A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ބާނާ ހިބަރުގެ ބޯށިފިޔަ ދޮންސިއްތީބުއަށް – 3

ރާއްޖެގެ ކުރީގެ ޗާޓު ކުރެހުމަކާއި ރަދުން ގެ ދާންމަތިކޮޅެއް.

ފާރޫޤް އަޙުމަދު – ސަމާ

(ކުރީގެ ބަޔާއި ގުޅޭ) އަދި ހިބަރުގައި އެންމެ މަސް މީރީ ކޮންތަނެއްގައިތޯ އެހުމުން ދޯނި މީހުން، ބޯށިފިޔަގައި ކަމަށް ބުންޏެވެ. އެހިސާބުން ދޮންސިއްތީބު އޮޑީގެ ނެވިމީހާއަށް އޮޑިި އަނބުރަލަފައި މާލެ ދިއުމަށް އަންގައިފިއެވެ. ވައި ގަދަކަމުން މާލެ ދެވުނީ 12 ވަރަކަށް ދުވަސް ފަހުންނެވެ. މާލެ ގޮސް ދޮންސިއްތީބު ދެންނެވީ ފުވައްމުލަކަށް ބާނާ ކޮންމެ ހިބަރެއްގެ ބޯށިފިޔަ، ދޮންސިއްތީބުއަށް ލިބޭ ގޮތަށް ލިޔުމެއް ދެއްވުމަށެވެ.

ދެން ދޮންސިއްތީބު ރަށަށް ފޮނުވާ ވާހަކަ ލިޔެފައިވާ ލިޔުން އަލުން އިސްލާހުކޮށް، އެލިޔުމަށް ބޯށިފިޔަ ލިބޭގޮތަށް ލިޔެ އިތުރުކޮށްފައި ދެއްވައިފިއެވެ. ދެން ދޮންސިއްތީބު ރަށަށް އައީއެވެ. އެއީ އިރުވައި މޫސުން ކަމަށްވާތީ އޭނާގެ އޮޑި ބަނދަރުކުރީ ނެރަގަނޑަށެވެ. އަދި އޭނާ އެއްގަމަށް ބޭލީ މީހުންގެ ކޮނޑުމަތީގައެވެ. އެހެންކަމުން މީހުން ކޮނޑުމަތިން އޭނާ ވެއްޓި ފުރަތަމަ ފައި ޖެހުނީ ދަޑިމަގު ދަނޑު ކިޔާ ރުއްދަނޑެއް (މިހާރުގެ ވޮލިކޯޓް ސަރަހައްދު) ގައެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެއީ ބަންޑާރަ ހިންނައެކެވެ. އެތާގައި ހުރި ރުއްތައް މީހުންނަށް ނަގައިދެވޭ ގޯތިތަކަށް ގޮސް، ބަދަލުދެމުން ގޮސް މީހުންގެ ރުކަށް ވެ ހުސްވީއެވެ.

ދެންވެސް އޭނާ ތަނަކަށް ދަމުން ވެއްޓި (ފައިބައިގެން) ފައިޖެހުނު ކޮންމެ ތަނަކީ ބަންޑާރަ ހިންނައެކެވެ. އެގޮތުން ދުވައްފާނޑު(މިހާރުގެ ތައުލިމާި މަރުކަޒު)، ދޮންބިއަމާގެ ތަން (ލިލީމިސްކިތުގެ އުތުރާއި ފަހަތް)، ގާގަނޑު (މިހާރުގެ ނަރުގިސްގެ ސަރހައްދު)، މިއީ ހަތްތާވެސް ބަންޑާރަ ހިންނަ ތަކެވެ.

ކޮންމެއަކަސް ދޮންސިއްތީބު މީހަކާ ނުއިނދެ ހުރެ މަރުވީއެވެ. އެހެންކަމުން އޭނާގެ ދަރިކޮޅެއް ނެތެވެ.

ދޮންސިއްތީބުއަށް މިކަން ދިމާވެ، މާލެ ގެންދެވި، ކުށަށް މަޢާފު ލިބުމުގެ ކަންތައް ހިނގީ ރެހެންދި ޚަދީޖާގެ ރަސްކަމުގައެވެ. ރެހެންދި ޚަދީޖާއަކީ ވެސް ފިރިކަލުން އަވަހާރަކޮށްލައްވައި ރަސްކަމަށް އިސްވެވަޑައިގަތް ބޭކަނބަލެކެވެ.

އެޑިޓަރުގެ ނޯޓު: ދޮންސިއްތީބުގެ ވާހަކަ ތަފާތު ގޮތްގޮތަށް އައިސްފައި ވެއެވެ. ވިދުވަރުގޭ އަލިބެބޭގެ ވާހަކަ މިވާހަކަ އާއި ވަރަށް ތަފާތު ކަން ފާހަނގަވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !