ.

ދިވެހިރާއްޖޭގެ މިކުރު ތާރީޚަށް ބަލާއިރު، ރިއާސީ ނިޒާމު ތިންބާރުގެ ތެރެއިން ދެބާރުގައި ތަޅު އެޅުވިއްޖެއެވެ. ބާކީ ތަޅު ނޭޅުވި ވަނީ ސަރުކާރު ހިންގުމުގެ ބާރުގައެވެ. އުފެދޭ ސުވާލަކީ ތަޅުއެޅުވުމުގެ ސަގާފަތެއް ގެންގުޅޭ މިރާއްޖޭގައި ސަރުކާރު ހިންގުމުގެ މައިބާރުކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަޅެއްނާޅުވަފާނެ ހެއްޔެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !