20 ފެބުރުއަރީ 2020 ( ބުރާސްފަތި )

banner

މަޝްހޫރު ވެވޭތޯ ހަޑި ހޭވުން

ދެ ޒުވާނަކު ވަރަށް އަނިޔާވެރި ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނާ ޓުވީޓެއް މީހަކު ކޮށްގެން މީސްމީޑިޔާގައި ރޭގެ ވަގުތުތަކުގައި އެ ވާހަކަ އެނބުރުނެވެ. މި ކަމާ ގުޅިގެން ކަންތައްތަކެއް ސާފުކޮށްލާ ހިތް ވެއްޖެއެވެ. ސާފުކޮށްލާން ބޭނުންވި މައިގަނޑު ދެ ސަބަބެއް ވެސް އެބަ އޮތެވެ. ދިވެހީންނަކީ އެމީހުން ނުރުހޭ ބައެއްގެ ފުށުން ކިތަންމެ ރަނގަޅު ކަމެއް ފެނުނަސް ނުރުހުމުގެ ލޮލަށް މުޅީންވެސް އައިބު ފެންނަ ބައެކެވެ. އަނެއް ކަމަކީ ބައިބޯ މާލޭގެ މަގުމަތީގައި ހަވީރުގެ އެ ފަދަ ވަގުތެއްގައި އެތައް ބައެއްގެ ކުރިމަތީގައި އެ ބުނާ ފަދަ ޢަމަލެއް މި ފަދަ ތަހުޒީބީ ޒަމާނެއްގައި ފުލުހުން ހިންގައިފާނޭ ކަމަށް ވިސްނާން ދަތިވީއެވެ.

ކޮންމެއަކަސް އިއްޔެގެ ހަވީރުގެ ވަގުތުގައި ހިނގައިދިޔަ މި ޙާދިސާޔާ ގުޅޭގޮތުން މަޢުލޫމާތު އެނގޭ ދެތިން ފަރާތަކުން ސާފުކޮށްލީމެވެ. ޓުވީޓުގައި ބުނާ އަނިޔާވެރިކޮށް ހިފެހެއްޓި ދެ ޒުވާނުން ފުލުހުން ހިފެހެއްޓީ ވައްކަމެއް ކުރުމަށްފަހު ފިލާން ދުއްވަނިކޮށެވެ. ދުއްވާން ހުރި ޒުވާނާގެ އަތުގައި ލައިސަންސެއް ނޯވެއެވެ. ފުރަތަމަ ފުލުހުން ހުއްޓާން ބުނުމުން ހެންވޭރު ކުއިޗް ކެފޭ ކައިރިން ދެ ޒުވާނުން ދުއްވާފައި ގޮސް ވަނީ ހީނާ ގޯޅިން ވަންވޭއާ ދެކޮޅަށެވެ. ހީނާގޯޅިން ވަންވޭއާ ދެކޮޅަށް ގޮސް ވައިޖެހޭ މަގުން ވަންވޭއާ ދެކޮޅަށް ދުއްވާފައި ގޮސް ލަންސިމޫ ގޯޅިން ވަންވޭއާ ދެކޮޅަށް ދުއްވާފައި ގޮސް ނުކުތީ މަޖީދީ މަގަށެވެ. އޭރުވެސް ފުލުހުން އިޝާރާތުންނާއި އަނގަބަހުން މަޑުކުރާން ބުނަމުން، އެމީހުންގެ ފަހަތުން ދިޔައެވެ. މަޖީދީ މަގުން ޖަނަވަރީ މަގަށް ވަދެގެން އަނެއްކާވެސް ދެ ޒުވާނުން ދިއްލީ މަގުން ވަންވޭއާ ޚިލާފަށް ވަދެގެން ގޮސް ކާސިންޖީ މަގަށް ނުކުމެގެން ގޮސް ދޫހިމެރި މަގުން ވަންވޭއާ ޚިލާފަށް ގޮސް ސޯސަން މަގަށް ނުކުމެގެން ބޮޑު ރަސްގެފާނު މަގުން ވަންނަނިކޮށް ފުލުހުން އެމީހުން ހިފެހެއްޓިއެވެ.
ވަންވޭއާ ދެކޮޅަށް ދުއްވުމުގެ ތެރޭގައި ކުޑަ ޕިކަޕެއްގެ އަރިމަތީގައިވެސް ޖެހުނެވެ.
ފުލުހުން އެ ދެ ޒުވާނުން ހިފެހެއްޓި ވަގުތު ފަހަތުން ސައިކަލެއްގައި ކުޑަކުއްޖަކު ގޮވައިގެން ފިރިހެނެއް އޭނާގެ ސައިކަލުގައި ޖެހި ދެ ޒުވާނުންނާ ހެދި އެ ކުޑަކުޑަ ކުއްޖާ ނުވެއްޓުނީ ކިރިޔާއޭވެސް ބުންޏެވެ.
މި ބުނާ ޙާލަތުގައި ފުލުހުން އެ ދެ މީހުން ހިފެހެއްޓި ސަރަހައްދަކީ މާލޭގެ އެންމެ ބާރު ބޮޑު ސަރަހައްދު ކަމަށް ވެފައި ހަވީރު ގަޑި ކަމުން ވަރަށް ގިނަ މީހުން މަންޒަރު ބަލާން ތިއްބެވެ.
ސަރަޙައްދުގައި ތިބި ދެތިން މީހަކު މަޢުލޫމާތު ދިން ގޮތުން އެމީހުން ބެލުމުގެ ދަށަށް ގެނައުމުގައި ފުލުހުން އެއްވެސް ވަރަކަށް އަނިޔާވެރިއެއް ނުވެއެވެ. ހުއްޓުވާފައި ބިޑި އަޅުވައިގެން ގެންދިޔައީއެވެ. ތަޅައި އަނިޔާއެއް ނުކުރެއެވެ. ބިން މައްޗަށް ވައްޓައެއް ވެސް ނުހަދައެވެ.
ވައްކަން ކޮށްގެން ސައިކަލު މަޑިދަށަށް ވަގަށް ނެގި ތަކެތި ލައިގެން ފިލާން ދުއްވި ދެ ޒުވާނުންނަކީވެސް ތަފާތު ކުށުގެ ރިކޯޑު ހުރި ދެ މީހުންނެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން ދެމީހުންވެސް ތިބި ގޮތުން އެ ދެމީހުން ތިބީ އޭރުވެސް ހަމައިގައި ކަމަކަށް ނުފެނެއެވެ.
އެހެންވީމާ އަދި ހަމަ ތަނަކުން މީހަކު ޓުވީޓެއް ކުރާއިރަށް އެއީ ތެދަކަށްވެސް ނުވާނެއެވެ. ހިތުގައި އަނދަމުން އަންނަ ޙަސަދައެއް ފިލުވައިލުމަށްޓަކައި “ޖަހާލި ޗައްކަރަކަށް”ވެސް ވެދާނެއެވެ.
މި ދުވަސްވަރަކީ ފުލުހުންގެ ޚިދުމަތްތައް އާންމުން ބަލައިގަނެ ފުލުހުންނަށް ތަޢުރީފު އޮހެމުން އަންނަ ދުވަސްކޮޅެކެވެ. މީޑިޔާތަކުގައި ފުލުހުންގެ ޚިދުމަތުގެ ވާހަކަތައް ކޮންމެ ދުވަހަކުވެސް ފަލަ ސުރުޚީތަކުގައި ފެވެމުން އާދެއެވެ. ވަގަށް ނަގާފައިވާ އެތައް ބައިވަރު ސައިކަލުތަކެއް ފުލުހުން ހޯދި ވާހަކައެވެ. ކޮންމެވެސް މުހިންމު ޙާލަތެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދިން ވާހަކައެވެ. ފޭރިގެން ފިލަން ދުވި މީހަކު ހިފެހެއްޓި ވާހަކައެވެ. އެތައް ކިލޯއަކުން މަސްތުވާތަކެތި ހޯދާ ވާހަކައެވެ. މި ވާހަކަތައް އެއްބަޔަކު ދައްކާއިރު އަނެއް ބަޔަކު ފުލުހުންގެ އަގު ވައްޓާންވެސް އުޅެވެތޯ ބަލަނީއެވެ. އެކަމަކު މި ފަހަރު މިވީ އެހެން ގޮތެކެވެ. މޮޅު ޓުވީޓެއް ކޮށްލާނަމޭ ހިތައި ކޯޗެއްތޯ ނުބަލައި ގުއި ތަފާއްޔެއްގައި ދަނޑިން ތަޅަން ހަދައިގެން އޭގައި ހުރި އެއްޗެއް ބުރައިގެން އައީ ގަޔާ ދިމާޔަށެވެ.
ޙަޤީގަތެއް ނުބަލައި ޓުވީޓު ކުރީމާ ޖަވާބުގައި އެހެން މީހުން ދެއްކި ވާހަކަޔާ ހެދި ލޯހުޅުވާލަންވެސް ނުކެރުނީއެވެ.


ކިޔުންތެރިންގެ ޚިޔާލު