17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ތިކަމުގައި ދޮންސިއްތީބުގެ ކުށެއްނެތް – ރާނީ 2

ފާރޫޤު އަޙުމަދު – ސަމާ

(ކުރީގެ ބަޔާއި ގުޅޭ) ދެން އެފަހުން 10 ވަރަކަށް ދުވަސް ވީއިރުވެސް ކައިރީގައި އުޅޭ ގޭގެ މީހުން ދޮންސިއްތީބުގެ ފިރިމީހަ ނުފެންނާތީ، ބަލިވެ އުޅޭ ކަމަށް ހީކޮށް، މީހުން ޚަބަރު އެހީމާ ދޮންސިއްތީބު ކަން ހިނގިގޮތް ކިޔައިދިނެވެ. އަދި އޭނާ މަރާލާފައި އެއްލާލި ތަން ވެސް ބުނެދީފިއެވެ. ދެމް މީހުން ގޮސް އޭނާ ނަގައި ވަޅުލައިފިއެވެ. އަދި ރަށު އޮފީހަށް މިކަން އަންގައިފިއެވެ.

ރަށު އޮފީހަށް ދޮންސިއްތީބު ހާޒިރުކޮށް ސުވާލު ކުރުމުން އިއުތިރާފު ވެއްޖެއެވެ. ދޮންސިއްތީބު، ފިރިމީހާ މަރަލީ ކަމަށް އެއްބަސްވުމުން މާލެ ފޮނުވަން ނިންމަވައި، ދުވަސް ކަނޑައަޅުވައި، ތައްޔާރަށް ހުރުމަށް އަންގަވައިފިއެވެ. ދޮންސިއްތީބު ބުނީ ތިމަންނަ އަމިއްލަ އޮޑި ތައްޔާރުކޮށްގެން އެތާރީޚުގައި ފުރާނެ ކަމަށެވެ. އަދި އޮފީހުން އެގޮތް ގަބޫލުކުރެއްވިއެވެ.

ދޮންސިއްތީބު ކަނޑައެޅުނު ތާރީޚުގައި ފުރައިފިއެވެ. އޭނާ މާލެ ދިޔައިރު ފެންފޯއް ތޮށިން، ވަރަށް ހިމަކޮށް، ރީތި ރޯނު ބޮނޑިއެއް ތައްޔާރުކޮށްގެން ގެންދިޔައެވެ. އޮޑި މާލެގޮސް ވަނުމުން ބަނޑޭރިގެއިން ދޮންސިއްތީބު ބަލާދިޔަ މީހުން އޭނާ ގޮވައިގެން ގެންގޮސް ބަނޑޭރިގޭ ފެންޑާގައި ހުރި ގޮނޑިއެއް ދައްކާފައި އިށީނުމަށް ބުންޏެވެ. ދޮންސިއްތީބު އެގޮނޑީގައި ނުއިށީދެ، އޭނާ ގެންދިޔަ ރޯނުބޮނޑި ބިންމަތީގައި ބާއްވާފައި އެރޯނު ބޮނޑިމަތީގައި އިށީދެއްޖެއެވެ. ބަނޑޭރިގޭ ޕިޔޯނު މިތަން ބަލާފައި މީނާ ކަން ކުރިގޮތުގެ ވާހަކަ އޭރުގެ ރަސްކަމުގައި ހުންވި ރާނީ، ރެހެންދި ޚަދީޖާއަށް ދަންނަވައިފިއެވެ. ދެން ދޮންސިއްތީބު ރެހެންދި ޚާދީޖާ އަރިއަހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމުން ފިރިމީހާ މަރާލަން ޖެހުނު ގޮތާއި ދޮންސިއްތީބުގެ ރަށުގެ ދިރިއުޅުއްވުމާއި، މާލެ އައީ އަމިއްލަ އޮޑިއެއްގައި ކަމާއި މިކަން ތަފުސީލުކޮށް ދަންނަވައިފިއެވެ. ރާނީ މިވާހަކައިގެ އަޑުއައްސަވައި ވިދާޅުވީ ތިކަމުގައި ދޮންސިއްތީބުގެ ކުށެއްނެތް ކަމަށެވެ. ރަށަށް ދާންވުމުން އަދި ގަނޑުވަރަށް އައުމަށް އަންގަވާފައި ފޮނުއްވަލެއްވީއެވެ.

ދޮންސިއްތީބު ރަށަށް ދާންވެގެން ދިޔަ ދުވަހު ދިނީ ލިޔުމެކެވެ. އޭގައި ވަނީ މިދުވަސްވަރު ދުއްވާ އެއްޗެހި، ކާރު، ސައިކަލު ފަދަ ތަކެތި ނުހުންނާންނާތީ ދޮންސިއްތީބު ރަށު ރައްޔިތުން ކޮނޑުމަތީގައި ގޮނޑިއެއް ފަދަ އެއްޗެއް ބަހައްޓައިގެން އޭގެ މަތީ އެއްތަނުން އަނެއް ތަނަށް ގެންދިއުމަށެވެ. އަދި އޭނާ ފައި ޖެހޭ ކޮންމެ ތަނަކީ ބަންޑާރަ ހިންނައަކަށް ވާނެ ކަމަށެވެ.

އެގޮތުން އޭނާ މާލެއިން އައިސް ރަށާއި ކައިރިވި ދުވަހު ރަށް ކައިރީ މަހަށް ނިކުމެ ދޯނިފަހަރު އުޅުނެވެ. ދޯނިތަކުގެ ތެރެއިން އޮޑި ދަތުރު ކުރިއިރު ދޯންޏަކަށް ހިބަރެއް ބާނާފައި އެރުވިތަން ދޮންސިއްތީބުއަށް ފެނިގެން އެއީ ކޯއްޗެއްތޯ ސުވާލުކުރުމުން މީހުން ހިބަރެކޭ ބުންޏެވެ. އަދި ހިބަރުގައި އެންމެ މަސް މީރީ ކޮންތަނެއްގައި ތޯ އެހުމުން… …(ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު