A wide advertisement which will be shown on all devices. (700 x 100)

ދިވެހިރާއްޖޭގެ ނާއިބު ރައީސުންގެ ދައުރަކީ ބަޣާވާތްކުރުން ބާ – 2

ދެވަނަ ފަހަރަށް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖެ ބަދަލުވެފައިވަނީ 1968 ވަނަ އަހަރު ނޮވެމްބަރ 11 ވަނަ ދުވަހުއެވެ. އެއަށްފަހު 1972 ވަނަ އަހަރު އަހުމަދު ޒަކީ ބޮޑު ވަޒީރަކަށް އައްޔަން ކުރެވުނެވެ. ނަމަވެސް، ޒަކީ އަށް ވެސް އެމަގާމުގައި މާކަ ގިނަ ދުވަހަކު ދެމިއެއް ނުހުރެވުނެވެ. އެންމެ 3 ވަރަކަށް އަހަރު ފަހުން އާދެ! 1975 ވަނަ އަހަރު އަހުމަދު ޒަކީ ބޮޑު ވަޒީގެ މަގާމުން ދުރުކުރެވުނެވެ. ޒަކީވެސް މަގާމުން ދުރުކުރެވުނު ކަމަށް ބުނެވެނީ ސިޔާސީ ގޮތުން ބާރު ގަދަ ވެދާނެތީ އެވެ.

ޒަކީގެ ބޮޑުވަޒީރު ކަމުން ދުރުކުރެވުމަށްފަހު 2008 ވަނަ އަހަރާއި ހަމައަށް ދިވެހި ދައުލަތުގެވެސް އަދި ދިވެހި ސަރުކާރުގެވެސް އެންމެ އިސް ފަރާތެއްގެ ޒިންމާ އަދާކުރައްވަމުން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެއީ ނާއިބެއް އައްޔަންކުރުމެއް ނުވަތަ ހޮވުމެއް ނެތިއެވެ. އެ 33 އަހަރު ވެގެން ގޮސްފައިވަނީ ސިޔާސީ ގޮތުން ދިވެހި ގައުމަށް ކުރިމަތިވި އެންމެ އަމާން 33 އަހަރުކަމުގައެވެ. ނަމަވެސް، ފަހު ފަސް އަހަރު ކޮންމެވެސް ވަރެއްގެ ސިޔާސީ ހަލަބޮލި ކަމަކާއި ގައުމު ކުރިމަތިލިއެވެ. އެތެރޭގެ ކޯޅުން ކޮންމެވެސް ވަރަކަށް އޮތެވެ. އޭރުގެ އަމާޒަކަށް ވެފައިވަނީ އެކަކަށް މާގިނަ ދުވަހު ވެރިކަމުގައި ހުންނަންޖެހުމެވެ.

އެއަށްފަހު ދިވެހި ޖުމްހޫރިއްޔާ އިން ނާއިބު ރައީސެއް ފެނިގެން ދިޔައީ 2008 ވަނަ އަހަރު އަލަށް އުފަންވެގެން އައި ޑީމޮކުރަސީ އާއިއެކުއެވެ. 2008 ވަނަ އަހަރު ނޮވެމްބަރ މަހު 11 ވަނަ ދުވަހު އިންތިޚާބު ކުރެވުނު ނާއިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ތިން އަހަރު ނުވަނީސް 2011 ވަނަ އަހަރު ފެބުރުއަރީ މަހު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ ރައީސް ޝަރުތަކާއި ނުލާ އިސްތިއުފާ ދިނުމުންނެވެ. މިކަމުގައި ވަހީދު ހިއްސާ އޮތްކަމަށް އޭރުގެ ސަރުކާރު ތުހުމަތުކުރިއެވެ. މި ތުހުމަތު ތަކަށް ބާރު ލިބިގެން ދަނީ ވެރިކަން ވެއްޓުމުގެ ދުވަސްކޮޅެއް ކުރިން އިދިކޮޅު ފަރާތްތަކުން ވަހީދާއި ސިއްރު ބައްދަލުވުމެއް ބޭއްވުމަށްފަހު ވަހީދު ހުރީ ވެރިކަމާއި ހަވާލުވާން ތައްޔާރަށް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދެއްކެވުންނެވެ.

ކޮންމެއަކަސް، ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ނާއިބު ރައީސް ތިން އަހަރު ތެރޭ ވެރިކަމާއި ހަވާލުވެ ވަޑައިގަތުމާއިއެކު، ދިވެހި ދައުލަތުގެ ވެރިކަން ހޯދުމަށް އާ މަގެއް ކޮށިގެން ދިޔައީ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ހާމަކުރަން އޭރު ފެށިއެވެ. އެއަށް ފަހު ފެނިގެން ދިޔަ ތިން ވަނަ ނާއިބު ރައީސަކީ އެފަދަ ތުހުމަތެއް ނުކުރެވުނު ހަމައެކަނި ނާއިބު ރައީސެެވެ. އެއީ، އެމަނިކުފާނުގެ ދައުރުގެ ކުރުކަމުން ނުވަތަ އެދައުރުގެ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ވުމަކީވެސް އެމަނިކުފާނާއި މެދު އެފަދަ ތުހުމަތެއް ނުކުރެވިދިއުން ކަމުގެ ސަބަބަކަށްވެސް ވެދާނެއެވެ. ނޫނީ އެމަނިކުފާނުގެ އެފަދަ ސިޔާސީ މޯޓިވެއް ކުރިންވެސް ފަހުންވެސް ނެތް ބޭފުޅަކަށް ވެދާނެއެވެ.

ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ދެއަހަރު ދުވަސް ނިމި، ދިވެހި ދައުލަތުގެ ފަސްވަނަ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ ހުވާ 2013 ވަނަ އަހަރު ކުރެއްވީ ނާއިބެއްގެ ގޮތުގައި މުހައްމަދު ޖަމީލު އަހުމަދާއި އެއްކޮށެވެ. އޭގެ އެއްއަހަރު ފަހުން މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރެވުނެވެ. ޖަމީލު މަގާމުން ދުރުކުރެވުނު ހަގީގީ މައްސަލައަކީ ކޮބައިކަން ނޭގުނު ނަމަވެސް، ވެރިކަމަށް އައުމަށް މަގުފަހި ކުރާ ކަމުގެ ތުހުމަތާއި ސިޔާސީ ގޮތުން ބާރު ގަދަ ކުރާ ކަމުގެ ތުހުމަތުގެ އިތުރުން، މޭޑޭގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަތްކަމަށްވެސް ޕީޕީއެމްގެ ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރަމުން ގެންދިޔައެވެ.

ޖަމީލު މަގާމުން ދުރުކުރުމަށްފަހު ޕީޕީއެމްގެ އިސް ވަޒީރު އަހުމަދު އަދީބު ނާއިބު ރައީސް ކަމަށް އައްޔަން ކުރެވުނެވެ. ނަމަވެސް، ތިންމަސް ދުވަސް ހަމަނުވެ އަދީބާ ގުޅުވައިގެން ވެސް ޖަމީލު ފަދައިން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތު ކުރެވެން ފެށުނެވެ. އެންމެފަހުން، ރިއާސީ ލޯންޗުކޮޅުގައި ގޮވި ގޮވުން ވެގެން ދިޔައީ އަދީބާއި ދޭތެރޭ ކުރެވުނު ތުހުމަތުތަކަށް ބާރު ލިބި ސިޔާސީ ގޮތުން އަދީބަށް ތާއީދު ކުރާ އެތަށް ބަޔަކު މަގާމުން ދުރުކުރުމުގެ ފެށުން ކަމުގައެވެ.

އެހެންކަމުން، ފާއިތުވީ 47 އަހަރުގެ ޖުމްހޫރީ ތާރީޚަށް ނަޒަރު ހިންގާލާއިރު ނާއިބު ރައީސުން ވެގެން ގޮސްފައިވަނީ ސިޔާސީ މައިދާން ހޮލަބޮލި ވެގެން ދިއުމުގެ އަސްލަކަށެވެ. ވީމާ، އެމަގާމަކީ ޅަފަތުގެ ޑިމޮކްރަސީއަށް ލިބޭ ގެއްލުމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، ނާއިބު ރައީސްގެ ދައުރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެމެވެ. ރައީސް މަގާމަށް ނާދެވޭ ގޮތަށް ބަދަލު ކުރުން ނޫނީ އެ މަގާމު އުވާލުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ފެނެއެވެ.

ނިމުނީ

ކުރީގެ ލިއުންތައް:

ދިވެހިރާއްޖޭގެ ނާއިބު ރައީސުންގެ ދައުރަކީ ބަޣާވާތްކުރުން ބާ – 1

ނާއިބު ރައީސްގެ ޒިންމާ އަކީ ބަޣާވާތްކުރުން ބާ -1

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !