17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ދައުލަތުގެ އެންމެ އިސް ބޭފުޅުން. ފުވައްމުލަކު ރައްޔިތުންނާއި އެކު. ފައިލް ފޮޓޯ

ޢިއްޒަތްތެރި ރައީސެވެ! ލާމަރުކަޒީ ޤާނޫނު އުވާލައްވާށެވެ!

ރާއްޖޭގެ ދުވަހު ނޫސްތަކުގެ ފަލަ ސުރުޚީގައި އިއްޔެ އޮތީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫއަށް ވަޑައިގެން މެގަ ޕްރޮޖެކްޓްތަކެއް އިޢުލާންކުރެއްވި ވާހަކައެވެ. ބޮޑު މަގާއި، ނަރުދަމާ އާއި، ބިން ހިއްކުމާއި މިފަދަ އެތައް މަޝްރޫޢެކެވެ. މިއީ، ދައުލަތުގެ ޚަރަދުގައި ވަޑައިގެން، ކުރިޔަށްއޮތް ކައުންސިލްގެ ބައި އިލެކްޝަނަށް ޖެއްސެވި ކެމްޕޭން ސްޓަންޓެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.
އެހެން ނަމަވެސް ދިވެހިރާއްޖޭގެ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގައި، އިދާރީ ދާއިރާތައް ހިންގައި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލައި ހިންގުމަށް މަތިކޮށްފައިވަނީ އެ ދާއިރާއެއް ނިސްބަތްވާ ކައުންސިލަށެވެ. އައްޑުއަށް ސިޓީގެ ދަރަޖަދެވި، ސިޓީ ކައުންސިލެއް އިންތިޚާބުކޮށް އެކައުންސިލް ހިންގަން މޭޔަރަކު ހޮވައި، އޭނާގެ ދަށުން މަސައްކަތްކުރާނޭ ސިވިލް ސާވެންޓުން ކަނޑައަޅާފައި އެބަ ތިއްބެވެ. މިއެންމެންގެ މައްޗަށާއި ކައުންސިލްގެ އެހެން ބޭނުންތަކަށް ދައުލަތުން ޚަރަދު ހިނގައެވެ. އެހެންނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގައި، ވަކި މޫސުމަކާ ދިމާކޮށް އިޢުލާނު މިކޮށްލަނީ “މައި ސަރުކާރުން”ނެވެ. ސިޓީގެ ލަޤަބު ލިބިގެން މޭޔަރަށް އޮތީ ވަރުގަދަ ނަމަކާއެކު، ވިހާމަރުވާ ފޯމު ބަލައިގަތުމާއި މަސްރިޕޯޓު ފޮނުވުމެވެ.
އަޅުގަނޑުވެސް އެއްބަހެވެ. އާސިއާން ޤައުމަކުން ނަމޫނާ ނަގައިގެން ރާއްޖޭގެ މާޙައުލަށް ފައްތަން މަސައްކަތްކޮށްފައިވާ ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރާ ގާތަށްވެސް، އެއްވެސް ކައުންސިލަކަށް އަދި މިހާތަނަކަށް މަސައްކަތްކުރެވިފައެއް ނުވެއެވެ. ތަރައްޤީގެ ޕްލޭންތައް އެކުލަވާލައި، ތަރައްޤީގެ މަޝްރޫޢުތަކެއް ކައުންސިލްތަކަކުން ނުހިންގެއެވެ. އެކަމަކު އެހެން އެވަނީ ކީއްވެގެން ހެއްޔެވެ. ބައެއް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައި އޮންނަ ޢަދަދު އިންތިހާއަށް ކުޑައެވެ. ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މުސާރަ ކަނޑާފައި ދެން އޮންނާނީ ބައިލައްކައެއްހާ ރުފިޔާއެވެ. ދެން ހިންގޭނީ ކޮން ތަރައްޤީގެ މަޝްރޫޢެއް ހެއްޔެވެ.
އަނެއްކޮޅުން އިހަކަށް ދުވަހު އެ ތަޞްދީޤުކުރެއްވި ޚާއްޞަ އިޤްތިޞާދީ ދާއިރާ ތަކުގެ ޤާނޫނަކީ ލާމަރުކަޒީ ޤާނޫނާ ސީދާ ފުށުއަރާ ޤާނޫނެކެވެ. ފާޑުކިޔުންތެރިންގެ ނަޒަރުގައި، “ސޯއީޒީ” ޤާނޫނަކީ ލާމަރުކަޒީ ޤާނޫނު “އޮޅާލި” ޤާނޫނެކެވެ. ދައުލަތުގެ މައި ބަޖެޓުން ދޭ އެއްޗަކުން ދެކޮޅު ނުޖެހިގެން އުޅޭއިރު، ކައުންސިލްތަކުގެ ދާއިރާތަކުން ލިބެން އޮތް އާމްދަނީ ވެސް ނިގުޅައިގަންނަ ޤާނޫނެކެވެ.
މިހިރަ މިހިރަ ކަންތަކަށް ބަލާއިރު، ރައީސް ޔާމީންގެ ސަރުކާރުގެ ވިސްނުންހުރީ، ލާމަރުކަޒީ ކުރުމަށްވުރެ މަރުކަޒީކޮށް ހިންގުމަށެވެ. ނިޒާމީ ގޮތެއްގައި ކަންތައް ކުރައްވަމުން ގެންދަވަނީ، ކައުންސިލަރުންނަކީ އެއްވެސް އާރެއްބާރެއް ނެތް ބަޔަކަށް ހެދުމަށެވެ. ކޮންމެ ދުވަހަކު ހެނދުނު އަށެއް ޖަހާއިރަށް އޮފީހަށް ގޮސް ސަރުކާރުން ދޭ ޓެމްޕްލޭޓަކަށް ސިޓީ ޖަހާލާފައި ތިނެއް ޖެހީމަ ގެއަށް ދާ ބަޔަކަށް ހެދުމަށެވެ.
ޢިއްޒަތްތެރި ރައީސެވެ. އެހެން ހައްދަވާނެ ކަމެއް ނެތެވެ. ތިޔަ ކުރައްވާ ކެމްޕޭންވެސް ކުރައްވާނެ ކަމެއް ނެތެވެ. މިހާރު ހުރިހާ ބާރެއް އަތްޕުޅުގައި އެބައޮތެއް ނޫންތޯއެވެ. މަނިކުފާނު ޕާޓީގެ ޕީޖީ ލީޑަރު ވިދާޅުވާހެން “އެއް ޝޮޓުން” ލާމަރުކަޒީ ޤާނޫނު އުވާލައްވާށެވެ. މާލޭ ބޭބޭފުޅުން އަތޮޅުތަކުގެ އަތޮޅުވެރިންނަށް ފޮނުއްވާށެވެ. ކޮންމެހެން ނަމެއްގައި ލާމަރުކަޒީ ޤާނޫނެއް ބާއްވައިގެން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުކުރާނެ ކަމެއް ނެތެއް ނޫންތޯއެވެެ!

banner

ކިޔުންތެރިންގެ ޚިޔާލު