17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިނޭރުވިގެން މިއުޅެނީ ކީއްވެ؟

ޙަސަން ޙައްސާމް

ދުނިޔޭގެ ފަތުރުވެރިކަމުގެ ބިޔަ ސިނާއަތުގައި މިއަހަރު ފާހަނގަ ކުރެވެމުން މިދަނީ ބައިނަލްއަގްވާމީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ބައްޓަންކޮށް ތަރައްގީ ކުރުމަށެވެ. މިގޮތުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ އެއް ކަމަކީ މި ސިނާއަތުގައި މުޖުތަމައުގެ ހުރިހާ އަފްރާދުންގެ ބައިވެރިވުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޮތުމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ސާޅީސް ހަ އަހަރު ވެގެން ދިޔައިރު ރާއްޖޭގެ މުއްސަނދިކަން އޮތީ ނުވަތަ ކޮންޓްރޯލްކުރަނީ އާބާދީގެ ސައްތައަކުން ބަލާއިރު އެންމެ ތިނެއް ނުވަތަ ފަހެއް އިންސައްތަ މީހުންނެވެ. މިމީހުންނަކީ ފަތުރުވެރިކަމުގެ ވިޔަފާރި މިރާއްޖޭގައި ކޮށް އުޅޭ މަހުޖަނުންނެވެ. ދިވެހިރާއްޖޭގެ ކަނޑުފަޅުތަކާއި ގިރި، ހާ ވިއްކަމުންދާ ޒަމާނެއްގައި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ ވިޔަފާރި ކަމަށްވާ ފަތުރުވެރިކަމުގައި ފުވައްމުލަކު ރައްޔިތުންގެ ބައިވެރިވުން މިހާ ކުޑައީ ކީއްވެތޯ ހޯދާ ބަލަންވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ރަށްރަށުގައި ދިރިއުޅޭ ގިނަބަޔަކަށް މަންފާ ލިބޭ ގޮތަށް ހިންގެނީ ގެސްޓްހައުސްގެ ވިޔަފާރިއެވެ. ބިމު ކުލިން ބިންވެރިޔާއަށެވެ. އިމާރާތްކުރުމުން ތަން ރާނައި އިމާރާތްކޮށްދޭ ފަރާތަށެވެ. ތަނަށް އެއްޗެހި ގަންނަ ރަށުގެ ފިހާރަތަކަށެވެ. ތަނުގެ ހިންގުމަށް ބޭނުންވާ އެއްޗެހި ވިއްކާ ދަނޑުވެރިންނާއި މަސްވެރިންނަށެވެ. ރަށުގައި އާއިލާ ކައިރީގައި ތިބެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭ މުވައްޒަފުންނަށެވެ. ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއްޗެހި ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބޭ މަސައްކަތްތެރިންނަށެވެ. ކުރުކޮށް ބުނާނަމަ މިއީ މުޅި ރަށަށް އޭގެ ފައިދާ އާއި މަންފާ ލިބޭނެ ވިޔަފާރިއެކެވެ.

ނަމަވެސް ފެންނަނީ ސަރުކާރުން މިވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ހަރުކަށި ގަވާއިދުތަކާއި އެކި ނަންނަމުގައި ޓެކްސްތައް ނަގަން ފަށައި އިތުރު އުދަނގޫތަކަޢި ދަތިތަކެއް ކުރިމަތިވާ ތަނެވެ. ވިޔަފާރިން ނެގޭ ޓެކްސްތައް ގިނަކަމުން އެތަންތަނުގެ އަގު ބޮޑުވެގެން ދާނެ އެވެ. ނަތީޖާއަކަށް ވެގެންދަނީ މިވިޔަފާރީގެވެސް އަގު ބޮޑުވެ ރިސޯޓުތަކާއި ވާދަކުރަން ޖެހި އަގުހެޔޮ މާކެޓު ގެއްލުމެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފަސޭހަކަމާއި ކާމިޔާބުކޮށް ހިންގާއިރު މިކަމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ރަށްތައްވެސް މަދެއް ނޫނެވެ. ފުވައްމުލަކަށް ބަލާއިރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ އަގު ނިހާޔަތަށް ބޮޑުވުމެވެ. އެންމެ އެއަރލައިނަކުން އުދުހުމުގެ މާކެޓު މޮނޮޕޮލައިޒްކޮށް އޮބިއަޅައިގެން ތިބުމެވެ. މާލެއިން ފުވައްމުލަކަށް ދާން ބޭނުންވާ ފަތުރުވެރިޔާ ދަތުރަށް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ.

އެކުގައި ކިޔަވަން އުޅުނު އެކުވެރިޔަކާއި އެކު އީދު ބަންދަށް ފުވައްމުލަކަށް ދާން ރާވައިފީމެވެ. ފުރާނެ ދުވަހާއި ހުރިހާ ކަމެއް ރޭވުމަށްފަހު ޓިކެޓު ނެގިތޯ ބަލަން ރައްޓެހި ސޮރަށް ގުޅާލީމެވެ. “އޭ ބުރޯ، މަ ޗުއްޓީ ބަދަލުކޮށްފިން ލަންކާއަށް، ކައެ މެން ރަށަށް ދިޔުމަށްވުރެ ލަންކާ އަށް ދާން ޓިކެޓުވެސް މާ އަގުހެޔޮ، އެހެންވެ އަންހެނުން ގޮވައިގެން ލަންކާއަށް ގޮސް ހަނީމޫން އާކޮށްލިއަސް ތިރަށަށް ދިޔުމަށްވުރެ ރަނގަޅެއެނު؟”

ހަމަ ފިސާރި އަގު ބޮޑީއެވެ. ހާލަކުން އަގުހެޔޮ ޓިކެޓެއް އެބަހީ ފެއަރ ޓިކެޓެއް ލިބުނަސް ގިނަ ފަހަރަށް ރަށު މީހާވެސް ޖެހެނީ ބޮޑު އަގުގަ ޓިކެޓު ގަންނާށެވެ. ބިދޭސީންނަށް ޓިކެޓު ވިއްކާ އަގަށް ދިވެއްސަކަށް ވެސް ކައިރި ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދެވިދާނެއެވެ. މިހެން ވަނީ އެތެރޭގެ އުދުހުމުގައި މޯލްޑިވިއަން އާއި ފައިހަމަ ކޮށްލައި ވާދަ ކުރާނެ ފަރާތެއް ނެތީމައެވެ. އެ ފުރުސަތު ނުވެސް ދެނީއެވެ. ވިލާ އެއަރ ގެ ފްލައި މީ އިން ފުވައްމުލަކަށް އުދުހެން ތައްޔާރުވެ ހުއްދައަށް އެދުނުތާ އެތައް ދުވަހެކެވެ. އެ އެއަރލައިނުން ދަތުރަށް ތައްޔާރަސް ‘އެއްކަލަ’ ސަބަބާއި ހެދި އުދުހުމުގެ ހުއްދަ އަދިވެސް ނުދެއެވެ.

ގެސްޓްހައުސް ވިޔަފާރި އަމާޒުކޮށްފައިވަނީ މެދުފަންތީގެ ފަތުރުވެރިންނަށެވެ. މި ބަޔާންކުރެވުނު ގިންތީގެ ފަތުރުވެރިންނަކީ އަގާއި ހަރަދަށް ވަރަށް ބޮޑަށް ބަލައި ހަދާ ބައެކެވެ. ޗުއްޓީ ހޭދަކުރަން ހުންނަ ތަނުގެ އަގު ބޮޑުވެފައި އެތަނަށް ދިޔުމުގެ ދަތުރުފަތުރުގެ އަގު ބޮޑު ނަމަ އަނެއްކާވެސް ޗުއްޓީ އަގު ބޮޑުވީއެވެ. އެހެންކަމުން ފަތުރުވެރިން ކިތަންމެ ދާން ބޭނުންވާ މަންޒިލެއް ކަމުގައި ވިޔަސް އެމީހުން އަތްފޯރާފަށުގައި ޗުއްޓީ ހޭދަކުރެވެން އޮތް އެހެން މަންޒިލެއް ހިޔާރުކުރަނީއެވެ.

މިހާރު ހިތުގައި އުފެދޭ ސުވާލަކީ މިވިޔަފާރިއަކީ އާދައިގެ ރައްޔިތުންނަށް މަންފާ ބޮޑު ވިޔަފާރިއަކަށްވާ އިރުވެސް ސަރުކާރުން މިވިޔަފާރި ކުރިއަރުވަން ނޫޅެނީ ކީއްވެ ހެއްޔެވެ؟ ފަހަރެއްގައި މިވިޔަފާރިއަކީ ކުރީ ސަރުކާރަކުން ފެށި ކަމަކަށް ވާތީ ފަހުގެ ސަރުކާރުން މިކަން ކުރިއެރުވުމަށް އެހާ ގަޔާނުވަނީއެވެ. ނޫނީ ފަހުން ފެންނަން ފެށި ހުވަފެނީ ‘ގެސްޓްހައުސްއައިލެންޑް’ ގެ ޕްރޮޖެކްޓްގެ ސަބަބުން ވަކިބަޔަކަށް ފައިދާ ވާނެތީ އެކަން މާ މުހިންމުވަނީއެވެ. އެކަމަކު ހަގީގަތަކީ ގެސްޓްހައުސްއައިލެންޑޭ ކިޔައިގެން ކުރަން އެއުޅޭ ކަމަކުން ގެސްޓްހައުސް ތަކުން ރަށުގެ އާއްމުންނަށް މިހާރު ލިބެމުން އެދާ މަންފާ ނުލިބޭނެކަމެވެ.

ކަން މިހެން ހުރުމާއި އެކު ސަރުކާރުން މިކަން ފަސޭހައިން ކުރެވޭނެ ގޮތްތަކެއް ހޯދައިދޭން އެބަޖެހެއެވެ. ގެސްޓްހައުސްގެ ވިޔަފާރިއަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިމުގެ އިތުރުން ހަރުދަނާ އުސޫލްތަކެއް ކަނޑައަޅައި ރެގިއުލޭޓުކުރަންޖެހެއެވެ. ފަތުރުވެރިކަމަށް ބޭނުން ކުރެވިދާނެ އާސާރީ ތަންތަން ކަމަށްވާ ވަށޮވެއު، ގެންމިސްކިތް، ހަވިއްތަ ފަދަ ތަންތަން ހިމާޔަތްކޮށް ރަނގަޅަށް ބަލަހައްޓަންޖެހެއެވެ. ތުނޑި އާއި ކުޅި ފަދަ ތަންތަން ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލަކުން ބެލެހެއްޓި ފަތުރުވެރިކަން ކުރިއެރުވޭނެ ފަދަ ގޮތެއް މަގުފަހިކޮށްދޭން ޖެހެއެވެ.

މިދެންނެވީ ރަށުގެ ރީތި ތުނޑި ވަކިބަޔަކަށް ޚާއްސަކޮށް 50 އަހަރަށް ކުއްޔަށް ދޭށެކޭ ނޫނެވެ. އެގޮތަށް ދީފިނަމަ އެބަޔަކު އެތަނުގާ ބޮޑު ހޮޓަލެއް އަޅާ މަސައްކަތަށް ބޭރު މީހުން ގެނެސް ތުނޑި އަމިއްލަ ކޮށްގެން ހޮޓާ ހިންގައި ތަނުގެ ކުލި މާލޭގައި ހުންނަ އޮފީހަކަށް ދިޔައީމަ ރަށުމީހުނަށް އޮންނާނީ ކޯއްޗެއް ހެއްޔެވެ؟ ރަށު ރައްޔިތުންނަށް މިފާޑަށް ހިންގާ ފުތުރުވެރިކަމަކުން ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. ރަށުގެ އާއްމުންނަށް ލިބޭނީ ގެއްލުމެވެ. ރަށުގެ ރީތި ތުނޑި އާއި ކުޅި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި އުސޫލުން ތަރައްގީ ކުރުމަށްފަހު ގެސްޓްހައުސްތަކަށާއި ރަށަށް އަންނަ ހުރިހާ ފަތުރުވެރިނާއި އާއްމުންނަށްވެސް ބޭނުންކުރެވޭ ގޮތަށް އޮވެ އެތަނުން ލިބޭ ލާރި ރަށުގައި ދައުރުވާނެ ގޮތަކީ އެންމެ ރަނގަޅު ގޮތެވެ.

ފަތުރުވެރިކަމަކީ ސަރުކާރާއި ވިޔަފާރިވެރިންނަށް އެކަނި ބެލެހެއްޓޭނެ ކަމެއް ނޫނެވެ. އާއްމު ރައްޔިތުންގެ އެއްބާރުލުން ނެތި މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރިޔަކަށް ނުގެންދެވޭނެއެވެ. ރަށުތެރެއާއި މޫދަށް ކުނި އެޅުން ފަދަ ކަންކަން ތިމާވެއްޓަށް ގެއްލުންހުރި ކަންކަމުން ދުރުވާންޖެހެއެވެ. ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިހްތިރާމްކޮށް ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެއްބާރުލުން ދޭންޖެހެއެވެ. ފަތުރުވެރިކަމުގެ ހަގީގީ މަންފާ އާއި ފައިދާ ލިބޭނީ އޭރުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު