A wide advertisement which will be shown on all devices. (700 x 100)

މާލީ ބަޔާން ހާމަކުރުން: މަޖިލިސް މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން މުހިންމު

މިސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަދި ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިންގެ މާލީ ބަޔާންތައް އިއްޔެ ރައީސް އޮފީހުގެ ވެބްސައިޓްގައި އާއްމުކުރުމަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ކުރިއަށް އެޅުނު ފިޔަވަޅެކެވެ. މިސަރުކާރަށް ގެނައުމަށް ރައްޔިތުން ދީފައިވާ ވޯޓަކީ މިސަރުކާރުން ކަރަޕްޝަން ހުއްޓުމަށް މަސައްކަތްކުރާނެ ކަމަށްވި ވައުދަށް ދެވުނު ވޯޓެއްކަމަށް ބަލަމުންދާ ރައްޔިތުންވެސް މަދެއްނޫނެވެ. ނަމަވެސް، އަބަދުވެސް ދެކެވޭ ވާހަކައަކީ ކޮރަޕްޝަން ނައްތާނުލެވޭ ވާހަކައާއި ކަރަޕްޝަން އިތުރު ވަމުންދާ ވާހަކައެވެ. ވަކިން ޚާއްސަކޮށް ކަރަޕްޝަންގެ ވާހަކަ ދެކެވޭ އިރު ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ވާހަކަ އިވެއެވެ. ފައިސާގޯނި ހިފައިގެން ދިޔަ ވާހަކައާއި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ކަރަޕްޝަން ފައިސާ ބެހި ވާހަކައަކީ ރައްޔިތުންގެ ތެރޭގައި ދެކެވޭ އާންމު ވާހަކައެއްގެ އިތުރުން މީޑިއާގައި ވެސް ދެކެވިފައިވާ ވާހަކަތަކެކެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންތައްތައް ފާސްކުރުމުގައި ފައިސާ ހިމެނޭ ވާހަކައަކީ އާންމު ވާހަކައެކެވެ. އެގޮތުން، ކުރީގެ ނާއިބު ރައީސް އަދި މިހާތަނަށް ރާއްޖޭގައި ހިނގި އެންމެބޮޑު ކަރަޕްޝަނުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ އަހުމަދު އަދީބު ނާއިބު ރައީސްއަކަށް ވަޑައިގަތުމަށް ގިނަ އަދަދަކަށް ފައިސާ ބެއްސެވި ކަމަށާއި އަދި އެ ދުވަސްވަރު ސަރުކާރުން ބޭނުންވެގެން ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެނައި ބަދަލުތައް ގެނައުމުގައި ފައިސާ ހިމެނޭ ކަމަށް ދެކެވޭ ވާހަކަވެސް އަލެއްނޫނެވެ.

އެހެންކަމުން، މިހުރިހާ ވާހަކައެއްވެސް އަމާޒުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާންމުކުރުން މުހިންމެވެ. އެމެމްބަރުންގެ މާލީ ބަޔާން ހުށަހެޅުއްވުމަކީ އެބޭފުޅުން ކުރައްވަން ޖެހޭކަމެއްގެ ގޮތުގައި ބަޔާންވެފައިވާ އިރު އެބޭފުޅުން އެހުށަހަޅުއްވާ މާލީ ބަޔާން އާންމު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން މިސަރުކާރަށް މެޖޯރިޓީ ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާންމުކުރެއްވުމަށް ގެންނަންޖެހޭ ބަދަލުތައް ގާނޫނުތަކަށާއި ގަވާއިދުތަކަށް ގެންނައުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

މީގެކުރިންވެސް ރައްޔިތުންތަކެއް ވަނީ މަޖިލީސް މެމްބަރުންގެ މާލީ ބަޔާން އާންމު ނުކުރައްވައިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން، މިފަހަރު މަޖިލީސް މެމްބަރުންގެ މާލީ ބަޔާން އާންމުކުރައްވާނެ ކަމަށް ގިނަ ރައްޔިތުންތަކެއް ތިބީ އުއްމީދު ކުރައްވައިގެނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !