18 ސެޕްޓެމްބަރ 2019 ( ބުދަ )

ދިވެހި ފަޑިޔާރު ގެތަކަށް ބިދޭސީ ފަޑިޔާރުން ގެންނަން ޖެހޭތޯ

އިދިކޮޅު އެމްޑީޕީގެ މެނިފެސްޓޯ އާންމު ކުރަން ފެށުމާއިއެކު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށި އެންމެ މުހިންމު އެއްމައްސަލައަކީ ދިވެހި ކޯޓުތަކަށް ބޭރުގެ ފަޑިޔާރުން އައްޔަންކުރުމަށް އެމްޑީޕީއިން ގެންގުޅޭ ސިޔާސަތާއި ގުޅިގެންނެވެ. އެއްބަޔަކު އެއަށް ފާޑުކިޔަމުންދާ އިރު އެކަން ސޯޝަލް މީޑިއާގައި ދިފާއުކުރާ ބަޔަކުވެސް މަދެއްނޫނެވެ. މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޭޕީގެ ޚިޔާލުވެސް ވަނީ ތަފާތުވެފައެވެ. ރާއްޖޭގެ ކޯޓުތަކަށް ބޭރު ގައުމުތަކުގެ ފަނޑިޔާރުން ގެންނަން އެމްޑީޕީގެ މެނިފެސްޓޯގައި އޮތަސް، ޖޭޕީން ޚިޔާލު ހުށަހެޅީ އެއްވެސް ވަރަކަށް ބޭރުގެ ފަނޑިޔާރުން ރާއްޖެ ނުގެނައުމަށެވެ.

ދިވެހި ކޯޓުތަކަށް ބޭރުގެ ފަޑިޔާރުންނަށް ފުރުސަތު ދިނުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ޝެއިޚް އިލްޔާސް ހުސައިން ހާމަކޮށްފައިވަނީ މުސްލިމުންގެ މައްޗަށް ހުކުމް ކުރުމަށް ޣައިރު މުސްލިމް ފަނޑިޔާރުން ގެނައުމަށް ގޮވާލުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށާއި އަދި މިގޮތަށް ގޮވާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. ނަމަވެސް މިއަށް ރައްދު ދެމުން ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކުން ހާމަކުރަމުންދަނީ ބޭރުގެ ފަޑިޔާރުންނަކީ ހަމައެކަނި ޣައިރު މުސްލިމުން ނޫންކަމެވެ. އެހެންކަމުން ރާއްޖެއަށް ގެންނަ ފަޑިޔާރުންގެ ގޮތުގައި ތަޖުރިބާކާރު މުސްލިމު ބިދޭސީ ފަޑިޔާރުން ގެނައުމަކީ މައްސަލައެއްނޫނެކަމަށެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ މެނިފެސްޓޯއަށް ބަލާލާއިރު އެމެނިފެސްޓޯގައި އެހާ ތަފުސީލުކޮށް އެވާހަކަ ގެނެސްދީފައެއްނުވެއެވެ. 

“އެމްޑީޕީ ގަބޫލުކުރަނީ ރާއްޖޭގެ ފަޑިޔާރު ގެތަކުގައި ރާއްޖޭން ބޭރުގެ ހުނަރުވެރި ތަޖުރިބާކާރު ފަޑީޔާރުންނަށް ފަޑީޔާރުކަން ކުރަންޖެހޭނެކަމެވެ. އެފަޑިޔާރުންގެ ހުނަރާއި ތަޖުރިބާ ރާއްޖޭގެ ޝަރުއީ ނިޒާމަށް އިންތިހާއަށް ބޭނުންވާކަމެވެ. ރާއްޖޭން ބޭރުގެ ފަންނުވެރި ތަޖުރިބާކާރު ޑޮކްޓަރުންނާއި ޓީޗަރުންނާއި އިންޖިނިއަރުންނާއި އާކިޓެކްޓުން ރާއްޖެއަށް ބޭނުންވާ މޭރުމުން އެފަދަ ފަޑިޔާރުންނަކީވެސް މިވަގުތު ރާއްޖެއަށް ނުހަނު ބޭނުންވެފައިވާ ބައެކެވެ.” އެމްޑީޕީގެ މެނިފެސްޓޯގައިވެއެވެ.

މިއިބާރާތަށް ބަލާލާއިރު، ވަރަށް ސާފުކޮށް ބަޔާންކޮށްފައިއެވަނީ ދިވެހި ފަޑިޔާރު ގެތަކަށް ޓީޗަރުންނާއި ޑޮކްޓަރުން ގެންނަފަދައިން ފަޑިޔާރުން ގެންނަ ވާހަކައެވެ. ޓީޗަރުންނާއި ޑޮކްޓަރުން ގެންނަނީ އެފަރާތުގެ ދީނަށް ނުވަތަ ލިބިފައިހުރި ދީނީ އިލްމަށް ބެލުމެއްނެތިއެވެ. އެހެންކަމުން އެބީދައިންގެންނަނަމަ، އެތީސްޓުންނާއި ކްރިސްޓިއަނުން އަޅުގަނޑުމެންނަށް ހުކުމް ކުރުމަށް އަންނަން ފަށާނެއެވެ. ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑަކީ އިސްލާމްދީން ކަމަށާއި އަދި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަމަށް ބުނެފައިވާ އިރު އެފަދަ ގާނޫނުގެ ދަށުން ހުކުމް ކުރުމަށް ޣައިރު މުސްލިމުންނަށް އެގޭނެ ބާވައެވެ. އަދި ހަމައެއާއިއެކު ގާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ށ) ގައި ފަޑިޔާރުންގައި ހުރުން ލާޒިމް ޝަރުތުތަކުގެ ތެރޭގައި “މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން” ކަމަށް ބަޔާންކޮށްފައިވުމުން މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ޣައިރު މުސްލިމަކު ފަޑިޔާރު ގެއަށް އައްޔަން ނުކުރެވޭނެއެވެ. 

ނަމަވެސް، ސުވާލު އުފެދޭ ހިސާބަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތައް ތަންފީޒުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފާނެތޯއެވެ. އެހެންކަމުގައިވާ ނަމަ މިހާރު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބައިތަކަށް ބަދަލު ގެނެސް ޣައިރު މުސްލިމުން އައްޔަންނުކޮށް ފާނެތޯއެވެ. އެމްޑީޕީގެ ވެރިކަމުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު ސިޓީ ހޮޓާތަކަށް ރާވިއްކުމުގެ ހުއްދަ ދިނުމަށް ނިންމި ނިންމުމަކީ ގިނަ ދިވެހިން އެކަމާއި ދެކޮޅު ހެދިކަމެކެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެ ކުރެވުނު އިހުތިޖާޖުތަކާއި ގުޅިގެން އެންމެ ފަހުން އެކަން ހުއްޓާލި ނަމަވެސް އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން އެކަން ޕްރޮމޯޓްކޮށް އެކަމަށް ކުރި ތާއީދު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ. އެހެންކަމުން، މިކަމުގައި ޕާޓީއިން ނިންމާ ނިންމުމަށް ތާއީދުކުރާނެ ފަރާތްތަށް އެމްޑީޕީގައި މަދެއްނޫނެވެ. އެހެންކަމުން، ޣައިރު މުސްލިމުން ދިވެހި ފަޑިޔާރު ގެތަކަށް ގެނައުމަށް އެމްޑީޕީގެ ލީޑާޝިޕުން ތާއީދު ނުކޮށްފާނެއޭ ބުނަންއެގޭނީ އެގޮތަށް ނިންމުމުންކަމަށް ބެލެވެއެވެ. 

އެހެންކަމުން، އެމްޑީޕީއިން މެނިފެސްޓޯ ތަމްފީޒުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭތޯ ބަލާލުން މުހިންމެވެ. އެމްޑީޕީގެ މެނިފެސްޓޯގައި 2020 ގެ ކުރިން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ނިންމުމަށް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން، ގާނޫނު އަސާސީގެ ބަދަލު ގެނައުމަށް ވިސްނާ އެހެން މާއްދާތައްވެސް ތިލަކޮށްލުން މުހިންމެވެ.

އެހެންކަމުން، އެމްޑީޕީއިން ދިވެހި ފަޑިޔާރު ގެތަކަށް ލުމަށް ވިސްނަމުންދަނީ މުސްލިމު ފަޑިޔާރުންތޯ ނޫނީ އެފުރުސަތު ޣައިރު މުސްލިމު ފަޑިޔާރުންނަށްވެސް ލިބޭގޮތަށްތޯ ސާފުކޮށްދޭންޖެހެއެވެ. އެއާއިއެކު ދެވަނައަށް އުފެދޭ ސުވާލަކީ ރާއްޖޭގައި ގާބިލު ތަޖުރިބާކާރު ފަޑީޔާރުން ނެތީތޯއެވެ. ފަންނީ މަސައްކަތްތަކަށް ބަލާލާއިރުވެސް ބިދޭސީން ގެންނަނީ ފަންނީ ދިވެހިން ނުލިބިގެންކަމާއި މެދު ސުވާލު އުފައްދާ ފަރާތްތައްވެސް މަދެއްނޫނެވެ. ގިނަ ދިވެހިން އުފައްދާ ސުވާލަކީ ދިވެހިންނަށް އެކަށީގެންވާ މުސާރައެއް ނުދޭ މައްސަލައާއި ފުރުސަތު ނުލިބޭ މައްސަލައެވެ. 

ފަޑިޔާރުގޭގެ އިތުބާރު ގެއްލުމުގެ ވާހަކައަކީ މިހާރަކަށް އައިސް އާންމު ވާހަކައެކެވެ. ސަރުކާރާއި އިދިކޮޅުގެ ވާހަކަތަކަށް ބަލާއިރު ކަރަޕްޝަނާއި އެފަދަ އެތައް ތުހުމަތެއް ވަނީ ފަޑިޔާރުންނަށް ނުކުރެވި ހުކުމްވެސް ކުރެވިފައެވެ. މިފަދަ ގޮތަކަށް އިތުބާރު ގެއްލިފައިވަނީ ވަނީ ހަމައެކަނި ފަޑީޔާރުންނެއްނޫނެވެ. ސަރުކާރުގެ ވުޒާރާތަކުން ފެށިގެން ގޮސް މިނިވަން މުއައްސަސާތަކާއި ދިފާއީ ބާރާއި ޕޮލިސް ސާވިސް އާއި މިފަދަ މުހިންމު އެތައް މުއައްސަސާއެއްގެ އެންމެ އިސްވެރިންތަކަކަށް މިވަނީ އެފަދަ މައްސަލަތަކާއި ގުޅިގެން ހުކުމްކުރެވިފައެވެ. އެހެންކަމުން، ދިވެހި މުޅި ޖީލުމިވަނީ ކަރަޕްޝަނާއި ފަސާދައިގެ ވަބާގައި ޖެހިފައިތޯ ސުވާލުކޮށްލުން މުހިންމެވެ. 


ކިޔުންތެރިންގެ ޚިޔާލު