22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

3 އަހަރުގެ ރައީސަށް 3 ވަނަ މަހު 13 ވަނަ ދުވަހު 13 އަހަރަށް ޖަލަށް ލާން ހުކުން ކުރުން

ދުނިޔޭގެ އެތަށް ބައެއްގެ ލޮލުގައި އަޅައިގެންފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސަށް ކުރެވުނު ޝަރީއަތެވެ. އަވަސް އަރުވާލައިފައި ޝަރީއަށް ނިންމާފައިވަނީ އެކަށީގެންވާ ވަރަށް ވަގުތު ނުދީ ކަމުގައި އެއްބަޔަކު ބުނަމުންދާ އިރު އަނެއް ބަޔަކު ބުނަމުން ދަނީ އެއީ ރޭވުމަށް ކަމަށެވެ. ވަކި ދުވަހަކަށް ވަކި އަދަދަކުން ހުކުމް ކުރުން އިއްތިފާގަކަށް ނުވާނެ ކަމަށެވެ. ނަމަވެސް، އެ ޝަރީއަތާއި ކުރި ހުކުމާއި މެދު ހިތް ހަމަޖެހޭ އެކަމަށް އުފާ ކުރާ ބަޔަކުވެސް ވާކަން ގަބޫލު ކުރަން ޖެހެއެވެ. އެފަދަ ފަރާތްތަކުން ބުނަމުން ދަނީ އެއީ އިއްތިފާގެއް ކަމެވެ. ހަމަ ހަގީގަތުގައިވެސް އެއީ އިއްތިފާގެއް ބާވައެވެ. ނުވަތަ ބަޔަކު ރާވައިގެން ގެނެސްފައިވާ އަދަދު ތަކެއްތޯއެވެ. އެހެންކަމުން، 3 އަދި 13 އާއި ނަޝީދާއި ހުރި ގުޅުމަށް ބަލާލާނަމަވެ.

ދިވެހިރާއްޖޭގެ ތާރީޚުގެ ގިނަ ކަންތައްތަކެއް ޚާއްސަކޮށް ސިޔާސީ އަދި ދައްކަން ބޭނުންނުވާ ވާހަކަތަކެއް ގެއްލިފައިވީ ނަމަވެސް ސިޔާސީ ހަލަބޮލި ކަމަކީ އިއްޔެއަކު މިއަދަކު ހިގާ ކަމެއް ނޫނެވެ. ބޮޑު ހުޅާއި، އިގިރޭސިން ގެ ހިމާޔަތުގެ ދަށަށް ދިއުމާއި، ދެކުނުގެ ބަޣާވާތް ނުވަތަ މިނިވަންކަން އިއުލާން ކުރުމާއި، ފުރަތަމަ ޖުމްހޫރިއްޔާ އުވިގެން ދިއުމާއި، އެއަށްފަހު އައި ވެރިކަމުގެ ފުރަތަމަ ބޮޑު ވަޒީރު އިސްތިއުފާ ދިނުމާއި، ދެވަނަ ޖުމްހޫރިއްޔަގެ ފުރަތަމަ ރައީސްގެ އިސްތިއުފާއާއި އަދި މިނޫނަސް މިފަދަ އެތައް ކަމެއް ތަކުރާރުވެ ހިގައްޖެއެވެ. އެގޮތުން މިއަދު އަޅުގަނޑުމެން ވެސް މިދެކެނީ ސިޔާސީ ގޮތުން ހަމައަކަށް ނޭޅި އުޅޭ ދުވަސްވަރެވެ.

ދެވަނަ ޖުމްހޫރިއްޔާގެ 2 ވަނަ ރައީސްގެ 30 އަހަރުވީ ވެރިކަން ވެއްޓި 3 ވަނަ ރައީސް އިންތިޚާބު ކުރެވުނެވެ. އަދި އެ ވެރިކަމުގެ ފަހު ދުވަސްކޮޅު ހިގައި ދިޔަ ކަންތައްތަކާއި އެކު ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސްގެ 3 އަހަރުގެ ވެރިކަން ވެއްޓުނެވެ. ވެރިކަން ވެއްޓުމާއިއެކު ދައުވާ ކުރެވެން ފެށުނެވެ. ދައުވާ ކުރުމަށް 3 ފަޑިޔާރުންގެ ބެންޗެއް އެކުލަވާލެވުނެވެ. އެތިން ފަޑިޔާރުންގެ ބެންޗަށް 3 އަހަރު ކުރިން ހުށަހެޅިފައިވާ ދައުވާ ދައުލަތުން އަބުރާ ގެންދިއުމަށްފަހު އަލުން ހުށަހަޅާ 3 ހަފުތާ ތެރޭ ޝަރީއަތް ނިންމާލައި 3 ވަނަ މަހު ހުކުމް ކުރިއެވެ.

މިހުކުމް އައިސްފައިވަނީ 3 ވަނަ މަހު 13 ވަނަ ދުވަހު 23 ގަޑީ ގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން 13 އަހަރަށް ޖަލަށް ލުމަށެވެ.

އެހެންކަމުން، ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސްގެ 3 އަހަރުގެ ވެރިކަމަށްފަހު 3 ފަޑިޔާރުންނަށް 3 އަހަރު ކުރިން ހުށަހެޅުނު ދައުވާ ބަދަލު ކުރުމަށްފަހު 3 ހަފުތާ ތެރޭ ޝަރީއަށްކޮށް 3 ވަނަ މަހު 13 ދުވަހު 13 އަހަރަށް ޖަލަށް ލާން ހުކުން ކުރުމަކީ އިއްތިފާގަކަށް ވެދާނެ ބާވައެވެ. މިކަމަށް ނިންމުމެއް ނިންމާނީ ކިއުންތެރިންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު