A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ބަހަން ރަނގަޅީ 4 ދާއިރާއަށް

ފުވައްމުލައް ސިޓީގެ އިންތިޚާބީ ދާއިރާތައް ބަހަން ރަނގަޅީ 4 ދާއިރާއަށް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ދާއިރާތައް ބަހަން އިލެކްޝަންސް ކަމިޝަނުން ކަނޑައަޅާފައިވާ ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދެއެވެ. އިންތިޚާބީ 3 ދާއިރާގެ ގޮތުގައި މިހާތަނަށް އޮތް ފުވައްމުލައް އިންތިޚާބީ 6 ދާއިރާއަށް ބަހާފައިވާ ގޮތާއި މެދު ހުރި ކަންބޮޑުވުންތައް ބޮޑެވެ. މިކަމުގައި އަޅުގަޑުގެ ވިސްނުން މިކަމުގައި ހާމަކޮށްލުމަށް މިފުރުސަތުގެ ބޭނުންކުރަމެވެ.

ފުވައްމުލައް ސިޓީ އަކީ 8 އަވަށުގެ މައްޗަށް ބިނާވެފައިވާ ރަށެކެވެ. މި 8 އަވަށަކީ ކުރިން 8 ރަށުގެ ގޮތުގައި 8 ކަތީބުންނާއެކު އިދާރީ ގޮތުން ހިނގަމުންއައި ރަށެކެވެ. އަދި އޭގެ ފަހުން 8 އަވަށު ކައުންސިލާއެކު ވެސް ހިންގި ރަށެކެވެ. 2012 ގައި ސިޓީ އަކަށް ބަދަލުވުމުގެ ކުރިން ވެސް އިންތިޚާބީ (ރައްޔިތުންގެ މަޖުލިސް) 3 ދާއިރާއަށް މެމްބަރުން އިންތިޚާބު ކުރަމުން އައިސްފައި ވެއެވެ. ނަމަވެސް ލޯކަލް ކައުންސިލް ތަކުގެ ގާނޫނަށް ގެނެވުނު އިސްލާޙާއެކު، މޭޔަރުގެ އިތުރުން 6 (ހައެއް) ސިޓީ ކައުންސިލަރުން އައްޔަން ކުރަން ގާނޫނުން ކަނޑައެޅުމުން އިލެކްޝަންސް ކަމިޝަނުން މިވަނީ ފުވައްމުލައް ސިޓީގެ އިންތިޚާބީ ދާއިރާތައް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް 6 ބަޔަކަށް ބަހައި އިންތިޚާބީ 6 ދާއިރާ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައެޅި 6 ދާއިރާ ބަހާފައި ވާ ގޮތާއި މެދު ރައްޔިތުންގެ ގިނަ ބައެއްގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ދަނީ އޮހެމުންނެވެ.

އިންތިޚާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދަކީ 6 (މޭޔަރާއި ނުލައި) ކަމުގައި ވިޔަސް އިންތިޚާބީ 6 ދާއިރާ އޮތުން ލާޒިމުކުރާ ކަމެއް ނޫނެވެ. ގާނޫނުތަކުގައި އެގޮތަށް ބަޔާންކޮށްފައެއް ނެތެވެ. އެކަން ކަނޑައަޅާނީ އިލެކްޝަންސް ކަމިޝަނުންނެވެ. އިލެކްޝަންސްގެ ގަވާއިދަކުން އެކަން ކަނޑައަޅަން ޖެހެނީ ރައްޔިތުންގެ ބަހާވެސް އެކުގައެވެ. މިކަން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުުމާއި ބެހޭ ގަވާއިދު ދާދި ފަހުން ވަނީ އާއްމުކޮށްފައެވެ. މީގެއިތުރުން ވެސް ގުރުއަތުން ނަސީބުގެ އިންތިޒާރަކަށް މީހެއްގެ ސިޔާސީ ކެރިއަރު ދޫކޮށްލެވޭ ގޮތަށް ގަވާއިދުތައް ހެދުމަކީ މިޒަމާނުގައި ބަލައިގަންނަން އުނދަގޫ ކަމެކެވެ. މި ގަވާއިދުގައި ރަށު ކައުންސިލްތަކަށް 7 މެންބަރުން އައްޔަންކުރަން ޖެހޭ ހާލަތުގައި ވެސް އިންތިޚާބީ ދާއިރާއަކީ ރަށް ކަމުގައި ކަނޑައަޅާފައިވެއެވެ. އެގޮތުގެ މިސާލަކީ ގދ. ތިނަދޫއަކީ އިންތިޚާބީ އެއް ދާއިރާއެވެ. އެރަށު ކައުންސިލަށް 7 މެމްބަރުން އައްޔަންކުރަން ވަކި އިންތިޚާބީ ދާއިރާތަކަކަށް ރަށް ބަހާފައި ނުވެއެވެ. ސީޓިތަކުގައި އިންތިޚާބީ ދާއިރާ ކަނަޑައަޅަން އުސޫލުތަކެއް ކަނޑައަޅާފައި ވެއެވެ. ގަވާއިދުގެ އެއުސޫލުގެ 6 ދާއިރާއަށް ބެހުމުން އެތައްބައެއްގެ އަސާސީ ހައްގުތަކެއް ހަނިކުރެވިގެން ދެއެވެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 6 ކައުންސިލަރުން އައްޔަން ކުރަން ކަނޑައެޅިފައި ވިޔަސް އަންހެނުނަށް 2 ގޮނޑި ޚާއްސަ ކުރެވި، އާއްމުކޮށް  4 ގޮނޑި ހުޅުވާލެވެއެވެ. މި 6 ގޮނޑިއަކީ 6 ދާއިރާ ކަމަށް ކަނޑައަޅައިފި ނަމަ 2 ދާއިރާއަކުން ފިރިހެނުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދެއެވެ. އަދި އަންހެނުން އިންތިޚާބު ކުރުމަށް ކަނޑައެޅޭ 2 ދާއިރާ ނޫން އަނެއް 4 ދާއިރާގެ އަންނެނުންނަށް ވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވެއެވެ. ވުމާއެކު 6 ދާއިރާ އަށް ފުވައްމުލައް ސިޓީ ބެހުމާއި އަޅުގަނޑު ދެކޮޅު ހަދަނީ މުޖުތަމައުގެ އެއްބަޔަކަށް ހައްގުވާ ފުރުސަތު ގެއްލި އަނެއްބަޔަކަށް ލިބެންޖެހޭ ހަމަހަމަ ފުރުސަތު ހަނިވެގެން ދާތީއެވެ.

ފުވައްމުލައް ސިޓީގެ އިންތިޚާބީ ދާއިރާތައް ބަހަން އިލެކްޝަންސަމިޝަނުން ކަނޑައޅާފައިވާ 6 ދާއިރާ

އަންހެނުންނަށް އިންތިޚާބީ ކޯޓާއެއް އޮތުމަކީ ހާލަތުގެ ގޮތުން އެންމެ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ. ނަމަވެސް އޭގެ ސަބަބުން ފިރިހެނުންނަށް އޮތް ފުރުސަތު ގެއްލިގެން ދާނެގޮތަކަށް އެކަން އިންތިޒާމުކުރުމަކީ ރަގަނޅުގޮތެއް ކަމުގައި ނުދެކެމެވެ. އަދި ގުރުއަތުން ދެ ދާއިރާއަކުން އަންހެން މެމްބަރުން ކަނޑައަޅާ ގޮތަށް އޮވެއްޖެ ނަމަ އަނެއް 4 ދާއިރާގެ އަންހެނުންނަށް ހަމަހަމަ ފުރުސަތު ގެއްލިގެން ވެސް ދާނެއެވެ. މިހާރު ގާނޫނުން ކަނޑައަޅާފައިވާ ގޮތަށް އަންހެނުންނަށް 2 ގޮނޑި ޚާއްސަކޮށްގެން ވެސް ފިރިހެނުންނަށާއި އެހެން ދާއިރާތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުސަތު ނުގެއްލޭ ގޮތަށް އިންތިޚާބީ ދާއިރާތައް ކަނޑައެޅޭނެ ބައިވަރު ގޮތްތަކެއް އެބަހުއްޓެވެ.

އެގޮތުން އަޅުގަނޑުގެ ހުށަހެޅުމަކީ ފުވައްމުލައް ސިޓީ 4 ދާއިރާއަށް ބެހުމަށެވެ. އެއީ އާއްމުކޮށް ހުޅުވާލެވޭ 4 ދާއިރާއެވެ. މި 4 ދާއިރާ ކަނޑައެޅުމުގައި ޒަމާނުއްސުރެ ފުވައްމުލަކުގެ އަވަށްތައް ކާލި ކުރެވިފައިވާ ގޮތަށް ބަލައިގެން ތަރުތީބު ކުރެވިދާނެއެވެ. އެގޮތުން ދަޑިމަގު-ދިގުވާނޑު، ހޯދަޑު-މާދަޑު، މިސްކިތްމަގު-ފުނާޑު، އަދި މާލެގަން-ދޫނޑިގަން، މިއީ 4 ބަޔަަކީ ދާއިރާގެ އާބާދީ ކަނޑައެޅުމުގެ އަސާސެއްގެ ގޮތުގައި ބެލިދާނެއެވެ. ކޮންމެ ބޯޑަރަކުން ގެތައް އުނި-އިތުރު ކޮށްގެން އާބާދީ ގާނޫނީ މިންގަޑަށް ގެނެވިދާނެއެވެ. އަންހެނުންނަށް ޚާއްސަކުރާ ދެ ގޮނޑިއަކީ މިތަނުން ކޮންމެ 2 ދާއިރާއެއް އެއްކޮށްގެން ކަނޑައެޅޭ ގޮނޑިއެއް ކަމުގައި ހަމަޖެއްސިދާނެއެވެ. އަދި މޭޔަރު ހޮވުމަށް މި 4 ދާއިރާ އެއްކޮށް ވޯޓުލުން ބޭއްވިދާނެއެވެ.

މިގޮތަށް 4 ދާއިރާއަށް ބެހުމުގެ ފައިދަ ތަކަކީ:

  1. އިންތިޚާބީ ދާއިރާތައް ކަނޑައެޅި ކަމުގައި ވިޔަސް އެއްވެސް ބައެއްގެ އިންތިޚާބީ ހައްގުތައް ބަންދު ނުވެ ހުރިހާ ފަރާތްތަކަކަށްވެސް ފުރުސަތު ފަހިވެފައި އޮތުން.
  2. ހަބަޔަކަށް ބެހުމުން ވޯޓްލާ އާބާދީ ކުޑަވެ، ފާއިތުވި އިންތިޚާބުތަކުގައި ފެނިފައިވާ އާއިލީ (އެންމެ ރަނގަޅު ނޫން) ނުފޫޒު ކުޑަވެގެން ދިއުން.
  3. އެންމެ ރަނގަނޅު ކެންޑިޑޭޓުން ހޮވުމަށް ފުރުސަތު ފަހިވެފައި އޮތުން.
  4. ވަކި އަވަށެއް ‘ފޮތިފޮތި’ ނުކޮށް ދާއިރާތައް ބެހިފައިވުމުން ރައްޔިތުން އެކަން ގަބޫލުކުރާން ފަސޭހަ ވުން.
  5. ދެ ދާއިރާ އެއްކޮށްކޮށްގެން އިންތިޚާބުކުރާ އަންހެން މެމްބަރަކީ ފުވައްމުލަކުގެ ‘ދެއަރިން’ ކައުންސިލްގައި ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި އޮތުމުން އެއަންހެން މެންބަރުންނަކީ މުޅި ރައްޔިތުން ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ބަލައިގަތުމަށް ފަސޭހަވެ ގާބިލް އަންހެނުންނަށް  ފުރުސަތު ހުޅުވިގެން ދިއުން.
  6. ދުރު ނޫން މުސްތަގުބަލެއްގައި ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބީ ދާއިރާވެސް 4 އަށް ބަދަލުވެގެން ދާއިރު މި އުސޫލުން ކަނޑައެޅޭ ދާއިރާތަކަކަށް ވުމުން ރައްޔިތުންގެ ރުހުމާއި ލޯބި މިއުސޫލަށް އިތުރަށް ލިބިގެން ދާނެކަމަށް ބެލެވޭ.
  7. ކުރީ ޒަމާނުގައި އަވަށްތަކުގެ ‘ކާލިއެއްކުރެވިފައިވާ ގޮތަށް ބަލާއިރުވެސް މިގޮތަށް ކިޔަން ފުރުސަތު ލިބި އެކަން ބަލައިގަތުމަށް ފަސޭހަ ވުން. އެންމެ ކުރީ ފުވައްމުލަކުގައި 8 އަވަށް އޮތް އިރުވެސް ‘ދެއަރި’ އަށް ރަށުގެ އާބާދީ ބެހިފައިވާތީ އެކަން ބަލައިގަތުމަށް ރައްޔިތުންނަށް ފަސޭހަވާނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ފުވައްމުލައް ސިޓީ 6 އިންތިޚާބީ ދާއިރާއަށް ބެހުމުގެ ސަބަބުން ރަށުގެ ބައިބައިވުން އިތުރުވެ އިންތިޚާބުތަކުގައި ވޯޓް ދޭން އެކަށީގެން ވާ ރަނގަޅު އާބާދީއެއް ގާއިމެއް ނުކުރެވިދާނެއެވެ. އަދި އިންތިޚާބުކުރެވާ އަންހެން މެމްބަރުންނަކީ މުޅި ރައްޔިތުން ވޯޓު ދީގެން ހޮވާ ދެ މެމްބަރުންނަށް ނުވެއެވެ.

މިއުސޫލުން ރާއްޖޭގެ ކޮންމެ ސިޓީ ކައުންސިލަކަށް ވެސް މެމްބަރުން އިންތިޚާބުކުރުމަށް ހުރަހެއް ނެތެވެ. ކޮންމެ ދެ ދާއިރާއެއްކޮށް އަންހެން މެމްބަރަކު އައްޔަން ކުރާނީއެވެ. އަދި އެހެން ކޮންމެ ދާއިރާއަކުން އާއްމުކޮށް ހުޅުވާލެވިފައިވާ މެމްބަރަކު އިންތިޚާބު ކުރާނީއެވެ.

ފުވައްމުލައް ސިޓީ: ޖުމްލަ 6+1 މެމްބަރުން، ހުޅުވާލެވިފައިވާ 4 އަންހެން 2، މޭޔަރ 1

އައްޑޫ ސިޓީ: ޖުމްލަ 12+1 މެމްބަރުން، ހުޅުވާލެވިފައިވާ 8 އަންހެން 4، މޭޔަރ 1

މާލެ ސިޓީ: ޖުމްލަ 18+1 މެމްބަރުން، ހުޅުވާލެވިފައިވާ 12 އަންހެން 6، މޭޔަރ 1

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !