9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

ދައުލަތުގެ ބަޖެޓް 2020

2020 ގެ ދައުލަތުގެ ބަޖެޓް 3

މުހައްމަދު ރަޝީދު (ދޮންބެ)  / ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ

މިއީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ހިލޭއެހީގެ ގޮތުގައި ފައިސާ ކަނޑައަޅާފައިވާ ފުރަތަމަ ބަޖެޓެވެ. އެގޮތުން ބަޖެޓުގެ ޖުމްލަ އާމްދަނީގެ 5 އިންސައްތާގެ އިތުރުން ބިމާއި، ރަށްރަށާއި، ފަޅާ، ފަރު ފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ސީދާ ކައުންސިލް ތަކަށް ބަހާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް އެރަށަކާއި އެރަށެއް ވަށައިގެން 700 މީޓަރުގައި ވާ ހުރިހާ ތަނަކުން ލިބޭ ޢާމްދަނީ ސީދާ ލިބޭނީ އެރަށެއްގެ ކައުންސިލަށެވެ. 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދިނުމަށް ކަޑައެޅިފައި ވީނަމަވެސް 2019 އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ލިބުނީ 656 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 1 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ އާ ކަންތައްތަކުން އަންނަ އަހަރު 2.6 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނޭ ކަމަށް ލަފާކޮށްފައިވެއެވެ.

މިގޮތުން ރާއްޖޭގައި މަސައްކަތް ކުރަން އެތެރެވާ ކޮންމެ ބިދޭސީއެއްގެ އަތުން ކޯޓާ ފީއެއްގެ ގޮތުގައި 2000 ރުފިޔާ ނަގައިގެންނާއި، ވޯރކް ޕާރމިޓޫ ފީ 250 ރުފިޔާއިން 350 ރުފިޔާ އަށް އިތުރު ކޮށްގެން ލިބޭނޭކަމަށް އަންދާޒާ ކުރެވޭ 714 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ފަރުދުންގެ އާމްދަނީން ޓެކުސް ނަގައިގެން 706 މިލިއަން ރުފިޔާ އަންނަ އަހަރު ދައުލަތަށް ލިބޭނޭކަމަށް ލަފާކޮށްފައިވެއެވެ.

ނަމަވެސް މަޖިލީހުގައި މިހާރު އޮތް އިންކަމް ޓެކުސް ނެގުމުގެ ބިލުގެ ޓެކުސް ބުރެކެޓު ތަކަށް ގެނެވޭ ބަދަލަކުން މިއަދަދު ނުލިބުމަކީ އެކަށީގެންވާ ކަމެވެ.

558 މިލިއަން ރުފިޔާ ކަސްޓަމްސް ފީ ތަކަށާއި އިމްޕޯޓު ޑިއުޓީއަށް ހަށައަޅާ ބަދަލުތަކުން ލިބޭނޭކަމަށް ލަފާކޮށްފައި ވެއެވެ. މިގޮތުން ހާއްސަގޮތެއްގާ ފާހަގަކުރެވެނީ ކުރިން ސިގިރެޓަކުން ނަގަމުން އައި 2 ރުފިޔާގެ ބަދަލުގައި 3 ރުފިޔާ ނެގުމަށް ހުށައަޅާފައިވެއެވެ.

އެއަރޕޯޓު ސާވިސްޗާޖު އަދި އެއަރޕޯޓު ޑިވެލޮޕުމެންޓު ފީ އަށް ބަދަލު ގެނެސްގެން 319 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައި ވެއެވެ. މިގޮތުން ގެނެވޭ ބަދަލުގެ ތެރޭގައި އެއަރޕޯޓު ސަރވިސް ޗާޖު އުވާލުމަށްފަހު ޑިޕަރޗަރ ޓެކުހެއް ތާރަފުކުރުން ހިމެނެއެވެ. އެގޮތުން އިކޮނޮމީ ކުލާހުން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން މިހާރެކޭ އެއްގޮތަށް 12 ޑޮލަރު އަދި ކޮންމެ ބޭރު މީހެއްގެ އަތުން 30 ޑޮލަރު ނެގޭނެއެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިން އަތުންނާއި ބޭރުމީހުން އަތުން 60 ޑޮލަރު ނެގޭނެއެވެ. ފަސްޓު ކުލާހުން ދަތުރުކުރާ ދިވެހިންނާ ބޭރުމީހުން އަތުން 90 ޑޮލަރު ނެގުމަށް ހަމަޖެހިފަވެއެވެ.

ރިސޯޓު ހެދުމަށް އާ ރަށްތައް ދޫކޮށްގެން އިކުއިސިޝަން ކޮސްޓުގެ ގޮތުގައި 290 މިލިއަން ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފައި ވެއެވެ. މިހާރުވެސް ދޫކުރެވި ގިނަރަށްތަކެއް ނުހެދި ހުރިއިރު އިތުރު ރައްތަކެއް ދޫކޮށްގެން ލިބޭނޭ އާމްދަނީއަށް ވުރެ، ނުހެދިވާ ރަށްތައް ހެދޭނެ ގޮތެއް ހޯދައިގެން ދައުލަތަށް ހޯދޭނެ އާމްދަނީ އިތުރުވާނެކަމަށް އަޅުގަޑަށް ލަފާކުރެވެއެވެ.

މީގެ އިތުރަށް ބިދޭސީން ރާއްޖޭގައި ތިބުމުގެ ދޫކުރާ ހުއްދަ (ރެޒިޑެންޓް ޕަރމިޓް ފީ) އަށް ގެންނަ ބަދަލުގެ ސަބަބުން 231.6 މިލިއަން ރުފިޔާ ލިބޭނޭކަމަށް ލަފާކުރެވެއެވެ.

 

މިއީ ރާއްޖޭގައި މިހާތަނަށް ހުށައެޅޭ އެންމެ ބޮޑު ޕަބްލިކު ސެކުޓަރ އިންވެސްޓުމެންޓު ޕޮރުގުރާމް ހިންގަން ހުށައެޅޭ ބަޖެޓެވެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެ ހޯދުމުގެ ގޮތުން ފަސް ރަށެއް ސަރަހައްދީ ހަބުތަކެއްގެ ގޮތުގައި ތަރައްގީކުރަން މިބަޖެޓުގައި ހިމެނިފާވެއެވެ. އަދި މިސަރަހައްދު ތަކުގައި ފަސް ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފަވެއެވެ.

 

ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 4 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. އެގޮތުން އާސަންދަ ސްކީމަށް 951 މިލިއަން ރުފިޔާ ބަޖެޓުގާ ހިމެނިފާވެއެވެ. ތަކެތި ނުވަތަ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް 445 މިލިއަން ރުފިޔާ، ކަރަންޓުގެ ސަބުސިޑީއަށް 350 މިލިއަން ރުފިޔާ، ކާބޯތަކެތި އަގުހެޔޮ ކުރުމަށް 254 މިލިއަން ރުފިޔާ، ހާއްސައެހީއަށް ބޭނުންވާ ފަރާއްތަކަށް 216 މިލިއަން ރުފިޔާ، އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް 53 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި ވެއެވެ.

 

ތައުލީމީ ދާއިރާއަށް ބަލާއިރު 2020 ގެ ބަޖެޓަކީ މިހާތަނަށް މަތީ ތައުލީމަށް ކުރާ ހޭދަ އެންމެ ބޮޑު ބަޖެޓެވެ. ތައުލީމީ ދާއިރާއަށް 4.4 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ. އެގޮތުން އަތޮޅުތަކުގައި ތައުލީމީ އިންފްރާސްޓަކުޗާރ ގާއިމުކުރުމަށް 330 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ތައުލީމީ ދާއިރާއިން ފުވައްމުލައް ސިޓީއަށް ކުރާ ޚާރަދުތައް

ފުވައްމުލަކު އެމް.ޖޭ.އެސް ގެ 16 ކުލާސްރޫމާއި ކޮމްޕިއުޓަރ ލެބު އަދި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުން ހިމެނެއެވެ.

ހޭޒުގެ 16 ކުލާސްރޫމްގެ 3 ބުރީގެ އިމާރާތް ހިމެނެއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 16 ކުލާސްރޫމް ހިމެނޭއެވެ.

ފުވައްމުލަކު ސްކޫލްގެ މަލަޓިޕާޕަސް ހޯލް ހިމެނެއެވެ.

ފުވައްމުލަކު ސިޓީގައި އެންމެ ޒަމާނީ ޓެކްނިކަލް އަދި ވޮކޭޝަނަލް އިންސިޓިއުޓެއް ގާއިމުކުރުމަށް 17.5 މިލިއަން ރުފިޔާ ބަޖެޓު އުފަލާއެކު ފާހަގަކުރަމެވެ.

 

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތަށް 65 މިލިއަން ރުފިޔާ، ހުޅުމާލޭގައި އިމާރާތްކުރާ އާ ސްކޫލަށް 54 މިލިއަން ރުފިޔާ، މެޑިކަލް ސްކޫލް ގާއިމުކުރުމަށް 35 މިލިއަން ރުފިޔާ، ސީ.އެޗު.އެސް.އީގެ 8 ބުރީގެ ކުލާސްރޫމްގެ އިމާރާތަށް 22 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި ވެއެވެ.

ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެންމެ ޒަމާނީ ޓެކްނިކަލް އަދި ވޮކޭޝަނަލް އިންސިޓިއުޝަނެއް މާލެ އާއި ފުވައްމުލަކު ސިޓީގައި ގާއިމުކުރުމަށް 27 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. މީގެ ތެރެއިން 17.5 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައި ވަނީ ފުވައްމުލަކަށްކަން ފާހަގަ ކުރަމެވެ.

އަދި ދަރިވަރުންގެ ހަޔާ އެޑިއުކޭޝަން ލޯން ސްކީމަށާއި ހިލޭ ފަސްޓު ޑިގްރީ އަށް ކިޔެވުމުގެ ޕޮރުގުރާމަށާއި ސްކޮލަރޝިޕުތަކަށް 750 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

 

އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 20000 ސޯޝަލް ހައުސިން ޔުނިޓުގެ ބިޔަ ބޮޑު މަޝްރޫޢުއެއް ފެއްޓުމަށް ބޭނުންވާާ އިކުއިޓީގެ ގޮތުގައި 600 މިލިއަން ރުފިޔާ މިބަޖެޓުގައި ހިމެނިފައިވެއެވެ. އަދި މީގެތެރެއިން 10000 ހައުސިން ޔުނިޓުގެ މަސައްކަތް 2020 ވަނަ އަހަރު ފެއްޓުމަށް ހަމަޖެހިފަވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ހައުސިން މަޝްރޫޢުއެވެ. އެކި ރަށްތަކުގައި ގާއިމުކުރެވޭ ހައުސިން ޔުނިޓުތަކަށް 359 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

 

2020 ވަނަ އަހަރަށް ހުށައެޅިފައިވާ މި ބަޖެޓުގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާނޭ ހަރަކާއްތަކަށް އިސްކަން ދީފައިވެއެވެ. މިގޮތުން އިގުތިސާދީ އަދި ސިނާޢީ ކުރިއެރުމަށް 7.9 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

މިގޮތުން ރާއްޖޭގެ މާ ސީޕޯޓު ގުޅިފަޅުގާ ބިނާކުރަން ފެށުމާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލްގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް 853 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި އެއާއެކު މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބުރިޖުގެ މަސައްކަތް ފެށުމަށް 411 މިލިއަން ރުފިޔާ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފަވެއެވެ. އެކިއެކި ރަށްތަކުގެ ބިން ހިއްކުމަށް 955 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ. ގުޅީފަޅު ހިއްކުމަށް 247 މިލިއަން ރުފިޔާ. ސަސްޓެއިނަބަލް އެނާރޖީ ޑިވެލޮޕުމެންޓަށް 247 މިލިއަން ރުފިޔާ ބަޖެޓުގައި ވެއެވެ. އިތުރު ކަންތައްތަކަށް ބަލާއިރު ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް 150 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

އަދި އައްޑޫސިޓީ މަގު ހެދުމަށް 135 މިލިއަން، މާލޭސިޓީ މަގު ހެދުމަށް 79 މިލިއަން، އަޅުގަޑުމެންގެ ފުވައްމުލަކު ސިޓީ މަގު ހެދުމަށް 61 މިލައަން ރުފިޔާ ބަޖެޓުގައި ހިމެނިފާވާކަން އުފަލާއެކު ފާހަގަ ކުރަމެވެ.

ފަތުރުވެރިކަން އިސްތިހާރު ކުރުމަށް  2020 ގެ ބަޖެޓުގާ ހިމެނިފަވަނީ 154މިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ އިގުތިސާދުގެ މާ ތަބުކަމުގާވާ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކަށީގެންވާ އަދަދެއްކަމަކަށް އަޅުގަޑު ނުދެކެމެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް އެސްއެމްއީ ޑިވެލޮޕުމެންޓު ފައިނޭޝަލް ކޯރޕަރޭޝަން އަށް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2020 ވަނަ އަހަރުގެ ބަޖެޓުގާ ހިމެނިފައިވެއެވެ.އަދި އެސްއެމްއީ ގާނޫނާއި އެއްގޮތަށް އިތުރު 50 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓު ކުރެވިފައިވެއެވެ. މީގެ އިތުރުން 117 ރަށެއްގެ ބަނދަރު ހެދުމަށް 1.1 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.

 

ތިމާވެށި ރައްކާތެރިކުރުމަށް 2020 ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމަނާފައުވެއެވެ. އަންނަ އަހަރު ބަޖެޓުގައި 143 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް 1.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެކި ރަށްތަކުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް 222 މިލިއަން ރުފިޔާ. އަދި ކުނި ނައްތާލުމުގެ 20 މަޝްރޫޢަކަށް 212 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުން ދެކެމުން އަންނަ ގޮޑުދޮށް ހިމާޔަތް ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް 82 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓު ވުރެވިފައިވެއެވެ. މިއީ މިކަންތައް ހަގީގަތަކަށް ވާނެ ފަހަރުކަން އަޅުގަޑަށް ޔަގީނެވެ.

 

ފުވައްމުލަކުގެ ތަރައްގީއަށް އިތުރަށް ބަޖެޓު ކުރެވިފާވާ ކަންތައްތަކުގެ ތެރޭގައި:

ފުވައްމުލަކުގެ ހޮސްޕިޓަލް ރައީސުލް ޖުމްހޫރިއްޔާގެ ވައުދާއި އެއްގޮތަށް ތަރައްގީ ކުރުން.

ފުވައްމުލަކުގައި އައި.ސީ.ޓީ ކެމްޕަސްއެއް ގާއިމުކުރުން.

ފުވައްމުލަކުގައި އިންޑޯ ސްޕޯޓްސް ކޮންޕްލެކުސް އެއް ގާއިމުކުރަން ފެށުން.

ހޯދަޑު އާއި ދޫޑިގަން އަވަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން.

ފުވައްމުލަކު ސެންޓްރަލް ފެރީ ޓާމިނަލް އެޅުން.

ފުވައްމުލަކު ބަނދަރު އަޕްގްރޭޑް ކުރުން.

ފުވައްމުލަކު ބަނދަރުގައި މިސްކިތެއް އެޅުން.

ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި ސިންތެޓިކް ދުވާ ޓުރެކެއް އެޅުން.

ފުވައްމުލަކު މަސްޖިދުލް ހުދާ އިމާރާތް ކުރުން.

ފުވައްމުލަކު ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީ ކުރުން.

ފުވައްމުލަކު ފްލެޓް ސަރަހައްދު ލޭންޑް ސްކޭޕުކުރުން.

 

މި ބަޖެޓާއެކު ޕީ.އެސް.އައި.ޕީ ޕްރޮޖެކުޓްތައް ހިންގާނޭ ގޮތުގެ ޝެޑިއުލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލާނެއެވެ. މިޝެޑިއުލުން ކޮންމެ ޕްރޮޖެކްޓެއްގެ ބީލަން ހުޅުވާ ތާރީޚުން އާއި މަސައްކަތް ނިމޭނެ ތާރީޚު ވަރަށް ތަފުސީލުކޮށް އެގެން ހުންނާނެއެވެ. އޭރުން މި ބަޖެޓުގައި ހިމެނޭ ކޮންމެ ރަށެއްގެ ޕީ.އެސް.އައި.ޕީ ކޮންމެ ޕްރޮޖެޓެއްވެސް ފަށްޓަން ހަމަޖެހިވާ ތާރީޙު ކޮންމެ ރައްޔިތަކަށް ފަސޭހައިން އެގެން ހުންނާނެއެވެ.

މި ބަޖެޓާއެކު ފިނޭންސް މިނިސްޓްރީން ކައުންސިލް ތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި ބަލަންޖެހޭނެ ގައިޑްލައިނެއް އެކަށައަޅާ ކައުންސިލް ތަކަށް ފޮނުވަން ޖެހެއެވެ. އަދި އެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުން ބަޖެޓު ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ. ކައުންސިލް ތަކުގެ ބަޖެޓުގައި ކައުންސިލްތަކަށް އެރަށެއްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުން ލިބޭނޭކަމަށް ލަފާކުރާ އާއްމްދަނީގެ އިތުރުން ބްލޮކު ގުރާންޓުގެ ގޮތުގައި ބަޖެޓުން ލިބޭ ފައިސާ ހިމަނައިގެން ކައުންސިލް ތަކުގެ ޖުމްލަ އާމްދަނީ އެގިގެން ދާނެއެވެ. އަދި ޖުމްލަ އާމުދަނީ ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ފިނޭސް މިނިސްޓްރީން އެކަށައަޅާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރު ކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ.



ކިޔުންތެރިންގެ ޚިޔާލު