16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ނެތެމުން ގެއްލެމުންދާ ފުވައްމުލަކި ބަހަ

ޒަމާނަށް އަންނަމުންދާ ބަދަލާއި އެކު ފުވައްމުލަކު ބަހަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. މުއްސަދި ބަހެއް ގޮތުގައި ބަލަމުން އައި ފުވައްމުލަކު ބަހުގެވެސް އެތަށް ބަސްތަކެއް ޒަމާނާއިއެކު ފަނާވެ ހިގައްޖެއެވެ. އަދި ބައެއް ބަސްތައް ޒަމާނާއެކު އިގިރޭސި ވެއްޖެއެވެ. އަދި ހަމަ ބައެއް ބަސްތައް ބޯދާ ނާތަހުޒީބު ބަސްތަކަކަށް ބަދަލުވެއްޖެއެވެ.
އާބާދީ އިތުރުވުމުގެ ސަބަބުން އިތުރަށް “ގެވަޑޮ” ދޫކުރުމަށް މިވަނީ ނުކުޅެދިފައެވެ. ދޫކޮށްފައިވާ “ގެވަޑޮ” ވެސް ކުޑަވެ އެ “ގެވަޑޮ” ތަކުގައި ކުރިން އޮތް މާސިންގާ “މެދޮއަތި” ގެއްލި އެ “މެދޮއަތީ” ގައި ޖެއްސި “ވެޑިވަޑޮ” މަތިންވެސް ހަނދާން ނެތިއްޖެއެވެ. ކުކުޅާއި ދޫނި ގޭގައި ގެންގުޅުން ހުއްޓި “މެދޮއަތި” އިން “ކިރިޗާލި” “ގޫ” ފެނުން ނާދިރު ކަމަކަށްވެ “ގޫކޭލް ވަޑޮ” ގެއްލިއްޖެއެވެ.
ގޯތިގެދޮރު ބިނާކުރުމަށް އައި ބަދަލާއި އެކު “އެތެރެގޭ” އާއި “ބަދިގެ” ފަދަ ގޭގެ ތައް ރޫމްތަކަށް ބަދަލުވެ “މަދިރިގެ” ވެސް ނެތިއްޖެއެވެ. މެހުމާނުންނަށް މަރުހަބާ ކިޔުމަށާއި މުނިފޫހިފިލުވުމުގައި މުހިންމު ދައުރެއް އަދާކުރި “ނިވައްދަށޮ” ބޭކާރުވެ “ސިޓިންރޫމް” ގެ ދައުރު ފުޅާވެއްޖެއެވެ. ދަރު އުދުނުން ކެއްކުން ސަގާފީ ކަމަކަށް ބަދަލުވެ “އޮލިގެ” އަކީ ކޮބައިކަން ވެސް ހަނދާން ނެތިއްޖެއެވެ. ގޭގެ ވަށައިގެން އަޅަމުން ދިޔަ “ފެޅަށް” ވަށައިފާރަށް ބަދަލުވެ ފަނުގެ ބޭނުން ކެނޑި ވެއްޔާއި ސިމެންތި މުހިންމު ވެއްޖެއެވެ.
ދިރިއުޅުމަށް ކުރާ ޚަރަދު ބޮޑުވެ އާއިލާ ރޭވުން އާންމުވުމުގެ ސަބަބުން ބޭބެއިން ނާއި ދައްތަ އިން މަދުވެ ބޭނުން ކުރާ ނަންތައް ވެސް ޒަމާނީ ވެއްޖެއެވެ. ތިއްތިބެ އާއި ތުއްތުބެ އައިސް “ބެއްޔާ” އިން ތައް މުސްކުޅި ވެއްޖެއެވެ. “ދޮންދައްތާ” ދޮންތި އަށް ބަދަލުވެ ޒުވާން މަންމައިން މަންމީ އިންނަވެ “އަމާ” އަކީ އަވަގުރާނަ އަކަށް ވެ ނިމިއްޖެއެވެ. “މާފަ” އާއި “މުންނާ” އާއި “މާބެއަ” ފަދަ ބަސްބަހުގެ މާނަ ބެލުމަށް ދިވެހި ބަހުގެ ރަދީފު ހުޅުވަން ޖެހުން ކައިވެ ބައްޕަ ފަރާތުގެ މަންމަ އެއް މަންމަ ފަރާތުގެ މަންމަ އެއް ވަކިނުވާ ހިސާބަށް ހިގައްޖެއެވެ.
އިގިރޭސި މީޑިއަމަށް ކިޔެވުން ބަދަލުވުމުގެ ނަތީޖާއާއިއެކު “އިސްކޫލް” ސްކޫލަށް ބަދަލުވެ ކުރިން ކިޔަވަން ދިޔަ މަދަރުސާތަކުގެ މަތިން ހަނދާން ނެތިއްޖެއެވެ. ބަލިވުމުން ބޭސް ކުރުމަށް ދިޔަ “ސެންޓަރޮ” ޒަމާނީ ހޮސްޕިޓަލަކަށް ބަދަލުވެއްޖެއެވެ. ރޭޑިއޯ އިން އަޑުއަހަމުން ދިޔަ “ކަބަރޮ” ޚަބަރަށް ބަދަލުވެ ގޭގޭގެ ސިޓިން ރޫމުން ރޭޑިއޯގެ ޖާގަ ގެއްލި ޓީވީ އާންމު ވެއްޖެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު