A wide advertisement which will be shown on all devices. (700 x 100)

ނާއިބު ރައީސްގެ ޒިންމާ އަކީ ބަޣާވާތްކުރުން ބާ -1

ރާއްޖޭގެ 2 ވަނަ ނާއިބު ރައީސް، ވަހީދު

ދިވެހިރާއްޖޭ ޖުމްހޫރީ ވެރިކަމުގެ 47 އަހަރުގެ ހަޔާތުގެ ގާތްގަޑަކަށް 37 އަހަރު ވެރިކަން ކޮށްފައިވަނީ ނާއިބު ރައީސުން ނުހިމަނައިއެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ނާއިބު ރައީސުންނަށް އިތުބާރު ނުކުރެވެނީއެވެ. ނޫނީ ނާއިބު ރައީސުން ނުފޫޒު ގަދަކޮށް ވެރިކަމަށް ވެރިވެގަތުގެ ބިރު ބޮޑުވުމެވެ. އަދި ނާއިބު ރައީސް ވެރިކަމާއި ހަވާލުވެފައިވާ މަންޒަރު އަޅުގަނޑުމެންނަށް ފެނިފައިވެސް ވެއެވެ. އެހެންކަމުން ނާއިބު ރައީސުންގެ ޒިންމާއާއި މެދު ސުވާލު އުފެދެއެވެ. އެއީ އަނެއްކާ ބަޣާވާތް ކުރުމަށް އައްޔަން ކުރެވޭ ބައެއް ނޫންބާވައެވެ.

ދިވެހި ތާރީޚަށް ނަޒަރު ހިންގާލާއިރު ދިވެހި ޖުމްހޫރިއްޔަތުން  ފަސް ނާއިބު ރައީސުންނާއި ބޮޑު ވަޒީރެއް ގެ ތާރީޚު ފެނެއެވެ. އެ ހަ ބޭފުޅުންގެ ތެރެއިން ފަސް  ބޭފުޅުންގެ އިޚްލާސްތެރިކަމާއި މެދު ސްވާލުތަކެއް ވަނީ އުފައްދާފައެވެ. އެފަސް ބޭފުޅުންގެ ތެރެއިންވެސް ފާއިތުވީ 7 އަހަރު ތެރޭ ހަތަރު ނާއިބު ރައީސުން ފެނުން ވެގެން ގޮސްފައި ވަނީ އާ ކަމަކަށެވެ. 

އެގިވަޑައިގަންނަވާނޭ ފަދައިން ދިވެހިރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ގޮސްފައިވަނީ 1953 ވަނަ އަހަރުގައެވެ. މުހައްމަދު އަމީން ދީދީ ގައުމުގެ ވަލިއްޔުލް އަމްރުގެ މަގާމާއި ހަވާލުވެ ވަޑައިގަތީ ރައީސެއްގެ ހައިސިއްޔަތުންނެވެ. ނާއިބެއްގެ ގޮތުގައި ހޮވިވަޑައިގަތީ ވެލާނާގެ އިބްރާހިމް މުހައްމަދު ދީދީއެވެ. އަމީން ދީދީގެ ވެރިކަން 8 ވަރަކަށް މަސްތެރޭ ހިތާމަވެރި ގޮތަކަށް ނިމިގެން ދިއުމާއި އޭރުގެ ނާއިބު ރައީސާއި ގުޅުވައިގެން ވާހަކަ ދެއްކެވި ބޭފުޅުންވެސް މަދެއް ނޫނެވެ. ނަމަވެސް އެކަމުގައި ޚިޔާލު ތަފާތުވުން ތަކެއް ގައުމުގައި އޭރުވެސް މިހާރުވެސް އެބައޮތެވެ.

އެއްބަސް ވެވޭ ހަގީގަތަކީ މުހައްމަދު އަމީން ދީދީ ރާއްޖެ ވަޑައިގަތުމުން އަމީން ދީދީގެ ހިމާޔަތަށް އެމަނިކުފާނު  ވިހަމަނާފުއްޓަށް (ކުރުބާ ވިލެޖް) ފޮނުއްވާ ލެއްވީ އޭރުގެ ނާއިބު ރައީސް ވެލާނާގޭ އިބްރާހިމް ދީދީއެވެ. އަދި އަމީން ދީދީ އިބްރާހިމް ދީދީ އަށް ނާންގަވާ އެހެން ބައެއް ބޭފުޅުންގެ އެހީތެރިކަމުގައި ވާލެ ވަޑައިގަތުމާއިއެކު ހަވަރު ނިކުމެ ހަވާރަކޮށްލީއެވެ. މިހިތާމަވެރި ހާދިސާ ހިގާދިޔުމާއި އޭރުގެ ނާއިބު ރައީސާއި ބަޔަކު ގުޅުވި ނަމަވެސް، ނާއިބު ރައީސް އަބުރާ ވެރިކަމަކަށް ވަޑައި ނުގަންނަވައެވެ. ނަމަވެސް، ބަސްއަހާ ދިވެހިން ތަކެއް ރައީސްއާއި ދެކޮޅަށް ނިކުމެވޭނީ ސަރުކާރުގެ އިސް ކޮންމެވެސް ބައެއްގެ އެހީތެރިކަމާއިއެކުގައި ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ.

(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !