22 ސެޕްޓެމްބަރ 2017 (ހުކުރު)


ކޮލަމް ސުމެއް: ކީހާ ޅެން ފަރިއްސަށް!

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

އެއީ މީގެ ހައެއްކަ އަހަރު ކުރިއެވެ. 2010 ވަނަ އަހަރު ނޮވެމްބަރު މަސްތެރެއެވެ. އީދު ބަންދަށް ފަހު (ބޮޑު އީދު) އޮފީސް ތައް ހުޅުވުމުން ފުވައްމުލަކުގައި މަސައްކަތްކުރައްވާ ކައުންސިލަރުން އޮފީހުން ބޭރުކުރަން ނިކުންނާނެކަމުގައި އޭރުގެ ޑީއާރުޕީގެ ފުވައްމުލަކު ގޮފިން ބުންޏެވެ. މިހާރު ޕީޕީއެމް ތަމްސީލު ކުރައްވާ އެބޭފުޅުން އެދުވަހު އެހެން ބުނީ ކީއްވެގެންތޯ އެވެ. 

އެއީ ފުވައްމުލަކުގެ އަށް އަވަށުގައި އަށް ރަށުކައުންސިލް ހެދުމަކީ ފުވައްމުލައް އަށް ރަށަށް ބަދަލުކުރުން ކަމަށް ބުނެ އެކަމާ ދެކޮޅު ހަދައި، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ އޭރުގެ މެންބަރު ޝިފާޤު މުފީދާއި، ދެކުނު ޕްރޮވިންސްގެ އޭރުގެ ސްޓޭޓު މިނިސްޓަރުގެ ނާއިބު ޢަލީ މުޙައްމަދު ކުރީ ސަފުގައި ތިއްބަވައިގެން ކުރިއަށް ގެންދެވި ހިގާލުމުގައި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލް މެމްބަރުން ބައިވެރިވީމަ އެވެ. އެބޭފުޅުން ރަށު ކައުންސިލް ނޫނީ އަތޮޅު ކައުންސިލް މެމްބަރުކަން ބޭނުންނުވާތީ ކަމަށް ނުވަތަ ފުވައްމުލަކަށް ޣައްދާރުވީ ކަމަށް ބެލެވުނީ ކަމަށްވެސް ވެދާނެއެވެ.

އެދުވަހު ސަރުކާރާއި އިދިކޮޅު ފަރާތް ޚާއްސަކޮށް އޭރުގެ ޑީއާރުޕީ މެމްބަރުން (ގިނަ މެމްބަރުން ވަނީ ޕީޕީއެމް އަށް ބަދަލުވެފައި) ގޮވަމުން ދިޔައީ ފުވައްމުލަކުގައި އޮންނަންވީ ރަށުކައުންސިލާއި އަތޮޅު ކައުންސިލެެކެވެ. އެގޮތުން، ރަށުގައި ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވޭނެއެވެ. އަދި ސިޓީ އަކަށް ބަދަލުވާ މިންވަރަށް ކުރިއެއް ނާރައެވެ. ސިޓީ އުރައެއް އެބޭފުޅުންނެއް ބޭނުމެއް ނޫނެވެ.

އޭރުގެ ސަރުކާރު މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ މެމްބަރުންގެ ވާހަކަތައް މިއާ ތަފާތެވެ. އެބޭފުޅުން ގޮވަމުން ދިޔައީ ސިޓީއެއް އުފެދުމުން ރަށުގެ ތަރައްގީ އަށް ގިނަ މަގުތަކެއް ފަހިވާނެއެވެ. ހިންގުމުގެ ޚަރަދު ކުޑަވެ ބިޔަ އިންވެސްޓްމަންޓް ތަކަށް މަގުފަހިވާނެއެވެ.

ފުވައްމުލަކުގެ ތަރައްގީއަށް ބަލާއިރު މާބޮޑު ކުރިއެރުމެއް އަރާފައެއް ނެތެވެ. ސާފު ބޯފެނެއް ނެތެވެ. ނަރުދަމާ ދަމާ އަދި އޮތީ ނުދެމިފައެވެ. ނަރުދަމާ އާއި ބޯފެން ފޯރުކޮށް ދިނުމުގެ ނިޒާމު ނުނިމުގެ ސަބަބުން އާ މަގުތަކެއް (ވަގުތީ ގޮތުން ގާއަތުރައިގެން ހެދުނު ޣާޒީމަގާއި އަތޮޅު ހޮސްޕިޓަލާއި ތައުލީމީ މަރުކަޒު ހުންނަ މަގު ފިޔަވައި) ހެދިފައެއް ނެތެވެ. ނަމަވެސް، އޭރު ފުވައްމުލައް ސިޓީއެއްގެ ދަރަޖައަށް އަސާސީ ޚިދުމަތްތައް ތަރައްގީ ނުވާ ކަމަށް ގޮވި ރައްޔިތުން މިއަދު ސިޓީއެއްގެ ދަރަޖަ ލިބުމުން ދަނީ އުފާފާޅު ކުރަމުންނެވެ.

މިއަދު މިވަނީ އެދުވަހު ކީހާާ ޅެމެއް ފަރިއްސައް ވެފައެވެ. ޕީޕީއެމް މެމްބަރުންގެ ރާގު މިހާރު ހުރީ ކުރީގެ އެމްޑީޕީ މެމްބަރުންގެ ވާހަކަތައް ހުރި ބީދައިންނެވެ. އެމްޑީޕީ މެމްބަރުންގެ ރާގު މިވަނީ އޭރުގެ ޑީއާރުޕީ މެމްބަރުންގެ ރާގަށް ބަދަލުވެފައެވެ.

ސަރުކާރުގެ ރާގާއި އިދިކޮޅު ރާގު ތަފާތު ވާންޖެހެނީ ތޯއެވެ. މިއީ ހުސް ފުވައްމުލަކު ރައްޔިތުންނެވެ. ފުވައްމުލަކަށް ފައިދާ އާއި ލާބައަށް އެދޭ އެފަސްގަނޑަށް އުފަން އެރަށެއް ދެކެ ފަޚުރުވެރިވާ ރައްޔިތުންނެވެ. ނަމަވެސް، ޅެންތައް ފަރިއްސައް ވުމާއިއެކު އާންމު މީހާ އަށް ސިޔާސީ އެކްވިސްޓުންގެ ވިސްނުމާއި މެދު ސްވާލު ކުރުމަށް ފުރުސަތު ހުޅުވިއްޖެއެވެ. މިބައި މީހުން މިދައްކަނީ ހަމަ ހަގީގަތުގައި ވެސް ރަށުގެ ލާބައަށް ބާވައެވެ. ނޫނީ ސިޔާސީ ފައިދާ އަށް ދައްކާ ވާހަކަ ބާވައެވެ. ނޫނީ ނިސްބަތްވާ ޕާޓީގެ މައުޕީސް ތަކެއް ބާވައެވެ.

މިވަގުތު ފުވައްމުލަކުގައި ގިނައީ އިދިކޮޅު ކައުންސިލަރުންނެވެ. ސިޓީ ކައުންސިލަކަށް ބަދަލުވެއްޖެ ނަމަ 30 ކައުންސިލަރުން 3 އަށް ބަދަލުވާނެ އެވެ. އިދިކޮޅު ގިނަ ބައެއްގެ ވަޒީފާގެ ފުރުސަތު ގެއްލި ރަށް ދޫކޮށް އެހެން ރަށަކަށް ވަޒީފާގެ ބޭނުމަށް ހިޖްރަ ކުރަން ޖެހިދާނެއެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތެރިން މަދުކުރުމަށް މަގުފަހި ވެދާނެއެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތައް މަދު ކުރެވިދާނެއެވެ. މިއީ މިހާރުގެ މަސްރަހު އޮތްގޮތުން ކުރެވިދާނެ ސްވާލުތަކެވެ. ޖަވާބު ދެއްވާނީ ތިބޭފުޅުންނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

  • User Icon

    އަވައުކަލޯ

    ވަރަށް ފުރިހަމަ ލިއުމެއް. ހަގީގަތަކީ އަަހަރެމެން އެންމެވެސް ވިސްނަނީ ޕާތީގެ ވިސްނުމުން. ރަށުގެ ފައިދާ އަކަށް ނޫން. ސަރުކާރަށް ޖެއްސުންކުރުމަށް ނުވަތަ އިދިކޮޅު ފަރާތައް ދުއްތުރާ ކުރުމަށް