19 ނޮވެމްބަރ 2018 ( ހޯމަ )

banner

ކަރަޕްޝަނާއި ދެކޮޅު ހަރަކާތްތައް!

ކަރަޕްޝަނުގެ ފަސާދަމިވަނީ މުޅި ދުނިޔޭގައި ވަކި ހިއްޕާލާފައެވެ. ދުނިޔޭގެ ކޮންމެ ދިމާލަކަށް ބެލި ކަމުގައި ވިޔަސް ކަރަޕްޝަންގެ ތުހުމަތުތައް ކުރެވެމުންދެއެވެ. ކަރަޕްޝަންގެ އެއްވެސް އަމަލެއް ނުހިގާ ކަމަށް ގަބޫލުކުރާ ބަޔަކު ނެތް ހިސާބެއް ނެތޭވެސް ދެންނެވިދާނެއެވެ. އެހެންކަމުން، ކަރަޕްޝަނާއި ދެކޮޅަށް ހިންގޭ ހަރަކާތްތަކަކީ އާންމުންގެ އިތުރުން މުޅި ދުނިޔޭގެ ލޯ އަމާލުވަމުންދާ ހަރަކާތްތަކެވެ. ކަތި ނަޒަރަކުން އެކަމަށް ބަޔަކު ބަލަމުންދާއިރު އަނެއް ބަޔަކު އޭޣ ފައިދާ ހޯދަމުންދަނީ ސިޔާސީ ބޭނުމުގައެވެ. ގިނަ ސިޔާސީ ލީޑަރުން ހިންގާ ކަރަޕްޝަނާއި ދެކޮޅު ހަރަކާތްތަކަކީ އިދިކޮޅު ފަރާތްތައް ނައްތާލަން ނުވަތަ ސިޔާސީ ގޮތުން ބާރުވެރި ކުރުމަށް ހިންގޭ ހަރަކާތްތަކެއް ކަމަށް ގަބޫލުކުރާ ފަރާތްތައްވެސް މަދެއްނޫނެވެ. 

މީގެ ދެތިން ދުވަސް ކުރިން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ ސްރީލަންކާގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން މިހާރު ވެރިކަން ކުރާ ސިރިސޭނާގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުނު ޚަބަރެވެ. އެއިންތިޚާބުން ކުރި ހޯދާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީ އެވެ. ރަސްމީ ނަތީޖާތައް ދައްކާ ގޮތުން ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ – އެސްއެލްޕީޕީ ނުވަތަ ޕީޕަލްސް ފްރަންޓް އިން ވަނީ 340 ކައުންސިލްގެ ތެރޭން 225 ކައުންސިލް ކާމިޔާބު ކޮށްފަ އެވެ. ބޮޑު ވަޒީރު ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ 41 ކައުންސިލެވެ. ސިރިސޭނާގެ ފްރީޑަމް އެލަޔަންސް އަށް ކާމިޔާބު ކުރެވުނީ 11 ކައުންސިލެވެ.

މިބޮޑު ނާކާމިޔާބީއަށްފަހު ހަތަރު ދުވަސްފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައިވަނީ ވައްކަމާއި ރިޝްވަތާއި އިސްރާފުގެ އަމަލުތައް ހުއްޓުވުމުގައި އާއްމު ރައްޔިތުންނަށް ވެސް ދައުރެއް އަދާކުރެވިދާނެ ގޮތަށް ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ކެމްޕޭނެއް ފައްޓަވައިފި އެވެ. ސިރިސޭނާގެ ކަރަޕްޝަނާއި ދެކޮޅު މިހަރަކާތަށް އަދި މާގިނަ ދުވަސްތަކެއް ވެފައިނުވާތީ މިކެމްޕޭނުގެ ދަށުން ސިޔާސީގޮތުން އެއްކޮޅު ނުވަތަ ދެކޮޅު ބަޔަކުވެސް އަދި ހައްޔަރުކޮށްފައެއްނުވެއެވެ. ނަމަވެސް، ސްރީލަންކާގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރެވެނީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށެވެ. ލަންކާ ސަރުކާރުގެ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ފަޅާއަރާފައި ވަނީ ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލަ އެވެ. 

ސައޫދީ އަރަބިޔާ ގެ ކަރަޕްޝަނާއި ދެކޮޅު ހަރަކާތްތަކީވެސް ގިނަ ބަޔެއްގެ ލޯ އަމާޒުވި ހަރަކާތެކެވެ. އެ ހަރަކާތުގެ ތެރެއިން އެތައް ޕްރިންސްނަކާއި ކުރީގެ ވަޒީރުންނެއް ހައްޔަރުކޮށް ގިނަ އަދަދަކަށް ފައިސާ އަތުލާފައިވާކަމަށް ތުހުމަތުކުރާއިރު ސަރުކާރުން ބުނަމުންދަނީ ކަރަޕްޝަން ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތެވެ. އެހަރަކާތުގެ ތެރެއިން ސައޫދީ ވަލީ އަހުދަށް ފަސޭހަކަމާއިއެކު ސަރުކާރު ހިންގަން ފަސޭހަކުރުމާއި އަތުވެދާނެ އިދިކޮޅު ހަރަކާތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށް ބަޔަކު ތުހުމަތުކުރެއެވެ.

ދުނިޔޭގެ ގައުމުގެ ތަކުގެ ކަންތައްތައް މިބީދައިން ހުރިއިރު މިގައުމުގައިވެސް ކަރަޕްޝަނުގެ ގިނަ ކަންތައްތަކެއް މިވަނީ ފެންމަތިވެފައެވެ. އެގޮތުން، މީގެ ކުރިން ބޮޑު ކަރަޕްޝަނަކީ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދީބު ބޮޑު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ދިވެހިން ސިއްސުވާލީ 1 ފެބުރުއަރީގެ ސްޕްރީމް ކޯޓުގެ ހުކުމެވެ. އެހުކުމަށް މާގިނަ ދުވަސްތަކެއްނުވެ އުއްތަމަ ފަޑީޔާރާއި އިތުރު ފަޑިޔާރަކު ހައްޔަރުކޮށް ބިރުން ފިއްކަޑައިގެންދާވަރުގެ ފައިސާގެ މުއާމަލާތްކޮށްފައިވާކަމަށް ފުލުހުން ހާމަކުރަމުންދެއެވެ. މިދެފަޑިޔާރުންނާއި ދެކޮޅަށް ކަރަޕްޝަނުގެ ތުހުމަތު ކުރެވެމުންދާއިރު ފަޑިޔާރުގެއަށް ނުފޫޒުފޯރުވާކަމަށް ކުރިން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދިޔަ ނަމަވެސް، 1 ފެބުރުއަރީގެ ނިޔާއަށް ސަރުކާރުން ތުހުމަތު ކުރީ އިދިކޮޅު ފަރާތްތަކަށެވެ. އެއަށްފަހު ސްޕްރީމް ކޯޓުން އެހުކުމުގެ ބައެއް ބަދަލުކުރުމާއިއެކު ސަރުކާރުން ސްޕްރީމް ކޯޓު މިނިވަންވީ ކަމަށް ގަބޫލުކުރިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަޑީޔާރުގެއަށް ސަރުކާރުން ބިރުދައްކަމުންދާކަމަށް ތުހުމަތު ކުރެއެވެ.

ކަރަޕްޝަނާއި، ނުފޫޒު ފޯރުވުމާއި މިފަދަ ވާހަކަތަކަކީ ސިޔާސީ މަންފާއަށް ދައްކަމުންދާ ވާހަކަތަކަކަށްވުމުގެ އިތުރުން އެފަދަ މައްސަލަތައް އާންމުން ބަލައިގަންނަ ގޮތަށްވެސް ބަދަލުތަކެއް މިވަނީ އައިސްފައެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު