A wide advertisement which will be shown on all devices. (700 x 100)

ޑިމޮކްރެސީ އަކީ ކޮބާ ؟

އަލީ ހުޒާމް ޙަސަން

ދިވެހިރާއްޖެއަށް ވެސް މިވަނީ ޑިމޮކްރެސީ ނިޒާމުގެ އޮއެވަރު އައިސްފައެވެ. 2008 ވަނަ އަހަރުގައި ޑިމޮކްރެސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނު އަސާސީއަށް އަމަލު ކުރެވެން ފެށުމުން ރާއްޖެވެސް މިވަނީ ޑިމޮކްރެސީ އަކަށް ވެފައެވެ. ޑިމޮކްރެސީ ނިޒާމުގެ ދިފާއުގައި ވަކާލާތުކުރާއިރު، އަދި ޑިމޮކްރެސީގައި އަޅުގަނޑުމެންނަށް ލިބިފައިވާ ހައްޤުތަކާއި ޒިންމާތައް ފުރިހަމަޔަށް އަދާ ކުރަން ބޭނުން ނަމަ ޑިމޮކްރެސީއަކީ ކޮބައިކަން އަޅުގަނޑުމެން އޮޅުން ފިލުވަން އެބަޖެހެއެވެ. ޑިމޮކްރެސީއަކީ ސަރުކާރެއް އެކުލެވުމާއި ގައުމެއް ހިންގަން ބޭނުން ކުރެވިދާނެ ނިޒާމެކެވެ.

މިނިޒާމަކީ ރައްޔިތުން ބާރުވެރި ކުރުވާ، ރައްޔިތުންނަށް ގައުމު ހިންގުމުގެ މަރުހަލާތަކުގައި ބައިވެރިވުމުގެ ފުރުސަތުދޭ ނިޒާމެކެވެ. ޑިމޮކްރެސީގެ މާނަޔާދޭތެރޭ ޚިލާފުވަރަށް ބޮޑުވިނަމަވެސް، ޒަމާނީ ޑިމޮކްރެސީއެއްގެ ހުންނަންޖެހޭ އަސާސީ ސިފަތަކާބެހޭ ގޮތުން ވަރަށް ގިނަ އިލްމުވެރިން އެއްބަސްވެއެވެ.

މިގޮތުން ވަރަށްގިން އިލްމުވެރިން އިއްތިފާގުވާ ގޮތުގައި، ޑިމޮކްރެސީއެއްގެ އެންމެ އަސާސީ ދެ ޝަރުތެއްވެއެވެ. މި ދެ ޝަރުތު ފުރިހަމަ ނުވަންޏާ ޑިމޮކްރެސީއަކަށް ނުވާކަމަށް މި އިލްމުވެރިން ޖަދަލު ކުރެއެވެ. މި ދެ ޝަރުތަކީ ސިޔާސީ މަސްރަހުގައި ރައްޔިތުން ބައިވެރިވުމާއި އަދި ސިޔާސީ މަސްރަހުގައި ހަރުދަނާ ވާދަވެރިކަމެއް އޮތުމުވެ. އެމެރިކާގެ މަޝްހޫރު އަދި ސިޔާސީ އިލްމުގެ ދާއިރާގައި އެހާމެ ނުފޫޒުގަދަ ސިޔާސީ އިލްމުވެރިއެއް ކަމަށްވާ ރޮބާރޓް ޑާލްވެސް މި ދެ ޝަރުތަކީ ޑިމޮކްރެސީގެ އެންމެ އަސާސީ ދެ ޝަރުތުކަމަށް އެއްބަސް ވެއެވެ. މިގޮތުން ރޮބާރޓް ޑާލް ވަނީ މި ދެ ޝަރުތު ފުރިހަމަ ކުރަން ބޭނުން ނަމަ ފުރިހަމަ ކުރުން ލާޒިމު އިތުރު ފަސް ޝަރުތެއް ހުށައަޅާފައެވެ. އެ ފަސް ޝަރުތު މިތާގައި ނަޤަލު ކޮށްލާނަމަވެ.

1. މަޢުނަވީ ގޮތެއްގައި ރައްޔިތުން ބައިވެރިވުން

2. ވޯޓު ލުމުގެ ހައްޤު ހަމަހަމަ ގޮތެއްގައި އެންމެނަށް ލިބިފައިވުން

3. މަސްރަހުގެ ހިނގާ ބިގާ އޮޅުން ފިލުން

4. ސިޔާސީ އެޖެންޑާގައި ރައްޔިތުންގެ ނުފޫޒު އޮތުން

5. މަރުހަލާތަކުގައި ރައްޔިތުން ބައިވެރި ކުރުން

މިޝަރުތުތައް ހަމަވާކަމުގައި ވަންޏާ ސަރުކާރުގައި ތިބެން ވާނީ އިންތިޚާބަކުން ރައްޔިތުންގެ ރުހުން ހޯދައިގެން ތިބޭ ބައެކެވެ. އިންތިޚާބުތަކަކީ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވޭ އެއްޗަކަށް ވާންޖެހެއެވެ. ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ވޯޓުލެވެން ޖެހޭނެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ. ރައްޔިތުންނަށް އިންތިޚާބުތަކުގައި ކުރިމަތިލުމުގެ ހައްޤު ލިބެން ޖެހޭނެއެވެ. ހަރުދަނާ އަދި އެކި ފަރާތްތަކުން މައުލޫމާތު ހޯދާ ލިބިގަނެވެން ޖެހޭނެއެވެ. ޖަމާއަތްތައް އުފައްދާ އަދި އެއްވެ އުޅުމުގެ މިނިވަންކަންވެސް ލިބެންޖެހޭނެއެވެ.

ވަރަށް ޚުލާސާކޮށް މިދަންނަވާލެވުނީ ޒަމާނީ ޑިމޮކްރެސީ އޭ މިކިޔާ ނިޒާމަކީ ކޮބައިކަމެވެ. ދެން އަލި އަޅުވާލާނީ ޑިމޮކްރެސީއާ ގުޅުވާ، އަދި ޑިމޮކްރެސީ ގެ މާނައިގެ ތެރެއަށްވެސް އާންމު ގޮތެއްގައި ވައްދާ، އެހެން ނަމަވެސް ޑިމޮކްރެސީގެ ނިޒާމުގެ ހަގީގީ މާނައިގެ ތެރެއަށް ނުވަންނަ ބައެއް ނުކުތާތަކަށެވެ.

ޑިމޮކްރެސީގެ ނިޒާމުގެ ހަގީގީ މާނައިގެ ތެރެއަށް ނުވަންނަ ބައެއް ނުކުތާތަށް

ފުރަތަމަ ކަމަކީ، ޑިމޮކްރެސީ ނިޒާމަކީ އިޤްތިސާދީ ކުރިއެރުން ޔަގީން ކޮށްދޭ ނިޒާމެއް ނޫނެވެ. ފަހަރެއްގައި އިޤްތިސާދީ ކުރިއެރުން އައިސްދާނެއެވެ. އަދި ދުނިޔާގެ އިޤްތިސާދީ ގޮތުން ކުރިއަރާފައިވާ ގިނަ ގައުމުތަކަކީ ޑިމޮޚްރެސީތައް ކަމަށް ވީނަމަވެސް ޑިމޮްކްރެސީއަކަށް ވިޔަސް އިޤްތިސާދީ ކުރިއެރުން ލާޒިމެއް ނުކުރެއެވެ. އިޤްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރު ފަދަ ގައުމުތަކަކީ ޑިމޮްކްރެސީގެ ހަމަތަކަށް ނުފެތޭ ގައުމުތަކެވެ. ނަމަވެސް ފުރިހަމަ ޑިމޮކްރިސީއެއްގައި އިޤްތިސާދީ ސިޔާސަތުތައް ބިނާވެފައި އޮންނާނީ ރައްޔިތުންނަށް ފައިދާ ހުރި ރައްޔިތުން ރުހޭ ގޮތަކަށެވެ.

ދެވަނަ ކަމަކީ ޑިމޮކްރެސީއަކަށްވުމުން ސަރުކާރެއްގެ ހިންގުމުގެ ދުވެލި އަވަސް ވުން ވެސް ލާޒިމެއް ނުކުރެއެވެ. ޚުދުމުޚުތާރު ވެރިކަމަކާ ބަލާއިރު ޑިމޮކޮރެޓިކް ސަރުކާރެއްގައި ކުރަން ޖެހޭ މަޝްވަރާތައް ގިނަވުމުގެ ސަބަބުން ކަންތައް ނިންމޭލެއް ލަސްވެސް ވެދާނެއެވެ

ތިންވަނަ ކަމަކީ، ޑިމޮކްރެސީއެއްގައި މަދަނީ ހަމަޖެހުންވެސް ލާޒިމެއް ނުކުރެއެވެ. ޑިމޮކްރެސީއެއްގައި ލިބިދޭ މިނިވަންކަމުގެ ސަބަބުން ހަމަނުޖެހުން ބޮޑުވެސް ވެދާނެއެވެ.

ހަތަރުވަނަ ކަމަކީ ސިޔާސީ މިނިވަންކަމަކީ އިޤްތިސާދީ މިނިވަން ކަމެއްނޫން ކަމާއި، ޑިމޮކްރެސީއެއްގެ އިޤްތިސާދީ ނިޒާމަކީ ކެޕިޓަލިޒަމަށްވުން ލާޒިމު ނޫން ކަމެވެ.

ފަސްވަނަ ކަމަކައް ފާހަގަ ކޮށްލާނީ ބައެއް ފަރާތްތަކުން އިންސާނީ ހައްޤުތަކުގެ އެކިއެކި ފަލްސަފާތަކާއި ނަޒަރިއްޔާތުތައް ޑިމޮކްރެސީގެ މާނައިގެ ތެރެޔަށް ވައްދަން އުޅުނު ކަމުގައިވީ ނަމަވެސް އެއީވެސް ޑިމޮކްރެސީގެ ނިޒާމެއް އޮތުމައް ކޮންމެހެން ފުރިހިމަ ކުރަން ޖެހޭ ޝަރުތެއް ނޫންކަމެވެ.

އިސްވެ މިދަންނަވާލެވުނު ކަންކަމީ ވަރަށް ގިނަ ފަރާތްތަކުން ޑިމޮކްރެސީއާ ގުޅުވައިގެން އަދި ޑިމޮކްރެސީގެ ޝަރުތުތައް ކަމުގައި ދައުވާ ކުރާ ކަންކަމެވެ. ނަމަވެސް، ހަގީގަތަކީ ހިތް އެދޭހާ ކަމެއް ނުވަތަ އެމީހަކަށް ފެންނަ ރަނގަޅު ހުރިހާ ސިފައެއް ޑިމޮކްރެސީގެ މާނައިގެ ތެރެޔަށް ނުވެއެދޭނެ ކަމެވެ. އެހެންނަމަވެސް މިދަންނަވާލެވުނު ސިފަތަކަކީ ލިބެރަލް ޑިމޮކްރެސީތަކުން ފެންނަން ހުރި ސިފަތަކަށްވެފައި ޑިމޮކްރެސީތަކުގައި މި ސިފަތައް ހުރުމުގެ ޗާންސް ބޮޑުކަން ފާހަގަ ކޮށްލާނަމެވެ.

ޑިމޮކްރެސީގެ ޝަރުތެއް ކަމައް ފާހަގަ ކޮށްފައިވާ މަސްރަހުގެ ހިނގާ ބޮގާ އޮޅުން ފިލުވުން ފުރިހަމަ ވާނީ ކޮންމެ ރައްޔިތަކު ވެސް މައުލޫމާތު ހޯދައިގެންނެވެ. އަދި ސިޔާސީ ކަންކަމާ ދޭތެރޭ ފިކުރު ހިންގައިގެނެވެ. ޑިމޮކްރެސީއެއްގައި ބައިވެރިވުމަކީ ހަމައެކަނި ހައްޤެއް ނޫނެވެ. އެއީ ވަރަށް ބޮޑު ޒިންމާއެއްވެސް މެއެވެ. މިޒިންމާ އަދާ ކުރަން ބޭނުންނަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކުވެސް ޑިމޮކްރެސީގެ ނިޒާމާއި އަޚުލުވެރިވާ ޖެހެއެވެ. ޒިންމާތަކަކީ އަދި ހައްޤުތަކަކީ ކޮބައިކަންވެސް ދެނެގަންނަން ޖެހެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !