A wide advertisement which will be shown on all devices. (700 x 100)

ސަރުކާރުން ކުރާ ރަނގަޅު ކަންތަށްވެސް ފެންނަންޖެހޭނެ!

ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތްކުރުމަށެވެ، ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނެސް ދިނުމަށެވެ. އެކަން ވޭތުވެދިޔަ ސަރުކާރު ތަކުންނާއި މިއަދުގެ ސަރުކާރަށް ވިސްނުންތެރި ނަޒަރަކުން ބަލައިފިނަމަ ފެނިގެން ދާނެއެވެ.

ފުވައްމުލަކު ތަރައްޤީއަށް ސަރުކާރުތަކުން އިހުމާލުވަމުން ދިޔަކަމުގައި ވިޔަސް، ފާހަގަކޮއްލެވޭ ބައެއް ކަންތައްތައް ފުވައްމުލަކަށް ސަރުކާރުތަކުން ވަނީ ކޮއްދެވާފައެވެ.

މިގޮތުން 30 އަހަރު ރާއްޖޭގައި ވެރިކަން ކުރި ރައީސް މައުމޫންގެ ވެރިކަމުގައި، ފުވައްމުލަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ގެނެސް ފުވައްމުލަކުގައި ބަނދަރެއް ހަނދަވައި ދެއްވި އެވެ. އަދި ފަސޭހަކަމާއިއެކު ރައްޔިތުންނަށް އެ ބަނދަރަށް ދިއުމަށް،  ބަނދަރުން ފެށިގެން ރަށުގެ މެދެކާއި ހަމަޔަށް ވަނީ ތާރު އަޅައި ރަނގަޅު ފެންވަރުގެ މަގެއް ހައްދަވާ ދެއްވާފައެވެ. މީގެ އިތުރުން ބައެއް ތަރައްޤީގެ މަޝްރޫއުތަށް މައުމޫންގެ ވެރިކަމުގައި ފުވައްމުލަކަށް ވަނީ ކޮއްދެވާފައެވެ.

ދެން ވެރިކަމަށް އާއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ވި ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނުގެ ކުރު 3 އަހަރުގައި ވެސް ފުވައްމުލަކަށް ތަރައްޤީއާއި ކުރި އެރުންތަކެއް ލިބުނެވެ. ޚާއްސަކޮށް ފުވައްމުލަކު ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި އެންމެ ބޮޑު ހުވަފެން ، އާދެ ! ފުވައްމުލަކުގައި އެ އެއާޕޯޓެއް ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ގާއިމްކޮށް ދެވާފައެވެ.

މިއަދުގެ ރައީސް ޔާމީންގެ ވެރިކަމުގެ މިހާތަނަށް އައިރު ފުވައްމުލަކުން، ތަރައްޤީގެ ބޮޑެތި މަޝްރޫއެއް ފެށައިގެން ކުރިޔަށްދާ ތަނެއް އަދި ނުފެނެއެވެ. އެހެންނަމަވެސް ޒުވާނުންނަށްޓަކައި ރަށުގެ އެކި ސަރަހައްދުތަކުގައި ފުޓްސެލް ދަނޑުތަކެއް ވަނީ ގާއިމް ކޮއްދެވާފައެވެ. އަމަލީ މަސައްކަތް ފެށިފައި ނުވިކަމުގައި ވިޔަސް، މި ވެރިކަމުގެ ތެރޭގައި ފުވައްމުލަކު ފެނާއި ނަރުދަމާ ގާއިމު ކުރުވޭނެ ކަމުގެ ފެހި ސިގުނަލް ވަނީ ދެއްވިފައެވެ. މަގު ހެދުމާއި، ރަށްގިރުމަށް ހައްލެ ލިބިގެންދާނެ ކަމުގެ އުއްމީދުވެސް އެހާމެ ބޮޑެވެ.

ފުވައްމުލަކަށް ލިބުނު ތަރައްޤީ އާއި ކުރި އެރުމަކީ ހައްޤު މިންވަރެކޭ ދަންނަވާކަށް ނެތީމެވެ. މި ފަހަރެއްގައި ވެސް ހައްޤު މިންވަރެއް ނޫނެވެ. އެހެން ނަމަވެސް މި 3 ވެރިކަމުގައި ވެސް ފުވައްމުލަކަށް ކޮންމެވެސް ވަރެއްގެ ތަރައްޤީއެއް ވަނީ އައިސްފަ އެވެ. ނުވަތަ އަންނާނެއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ނުވަތަ ރައީސް ޔަމީންގެ ވެރިކަމުގައި ކުރާ އެއްވެސް ކަމެއް އެ ސަރުކާރާއި ދެކޮޅު މީހުންނަކަށް ނުފެނެއެވެ. އަދި ހަމަ މިބީދައިން ރައީސް ނަޝީދު ގެ ކުރު ތިން އަހަރުގައި ގެނައި ތަރައްޤީ އާއި ކުރި އެރުންތަކެއް އޭރުގެ އިދިކޮޅު ފަރާތްތަކަށް ވެސް ނުފެނުނެވެ.

ޒިންމާދާރު އިދިކޮޅު ފަރާތްތަށް ވާންޖެހޭނީ ސަރުކާރުން ކުރާ ނުކިއްސަރު ކަންތަށް ފާހަގަކޮށް، އެކަމާއި ދެކޮޅަށް އިޙްތިޖާޖު ކޮށް އަޑު އުފުލާ އުސޫލުން ކުރާ ރަނގަޅު ކަންތައްވެސް ލޮލަށް ފެނި އެކަންތަށް ބަލައިގަންނަ ބަޔަކަށެވެ.

މިއީ އަޅުގަނޑު ވިސްނުނުން ހުރި ގޮތެވެ! ފަހަރުގައި ތިބޭފުޅުންގެ ވިސްނުން މިކަމުގައި ތަފާތު ވުމަކީ އެކަށީގެންވާ ކަމަކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !