A wide advertisement which will be shown on all devices. (700 x 100)

އެންމެ ގިނަ އެންމެ ބޮޑެތި ޓެރަރިސްޓުން އުފެދުނީ ފާއިތުވީ 5 އަހަރުތެރޭ

ޓެރަރރިސްޓުން ރާއްޖޭގައި ހަމަ ގިނައީ ހެއްޔެވެ؟

މި ގައުމަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ހެއްޔެވެ؟ ނުވަތަ ޓެރަރިސްޓުން އުފެދޭ ގައުމެއް ހެއްޔެވެ؟ ނޫނީ މިގައުމުގެ އިސްވެރިންނަކީ ޓެރަރިސްޓުން ހެއްޔެވެ؟ ނޫނީ މި ގައުމުގައި ގިނައީ ޓެރަރިސްޓުން ހެއްޔެވެ؟ މިއީ މިއަދުގެ ޖީލުގެ ކޮންމެ ރައްޔިތަކުވެސް ވިސްނާލަން މުހިންމު ސުވާލުތަކެކެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. ސަރުކާރާއި ދައުލަތުގެ އިސްވެރިންނާއި މިގައުމުގެ ވެރިކަން ކުރެއްވި ގިނަ ބޭފުޅުންތަކަކަށް ޓެރަރިޒަމްގެ ދައުވާކޮށް ދައުވާ ވަނީ ސާބިތުވެފައެވެ. މިކަންތައްތައް އެންމެ ބާރަށް ހިގާފައިވަނީ ފާއިތުވީ 5 އަހަރު ތެރޭގައެވެ. އެފަސްއަހަރު ތެރޭ ޓެރަރިޒަމްގެ ދައުވާ މިއިން ދުވަހަކުވެސް ނުކުރާ މިންވަރަށް ކުރެވި އެދައުވާ ސާބިތުވިއެވެ. އެހެންކަމުން، ފާއިތުވި ފަސް އަހަރަކީ އެންމެ ގިނަ އެންމެ ބޮޑެތި ޓެރަރިސްޓުން އުފެދުނު ފަސް އަހަރު ނޫންބާވައެވެ؟

ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ފެށުމާއިއެކު އެންމެ ބާރަށް ހިގައިގަތީ ކުރީގެ ރައީސް ނަޝީދު ގެ މައްޗަށް ކުރެވުނު ދައުވާއެވެ. އެދައުވާ ފަހުން ބަދަލުކުރެވި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެއަށްފަހު ރައީސް ޔާމީނުގެ ވެރިކަމަށް 1 އަހަރާއި މަހެއްހާ ދުވަސް ފަހުން ޖެނުއަރީ 2015 ގައި ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށާއި ވެރިކަން ދިފާއުކުރުމަށް އެންމެ ހަރަކާތްތެރިކޮށް އުޅުއްވި އެންމެ ނުފޫޒުގަދަ އެއްބޭފުޅާ ކަމަށްވާ ކުރީގެ ޑީފެންސް މިނިސްޓަރ ކާނަލް ނާޒިމުގެ ގެއިން ހަގުރާމަވެރި ހަތިޔާރު ފެނުނެވެ. އެ މައްސަލާގައި ނާޒިމުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ އެކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.

ނާޒިމުގެ ގެއިން ހަގުރާމަވެރި ހަތިޔާރު ފެނުމަށްފަހު 4 މަސްވެސް ފާއިތުނުވަނީސް މެއި 2015 ގައި އަނެއްކާވެސް ޓެރަރިޒަމްގެ ބޮޑު ހަރަކާތެއް ހިގައިދިޔައެވެ. އެއީ 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެވެ. އެމުޒާހަރާ އާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނު އަބްދުﷲ އަށް ޓެރަރިޒަމްގެ ދައުވާއުފުލައި އެދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށްލާން ހުކުމް ކުރިއެވެ. ޝެއިޚް އިމްރާނުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދަށްވެސް ދައުވާ ކޮށްފާނެތީވެ އަމިއްލައަށް އިގިރޭސިވިލާތަށް އަރުވާލެވުނެވެ. މި ދެ ބޭފުޅުންގެ އިތުރުން އޭރުގެ ނާއިބު ރައީސް ވެސް އެކަމުގައި ޝާމިލް ވާކަމުގެ ތުހުމަތު ތަކެއް ކުރެވުނެވެ. އޭރުގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވުނު ނަމަވެސް ބޮޑެތި ތުހުމަތުތަކަކާއިއެކު ނާއިބު ރައީސްކަމުން ދުރުކުރެވި އޭރުގެ އެންމެ ނުފޫޒުގަދަ ޓްއަރިޒަމް މިނިސްޓާރ އަހުމަދު އަދީބު ނާއިބު ރައީސްކަމަށް އިސްވިއެވެ.

މޭޑޭގެ ޓެރަރިޒަމް ހަރަކާތަށް 4 މަސް ފުރުމާއިއެކު އަނެއްކާވެސް ރާއްޖެ ސިއްސުވާލިވަރުގެ ބޮޑު ޓެރަރިޒަމް ހަމަލާއަކާއި ސަރުކާރާއި ކުރިމަތިވިއެވެ. މިފަހަރުގެ ހަމަލާއަކީ ސީދާ ރައީސް ޔާމީން އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ އެންމެ އަރިސް އެންމެ އިތުބާރުކުރެވޭ ނާއިބު ރައީސް ދެއްވި ހަމަލާއެއް ކަމަށް ތުހުމަތު ކުރެވުނެވެ. މިފަހަރުގެ ޓެރަރިޒަމް އަމަލުގައި ސަރުކާރުގެ ދިފާއީ ބާރުގެ އެތަށްބަޔަކު ޝާމިލްވިކަމަށް ތުހުމަތު ކުރެވި ގިނަ ބަޔަކަށް ހުކުމް ކުރެވުނެވެ. އެ ހުކުމާއިއެކު އޭރުގެ ނާއިބު ރައީސްގެ މައްޗަށް އެތަކެއް ދައުވާއެއް ކުރެވި 33 އަހަރަށް ޖަލަށް ލެވުނެވެ. އަދީބާއިއެކު ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒު (ޕާޕާ) އާއި އިތުރު ބަޔަކުވެސް ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. މި ދައުވާއަށްފަހު ހަގުރާމަވެރި ހަތިޔާރު ފެންނަން ފެށިއެވެ. އަދި ސްނައިޕާއެއް ވެސް ރާއްޖެ ގެނެސްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ.

ދައުލަތުގެ ފަރާތުން ޓެރަރިޒަމް ދައުވާ އުފެއްލެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އޭރުގެ ޕްރޮޒިކިއުޓާރ ޖެނެރަލް ޓެރަރިސްޓް ދައުވާ އުފުއްލަވަމުންގޮސް އެންމެ ފަހުން ޓްރެއިންވީ ޓެރަރިސްޓަކަށެވެ. ރައީސް ޔާމީނު ހައްޔަރުކުރުމަށް ފޭކް ކޯޓް އަމުރެއް ނެރުނުކަމުގެ ކުށް ސާބިތުވެ 17 އަހަރަށް ޖަލަށް ލުމަށް މުހުތާޒަށް ހުކުމް ކުރެވުނެވެ. އޭނާއާއިއެކު މާމިގިލީ ކޯޓްގެ މެޖިސްޓްރޭޓް ނިހާނަށް ވެސް ހުކުމް އައެވެ.

އަދީބަށް ހުކުމް ކުރުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް މަޖިލީހުގެ މެމްބަރުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅިއެވެ. މި ޕެޓިޝަން ވެސް ސިފަކުރެވިފައި ވަނީ ހިންގި ބަޣާވާތެއްގެ ގޮތުގައެވެ. ޓެރަރިޒަމްގެ އެއަމަލާއި ގުޅިގެން ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ޖަލަށްލެވުނެވެ.

މިއަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހަކީވެސް ޓެރަރިޒަމްގެ ބޮޑު ދުވަހެކެވެ. އެދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ސުޕްރީމް ކޯޓްގެ އުއްތަމަ ފަޑިޔާރާއި އިތުރު ފަޑިޔާރަކު ވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވެފައެވެ. ފާއިތުވީ ހަތަރު އަހަރު ކުރިއަށްގެންދެވުނު ޓެރަރިޒަމްގެ ދައުވާތައް ބަލާ ނިންމުމުގެ އެންމެ އިސްދައުރެއް އަދާކުރި ބެންޗުގެ %40 ފަޑިޔާރުން ޓެރަރިޒަމަށް ޓްރެއިންވެ ޓެރަރިޒަމްގެ އަމަލުތައް ހިންގެވި ކަމަށް މިވަނީ ތުހުމަތު ކުރެވިފައެވެ. މިއީ އަދި މިހާތަނަށް ޓެރަރިޒަމްގެ ހުކުމް ކުރެވުނު އަދި ޓެރަރިޒަމްގެ ދައުވާ އުފުލުނު ބައެއް ބޭފުޅުން ނެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ އިތުރު 14 ބޭފުޅަކު ވަކި ގޮތެއް ނުނިމި އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ އޭރުގެ ފޮރިން ރިލޭޝަންސް އެގްޒެކްޓިވް ސޮބާހް ރަޝީދު ހިމެނެ އެވެ.

މި 14 ބޭފުޅުންގެ ލިސްޓަށް ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ހިތަދޫ މެދު ދާއިރާގެ، ސިފައިންގެ ކުރީގެ ޖެނެރަލް އިބްރާހީމް ދީދީ އާއި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ކިނބިދޫ ދާއިރާގެ މެމްބަރު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް އިތުރުކުރަން ޖެހެއެވެ.

މިބަޔާންކޮށްލީ މިގައުމުގެ އާދައިގެ ދެތިން މީހެއްގެ ނަމެއްނޫނެވެ. ދައުލަތުގެ އެންމެ އިސްވެރިން ތަކެކެވެ. އަދި ދައުލަތް ހިންގުމުގައި އެތަކެއް އަހަރެއްގެ ތާރީޚެއް ދޫކުރެއްވި ބޭފުޅުންތަކެކެވެ. މިއީ އާދައިގެ ކަމެއްނޫނެވެ. ރައްޔިތުން ވިސްނާލުން މުހިންމު ކަންތައްތަކެކެވެ.

އާ ރިއާސީ އިންތިޚާބެއް ކުރިމަތިވަމުން އަންނަ މިނާޒުކު ދަނޑީވަޅުގައި ފާއިތުވީ 5 އަހަރު ހަމަ ހަގީގީ ޓެރަރިސްޓުން އިތުރުވީ ބާވައެވެ. ނޫނީ ސިޔާސީ ދައުވާތަކެއް ބާވައެވެ. ޓެރަރިސްޓުން އިތުރުވިނަމަ އޭގެ ޒިންމާ ނަންގަވަން ޖެހޭނީ ކޮން ބައެއްތޯއެވެ؟ ނިކަމެތި ރައްޔިތު މީހާތޯއެވެ؟ ނޫނީ ދައުލަތުގެ އެންމެ ވެރިޔާތޯއެވެ؟ މި ޓެރަރިސްޓުންގެ ތެރޭގައި ގިނައީ ދައުލަތުން އުފަންވި ޓެރަރިސްޓުންނާއި ސަރުކާރު ހިންގާ ޕީޕީއެމްއިން އުފަންވި ޓެރަރިސްޓުންނެވެ. ނުވަތަ ޕީޕީއެމްގެ ސަރުކާރު ގެނައުމަށް ބުރަ މަސައްކަތް ކުރެއްވި ޓެރަރިސްޓުންނެވެ. އެހެންކަމުން، އެފަރާތްތަކުގެ ޒިންމާ ޕީޕީއެމް ސަރުކާރުން ނަންގަވަން ނުޖެހޭނެތޯއެވެ؟ އެކަމާއި ޕީޕީއެމް އިން މައާފަށްވެސް މިހާތަނަށް އެދިފައެއް ނުވެއެވެ. އެހެންކަމުން، އެކަމުގެ ޒިންމާ ޕީޕީއެމް އިން ނުވަތަ ސަރުކާރުން ނަންގަވާތަނެއް ނުފެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !