22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ސީއެސްީގެ ވަޒީފާއަށް ވަނުމަށް ދޭ ޓެސްޓް އެދެވޭ ނަތީޖާއެއް ހާސިލު ކުރެވިދާނެ ބާ؟

ގާބިލުކަމާއި ހުނަރު ޓެސްޓްކުރަން އެންމެ ރަނގަޅީ ޓެސްޓް ޕޭޕަރުން ބާ؟

އިއްޔެ އިއުލާން ވެގެން ދިޔަ ސީއެސީގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހަދަން ޖެހޭ ޓެސްޓާއި މެދު އަދި އެއްފަހަރު ވިސްނާލުން އައުލާކަން ބޮޑުކަމަށް ދެކެމެވެ. އެއިމްތިހާނުގެ މަގުސަދެއްގެ ގޮތުގައި ސީއެސްސީން ފާހަގަ ކޮށްފައިވަނީ މުޅިންހެންވެސް އަމަލީ ތަޖުރިބާއާއި ދޭދޭ ފަރުދުންގެ މެދުގައި، ވަކި މާހައުލެއްގައި ކުރެވޭ އަމަލީ މަސައްކަތެއް ނުވަތަ ތަޖުރިބާތަކެކެވެ. މިފަދަ ހުނަރުތައް ކަރުދާހައި ގަލަމުން ޓެސްޓް ޕޭޕަރެއް މެދުވަރިކޮށް، މާކްސް ތަކަކުން ދެނެގަންނަން އުޅުމަކީ މުސްކުޅި އުވެމުންދާ އާދައެކެވެ. ނަމަވެސް ސީއެސްސީން މިނުކުތީ ގައުމީ ފެންވަރެއްގައި އެހުނަރުތަކާއި ތަޖުރިބާތައް ދެވޭ ޓެސްޓް ޕޭޕަރަކުން ވަޒަން ކުރުމަށް ބާއެވެ؟

ސީއެސީގެ ރައީސް އަލީ ޝަމީމު މީޑިއާގައި ވިދާޅުވެފައި ވަނީ ސިވިލް ސާވިސްގެ ވަޒީފާއަށް ވަންނަ މީހުންގެ ކޮބާގައި މަސައްކަތުގެ ހުނަރާއި ގާބިލްކަން ނުހުންނަ ކަމަށް ބުނެ ގިނައިން ލިބެމުންދާ ޝަކުވާ މިފަދަ އިމްތިހާނެއްގެ ސަބަބުން ހައްލުވެގެން ދާނެކަމަށެވެ. އަދި ވަޒީފާއަށް ވަންނަ މީހުންގެ މަސައްކަތުގެ އަޚުލާގާއި އޮފީސް އަޚުލާގު ރަނގަޅުވެ، މިފަދަ ޓެސްޓަކުން އެކަމަށް ހޭލުންތެރިވެގެން ދާނެ ކަމަށެވެ.

ސީއެސީގެ ރައީސް މިފާހަނގަ ކުރައްވާ “މަސައްކަތުގެ ހުނަރު” “ގާބިލުކަން” މަސައްކަތް ނުކުރުވާ، މަސައްކަތުގެ މާހަލު ނޭނގި ޓެސްޓް ޕޭޕަރަކުން ލިއްބައި ދޭނީ ކިހިނަކުން ބާއެވެ؟ ދެން ވިދާޅުވާ “މަސައްކަތުގެ އަޚުލާގު” އަދި “އޮފީސް އަޚުލާގު”، އޯލްވެލް ނިންމާފައި އަލަށް އޮފީހަށް ވަނުމުގެ ކުރިން ހަދާ ލިޔުމުގެ ޓެސްޓަކުން ރަނގަޅުވެ ހޭލުންތެރިވެގެން ދާނެ ގޮތެއް ވުމަކީ “ހާދަ މޮޅު” ޓެސްޓް ޕޭޕަރަކުން ކުރެވޭނެ ކަމެއް ބާއެވެ؟

އިލްމީ ލިޔުންތަކާއި ހޯދުންތަކުގެ އަލީގައި ގިނަބަޔަކު ގަބޫލުކުރާ ގޮތުން ހުނަރެއް، ގާބިލުކަމެއް އިތުރު ކުރަން ބޭނުންނަމަ، ލިޔުމުން ޓެސްޓެއް ދިނުމަށް ވުރެ އަމަލީ ތަމްރީނެއް ދިނުން ފުރިހަމަ ވެފައި ނަތީޖާ ރަނގަޅެވެ. ސިވިލް ސާވިސްގައި މިހާރުވެސް “ޕްރޮބޭޝަން” މުއްދަތެއް ކަނޑައެޅިފައި އޮންނައިރު އެމުއްދަތުގައި އެކަމިޝަނުން އެދޭފަދަ ހުނަރުތަކެއް ލިއްބައި ދިނުމަށް އަމަލީ ތަމްރީނެއް، ސަޕޯރޓް ސްޓާފުން ފެށިގެން އެގްޒެކްޓިވް ލެވެލަށް ދެވިއްޖެނަމަ ފައިދާ މާބޮޑުވާނެއެވެ. އެބަޔަކަށް ބޭނުންވާ ފެންވަރެއްގެ ހުނަރު ފާހަގަކޮށް އެކަމަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން އަމަލީގޮތުން އެކަން ކުރާގޮތް ދައްކުވައިދީ، އެކަމެއް ކުރުވުމަށް ފުރުސަތު ދީގެން، ރަނގަޅު ކުރުވިއްޖެ ނަމަ ލިބޭ ނަތީޖާ ރަނގަޅުވެފައި ފޮނި ވާނެ ކަމީ ދެބަސް ވުން އޮތް ކަމެއް ނޫނެވެ. އަދި އެދޭ ފެންވަރަށް ތަމްރީނު ނުކުރެވޭ ފަރާތްތައް ދޫކޮށްލައި، އެހެން މީހުން ނެގުމަކީ އެ އިދަރާއަކަށް ފައިދާ ހުރި ގޮތް ކަމަށް ބެލެވެއެވެ.

މިޒަމާނުގައި، ޓެސްޓް ޕޭޕަރަކުން މީހުންގެ ހުނަރުތަކާއި ގާބިލުކަން ނުދެއްކޭ ހިނދު، މީހެއްގެ ހުރި ހުނަރުތަކެއް ޓެސްޓް ޕޭޕަރުން ދެނެއެއް ނުގަނެވޭނެ ކަމަށް ގަބޫލުކުރެވެއެވެ. އިލްމީ ގޮތުން މިގޮތަށް ބާރުލިބޭ ދިވެހި ސިވިލްސާވިސް ކޮމިޝަނުގެ ވިސްނުން މިއައިގޮތާއި މެދު ސުވާލު އުފެދެއެވެ.

ސިވިލްސާވިސްގެ މަސައްކަތައް އަލަށް ނިކުންނަ ދުވަހުގެ ތަޖުރިބާއިން ފިލާވަޅެއް ދެނެގަންނަމާތޯއެވެ. ގިނަބަޔަކު ބުނާ ގޮތުން އެމީހުން ދިވެހި ސިވިލް ސާރވިސްގެ ވަޒީފާއަށް ނިކުތް ފުރަތަމަ ހަފުތާ ވެގެން ގޮސްފައި ވަނީ ވަރަށް ފޫހި، ކަމެއް ނެތި ކުރަންވީ މަސައްކަތެއް ވެސް ސާފުނުވެ ހުންނަން ޖެހުނު ދުވަސްތަކެއް ކަމަށެވެ. ގިނަފަހަރަށް އިންޓަވިއުތަކާއި ފިލާވަޅުތަކުން އެނގިފައިވާ ރީތި އުސޫލު ތަކުގެ ބަދަލުގައި އޮފީސްތަކުގައި އޮންނަނީ ވަރަށް ތަފާތު މާހައުލެއް ކަމަށެވެ. ވަރަށް ފޮނި އުއްމީދާއެކު އޮފީހަށް ނިކުންނަ މީހާ ބަދަލުކޮށްލަނީ އޮފީހުގައި އަށަގެންފައި އޮންނަ މާހައުލަކާއި އެއްގޮތަކަށެވެ. އޮފީހުގައި ހަރުލުމަށް، އެމާހައުލުގައި އޮންނަ ޒާތީކަންކަމުގެ ތެރެއިން ކޮންމެ ވެސް އެއްފަރާތަކަށް ޖެހެން މަޖުބޫރުވެއެވެ. ގިނަފަހަރަށް ޖެހެވެނީ، އެއްކަލަ ފުރަތަމަ ހަފުތާގައި އެއްމެ ގާތްކަމެއް ބޭއްވި ފަރާތްތަކާ އެއްކޮޅަކަށެވެ. ތިއަރީތަކުން ދަސްކޮށް، އަމަލީ މައިދާނުގައި ބޭނުންކުރަން ވިސްނާފައި ހުރި ހުނަރުތަކާއި، މުއާމަލާތު ކުރަން ފިލާވަޅުތަކުން ދަސްވިގޮތާއި މުޅިން މުޅިން ތަފާތު ގޮތަކަށް މީހާ ބަދަލުކޮށް ލަނި މިމާހައުލެވެ. މިއީ ދިވެހި ސިވިލް ސާވިސްގެ ހުރިހާ ލެވެލްއެއްގެ ވަޒީފާތަކުގައި ވެސް އާއްމު ހާލަތުކަމަށް ގިނަ ބަޔަކު އެއްބަސް ވާނެއެވެ.

މިކަމަށް އޮތް ހައްލަކީ “އިންޑަކްޝަން” ނުވަތަ ޕްރޮބޭޝަންގައި ފުރިހަމަ ތަމްރީނުތަކެއް ދިނުން ކަމަށް ބެލެވެއެވެ. އޮފީހުގެ މަސައްކަތަކީ “ބޮސް” ރުއްސުމަށް ކުރާ މަސައްކަތެއްގެ ބަދަލުގައި ވަޒީފާގެ ޒިންމާއިން ހަވާލުވެ، ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި ބެލެވިގެން ދިއުމެވެ. ހަވާލުކުރެވޭ ޒިންމާގެ ބޭރުން މަސައްކަތް ކުރުވުމަށް ނުޖެއްސުމާއި ހަމަހަމަ އުސޫލުތަކެއް މުވައްޒަފުންގެ މެދުގައި ގާއިމުވެގެން ދިއުމެވެ.

އިންޑަކްޝަނުގައި މަސައްކަތް ކުރާނެ ގޮތް ތަފުސީލުކޮށް ބުނެދެވި، ވަޒީފާގެ ޒިންމާ ތަކާއި މުވައްޒަފުގެ ހައްގުތައް ސާފުކޮށް ބުނެދެވި އެއާއި އެއްގޮތަށް އޮފީހުގެ އަމަލު ކުރާތަން ދައްކައި ދިނުމެވެ. މިހާރުވެސް މިކަމަށް ބޭނުން ކުރެވޭ 6 މަސް ނުވަތަ 3 މަސް ދުވަހަކީ އެކަށީގެން ވާ ރަނގަޅު މުއްދަތެކެވެ. މިއީ ކަރުދާހުގައި ދެވޭ ޓެސްޓަކުން ހާސިލުކުރެވޭނެ ކަމެއްކަމަށް ނުބެލެވެއެވެ. މިފަދަ ކަންކަމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ޓެސްޓެ ކުރެވި މިހާރުވެސް ބޭނުން ކުރަމުން އަންނަ ކާމިޔާބު ގޮތްތަކެކެވެ.

ގައުމީ ފެންވަރެއްގައި މިހާތަނަށް ރާއްޖޭގައި ދެވެމުން ދިޔަ ޓެސްޓް ތަކުން ފެނިގެން ގޮސްފައި ވަނީ “ނުއަތަށް އެނބުރޭ” ކޮޅެވެ. ޖޭއެސްސީއީ އިން ފެށިގެން ލައިސަންސް ޓެސްޓާއި، އާއްމު އިމްތިހާނުގެ ޓެސްތްތައް ވެސް މެއެވެ.

މިހާރުވެސް އަލަށް ވަޒީފާއަށް ވަންނަ ގިނަ މީހުންގެ ކިބައިގައި މަދުކަމަށް ބުނެވެނީ މަސައްކަތުގެ އަޚުލާގު ކަމަށްވާ ހިނދު މިފަދަ ޓެސްޓަކުން މަސައްކަތުގެ އަޚުލާގު ލިއްބައިދޭނެ ގޮތަކީ ކޮބައި ބާވައެވެ؟ ދެން އެންމެ ގިނައިން އަޑު އިވެނީ މަސައްކަތުގެ މާހައުލަށް އަލަށް އަންނަ ކުދިންގެ ނުފަރިތަކަމާއި ޕްރެކްޓިކަލް ކަންކަމަށް ހޭނިފައިވާ މިންވަރު ކުޑަކަމެވެ. މިފަދަ ކަންކަމަކީ ކަރުދާހާއި ގަލަމުން ކުރެވޭ ޓެސްތަކުން ބެލޭނެ އަދި ދެއްކޭނެ ހުނަރުތަކެއް ކަމަށް ނުބެލެވެއެވެ.

ސީއެސީ އަށް އަޅުގަޑުގެ އިލްތިމާސަކީ ޓެސްޓް ދިނުން ދޫކޮށްލައްވާފައި ރަނގަޅު ޓްރެއިނިން އަކަށް ވިސްނަވާށެވެ. އެއީ ޕްރޮބޭޝަންގެ ތެރެއިން ނަމަވެސް ނުވަތަ ވަޒީފާއަށް ނެގުމުގެ ކުރިންވެސް މައްސަލައެއް ނެތެވެ. ޓެސްޓުތަކަކީ ގިނަ މީހުންނަށް ހުނަރާއި ގާބިލުކަން ދެއްކުމަށް އުނދަގޫ ހާލަތަކަށް ވާއިރު ހުނަރާއި ގާބިލުކަން ވަޒަންކުރާ ފަރާތްތަކަށް ދެނެގަތުމަށް ވެސް އުނދަގޫ، ހުރަސްތަކެއް ހުރި މަރުހަލާއެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު