19 ނޮވެމްބަރ 2018 ( ހޯމަ )

banner

ކޮލަމް ސުމެއް: 1-0 އިން ބަލިވި ނަމަވެސް އެއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް

މީގެ އަހަރުތަކެއް ކުރިން ދިވެހިރާއްޖެ ވަރުގަދަ ސައުތު ކޮރެއާގެ ޓީމާއި ވާދަކޮށް 1-0 އިން ރާއްޖޭގެ ޓީމު ބަލިވިއެވެ. ނަމަވެސް، ދިވެހިންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. އުފާފާޅުކުރިއެވެ. އުފާފާޅުކުރުން ހައްގެވެ. ސައުތުކޮރެއާ ވަރުގެ ވަރުގަދަ ޓީމަކާއި ކުޅެގެން ރާއްޖެ ކަހަލަ ބަލިކަށި ޓީމެއްގެ ކޮޅަށްވަން ލަނޑުމަދުވުމެވެ. އެކަމާ ސައުތު ކޮރެއާއިންވެސް ދެރަނުވެދާނެއެވެ. ސަބަބަކީ ސައުތު ކޮރެއާއަށް ބޭނުންވާ 3 ޕޮއިންޓް އެމެޗުން ލިބުމެވެ. ދައްކަން މިއުޅޭ ވާހަކައަކީ ފުޓްބޯޅައިގެ ވާހަކައެއްނޫނެވެ. ސިޔާސީ ވާހަކައެކެވެ. އިއްޔެ އީޔޫއިންނެރުނު ވަރުގަދަ އިންޒާރާއި ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އުފާފާޅުކޮށް ކޮންމެ ބަޔަކުވެސް އެބަޔަކަށް ކާމިޔާބު ލިބުނީ ކަމަށް ދައްކަމުންދާ ވާހަކައެވެ.

ރާއްޖޭގެ ސިޔާސީ ހާލަތު ގޯސްވެ ކުއްލި ނުރައްކަލުގެ ގަރާރު އިތުރަށް 15 ދުވަހަށް އިތުރުކޮށްފައިވާ މިދަޑީވަޅުގައި ރާއްޖެއާއި ދެކޮޅަށް އިޔޫއިން ދަތިކުރުމުގެ ފިޔަވަޅު ނާޅާއި އިތުރު އިންޒާރަކުން ފުއްދާލުމަކީ ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަަމަށް ފަހަރުގައި ވެދާނެއެވެ. އެހެނީ އީޔޫފަދަ ޖަމާއަތްތަކުން ފުރަތަމަ އަޅާ ފިޔަވަޅަކީ ޓާގެޓެޑް ސެންކްޝަނެވެ. އެފަދަ ސެންކްޝަނަކުން އެންމެ ބޮޑު އަސަރެއް ކުރާނީ ސަރުކާރުގެ އިސްވެރިންނަށެވެ. ނަމަވެސް، ފަހުގެ އިންޒާރު ދިނުމުން އިތުރަށް ފުރުސަތުތަކެއް ލިބި އަނެއްކާވެސް ގޭމްޕްލޭން ބަދަލުކުރެވިދާނެއެވެ. އެހެންކަމުން، 1-0 އިން ބަލިވި ނަމަވެސް އެއީ ކާމިޔާބީއެކެވެ.

އިދިކޮޅު ފަރާތްތަކަށް ބަލާއިރު އީޔޫގެ އިންޒާރަކީ ކާމިޔާބީއެކެވެ. އެހެނީ އީޔޫ ފަދަ ޖަމާއަތްތަކުން ފިޔަވަޅު އެޅުމުގެ ކުރިން ހަރުފަތްތަކެއް ގިރާކުރާނެއެވެ. އެގޮތުން، މިފަހަރު ރާއްޖެއަށް ދިން އިންޒާރަކީ އެންމެފަހުގެ އިންޒާރުކަމަށް ބެލެވެއެވެ. އެހެންކަމުން، ސަރުކާރުން އިތުރަށް ދޫތަކެއް ނުދީފިނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެއެވެ. މިއީ އިދިކޮޅަށް ދޫތަކެއް ލިބުމަށް ކޮށުނު މަގެއްކަމަށްވެދާނެއެވެ. އަދި އެފަދަ ދޫތަކެއް ނުދީފިނަމަ އިސާހިތަކު ސަރުކާރުގެ އިސްބޭފުޅުންނާއި ދެކޮޅަށް ފިޔަވަޅު އަޅައިފާނެއެވެ. އެހެންކަމުން އަވޭ ގޯލަކުން 1-0 އިން އިދިކޮޅު މޮޅިވުމަކީ ކުރިއެރުމެކެވެ. އިދިކޮޅުން 10-0 އިން މޮޅުވާނެ ކަަމަށް ލަފާކުރިނަމަވެސް، އަވޭގައި އަލަށް ކުޅޭ މެޗުގައި ގޮން ޖެހުންތަކެއް ހުރެދާނެއެވެ.

މުސްކުޅިން ބުނެއެވެ. ބޮޑެ ދެގެރި ތޮޅެންޏާ ބާރުކުރާނީ ކަށްގަލަށެވެ. މިހާރު ރާއްޖެވެސް މިދަނީ އެބީދައިންނެވެ. ސަރުކާރުންވެސް ދޫދިނުމެއް ނެތެވެ. ކޮންމެ ގޮތަކުން ނަމަވެސް ޔާމީނު ވެރިކަން ބަދަލުކުރަން އިދިކޮޅުން ތިބީ ފޫގަޅައިގެނެވެ. އެހެން ކަމުގައިވާނަމަ، އީޔޫ ފަދަ ޖަމާއަތްތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ނިކަމެތި ރައްޔިތުންނަށެވެ. އިސްބޭފުޅުންނަށް މަދަދުވެރިވާނެ ބޮޑެތި ގައުމުތައް ތިބޭނެއެވެ. ނިކަމެތި ރައްޔިތުންވާނީ ބިކައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު