A wide advertisement which will be shown on all devices. (700 x 100)

މިނިވަން ދުވަސް: މިނިވަންކަމެއް އިހުސާސެއް ނުކުރެވެނީ…

މި މިނިވަންދުވަހު މިނިވަންކަމުގެ އުފަލެއް ނުލިބޭ!

ސްމޭޝް- ކިޔުންތެރިއެއް

މިއަދަކީ ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުން މިނިވަންވިތާ 50 އަހަރު ފުރޭ ދުވަހެވެ. ފުވައްމުލަކަށް ވެސް ނިސްބަތްވާ އިބުރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދިން ނަމަވެސް އެމަނިކުފާނާއި މެދު ދެން އައި ރައީސް މައުމޫނުގެ ވެރިކަމުގައި ކަންތައް ވެގެން ދިޔައީ އިންތިހާއަށް ހިތްދަތިކުރުވާ، ދުށްމިނެއްގެ ލޮލުން ވެސް ކަރުނަ ފާއްދާލާ ފަދަ ނިކަމެތި ގޮތަކަށެވެ. އަމިއްލަ ގައުމުގައި ނުހުރެވި ޖާނު ސަލާމަތްކުރުމަށް ސިންގަޕޫރަށް ހިޖުރަކުރެއްވީއެވެ. މާލު ސަރުކާރަށް ހިފީއެވެ. އަމަލުކުރީ ހަޑިހުތުރު ގޮތްގޮތަށް ކާޓޫނާއި ލަވަޔާއި މުޒާހަރާތަކުނެވެ.

މިއީ މިނިވަންކަން ހޯދައިދިން ފަރާތާއި މެދު ދިވެހި ދައުލަތުން އެއިރު އަމަލުކުރި ގޮތަށްވާ ހިނދު އެއީ އުފާކުރަން އަޅުގަޑު އެދޭ ކަމެއް ނޫނެވެ. ގޮތެއްވެސް ނުމެ ނޫންމެއެވެ. މިނިވަންކަން ހޯދައިދިން ފަރާތުގެ “ބޮލަށް ފައިން އަރާފައި” މިނިވަންކަމުގެ އުފާފާޅުކުރާ ކަމުގެ ގޮތްދައްކާ މީހުން ވެސް އުޅޭނެކަމީ ދުނެޔޭގެ ހަގީގަތެއްކަން އަޅުގަޑުވެސް ގަބޫލުކުރަމެވެ. އެކުގައި އުޅޭ ރަޙުމަތްތެރިޔާގެ ހުރިހާ ފައިދާއެއް ނަގާފައި އޭނާގެ ބޮލަށް ފައިން އެރުން ނުވަތަ އޭނާގެ ދުވަސް ދުއްވާލުން އެއީ މިދިވެހި ފަސްގަޑުން މަދުން ނަމަވެސް ފެންނަ ކަންތައްތަކެވެ. ހަމަގައިމުވެސް އެކަމާ އަޅުގަޑު ފަޚުރެއް ނުވަމެވެ. މިނިވަންކަން މިއަދު އިޙުސާސު ނުވަނީ މިއުސޫލު އިޔާދަވާކަމަށް ފެންނާތީއެވެ.

ދެން ތަންކޮޅެއް ފަހުގެ ހާލަތަށް ފިކުރު ހިންގާލާއިރު ތަފާތު ފެނި، މިނިވަންކަމުގެ ރަހަ އޭގެ އަސްލު މިނުން ލިބެން ފެށުނުކަމަށް އިހުސާސު ކުރެވެން ފެށުނެވެ. މިރާއްޖޭގެ ތާރީޚު ދުށް އެންމެ މިނިވަން ދައުލަތް އުފެދިގެން ދިޔައީ 2008ގައި ރައީސް ނަޝީދުގެ ވެރިކަން ފެށުނު ހިސާބުން ކަމަށް އަޅުގަޑު ގަބޫލުކުރަމެވެ. އެންމެ އާދައިގެ ނިކަމެތި މީހާވެސް އޭނާގެ ހައްގުތަކާއި މިނިވަންކަން ހޯދުމަށް އަޑުއުފުލީ ބިރެއް ފަސްޖެހުމެއް ނެތިއެވެ. ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ނުހައްގުން އަނިޔާ ނުލިބޭނެކަމާއި، އުމުރު ހޭދަކުރަން ނުޖެހޭނެކަން އަމިއްލައަށް ވެސް ގަބޫލު ކުރެވިގެންނެވެ. ދިވެހި މިނިވަން މާހައުލުގައި ރައްޔިތުމީހާއަކީ ވެރިކަމުގެ ފެށުން ކަމަށް ވިސްނެން ފެށިއެވެ. ވެރިމީއާއަކީ ރައްޔިތުމީހާގެ ޚާދިމުން ކަމުގައި ބެލެވެން ފެށި، މިނިވަންކަމުގެ އުޖާލާ މުޅިން އައުބާބެއް މިދިވެހި ބިމަށް ގެނެސްދެމުންނެވެ. ނަމަވެސް އެކަން މާކަ ގިނަ ދުވަހަކު ދެމިނޯވެ ބީވެގެން ދިޔައީއެވެ.

މިއަދުގެ ހާލަތަށް ވިސްނަމާ ހިނގާށެވެ. އަޅުގަޑުމެން އެންމެންގެ މިނިވަންކަމަށް ޖާނާއި މާލުން ގުރުބާންވި އެތައް ދިވެހި ދަރިންނެއް ނުހައްގުން ހިފާ ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ. މިނިވަންކަމަށް ޚަރަދުކުރާހެން ހީވާ ވިޔަފާރިވެރިން ވެސް ބަނގުރޫޓުކޮށް “ކުޑަކަކޫ މައްޗަށް” ތިރިކުރުވަނީއެވެ. މިނވަންކަމުގެ އަޑުއުފުލަން ގެންގުޅުނު ލައުޑު ސްޕީކަރުތައް ވެސް ވަނީ “ކުޑަގޮޅީ”ގައެވެ. މިނިވަންކަމުގެ އަޑު އިއްވަން ދުއްވި ޕިކަޕުތަކާއި ލޮރީ، ދޯނިފަހަރުތައް ހިފަހައްޓައި ބަންދުކުރަނީ އެވެ. މިނިވަންކަމަށް އަޑު އުފުލުމުން ޓެރަރިސްޓަކަށް ވެސް ހަދަނީއެވެ. ވަޒީފާގައި އުޅޭންޏާ އަޅުވެތިކަން ގަބޫލުކުރަން މިއަދު މަޖުބޫރު ކުވަމުން ދަނީ އެވެ. ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކަށް އަމިއްލަ ފޭސްބުކު އެކައުންޓެއްގައި ވެސް މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރާކަށް ނުކެރެނީ ވަޒީފާ ގެއްލިދާނެކަމުގެ އިންޒާރަށެވެ. ހިތާއި ދެކޮޅަށް ވެސް ކުލަބޮކިލާންށާއި، “މަތިން އަންނަ” އޯޑަރުތަކަށް ޖަލްސާތަކަށް ދަނީ ހާޒިރީ ބަލާފައި ކަނޑާލި މުވައްޒަފުންނަށް ވީގޮތް ތިމާއަށް ވެ ތިމާގެ އާއިލާ ބިކަވުމަށް ނޭދޭތީއެވެ. މިއީ މިއަދުގެ މިދިވެހި ޖައްވުގެ ޙާލަތެވެ. މިހާލަތުގައި ހަމަޔަގީނުންވެސް އަޅުގަޑަކަށް މިނިވަންކަމެއް އިޙުސާސެއް ނުކުރެވެއެވެ. މިކަނ އަޅުގަޑަށް ސިފަކުރެވެނީ ހޮޅިން ދިވެހި ރައްޔިތުންގެ ކަރަށް ގަދަކަމުން “ރާ އެޅި” ފަދަކަމެއްގެ ގޮތުގައެވެ.

މިފަދަ އަޅުވެތިކަމެއްގެ ހަރުކަށިކަމާއި ދެކޮޅު ހަދަން ކެރެނީ މަދު ދިވެއްސަކަށެވެ. އެމީހުން މިއަދު އެތިބީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި އޮބަހައްޓާފައެވެ. ބައެއްމީހުން އަތުނުޖެހެން ވެގެން އަމިއްލައަށް އަރުވާލެވިގެން މިއަދު އެތިބީ އެއްކަލަ އިނގިރޭސިންގެ މިނިވަންކަމުގެ ހިޔަލުގައެވެ. ދައުލަތުގެ ދެވަނައަށް އެންމެ އިސްމީހާ ނާއިބު ރައީސް ވެސް (މިހާރުވަކި ކުރެވިފައި) ހުރީ އިނގިރޭސިންގެ މިނިވަންކަމުގެ ހިޔަލުގައި އަރުވާލެވިގެންނެވެ. ވީއިރު ކިތަންމެ ކުލަބޮއްކެއް ވެރިރަށް މާލޭގައި ދިއްލިޔެއްކަމަކު މިނިވަންކަމުގެ އިޙުސާސެއް އަޅުގަނޑަށް ނުލިބެނީ މިދެންނވި ސަބަބުތަކާހެދިއެވެ. ގިނަ ދިވެހިންގެ ބަހުން އެމީހުން މިއަދު މިތިބީ ގޮތްހުސްވެ އަޅުވެތިކަން ވެސް “އޯކޭ” ކޮށްލައިގެން، މިނިވަންވުމުގެ ފުރުސަތަކަށް ބަލަބަލައެވެ. ހިތާހިތާ އަޅުގަޑަށް ވެސް ސުވާލު ކުރެވެނީ މިއީ އަޅުގަޑުގެ ވެސް ހާލަތު ނޫން ބާވައެވެ؟ 

ވީއިރު މިނިވަންކަމުގެ އިހުސާސު ތިބާއަށް ކުރެވެނި ކިހިނެތް ހެއްޔެވެ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !