18 އޮކްޓޯބަރ 2019 ( ހުކުރު )

banner

ވެރިކަން ގެއްލުމާއި ބްރިޖު

ދިވެހިންގެ ގިނަ ބަޔަކު ދެކެމުން އައި ހުވަފެން ހަގީގަތަކަށްވެ ހުޅުލެ އާއި މާލެ ބްރިޖަކުން ގުޅާލެވުމާއިއެކު އެބްރިޖު ތަރައްގީކުރުމުގެ ވިސްނުން ނުވަތަ ޕްލޭން އެކުވާލުމުގެ ޝަރަފުވެސް ހޯދުމަށް ގިނަ ބަހުސްތަކެއް ދަނީ ސޯޝަލް މީޑިއާގައި ކުރެވެމުންނެވެ. ފާއިތުވީ ތިން ސަރުކާރުންވެސް ބްރިޖުގެ ވާހަކަވަނީ ދައްކަވާފައެވެ. އަމަލީ މަސައްކަތް ނުކުރެވުނު ނަމަވެސް، ޕްލޭން ކުރުމާއި ކުރެހުމާއި ފައިސާ ހޯދުމަށް މަސައްކަތްކުރުންފަދަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މިއާއިއެކު، ޚާއްސަކޮށް ފާހަގަކުރެވުނު ކަމަކީ ބްރިޖުގެ ވާހަކަ ދައްކަވަން ފައްޓަވާއިރަށް އެސަރުކާރެއްގެ ވެރިކަން ނިމުމަކަށް އައުމެވެ. މާލެ ހުޅުލެ ބްރިޖެއްގެ ވާހަކަ އެންމެ ބާރަށް ދެކެވެމުން ގޮސްފައިވަނީ ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައެވެ.

އެގޮތުން، 2008 ވަނަ އަހަރުގެ ރިއާސީ އިންތިޚާބަށް ކުރިމަތިލީއިރު އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ގެ މެނިފެސްޓޯ ނުވަތަ ސިޔާސީ ވައުދުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ވައުދަކީ މާލެއާއި ހުޅުމާލެ ހުޅުލެ މެދުވެރިކޮށް ގުޅާލުމާއި ހުޅުމާލެ ތަރައްގީކުރުމަށް ގެންގުޅު ޕްލޭނެވެ. އެގޮތުން، މޫންބޭ މެރީނާ ނަމުގައި ވީޑިއޯއެއްވެސް ކެމްޕޭނުގައި ދައްކާލިއެވެ. އަދި ބްރިޖެއްގެ ވާހަކަ އެންމެ ގަދައަށް ދެއްކެވީވެސް ރައީސް މައުމޫނެވެ. ހަމައެކަނި ވާހަކަދެއްކެވީވެސް ނޫނެވެ. ހިސާބުވެސް ޖެއްސެވިއެވެ. އަދި އެކަމަށް 700 މިލިއަން ދިވެހި ރުފިޔާ (ގާތްގަޑަކަށް އޭރުގެ ނިސްބަތުން 54 މިލިއަން ޑޮލަރު) ދާނެކަމަށް އަންދާޒާވެސް ކުރެއްވިއެވެ. އެއާއިއެކު އެފަހަރު ބޭއްވުނު ރިއާސީ އިންތިޚާބުގައި ރައީސް މައުމޫނަށް ނާކާމިޔާބާއި ކުރިމަތިވިއެވެ.

އެއަށްފަހު، 2011 ވަނަ އަހަރު ފަހުކޮޅު އަނެއްކާވެސް އޭރުގެ ސަރުކާރުން ބްރިޖުގެ ވާހަކަ ދައްކަވަންފެށިއެވެ. 2011 ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ވަޒީރުންގެ ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވުމަށްފަހު މާލެ އާއި ހުޅުލެ ގުޅާލުމަށް ނިންމެވިއެވެ. އޭރުގެ ކުރެވުނު ދިރާސާތަކުން ދެއްކީ 70-100 މިލިއަން ޑޮލަރާއި ދޭތެރޭ އަގެއްގައި ބްރިޖް އެޅިދާނެކަމަށެވެ. އެއާއިއެކު އެސަރުކާރަކަށްވެސް މާކަގިނަ ދުވަހަކު ދެމިއެއް ނުއޮވެވުނެވެ.

އަލަށް އައި ސަރުކާރުން 2015 ވަނަ އަހަރު ފަހުކޮޅުގައި ބްރިޖްގެ މަސައްކަތް ފަށާ 3 އަހަރު ތެރޭ ބްރިޖު ނިންމާލީ 200 މިލިއަން ޑޮލަރަށެވެ. ރިއާސީ އިންތިޚާބަށް މަހަކަށްވުރެ ކުރުވެފައިވަނިކޮށް އެ ބްރިޖު ރަސްމީކޮށްހުޅުއްވައި މިދެއްވީ ރައީސް ޔާމީނެވެ. އެހެންކަމުން، ރައީސް ޔާމީނަށް މިއިންތިޚާބު ކާމިޔާބު ވެދާނެބާވައެވެ! ބްރިޖާއި ގުޅޭ އާކަމެއް ކުރައްވާ ކޮންމެ ބޭފުޅަކަށް މިވަނީ ވެރިކަން ގެއްލުމުގެ ބަދުނަސީބާއި ކުރިމަތިވެފައެވެ. މިކަން މިފަހަރު ބަދަލުވެދާނެ ބާވައެވެ.


ކިޔުންތެރިންގެ ޚިޔާލު