19 ނޮވެމްބަރ 2018 ( ހޯމަ )

banner

އިންތިގާލީ ކެންޑިޑޭޓު: އިދިކޮޅު ފަރާތްތަކުން އެއްކެންޑިޑޭޓެއް ނެރޭނަމަ

އަންނަ ރިއާސީ އިންތިޚާބު ކުޑަތަން ވަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓެއްގެ ބަހުސްމިވަނީ އެންމެ ބޮޑު އެއް ބަހުސަަށްވެފައެވެ. އެގޮތުން، އެއްކެންޑިޑޭޓެއް ނެރުމަށް ހުރިހާ ފަރާތްތަކުންވެސް ބާރު އަޅަމުންދާއިރު އެކެންޑިޑޭޓަކީ ކޮބައިކަމާއިމެދު މިވަނީ ޝައްކު އުފެދިފައެވެ. އަދި އިތުރަށް އެއްކެންޑިޑޭޓެއް ނުނެރެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ހަރު އަޑުން ގޮވަމުންނެވެ. 

ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ކޮންމެ އިދިކޮޅު ލީޑަރަކުވެސް އެލީޑަރެއްގެ ތާއީދުއޮތް ކެންޑިޑޭޓަކަށް އެކެންޑިޑޭޓުވުމަށް އެދެވޭތީއެވެ. އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު ކެންޑިޑޭޓާއި ނެރުމާއި ގުޅޭ ގޮތުން ޚިޔާލު ތަފާތުވުންތަކެއް އުޅޭކަމަށް އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެއްބަސްވެލައްވާފައެވެ. ނަމަވެސް، ސިޔާސީ ހުރިހާ ފަރާތްތަކުން ދަނީ އެއްކެންޑިޑޭޓެއް ނެރުމާއި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ބޭއްވުމާއި ގުޅޭގޮތުން އެފަރާތުން ތާއީދުއޮތްކަން ދައްކަވަމުންނެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓަކީ ކޮބައިތޯއެވެ.

1- ރައީސް މުހައްމަދު ނަޝީދު

ސަރުކާރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް ކަމަށް ކުރިމަތިނުލެވޭނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް މިލިސްޓްގެ އެއްވަނަ މުހައްމަދު ނަޝީދަށް ދީފައިވާ ސަބަބަކީ އެމްޑީޕީއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވެފައި އެމްޑީޕީގެ ރޫހަކީ މުހައްމަދު ނަޝީދު ކަމަށްވުމާއި އެމްޑީޕީގެ ޕްރައިމަރީގައި މުހައްމަދު ނަޝީދު ވާދަކުރައްވަން ނިންމެވުމެވެ. ނަޝީދާއި ވާދަކުރެވޭނެ މެމްބަރަކު އެމްޑީޕީގައި ހުރިކަމަށް ގަބޫލުކުރެވޭ މީހަކުމަދުވާނެއެވެ. އެހެންކަމުން ސަރުކާރުން ކިތަންމެ ބޭނުންނުވި ނަމަވެސް، ބޭރުދުނިޔޭގެ ފިއްތުންތަކާއިއެކު ސަރުކާރުން އެކަން ގަބޫލުކުރުން އެކަށީންވެއެވެ. ރައީސް ޔާމީނަކީ ބޭރު ދުނިޔޭގެ ފިއްތުންތަކަށް ބައްލަވާނެ ބޭފުޅެއް ކަމަށްނުވިނަމަވެސް، އެމަނިކުފާނަށްވެސް ފުރުސަތު އެންމެ ބޮޑީ އިދިކޮޅު ފަރާތްތަކުން ރައީސް ނަޝީދުނެރެގެންކަމަށް ޕީޕީއެމް އިން ގަބޫލުކުރުން އެކަށީގެންވެއެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވާ ގޮތުންވެސް އިދިކޮޅު ކެންޑިޑޭޓަކަށް  ޖެހޭނީ ދައުލަތުގެ ބައެއް ބާރުތަކުގައި ތިބި މީހުންނަށް ވެސް ވޯޓު ލާން ފަސޭހަ ބޭފުޅަކަށެވެ. އަލީ ވަހީދު އެއިޝާރާތްކުރައްވަނީ މުހައްމަދު ނަޝީދު ކުރިމަތިލައްވައިފިނަމަ ޕީޕީއެމްގެ ވަކި ފަރާތްތަކަށް ނުޖެހި ތިއްބެވި ފަރާތްތަކާއި ސަރުކާރުގެ ވަޒީފާގައި ތިއްބެވި ފަރާތްތަކާއި ގައުމީ ދިފާއީ ބާރުގެ ބޭބޭފުޅުންގެ ވޯޓް ނުލިބޭނެ ކަމަށްކަމަށް ގަބޫލުކުރެއެވެ. ވީމާ އެފަދަ ކެންޑިޑޭޓަކީ މިސަރުކާރަށް ވާދަކުރަން ފަސޭހަ ކެންޑިޑޭޓަކަށް ވެދާނެތީވެ އެންމެ ފަހު ވަގުތު ސަރުކާރުން ރައީސް ނަޝީދުގެ ނަންފުޅު ގަބޫލުކޮށްފުމީވެސް ވެދާނެކަމެކެވެ.

2- ޕްރޮފެސާ އުގައިލް

ސިޔާސީ ދާއިރާގައި މާފުންނާބުއުސް ނޫނަސް ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ މަޝްހޫރު ނަމެކެވެ. އުގައިލަކީ ސިޔާސީ ދާއިރާއިން އެކަށީގެންވާ މަސައްކަތްތަކެއް ނުފެނުނު ނަމަވެސް އިޖުތިމާއީ އަދި ތައުލީމީ ދާއިރާއިން ގިނަ ގުނަ ކާމިޔާބީ ތަކެއް ހޯއްދަވާ ދިވެހިންގެ މަގުބޫލުކަން އިތުރުކުރައްވަމުން އަންނަ ބޭފުޅެކެވެ. އުގައިލް ސިޔާސީ ދާއިރާއަށް ވަދެދާނެ ކަމަށް ބެލެވޭ ދެތިން ކަމެއް މިވަނީ ދިވެހި ސިޔާސީ ދާއިރާއިންވެސް ފެނިފައެވެ. އެގޮތުން، އުގައިލް ގެ ރިސާޗު ސެންޓަރު ހިންގަމުން އައި ރަށް އަތުލެއްވުމާއި، ރާއްޖޭގެ ސުކޫލުތަކުގައި ލެކްޗަ ދެއްވަން ހުރަަސްތަކަކާ ކުރިމަތިވުން ހިމެނެއެވެ. މިކަންތައްތަކުން ދޭހަވަނީ ސަރުކާރުން ވެސް އުގައިލްއަކީ ގޮންޖެހުމެއް ކަމަށް ބަލަމުންދިއުމެވެ. އުގައިލް ސިޔާސީ ދާއިރާއިން ފެނިދާނެ ކަަމަށް ބެލެވެން ފެށީ އުގައިލްގެ މަޝްހޫރުކަމާއި ތާއީދު ނުސީދާގޮތުން ހޯއްދެވުމަށް ކުރަމުން ގެންދަވާ މަސައްކަތްތަކަށްވުރެ ބޮޑަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕާޓީތަކުން ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ ސިޔާސީ ކަންކަމުގައި މާ ބޮޑަށް ނޫޅުއްވާ އެކަމަކު ހުރިހާ ޕާޓީތަކަށް ވެސް ގަބޫލު ކުރެވޭ ބޭފުޅަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވުމާއި ގުޅިގެނެވެ.

3- ފުއާދު ތައުފީގު

މަހުލޫފު އެވާހަކަފުޅާއި ގުޅިގެން އެންމެ ފުރަތަމަ ނަމެއްގެ ގޮތުގައި ސޯޝަލް މީޑިއާއަށް ތިލަވި ފުއާދު ތައުފީގުނަން ފަހަތަށް ޖެހުން މެދުވެރިވި ސަބަބަކީ ފުއާދުގެ ނަން ބޮޑަށް ބޭނުން ކުރައްވަމުން ގެންދެވީ އެމްޑީޕީގެ އެކްޓިވިސްޓުންނަށްވަފައި އެނަން ކޮންމެވެސް ވަރަކަށް ފަޑުވުމުންނެވެ. ނަމަވެސް، މަހުލޫފުގެ އެވާހަކަ ފުޅުތަކަށް ބަލާއިރު ފުއާދު ތައުފީގަކީވެސް އެބުނާ ކެންޑިޑޭޓަަށްވުމުގެ ފުރުސަތު އެބައޮތެވެ. އަދި ހުރިހާ ބޭބޭފުޅުންނަށް އެއްގަލަކަށް ނޭރެވޭ ހާލަތުގައި ފުއާދުގެ ނަން ކުރިއަށް ނެރެވިދާނެކަަމަށް ބެލެވޭތީވެ ފުއާދުނަންވެސް ހިމަނާލީއެވެ.

4- އުމަރު ނަސީރު

ރައީސް ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލާއިރު އުމަރު ނަސީރުނަން ނުހިމަނާ ދޫކޮށްލައިފިނަމަ އެލިސްޓް ފުރިހަމަ ވެދާނެކަމަކަށް ނުބެލެވެއެވެ. ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް މާކުރިންވެސް ވިދާޅުވެފައިވާ އުމަރު ނަސީރު ގެންދަނީ އެކަމަށް ކުރިމަތިލައްވާނެ ޕްލެޓްފޯމެއް ހޯއްދަވަމުން ކަމަށް ބެލެވެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ގާތްގުޅުމެއް އޮންނަ އުމަރު ނަސީރު ވަނީ ޖުމްހޫރީ ޕާޓީ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އެހެންކަމުން، އިދިކޮޅު ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރާ ޖުމްހޫރީ ޕާޓީގެ ތާއީދު އުމަރު ހޯއްދެވުމަށް މަސައްކަތްކުރާތަން ފެނެއެވެ.

5- މުހައްމަދު ޖަމީލް އަހުމަދު

ސިޔާސީ ދާއިރާގައި ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު އެންމެ ކާމިޔާބު އެއްބޭފުޅަކީ މުހައްމަދު ޖަމީލު އަހުމަދޭ ދެންނެވިޔަސް ކުށަކަށް ނުވެދާނެއެވެ. ސަބަބަކީ މިނިސްޓަރުކަމުން ފެށިގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުން ވަޑައިގެން އެންމެ ފަހުގެ ރިއާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވީ ނާއިބު ރައީސްގެ ގޮތުގައެވެ. އެސްޕީޑްގައި ވަޑައިގަންނަވާނަމަ ދެންވަޑައިގަންނަވާނީ ރައީސްކަމަށެވެ. އެހެންނަމަވެސް، މޯލްޑީވްސް އޮޕްޒިޝަނުގެ ރައީސް ޖަމީލަށް އޮތް ގޮންޖެހުން ކުޑައެއްނޫނެވެ. ސިޔާސީގޮތުން އެހާ ވަރުގަދަ ޕްލެޓްފޯމެއްގައި ނެތުމުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ސިޔާސީ ދާއިރާއަށް އާބޭފުޅަކު ހޮވުމަށް ކަމަށް ދައްކަވަމުންދާ ވާހަކަތަކަކީ ސީދާ ޖަމީލަށް އެމަގާމަށް ވަޑައިގަތުމަށް އޮތް ހުރަހެކެވެ. އިދިކޮޅު ޕޯޑިއަމްތަކުގައި ޖަމީލުގެ އަޑުމަޑުވުމާއި ޖަމީލުގެ ގާތްބޭބޭފުޅުންވެސް ފެންނަލެއް މަދުވުމަކީ އޮތް ގޮންޖެހުމަކަށްވީ ނަމަވެސް ޖަމީލު އިދިކޮޅު ކެންޑިޑޭޓަކަށް ވުމަށް އޮތް ފުރުސަތުވެސް ހަންޏެއްނޫނެވެ.

(ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު