A wide advertisement which will be shown on all devices. (700 x 100)

ރޯދަމަހުގެ ޢިނާޔަތް ދޭކަށް ނުޖެހެއެވެ!

މާލޭ ލޯކަލް މާރުކޭޓު - ރޯދަމަހު ކާބޯތަކެތީގެ ޑިމާންޑު އެތައް ތަނެއް ބޮޑުވޭ

ބަރަކާތްތެރި ރަމަޟާން މަހަކީ، ވީހާވެސް ބޮޑަކަށް މާއްދިއްޔަތުން އެއްކިބާވެ، ރޫޙާނިއްޔަތު ދިރުވަން ޖެހޭ މަހެކެވެ. މިއީ، އެމައްސަރުގެ އެންމެ ޚާއްޞަ ކަންތައް ކަމަށްވާ ރޯދައިގެ އެއް ޙިކުމަތެވެ.
އެހެންނަމަވެސް، ޒަމާނުއްސުރެ ކަން ހިނގާ މަގަކީ، ރޯދަމަހަކީ މާއްދިޔަތުގެ މަހަކަށް ވުމެވެ. އިސްރާފުގެ މަހަކަށްވުމެވެ. އަހަރުގެ އެހެން މަސްމަހަށްވުރެ، ޚަރަދު ބޮޑު މަހަކަށްވުމެވެ.
ޙަޤީޤަތަކީ، ރޯދަމަހަކީ އެހެން މަސްމަހަށް ވުރެ ޚަރަދު ކުޑަ ވާން ޖެހޭ މަހެކެވެ. ދުވާލު ނުކައި ނުބޮއެ ތިބެން ޖެހޭތީ ކެއިން ބުއިމުގެ ޚަރަދު ކުޑަ ވާން ޖެހޭނެއެވެ. މިކަމާ ޒުވާބުދޭ މީހުން ބުނެފާނެއެވެ. ރޯދަމަހު ދުވާލު ނުކެޔަސް ރޯދަވީއްލުމާއި ތަރާވީސް ދަމާއި ހާރުދަމުގައި ކެއުމުން ދުވާލު ގަޑީގައި ނުކައި ހުރުމުގެ ޚަރަދު ސަލާމަތެއް ނުވެއެވެ. ތެދެކެވެ. ޢާއްމު މަސްމަހުގައި ދިވެހިން ކައިބޮއި އުޅެނީ ތިން އިރުއެވެ. ރޯދަ މަހުވެސް ތިންއިރު އެބަ ކައެވެ. އެހެންވީމާ ޚަރަދު ކުޑައެއް ނުވާނެ ތާއެވެ. އަދި ނުވިތާކަށް ރޯދަމަހު ކާންޖެހެނީ އެހެން މަސްމަހުގައި ކާ ވަރަށް ވުރެ މީރުކޮށެވެ.

ސުވާލު އުފެދޭ ހިސާބަކީ މިއެވެ. ރަމަޟާން މަހުގައި ރޯދަވީއްލުމާއި ތަރާވީސް ދަމާއި ހާރުދަމުގައި އިރުކޮއްތު ކާވަރަށް ކާންޖެހޭ ހެއްޔެވެ. އަދި އެހެން މަސްމަހުގައި ކާވަރަށް ވުރެ މީރުކޮށް ކާންޖެހޭ ހެއްޔެވެ. ހަމަ ޔަޤީނުންވެސް މިއީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުން ސާބިތުވާ ކަމެއް ނޫނެވެ.

ރޯދަ ވީއްލުމަށްފަހު ގިނައިން ކެއުމަކީ ނޭދެވޭކަމެއްގެ އިތުރުން ޞިއްޙީގޮތުންވެސް ގެއްލުން ހުރިކަމެކެވެ. މުޅި ދުވާލު ހުސްބަނޑާ ހުރުމަށްފަހު ކުއްލިއަކަށް މާގިނައިން ކެއުމަކީ ޞިއްޙީ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވާނެ ކަމެކެވެ.

ރޯދަމަހަކީ ވީހާވެސް ގިނަގިނައިން އަޅުކަންކޮށް ނަހީކުރެއްވި ކަންތަކުން ދުރުހެލިވާން ޖެހޭ މައްސަރެކެވެ. އެހެންނަމަވެސް ހިތާމައަކީ ރޯދަމަހަކީ ނަހީކުރައްވާފައިވާ ކަމެއްކަމުގައިވާ އިސްރާފްކުރުމުގެ ބައި އެންމެ ބޮޑު މައްސަރު ކަމެވެ. ރޯދަ މަހަކީ ކުނިއުކާލާ މީހުނަށް ބުރަ ބޮޑުމަހެކެވެ. ޢާއްމު މަސްތަކާ އަޅާބަލާއިރު ރޯދަމަހުގައި ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެތީގެ ނިސްބަތް އެތައް ގުނައެއް އިތުރެވެ.

ކާބޯތަކެއްޗަށް ކުރާ ހޭދައިގެ އިތުރުން ރޯދަމަހަކީ އެހެނިހެން ޚަރަދުތައްވެސް ބޮޑުމަހެކެވެ. ކިތަންމެ ނުފޯރާ މީހެއްވިޔަސް ރޯދަމަހަށް ބަދިގޭ ކަބަޑުސެޓު އައު ކުރަން ޖެހެއެވެ. މިކްސަރާއި ބްލެންޑަރާއި އަވަން ހަމަ އައު ކުރަން ޖެހެއެވެ. ފޮށި ޓީވީ ފަތިކުރަން ޖެހެއެވެ. ކުދިވެރިންނަށް އެންމެފަހުގެ ގޭމް ކޮންސޯލާއި ގޭމްތައް ހޯދަންޖެހެއެވެ. ރޯދަމަސް ކައިރިވާއިރު މާލޭ ޚާއްޞަކުނި ޖަމާކުރާ ކޮށި ހީވާނީ ސެކަންޑް ހޭންޑް މުދާ ވިއްކާ ފިހާރައެއް ހެންނެވެ. އެހާވެސް ތިޔާގި ވާނެއެވެ.

އަޅުގަނޑުދެކޭގޮތުގައި ރޯދަ މަހާ ގުޅުވައިގެން ކުރާ މިފަދަ އިސްރާފުތައް ހުއްޓާލަންޖެހެއެވެ. ރޯދަ މަހާ ގުޅުވައި ޚަރަދުތައް ބޮޑުކުރާކަށް ނުޖެހެއެވެ. އަދި، މިއިސްރާފުތަކަށް ހިތްވަރު ލިބޭގޮތަށް، ދައުލަތުގެ ސިޔާސަތުތައް ކަނޑައެޅިގެން ނުވާނެއެވެ. ރޫޙާނިއްޔަތު ދިރުވަން އޮންނަ މަހަކާ ގުޅުވައިގެން ކޮންސިއުމަރިޒަމަށް ހިތްވަރު ދެވިގެން ނުވާނެއެވެ. މާނައަކީ، ރޯދަމަހާ ގުޅުވައި އިތުރު އެލަވަންސްއެއް ވެސް ދޭކަށް ނުޖެހެއެވެ.
ރޯދަމަހު އެލަވަންސް ދިނުމަކީ ވަރަށް ޚިޔާލުތަފާތު މައްސަލައެކެވެ. ސަބަބަކީ ރޯދަމަހު އެލަވަންސް ދޭއިރު ރާއްޖޭގައި މަސައްކަތްކުރާ ޣައިރު ދީނުގެ މުވައްޒަފުންނަށްވެސް އެ އެލަވަންސް ދޭންޖެހެއެވެ. އެހެން ނަހަދައި ހަމައެކަނި ރާއްޖޭގެ މީހުނަށް އެލަވަންސް ދޭނަމަ ތަފާތުކުރެވުނީއެވެ. އެއްވެސް މީހެއްގެ ޤައުމީ ނިސްބަތަށް، ދީނަށް ނިސްބަތްކޮށް ޑިސްކްރިމިނޭޓް ކުރެވިގެން ނުވާނެއެވެ. ދެވަނަ ސަބަބަކީ އެންމެންނަށް (ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް) ރޯދަމަހުގެ ޢިނާޔަތް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

އެހެންކަމުން ރޯދަމަހާ ގުޅުވައިގެން ޚަރަދު އިތުރުކުރާކަށް ނުޖެހެއެވެ. ރޯދަމަހާ ގުޅުވައިގެން ޢިނާޔަތް ދޭކަށް ނުޖެހެއެވެ. ރޯދަމަހަކީވެސް އެހެނިހެން މަސްތަކެކޭ އެއްގޮތަށް ނުވަތަ އެއަށް ވުރެ ކުޑަކޮށް ޚަރަދުތައް ކުރަންޖެހޭ މަހެކެވެ. ރޯދަމަސް ޚާއްޞަކުރަންޖެހެނީ ތިމާގެ އަޅުކަމުންނެވެ. ފައިސާއިން ކުރާ ހޭދައަކުން ނޫނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !