A wide advertisement which will be shown on all devices. (700 x 100)

މާސް ކޮލަމް: ސްކޫލްތައް ބަންދުކުރާ ޙާލަތަށް ރާއްޖޭ ހިނގައްޖެ ބާ؟

ޏ.އޭއީސީގެ އިސް ދަރިވަރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދުއާއި ސްކޫލް ޕްރިންސިޕަލް އަސްމާއިލް ސައުދުﷲ. 1 މާރިޗް 2020

މިހާރު މުޅިި ދުނިޔެއަށް ވެސް ކުރިމަތިވެގެން އުޅޭ ކްރޯނާ ވައިރަސް އާއި ގުޅިގެން މިހާތަނަށް ރާއްޖެއިން ފެނިފައި ވަނީ 8 މީހުންނެވެ. މިއެންމެނަކީ ވެސް މީހުން ދިރިއުޅޭ ރަށްރަށާއި ވަކިން އޮތް ރިޒޯޓުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަދި މިއެންމެންކީ ވެސް ތިން ރިޒޯޓް، ރަށުގައި މަސައްކަތް ކުރާ ބިދޭސިންނެވެ. އަދި މި މީހުން ގަޔަށް ބަލި ވާރުތަ ވެފައިވަނީ އެ ރިޒޯޓްތަކަށް އައި ބޭރު މީހުންގެ ގައިކަން ވަނީ އެނގިފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ކްރޯނާ ވައިރަސްގެ އެލާރޓް ލެވެލް ވަނީ 2 (ޔެލޯ) އަށް ޖައްސާފައެވެ. އޭއީ ބަލިޖެހިފައިވާ މީހަކު ރާއްޖެއިން ބޭރުން އަންނަ ހާލަތެވެ. މިހާލަތުގައި ކަންކަން ކުރަން ބައިނަލް އަގުވާމީ ސިއްހީ އިދާރާތަކުން އިރުޝާދު ދީފައި ވަނީ:

  1. ބަލި ފެނުނުތަނުގައި، ބަލިމީހާއާއި ބައްދަލުވި މީހުންނާއި އިތުރު މީހުން ސްކްރީންކޮށް ބަލި ހުރިތޯ ދެނެގަތުން
  2. ބަލީގެ އަލާމަތްތައް ފެންނަ މީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމާއި ބައްދަލުވިފައިވާ މީހުން ކަރަންޓީނު ކޮށްގެން ބެލެހެއްޓުމެވެ. އެގޮތުން ގޭގައި ވަކިން ބޭތިއްބުމާއި ބަލިމީހާ ފެނުނު ސަރަހައްދު ކަރަންޓީނު (ބަންދުކޮށްގެން) ބެލެހެއްޓުން ހިމެނެއެވެ.
  3. އާއްމު ހޭލުންތެރިކަން އިތުރުކުރުމާއި ހާލަތުގެ މައުލޫމާތު ހާމަކުރަމުން ދިއުމެވެ.
  4. ބަލިމީހުންނާއި އާއިލާއަށް ހިތްވަރުދިނުމާއި ނަފުސާނީ އެހީތެރިކަން ދިނުމެވެ.

މިއިން އެއްވެސް ކަމެއްގައި ގައުމުގެ އާއްމު ހަރަކާތްތައް ހުއްޓުމަކަށް އިރުޝާދު ދީފައެއް ނުވެއެވެ. ތައުލީމުދޭ ތަންތަން ހުއްޓުމަކަށް އިރުޝާދު ދީފައެއް ނެތެވެ.

މީގެ އިތުރުން މި މާރިޗު މަހު 10 ވަނަ ދުވަހު ޔުނިސެފާއި ބައިނަލްއަގުވާމީ އެހެން އިދާރާތައް ގުޅިގެން ނެރުނު ގައިޑްލައިނުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރު އަޅާފައިވާއިރު ވެސް ސްކޫލްތައް ބަންދުކުރުމަށް އިރުޝާދު ދީފައެއް ނުވެއެވެ.

ރާއްޖޭގެ ހާލަތު ލެވެލް 2 ގައި ހުރިއިރު ރޭގައި، މިވަނީ ހުރިހާ ސްކޫލްތަކެއް ބަންދުކުރުމަށް ނިންމާފައެވެ. ރާއްޖޭގެ މާހައުލަށް ބަލާއިރު ސްކޫލްތައް މިހުރީ ވަކި ވަކި ރަށްރަށުގައެވެ. އެއިން އެއްވެސް ރަށަކުން ބައްޔަށް ޝައްކުވާ މީހަކު ވެސް ފެނިފައެއް ނުވެއެވެ. ބަލި ފެނުނު ރިޒޯޓެއްގައި އުޅެފައި ޗުއްޓީއަށް ރަށަށް ދިޔަ ކުއްޖާވެސް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

ވުމާއެކު މާލެ ފިޔަވައި ދެން ހުރި ސްކޫލްތަކަކީ ބަލީގެ ކޮންޓެކްޓް އޭރީއާ ކަމުގައި ވެސް ބެލެވޭކަށް ނެތެވެ. މާލެއިން ކޮންޓެކްޓްވި މީހުންގެ ހާލަތުވެސް ދެނެގަނެވި އަދި ނެގަޓިވް ވެފައިވާތީ މާލެއަކީ ވެސް ބަލިގެ ކޮންޓެކްޓް އޭރީއާއެއްގެ ގޮތުގައެއް ނުބެލެވެއެވެ. ވުމާއެކު ރާއްޖޭގައި ކްރޮނާ ވައިރަސްގެ ހާލަތު ލެވެލް 2 ގައި އޮތީވެސް މަދު ރިޒޯޓް ރަށްތަކެއް ގައެވެ. އެހެން ސަރަހައްދުތަކަކީ އާއްމު ހާލަތުގައި ވާ ސަރަހައްދު ތަކެއް ކަމުގައި ބަލަން ޖެހެއެވެ.

ވުމާއެކު އެހެން ސަރަހައްދުތަކުގެ އާއްމު ހާލަތުގައި ކަންކަން ކުރިޔަށް ގެންދަން ޖެހޭ ކަމަށް ދެކެވެ. ވުމައެކު މިހާތަނަށް ރާއްޖޭގެ ސްކޫލްތައް ބަންދުކުރަން ޖެހޭފަދަ ހާލަތެއް އޮތްކަމަކަށް ނުދެކެމެވެ. ނަމަވެސް ޙާލަތު ބަދަލުވެއްޖެ ނަމަ ސްކޫލްތައް ވެސް ބަންދު ކުރަން ޖެހިދާނެއެވެ.

މިހާރުގެ ހާލަތަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުންކަން ސާފެވެ. އާއްމު މައުލޫމާތު އިތުރުކޮށް ބަލީގެ ހާލަތު ހާމަކުރަމުން ދިއުމެވެ. އެކަން މިހާރު ވަރަށް ފުރިހަމައަށް ކުރެވެމުންދާ ކަމަށް ގަބޫލުކުރަމެވެ.

ދެން ސްކޫލްތައް ބަންދު ކުރަން ވީ ކޮން އަސާސަކުން ބަލައިގެން ހެއްޔެވެ؟ ރާއްޖޭގެ ހުރިޙާ ސްކޫލެއްގައި ވެސް އޮތީ އެއްހާލަތެއް ހެއްޔެވެ؟ ނޫނެކެވެ. ވަރަށް ތަފާތެވެ. ދަތުރުފަތުރުތައް މަދު ވަށާ ކަނޑުގައި އެހެން މީހުންނަށް ‘ބަންދު’ ވެފައިވާ ރަށްތައް ގިނައެވެ. ‘ލޯކަލް ޓްވަރިޒަމް’ގެ ގެސްޓް ހައުސްތައް ނެތް ރަށްތައް ވެސް އެބަހުއްޓެވެ. ދެން ހަމަ ކުއްލިއަކަށް “ބްލޭންކެޓް ކޮށް” ހުރިހާ ސްކޫލެއް ބަންދުކުރަން ވީހެއްޔެވެ؟

މާދަމާ އޮފީސްތައް ވެސް ބަންދުކުރަން ވީހެއްޔެވެ؟ ވިޔަފާރިތަކާއި މަސައްކަތްތައް ވެސް ހުއްޓާލަން ވީހެއްޔެވެ؟ ހުންއަންނާނެ ކަމަށް ރަޖާލައިގެން ތިބެންވީ ހެއްޔެވެ؟ ނޫނީ މިއީ ރައްކާވެތިބިއްޔާ ދަތުރެކޭ ބުނާގޮތަށް ވި ރައްކާތެރިވުމެއް ހެއްޔެވެ؟

ވިސްނުމަކީ ތަފާތު އެއްޗެކެވެ. ޓީޗަރސް އެސޯސިއޭޝަނުން ވެސް ސްކޫލްތައް ބަންދުކުރަން ގޮވާލިއެވެ. ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން ވެސް ގޮވާލިއެވެ. އަދި މަދު ބައެއް ޑޮކްޓަރުން ވެސް ގޮވާލިއެވެ. ކްރޯނާ ވައިރަސް އާއި ގުޅުވައިގެން ސްކޫލްތައް ބަންދު ނުކޮށްގެން ބެލެނިވެރިން އައީ ޝަކުވާ ކުރަމުންނެވެ.

ނަމަވެސް އެ ގޮވާލުންތަކުގެ އަސްލު ގުޅެނީ ކޮންކަމަކާ ހެއްޔެވެ؟ ހަމައެކަނި އިހައް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައެވެ. އެކަމުގައި ހާލަތަށް އެންމެ ރަނގަޅަށް ބެލިގެން ގެނެސްދީފައި ވަނީ އިތުރު ކޮން އަސާސްތަކެއް ހެއްޔެވެ؟

މިއަށްވުރެ މާ ބޮޑަށް ކްރޯނާ ވައިރަސް ފެތުރިގފައިވާ ގައުމުތަކުގައި ވެސް މިގޮތަށް ސްކޫލްތަކެއް ބަންދެއް ނުކުރެއެވެ. މިސާލެއްގެ ގޮތުން ސިންގަޕޫރާއި މެލޭޝިއާ ބައްލަވާށެވެ. ސްކޫލް، ކޮލެޖު ޔުނިވަރސިޓީތަކެއް ބަންދެއް ނުކުރެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން މުވައްޒަފުންނާއި ދަރިވަރުން ސްކޫލަށް އަންނައިރު ޓެމްޕަރޭޗަރ ޗެކުކުރެއެވެ. ހުން 37.7 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ހުންނަ ކުދިން އިތުރަށް ޗެކު ކުުރުމަށް ހެލްތު ރޫމަށް ނުވަތަ ކްލިނިކަށް ގެންދެއެވެ. އަދި ހުން ތިރިނުވާނަމަ ގޭގައި މަޑުކުރުމަށް ފޮނުވާލެއެވެ. އެފަދަ މަދު ކުދިންގެ ފިލާވަޅުތައް އޮންލައިކޮށް ގެންދިއުމަށާއި ޓީޗަރެއްގެ އެހީ ދޭނޭ އިންތިޒާމު ހަމަޖައްސާދެއެވެ.

މިދެންނެވި ދެ ގައުމުގައި ވެސް މިއުސޫލުން ޔުނިވަރސިޓީއާއި ކޮލެޖްތައް ކުރިޔަށްދާތާ މިހާރު މަހެއްވަނީއެވެ. ސްކޫލްތައް ބަންދެއް ނުކުރެއެވެ. މަސައްކަތްތައް ހުއްޓައެއް ނުލައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ މެދު ބަންދު ދުވަސްވަރު ކަމުން ބައެއް މީހުން މިކަން ދުށީ ޗުއްޓީ ދިގުކޮށްލުމުގެ ފުރުސަތަކަށް ކަމަށް ތުހުމަތު ކުރެވެނީ ސޯޝަލް މީޑިއާގައި ވާ އެފަދަ ޕޯސްޓް ތަކުންނެވެ. މިއީ ސިޔާސީ ކަމެއްގެގޮތުގައި ބެލުމުގެ އެއް ހާލަތަކީ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާ ވުމެވެ. އަދި އިންތިޚާބު ފަސްކުރަން ވެސް އެދޭނެެ ކަމަށް ބެލެވޭތީއެވެ. އަނެއްގޮތަކީ އިދިކޮޅުން، ސަރުކާރުު ހިންގާ ޕާޓީއަށް ގައުމު ހިންގަން ލިބޭ ވަގުތު ކުޑަކުރުމުގެ ވިސްނުމެވެ. އަދި ސަރުކާރު ހިންގާ ޕާޓީއަށް އިންތިޚާބު ލަސްކޮށްގެން ނެގެން އޮތް ފައިދާއަށް ބަރޯސާވާ ވިސްނުމެއް ވެސް އޮވެއެވެ. މިކަންކަމަށް މިވަގުތަށް އިތުރު އެއްޗެއް ބުނަން ނެތީމެވެ.

ގައުމުގައި މަސައްކަތްތެރިކަމަށް ދެވޭ އަހައްމިއްޔަތަކުން އިތުރު ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ވެސް ހައްތާ މަސައްކަތްތެރިކަމާއި ދުރަށް ދާން ވިސްނުން ހުރުމަކީ ގައުމުގެ މުސްތަގުބަލަށް ހުރި ނުރައްކަލެކެވެ.

ދުނިޔޭގައި ގައުމުތަގުގައި މިފަދަ ހާލަތުތަކުގައި މީގެ ކުރިން އަމަލުކޮށްފައިވާ ގޮތުގެ ނަތީޖާއަށް ދިރާސާތައް ހެދިފައި އެބަހުއްޓެވެ. އެގޮތުން އެޗް1އެން1 އާއި އެބޯލާ، ސާސް އަދި މާސްގެ ޙާލަތުގައި ސްކޫލްތައް ބަންދުކުރި ގޮތާއި އެކަމުގެ ނަތީޖާތައް ދިރާސާތަކުގައި އެހުރީއެވެ. ރާއްޖެ މިއަދު މިއޮތް ހާލަތުގައި ސްކޫލްތައް ބަންދުކޮށްފައި އޮތްކަމަކަށް ނެތެވެ. އަދި ބަންދުކޮށްގެން ލިބުނު ފައިދާއަށްވުރެ ބައެއް ފަހަރުގެ ގެއްލުން ބޮޑުކަމަށް ވެއެވެ. ވަގުތީ ގެއްލުމާއި ދުރުރާސްތާގެ ގެއްލުމެވެ. ނަމަވެސް މިދެންނެވީ 1 ހަފުތާއަށް ބަންދުކޮށްގެން ލިބޭ ގެއްލުމެއްގެ ވާހަކައެއް ނޫނެވެ. ދިގުމުއްދަތަކަށް ބަންދުކުރުން ޖެހުމުން ކުރިަމތިވި ޙާލަތްތަކުގެ ވާހަކައެވެ.

ރާއްޖޭގެ ސްކޫލްތައް ހުރި ސަރަހައްދަކުން، ނުވަތަ ރަށަކުން ކްރޯނާ ވައިރަސްއަށް ޝައްކުވާ މީހަކު ވެސް ނުފެންނަނީސް ސްކޫލް ބަންދުކުރުމަކީ އެންމެ ރަނގަޅެއް ނިންމުމެއް ނޫން ކަމުގައި ދެކެމެވެ. މިއީ އަދި މާ ފަހުގެ ހާލަތެއްގައި، ވައިރަސްގެ އަލާމާތެއް ފެނުމުން އަޅަންވާ ފިޔަވަޅު މާކުރިން އެޅީކަމުގައި ދެކެމެވެ.

މިއީ ހުރިހާ ހިސާބެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ވަގުތެވެ. އެގޮތުން ސްކޫލްތަކާއި ވަޒީފާ އަދާކުރާ ތަންތަނާއި ޚިދުމަތްދޭ ތަންތަނަށް ގޮސް އައިސް ހަދާ މީހުން މޮނިޓަރކޮށް ބަލީގެ އަލާމަތް ހުރިތޯ ބަލަން ޖެހެއެވެ. ސްކޫލްތައް ބަންދުކުރުމަށް ވުރެ އެފަދަ އަމަލީ މަސައްކަތްތަކުން ލިބޭނެ ރައްކާތެރިކަން ބޮޑުކަމަށް ދެކެމެވެ. ބަލި ފެތުރިފައިވާ ބައެއް ގައުމުތަކުގައި ރައްކާތެރިކަމުގެ ގޮތުން އާއްމުކޮށް ބޭރަށް ނުކުމެ އުޅޭ މީހުން ރެންޑަމަކޮށް ބައްޔަށް ޝައްކުކުރެވެ އަލާމާތެއް ހުރިތޯ ޓެމްޕަރޭޗަރ ޗެކު ކުރެއެވެ.

ސްކޫލްތައް ބަންދު ކުރުމަށްވުރެ އެފަދަ ގޮތަކަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ކާމިޔާބުކަން ބޮޑުު ކަމަށް ދެކެމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !