A wide advertisement which will be shown on all devices. (700 x 100)

ދިވެހިރާއްޖޭގެ މިނިވަން ދުވަސް 2019: ފުރިހަމަ މިނިވަން ކަމަކަށް އެދިގެން

ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުން ފުވައމްުލައް ސިޓީ ކައުންސިލިން ފޮނުވާފައި

މިއަދަކީ ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަނގަ ކުރާ ޖުލައި 26 ވަނަ ދުވަހެއްވެ. ނުވަތަ 54 ވަނަ މިނިވަން ދުވަހެވެ. އިނގިޭސި ބަހުން ބުނާ އިންޑިޕެންޑެންސް ޑޭ އެވެ. މިއަދު އުފެދޭ ސުވާލަކީ ދިވެހިން މިތިބީ މިނިވަންކަމާއެކު ހެއްޔެވެ؟ ނުވަތަ އަޅުވެތިކަމުން އެއްކިބާވެފައި ހެއްޔެވެ؟ ތިމާގެ ވިސްނުމާއި ފިކުރު މަތީ ހަރުފަތަކަށް ގެންދަން މިނިވަންކަމާއިއެކު ދިރިއުޅުން ކުރިޔަށް ގެންދޭވޭނެ ފުރުސަތު އެބައޮތް ހެއްޔެވެ؟ އިގުތިސާދީގޮތުން އެކަށީގެންވާ ފުއްދުންތެރިކަން ދިވެހިންނަށް ލިބިފައިވޭ ހެއްޔެވެ؟

މިނިވަންކަން ތަފާތު ގޮތްތަކަށް މާނަކުރެވެމުން ދިއުމާއެކު އިނގިރޭސި ބަހުން މިނިވަންކަމަށް ބޭނުންކުރާ ދެބަހަކަށް ބަލާލުން މުހިންމެވެ. އެގޮތުން “އިންޑިޕެންޑެންސް” މިބަހާއި “ފްރީޑޮމް”، މި ދެ ބަހަށް ވިސްނާލާއިރު ބައެއްފަހަރު އެއް މާނައެއްގައި ވެސް މިދެބަސް ބޭނުން ކުރެއެވެ. ނަމަވެސް އިންޑިޕެންޑެންސް މާނަ ކުރެވެނީ ޑިޕެންޑް ނުވުމަށެވެ. ނުވަތަ އެހެން ބައެއްގެ މައްޗަށް ބަރޯސާ ނުވުމަށެވެ. ތިމާގެ އަމިއްލައަށް ކަންތައް ކުރުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ތިމާއަށް ލިބިގެން ވުމެވެ. ވުމާއެކު އިންޑިޕެންޑެންސް ޑޭ ރާއްޖޭގައި ގުޅުވާލެވިފައި މިވަނީ އިނގިރޭސިންގެ އަތްދޮށުން ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނު 26 ޖުލައި 1965 ދުވަހަށެވެ. ޚާރިޖީ ނުވަތަ އެހެން ގައުމުތަކާއި ގުޅުން ބޭއްވުމުގެ އަމިއްލަ އިޚުތިޔާރު ބޭނުންކުރެވެން ފެށި ދުވަހަށެވެ. އާދެ ގައުމަށް މިނިވަންކަން ލިބުނު ދުވަހެވެ.

މިކަމަށް ބަލާއިރު ފާއިތުވި ވެރިކަމުގައި ރާއްޖެއަިން ވަނީ ގަތާރާއި ތޮތް ގުޅުން އެއްވެސް ސަބަބކާއި ނުލައި ކަނޑާލާފައެވެ. އެކަމަށް ފާޑުކީ މީހުން ބުނަމުން އައީ ސައުދިއަރެބިއާގެ ނުފޫޒުން ރާއްޖެ- ގަތަރުގެ ގުޅުން ކަނޑާލަން ޖެހުނީ ކަމަށެވެ. ހަމަ އެއާއެކު މިވެރިކަން ފެށުމުގެ ކެމްޕޭނުގައި ގުޅުންތައް ފުރިހަމަ މިނިވަންކަމާއެކު ކުރިޔަށް ގެންދާނެކަމަށް ބުނެ ވަކާލާތު ކުރިއެވެ. ނަމަވެސް އަލަށް ބައެއް ގައުމުތަކާއެކު ޚާރިޖީ ގުޅުން ގާއިމުކުރެވިފައި ވީކަމުގައި ވިޔަސް ގަތާރާއެކު ކުރިން އޮތް ގުޅުން އަލުން ގާއިމު ނުކުރެވިފައިވާ ސަބަބާއި މެދު އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަނީއެވެ. އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ވީއިރު ޗައިނާގެ ގުޅުން ހީނަރު ވީއެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގިނަ ގައުމުތަކާއެކު އިތުރަށ ްގުޅުން ބަދަހި ކުރެވެމުން އެބަ ދެއެވެ. ނަމަވެސް އެއިގެ ސަބަބުން މިނިވަންކަމަށް އަސަރު ކުރޭ ބާއެވެ؟

ކޮންމެ ވެރިކަމެއް ބަދަލުވުމާއެކު ފޮރިން މިނިސްޓަރާއި ރައީސުލް ޖުމްހޫރިއްޔާ ބޭރުގައުމުތަކަށް “ސަލާން ޖަހަން” ދާން ޖެހުމުން މިނިވަންކަން ދެމެހެއްޓޭނެ ބާއެވެ؟މި ހުރިހާ ކަމެއް ހިނގުމާއި ޔޫއެންގާއި މުހިންމު ބިލްތަކަށް ވޯޓު ދޭ ގޮތާއި ކަންކަމަށް ބަލާއިރު ދިވެހިން މިތިބީ މިނިވަންކަމުަގއި ބާއޭ ސުވާލު އުފެދެއެވެ؟

ދެން އޮތީ “ފްރީޑޮމް” އެވެ. މިއީ މާނަ ފުޅާ ގޮތެއްގައި ބޭނުންކުރެވޭ ބަހެކެވެ. ސިޔާސީ ދާއިރާއިން މިބަސް މާނަ ކުރެވެނީ ގަދަބާރުން ކަންތައްތައް ކުރުމެއް ނެތި، ނުވަތަ އަޅުވެތިކަމުން އެއްކިބާވެ ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރު މިނިވަންކަމާއެކު ބޭނުން ކުރުމުގެ އިޚުތިޔާރު ލިބިގެން ވުމެވެ. ސަރުކާރު ނުވަތަ ދައުލަތުގެ ނުފޫޒެއް ނެތި ތިމާގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަންކަންތައްތައް ކުރިޔަށް ގެންދިއުމުގެ ފުރިމަހަ އިޚުތިޔާރު ލިބިގެން ވުން ކަމުގައި ބުނެވިދާނެއެވެ.

މިއަދަކީ ބޭރުގެ އެހެން ބައެއްގެ، އިނގިރޭސިންގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައި ދުވަސްކަމުގައި ގަބޫލުކުރެވެއެވެ. ނަމަވެސް ފާއިތު މިވީ 53 އަހަރުގެ ތެރޭގައި ދިވެހިން މިވަނީ ބޭރުގެ އަޅުވެތިކަމުން ސަލާމަތްވެފައިތޯ ވިސްނާލާ އެންގަލަކުން އެއްބަސް ނުވެވިދާނެއެވެ. ދެން އޮތީ އަމިއްލަ ގައުމުގައި އަމިއްލަ މިނިވަންކަން ލިބިފައިވޭތޯ އުފެދޭ ސުވާލެވެ. ނުވަތަ ފަރުދީ މިނިވަންކަމުގެ ސުވާލެވެ؟ ފާއިތުވި ވެރިކަމަށްވުރެ ބޮޑަށް ގައުމުގެ އެތެރޭގެ މިނިވަންކަން ފަރުދުންނަށް ލިބިފަިއވާކަން ސުވާލެއް ނެތް މިންވަރަށް ސާފެވެ. ހުޅުވާލެވިފައިވާ ޝައިރީއަތެވެ. ލައިވް ކުރެވިފައިވާ މަޖުލިސް ކޮމެޓީ ބައްދަލުވުންތަކާއި ޝަރީއަތުގެ އަޑު އެހުންތަކެވެ. އިދިކޮޅާއި އެއެއްކޮޅު މީހުންނަށް ވެސް މީޑީއާ އިތުރަށް ހުޅުވިގެން ދިއުމެވެ. ސިޔާސީ ފަރާތްތަކަށް މިނިވަންކަމާއެކު އެއްވުންތައް ބޭއްވުމަށް މަގު ހުޅުވިފައި އޮތުން ފަދަ އެތައް ކަމެކެވެ.

ދެން އޮތީ ފަރުދި މިނިވަންކަމާއި ހަމަހަމަ ކަމުގެ ވާހަކައެވެ. ފަރުދީ މިނިވަންކަން ލިބޭނީ ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުން އާއްމު ރައްޔިތުމީހާއަށް އެފުރުސަތު ފަހިކޮށްދީގެންނެވެ. ސަރުކާރުގެ ނުފޫޒުން އެއްކިބާވުން މުހިންމު ވަނީ، ސަރުކާރަކީ ރައްޔިތުންގެ ކަންތައްތައް ހަމަހަމަކަމާއެކު ކުރުމަށް ވަކި މުއްދަތަކަށް ކަނޑައެޅޭ ހަވާލު ކުރެވޭ ބަޔަކަށް ވާތީއެވެ. ރައްޔިތުންގެ ފައިސާއިން ޚަރަދުކުރެވޭ، މުސާރަދެވޭ ބަޔަކަށް ވާއިރު ދައުލަތުގެ މުއައްސަސާތަކުގެ މައްސޫލިއްޔަތަކީ ގައުމު ކުރިޔަށް ގެންދިއުމުގައި ރައްޔިތުންނަށް އެހީތެރިވެދީ މަގު ދެއްކައި ހަމަމަފުރުސަތަކަށް ގައުމުގެ އެންމެހާ ކަންކަން ހުޅުވާލުން ކަމުގައި ބެލެވެއެވެ.

ނަމަވެސް ހިތާމައަކީ މިގޮތުން ހަވާލުކުރެވޭ ވެރިކަން ބޭނުން މިކުރެވެނީ ހަވާލުވާ ބަޔެއްގެ ބާރާއި ނުފޫޒު ރައްޔިތުންގެ މައްޗަށް ފޯރުވުމަށް ކަމަށް ވުމެވެ. މިގޮތުން އެންމެ ބޮޑަށް ބޭނުންކުރެވޭ އެއް ހަތިޔާރަކީ ސަރުކާރު ނުވަތަ ސަރުކާރުން ބޭނުންވާ ވަކިބައެއްގެ މައްޗަށް އާއްމު ރައްޔިތުން ބަރޯސާ ކުރެވޭނެ ގޮތައް ކަންތައްތައް ބައްޓަން ކުރުމެވެ. ނޫނީ އެފަދަ މީހުން ގާތަށް “ސަލާމް ޖަހަން” ދިއުމުގެ އާދަ ގައުމުގައި އަށަގެނުވުމެވެ. އާއްމުންގެ ފުއްދުންތެރިކަން އިތުރުކުރުމަށް ނުބަލައި ސަރުކާރުގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ޚިދުމަތްތައް ބިނާކުރުމެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި ޚިދުމަތް ދޭ މުއައްސަސާތަކުގެ ގިނަ ކަންތައްތަކެއް މޮނިޓަރ ކުުރމުގެ ބަދަލުގައި އެކަންތައްތައް ކުރން ނިކުންނަނީއެވެ. އެފަދަ ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިންނާއި، އެމީހުންނާއި ގުޅިފަިއވާ ލިންކުތަައް މެދުވެރިނުކޮށް އެޚިދުމަތަކާއި އެތަންތަނުގެ ވަޒީފާގެ ފުރުސަތުތައް ހަމަހަމަކަމާއެކު އެންމެންނަސް ފަހިވެފައިވާ ކަމަކަށް އަދިވެސް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ.

ފަރުދީ މިނިވަންކަމާއި ހަމަހަމަކަން ގާއިމުކުރެވިފައިވާ ނަމަ ވަޒީފާ ހޯދުމަށް ވަކި މީހެއްގެ ރުހުމާއި ތާއިދު ހޯދުމަށާއި އެފަދަ މީހުން ގާތަށް ދާކަށް ނުޖެހޭނެއެވެ. ހަމަހަކަމާއެކު ވަޒީފާގެ ފުރުސަތުތަތައް ލިބިގެން ދާނެއެވެ. މިއަދު ކަންތައް މިހިނގަނީ އެގޮތަށް ބާއެވެ؟ ވަޒީފާގެ ހަމަހަމަކަމާއި މިނިވަންކަން އެބައޮތް ބާވައެވެ؟ ވަޒީފާ އަދާކުރުމުގައި ތިމާގެ ވިސްނުމާއި ފިކުރަށް އެންމެ ފުރިހަމ ގޮތުގައި ޖާގަ ލިބޭ ހެއްޔެވެ؟ ނޫނީ ވަޒީފާ އަދާކުރަނީ “ބޮސް” ރުއްސަން ހެއްޔެވެ؟

ދައުލަތުން ދޭ ޚިދުމަތެއް (މިސާލު އާސަންދަ، ނުވަތަ ވޒީފާ ޙޯދުމަށް) ހޯދުމަށް މަޖުލިސް މެންބަރުން ގާތުން މަގު ފަހިކުރަން ނުޖެހި ހަމަހަމަކަމާއެކު އެންމެންނަށް އެއް އުސޫލަކުން ޚިދުމަތް ލިބިގެން ދޭހެއްޔެވެ؟ ކޮންމެ ރައްޔިތަކީ ވެސް މިނިވަންކަމާއެކު ޚިދުމަތްތައް ހޯދުމުގައި އާއި ވަޒީފާ އަދާކުރުމަށް މަގު ފަހިވެފައިވާ މީހަކަށް ވެގެން ނޫނީ އޭނާގެ މިނިވަންކަން ދެމިއެއް ނޯންނާނެއެވެ. ނުފޫޒު ގަދަ މީހުން މެދުވެރިނުކޮށް ސީދާ ރައްޔިތުމީހާއަށް ޚިދުމަތް ލިބޭގޮތަށް  މަގުހުޅުމާލެވެން ޖެހެއެވެ.

ސަރުކާރު ބަދަލުވެފައި ވިޔަސް އަޅުގަނޑުމެނެގެ މުޖުތަމިއުން މިއާދަތައް ބަދަލުވިކަމަށް ގަބޫލުކުރަން އަދިސް ވަރަށް ދައްޗެވެ. ދިވެހި ޖައްވު މުޅިން މިނިވަން ވިއެކޭ އަދި ދެންނެވެކަށް ނެތެވެ.

މިނިވަން ވިޔަފާރިއަކަށާއި ޚިދުމަތްތަކަކަށް އާއްމުންނަށް ދޫކޮށްލެވި ދައުލަތުން އެޚިދުމަތްތައް ދެމުންދާ ގޮތް ވިލަރެސްކޮށް ބެލެހެއްޓުމަށް އަމާޒު ހިފާނީ ކޮން ދުވަހަކުން ބާވައެވެ. ދައުލަތުން ޚިދުމަތް ދެވޭކަން ޔަގީން ކުރުމާއި އެޚިދުމަތެއްގެ ފެންވަރު ހިފެހެއްޓޭތޯ ބެލުމަށް މިސްރާބު ކުރަން ނުވޭތޯއެވެ.

މިއަދު އަޅުގަނޑުމެން ހޯދުމަށް އެދި ގޮވަންޖެހިފައި މިވަނީ ފަރުދީ މިނިވަންކަމުގެ ހައްގެވެ. ކުރިން ބުނެވުނު ފަދަ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ މިނިވަންކަމެވެ.

މިނިވަންކަމަށް ބާވަންނަ އަހަރާއި ކުރިމަތިލާ ހިނދު ތިބާގެ މިނިވަންކަމާއި މެދު އުފެދޭ ޝުޢޫރަކީ ކޮބައިހެއްޔެވެ؟

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !