22 ޖުލައި 2019 ( ހޯމަ )

ފުވައްމުލައް: ފޮޓޯ ފުވައްމުލައް މޯލްޑިވްސް އެފްބީޕޭޖް

ފުވައްމުލައް: ތަފާތު ރަށެއް، އަތޮޅެއް

ދުނިޔޭގެ ދެބާހަމައިން ދެކުނަށް ރާއްޖޭގައި އޮންނަ އަތޮޅަކީ ނުވަތަ ރަށަކީ ފުވައްމުލަކެވެ. އެއީ ޖޯގުރަފީގޮތުން ބަލާއިރު އެއްރަށެއް ކަމުގައި ހިމެނޭ ހަމައެކަނި އަތޮޅެވެ. ރާއްޖެ އުފެދުމުގެ ގޮތުން 26 އަތޮޅަށް ބެހިފައިވިކަމުގައިވިޔަސް ސަރުކާރުން އިދާރީގޮތުން 20 އަތޮޅަށް ބަހާލާފައިވެއެވެ.

ކުރިން ވަކި އަތޮޅުތަކެއް ކަމުގައި ހިމެނުނު ކާށިދޫއާއި މަކުނުދޫ ފަދަ ރަށްތަކަކީ ވަކި އަތޮޅުތަކެއްކަމުގައި ވިޔަސް ސިޔާސީ ގޮތުންނާއި ޖޯގުރަފީގޮތުން ހަމައެކަނި އެއްރަށަކަށް ނިސްބަތްވާ އަތޮޅަކީ ފުވައްމުލަކެވެ.

ރާއްޖޭގެ ގިނަ ރަށްތަކާ ޚިލާފަށް ފަޅެއްނެތި، ރަށް ވަށައިގެންބިޔަ ރާޅު އަރަމުންދާ ފުވައްމުލަކުގެ ނަމަށް ބަލާއިރު، އެ ނަން އެ ރަށަށް ދެވިފައިވަނީ އެރަށުގައި ގިނަޢަދަދަކަށް ފެންފޯއް ހެދޭތީ ކަމަށް ބައެއް ތާރީހީ ލިޔުންތަކުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އެހެން ރަށްތަކުގައި ވާހަކަދައްކާ ބަހާއި ތަފާތު ބަހަކުން ވާހަކަ ދައްކަމުން ގެންދާ ފުވައްމުލަކަކީ، އާސާރީ ގިނަ ތަންތަން ހިމެނޭ، ފާހަގަ ކޮށްލެވޭ ދިގު ތާރީޚެއް އޮންނަ ރަށެކެވެ. އެރަށުގެ މީހުންނަށް އިސްލާމްދީން އުނގަންނަވައިދެއްވީ އައްޑުއަތޮޅު މީދޫ މީހެއްކަމަށް ބުނެވެއެވެ. މިރަށަކީ އެޒަމާނުގެ ބުދުދީނުގެ ބޮޑެތި ފައްޅިތަކެއް ހިމެނޭ، ތާރީޚީ ރަށެކެވެ. އަދި މިހާރުވެސް އެތަންތަނުގެ ނިޝާންތައް މިރަށުގެ އެކި ހިސާބުތަކުން ފެންނަން އެބަ ހުއްޓެވެ. މިހާރު މިރަށުން ފެންނަން ހުރި ތާރީހީ އެންމެ މުހިއްމު ތަނަކީ، އެރަށުގެ މީހުން އިސްލާމްވުމުން އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްކަމަށްވާ ގެއްމިސްކިތެވެ. މިހާރުވެސް އެ މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކުރުމަށްފަހު ބޭނުން ކުރަމުންދެއެވެ. އަދި އެމިސްކިތާއި ދުރުނޫން ހިސާބެއްގައިވާ ހަވިއްތައަކީ މިރަށު މީހުން އިސްލާމް ވުމުގެ ކުރިން ބުދު ފައްޅިއެއްގެ ގޮތުގައި ބޭނުންކުރެވުނު ތަނެއްކަމުގައި ބުނެވެއެވެ. މިހާރުވެސް އެ ހަވިއްތައާއި އެކު އެހިސާބުގައި ކުދި ހަވިއްތަތަކެއް އެބަހުއްޓެވެ. މަޝްހޫރު ތާރީހީ ޢިލްމުވެރިއެއްކަމަށްވާ އެޗް.ސީ ޕީ. ބެލް 1922ވަނަ އަހަރު އެރަށަށް ޒިޔާރަތްކޮށް ހަވިއްތައާއި ބެހޭދިރާސާއެއް ކޮށްފައިވެއެވެ. މިރަށުގައި މިހާރު ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ކެޑޭރެ މިސްކިތަކީވެސް ދިގު ތާރީހެއް އެކުލެވިފައިވާ ޒަމާންވީ މިސްކިތެކެވެ. މިފަދަ އެތައް ތާރީހީ ތަނެއް މިރަށުގައި ވެއެވެ.

ރޯދަމަހާއި ދިމާކޮށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފުވައްމުލަކަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ނަހައްދާ ވަރަށް ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީ ހައްދައެވެ. މިގޮތުން ނާރިންގާއި، އޮރެންޖް އަދި އަލަނާސި އެއީ މިރަށުގައި ހައްދާ ބާވަތްތަކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެ، އެތައް ބަޔަކު މަރުވެގެން ދިޔައެވެ. ނަމަވެސް އެކަމުގެ އަސަރު އެންމެ ކުޑަކޮށް ކުރިބަޔަކީ ފުވައްމުލަކު މީހުން ކަމުގައި އެދުވަސްވަރުގެ ގިނަ މީހުން ބުނެއެވެ. ސަބަބަކަށްވީ އޭރުވެސް ފަލަމަޑީގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާ ހައްދާތީއެވެ. ދެކުނުގެ ދެ އަތޮޅު ކަމަށްވާ އައްޑު އަތޮޅާއި ހުވަދު އަތޮޅަށްވެސް އެދުވަސްވަރު ކާބޯތަކެތި ފުވައްމުލަކުން ގެންގޮސްފައިވާކަމަށް ބުނެއެވެ.

އާބާދީގެ ގޮތުން މިހާރު ބާރަ ހާހަށްވުރެ މައްޗަށްގޮސްފައިވާ އެރަށުގައި 1836ވަނަ އަހަރުގައިވެސް 350 މީހުން ދިރިއުޅުނެވެ. މިހެން ކަމުން އެއީ ކުރީއްސުރެ އާބާދީ ބޮޑު ރަށެކެވެ. ރަށް އުފެދިފައިވާ ގޮތުން ރަށް އެންމެ ފުރަތަމަ ބަހާލެވުނީ ނުވަ އަވަށަށެވެ. ނަމަވެސް ފުރަތަމަ ޖުމްހޫރިއްޔާގެ ދުވަސްވަރު، އޭރުގެ ރައީސް މުހައްމަދު އަމީން މިރަށް އަށް އަވަށަކަށް ބައްސަވާލެއްވިއެވެ.

މިރަށުގައި އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. ކުރީ ޒަމާނުގެ އާބާދީގެ ބޮޑު ބައެއް ދަނޑުވެރިކަން ކުރިކަމުގައިވިޔަސް މިހާރު ކުރިއާއި އަޅާ ބަލާއިރު ދަނޑުވެރިކަން ކުރަނީ ނިސްބަތުން މަދު ބައެކެވެ. މިރަށަކީ މަސްވެރި ރަށެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ވޭތުވެދިޔަ ދިގު ތާރީހުގައި މަސްވެރިކަމުގައި ރަނގަޅު އާމްދަނީއެއް ނުވަތަ ކާމިޔާބެއް ލިބިފައި ނެތުމެވެ. ނަމަވެސް މިހާރު މިރަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބޮޑެތި ދޯނިތަކެއްދަނީ ހަރަކާތްތެރިވަމުންނެވެ.

ފުވައްމުލަކަކީ ޒަމާނުއްސުރެ ފެށިގެން ގުރުއާނުގެ ރޮނގުން އެހެން ރަށްރަށަށްވުރެ ކުރީގައި އުޅޭ ރަށެކެވެ. އެންމެ ގިނަ ހާފިޒުން އެރަށަކުން އުފަންވެފައިވާ ރަށެކެވެ. މިހެންކަމުން ފުވައްމުކައް އެއީ ތަފާތު ރަށެކެވެ. ތަފާތު އަތޮޅެކެވެ.


ކިޔުންތެރިންގެ ޚިޔާލު