A wide advertisement which will be shown on all devices. (700 x 100)

މުދައްރިސުންގެ ދުވަހު ހަދިޔާ ދިނުން: ހުއްޓާލަންޖެހޭ އާދައެއް!

ފުވައްމުލަކު ސިޓީގެ އެންމެ ގިނަ ޓީޗަރުން މަސައްކަތްކުރާ ސުކޫލް ކަމަށްވާ އޭއީސީގެ ޓީޗަރުން. ފޮޓޯ: އޭއީސީ ފޭސްބުކް ޕޭޖް

ނަސްރު އަލީ

ކިޔަވައިދިނުމަކީ ގައުމަށް ކޮށްދެވޭނެ އެންމެ ޝަރަފުވެރި އަދި އެންމެ މުހިއްމު މަސައްކަތެވެ. މުދައްރިސުން ކުރާ ގައުމީ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ދުވަހެއް ފާހަގަކުރުމަކީ ރަނގަޅު ކަމެކެވެ. މުޖުތަމައުގައި މުދައްރިސުންނަށް ލިބިފައިވާ އިހުތިރާމާއި ގަދަރު ވަރަށް ބޮޑެވެ. އުގަންނައިދިނުމުގެ ބުރަ އަދި އުނދަގޫ މަސައްކަތް މުދައްރިސުން ކުރަމުން އަންނަނީ ނުހަނު އުފަލާއި ފަޚުރުވެރިކަމާ އެކުގައެވެ. މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން ހަދިޔާބަދިޔާ ދިނުމަކީ ރަނގަޅު ކަމެއްތޯއެވެ؟ ނޫނީ ނައްތާލަން ޖެހިފައިވާ ނުރަނގަޅު އާދައެއްތޯއެވެ؟

މުދައްރިސުންގެ ދުވަހު ހަދިޔާ ދިނުމާމެދު ކަންބޮޑުވާންޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. ކޮންމެ ބެލެނިވެރިޔަކީ އަގުހުރި ހަދިޔާ ދެވޭވަރުގެ ބަޔަކަށް ނުވެދާނެއެވެ. ތިމާއަށް ހެޔޮކޮށް ކަންތައް ކޮށްދީ، ހަދިޔާބަދިޔާދޭ މީހުންނަށް ހެޔޮކޮށް ހިތުމަކީ، އިންސާނީ ތަބީއަތުގައިވާކަމެކެވެ. އެހެންކަމުން، ރަނގަޅު ހަދިޔާ ދޭ ކުރިންނާ ދޭތެރޭ މުދައްރިސުން ޚާއްސަ ގޮތެއް ބެހެއްޓުމަކީ، އަދި ހަދިޔާނުދޭ ނުވަތަ ރަނގަޅު ހަދިޔާއެއްނުދޭ ކުދިންނާމެދު އިހުމާލުވުމަކީވެސް ވެދާނެކަމެކެވެ. ފަހަރެއްގައިވެސް ހުރިހާ މުދައްރިސުން މިގޮތަށް ހަދާނެއެކޭ ނުދަންނަވަމެވެ.

މިކަމާ ގުޅޭގޮތުން ޚިޔާލު ހޯދުމަށްޓަކާ އަޅުގަނޑު ވާހަކަދެއްކި ގިނަމީހުން އެއްބަސްވާ ގޮތުގައި ޓީޗާސް ޑޭ، ނުވަތަ މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމަކީ ވަރަށް ރަނގަޅުކަމެކެވެ. އެހެނީ މުދައްރިސުންނަކީ ގައުމުގެ މުސްތަގުބަލް ކަމުގައިވާ ކުޑަކުދިން ބިނާކުރާ މީހުންނެވެ. އެހެންކަމުން މުދައްރިސުންގެ އަގު ވަޒަންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް މިކަން ގޯސްކަމަކަށް ބަދަލުވަނީ، އެދުވަހާއި ގުޅިގެން އެކިވަރުގެ ހަދިޔާ ދަރިވަރުންގެ ފަރާތުން މުދައްރިސުންނަށް ދޭންފެށުމުންނެވެ.

ޓީޗަރުންގެ ދުވަހު އަގުބޮޑު ހަދިޔާ ދެއްވާ ބެލެނިވެރިންގެ ކުދިންނަށް އެކުދިންގެ މުދައްރިސުން ޚާއްސަ ގޮތެއް ބަހައްޓާކަމަށް ވަރަށްގިނަ ބެލެނިވެރިން ބުނެއެވެ. ފަހަރެއްގައި މިއީ އެފަދަ ބެލެނިވެރިންނަށް ހީވާގޮތްކަމުގައި ވެދާނެއެވެ. ހަގީގަތް މިއާ މުޅިންތަފާތު ވެދާނެއެވެ. އަގުބޮޑު ހަދިޔާގެ ތެރޭގައި އައިޕެޑާއި، ލެޕްޓޮޕް ކޮމްޕިއުޓަރުގެ އިތުރުން ބޭރުގައުމުތަކަށް ދަތުރުކުރުމަށް ފްލައިޓް ޓިކެޓްވެސް ބައެއް ބެލެނިވެރިން ދޭކަމަށްވެއެވެ.

ހަދިޔާދިނުމުގެ ސަބަބުން ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށް ކުރެވޭ ތުހުމަތާމެދު އެކިމީހުންގެ ޚިޔާލު ތަފާތެވެ. ސިވިލް ސާވިސްގައި މަސައްކަތްކުރައްވާ ބެލެނިވެރިއެއް ކަމުގައިވާ ޖިހާދު (އަސްލު ނަމެއްނޫން) ވިދާޅުވިގޮތުގައި އެބޭފުޅާގެ ކުދިންގެ ޓީޗަރުންނަށް ދުވަހަކުވެސް ހަދިޔާއެއް ނުދެއެވެ. އަދި އެކަމާ ގުޅިގެން އެބޭފުޅާގެ ކުދިންނާމެދު ޓީޗަރުން ތަފާތުކުރުމެއް ނުގެންގުޅުއްވައެވެ. ނަމަވެސް މުދައްރިސުންގެ ދުވަހު، ކުދިންލައްވާ މުދައްރިސުންނަށް ކާޑު ތައްޔާރުކޮށް އެކާޑު ހަދިޔާގެ ގޮތުގައި ދެއެވެ. އަދި ކޮންމެ ދިރާސީ އަހަރެއް ނިމުމުން މުދައްރިސް ކޮށްދެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރަމްޒީ އަދި ހަނދާނީ ހަދިޔާއެއް ދެއެވެ. މިގޮތަށް ކަންތައް ކުރުމުން އެހެންކުދީންނާމެދު ތަފާތުކުރުމަށް ފުރުސަތު ނުލިބޭނެކަމަށް ޖިހާދު ދެކިލައްވައެވެ. ޖެހިގެން އަންނައަހަރު ކިޔަވައިދޭނީ ގިނަފަހަރު، އާ މުދައްރިސުންކަމަށް ވާތީ އެގޮތަށް އަމަލުކުރުމުން މައްސަލައެއް ނެތްކަމަށްވެސް ޖިހާދު ދެކިލައްވައެވެ.

ހަދިޔާދީގެން ތަފާތު ނުކުރާކަމަށް ޖިހާދު ގަބޫލުކުރިކަމުގައި ވިޔަސް، މޮޅު ދަރިވަރުންނާއި ދެރަ ދަރިވަރުންގެ މެދުގައި މުދައްރިސުން ތަފާތުކުރުން ގެންގުޅޭކަމަށް ޖިހާދު ވިދާޅުވިއެވެ. މޮޅުދަރިވަރުންނަށް ވަކިން ބޮޑަށް އަޅާލާ، ލޯބިން ގެންގުޅޭއިރު، ކިޔެވުމަށް ދެރަ ދަރިވަރުންނާމެދު އަޅާލުން ކުޑަކޮށް، ބާކީ ކުރާކަމަށް ޖިހާދުއަށް ފާހަގަކުރެވެއެވެ. މުދައްރިސުންގެ ދުވަހު ހަދިޔާ ލިބޭނެކަމަށް އުއްމީދުކުރާ މުދައްރިސުން ތިބޭކަމަށްވެސް ޖިހާދު ގަބޫލުކުރައްވައެވެ.

މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލެއްގެ ވަޒީފާ އަދާކުރައްވާ އާތިޔާ ނަސީރު ވިދާޅުވިގޮތުގައި، މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމަކީ ރަނގަޅުކަމެކެވެ. ނަމަވެސް އެބޭފުޅާ ވަޒީފާ އަދާކުރައްވާ އަމީނިއްޔާ ސްކޫލުގައި މުދައްރިސުންނަށް ހަދިޔާދިނުން ވަނީ މަނާކުރައްވާފައެވެ. އަދި މިކަން ކޮންމެ އަހަރަކުވެސް ބެލެނިވެރިންނަށް އަންގަވައެވެ. އާތިޔާ ވިދާޅުވީ ދަރިވަރުންގެ އަމިއްލަ އަތުން ލިޔެ، ތައްޔާރުކުރާ ކާޑެއް، މުދައްރިސުންނަށް ދިނުން ހުއްދަކަމަށެވެ. ނަމަވެސް މިދުވަހާއި ގުޅިގެން ވަކިވަކި ޓީޗަރުންނަށް ހަދިޔާދިނުމަކީ މަނާކަމެކެވެ. ސަބަބަކީ އެކަމުގެ ސަބަބުން ޓީޗަރުންގެ ކަރާމަތާއި އަބުރާއި އިއްޒަތަށް އުނިކަމެއް ލިބިދާނެތީއެވެ. ބެލެނިވެރިންގެ ފަރާތުން ހިތްހަމަނުޖެހުން އަތުވެދާނެތީއެވެ. މުދައްރިސުންނަކީވެސް އިންސާނުން ކަމަށް ވީހިނދު، ހަކުރު ދެންޏާ ބޮޑުބޭ އުސޫލު އަށަގެންފާނެކަމުގެ ބިރުހީވާތީއެވެ. ނަމަވެސް ހަދިޔާ ދިނުމުގެ ސަބަބުން ގަސްދުގައި ވަކިގޮތަކަށް ދަރިވަރަކާ މެދު، މުދައްރިސަކު ކަންތައް ކޮށްފާނެކަމަށް އާތިޔާ ގަބޫލުނުކުރައްވައެވެ. އާތިޔާގެ ނަޒަރުގައި މުދައްރިސުން ކުރާމަސައްކަތުގެ އަގު ވަޒަންކުރެވޭނެ އެހެން ގޮތެއްވެސް އެބައޮތެވެ. ބެލެނިވެރިންގެ ފަރާތުން ހުރިހާ މުދައްރިސުންނަށްޓަކައި، ކޮންމެވެސް ކަހަލަ ހަފްލާއެއް އިންތިޒާމު ކުރުމަކީ، އެންމެ މަސްލަހަތު ރަނގަޅުގޮތް ކަމަށް، އޭނާ ދެކިލައްވައެވެ.

ކުރިން ކިޔަވައިދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ، އަދި މިހާރު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޢާފިޔާ(އަސްލު ނަމެއްނޫން) ވިދާޅުވިގޮތުގައި ސެކަންޑަރީ ސްކޫލްތަކަށްވުރެ ބޮޑަށް ހަދިޔާ ދިނުމުގެ ސަގާފަތް އޮތީ ޕްރަައިމަރީ ސްކޫލްތަކުގައެވެ. އާފިޔާވެސް ގަބޫލުކުރައްވާ ގޮތުގައި މުދައްރިސުންގެ ދުވަހު ރަނގަޅު ހަދިޔާ ލިބޭނެ ކަމަށް މުދައްރިސުން އުއްމީދު ކުރައްވައެވެ. އަދި އުއްމީދުކުރިފަދަ ހަދިޔާލިބުމުން އެވާހަކަ ދެއްކުމުގެ އިތުރުން، ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކް ތަކުގައި ފޮޓޯ ޝެއާކުރެއެވެ. ޢާފިޔާ ވިދާޅުވީ “ރަނގަޅު” ހަދިޔާ ދޭ ކުދިންނާމެދު ވަކިން ރަނގަޅަށް ކަންތައް ކުރުމަކީ މުދައްރިސުންނަށް ގަސްދަކާނުލައި ވިޔަސް ކުރެއްވޭ ކަމެއްކަމަށެވެ. އަދި އެކަމަކީ އިންސާނަކަށް ވީތީ ވެެދާނެ ގޮތެއް ކަމަށްވެސް އާފިޔާ ދެކިލައްވައެވެ. މިހާރު ބެލެނިވެރިއެއްގެ ޒިންމާވެސް އަދާކުރައްވާ އާފިޔާ ވިދާޅުވީ ހަދިޔާ ދިނުމަށްޓަކާ ކޮންމެ އަހަރަކުވެސް މަދުވެގެން 500 ރުފިޔާ ކޮންމެ މުދައްރިސަކަށް ޚަރަދުކުރައްވާ ކަމަށެވެ. އަދި މިއީ އެންމެ މަދުމިން ކަމުގައި ގިނަ ބެލެނިވެރިން އިއްތިފާގުވާ އަދަދު ކަމުގައި ވެއެވެ.

މުދައްރިސުންގެ ދުވަހަކީ ބައެއް ވިޔަފާރިތަކަށް “އީދު” ދުވަހެކެވެ. އެތައްހާސް ރުފިޔާގެ ނަފާ ލިބޭ ދުވަހެކެވެ. ހަދިޔާ ގަންނަން އަންނަ ބެލެނިވެރިން ގިނަކަމުން ފިހާރަތެރެ ތޮއްޖެހޭ ދުވަހެކެވެ. ހަދިޔާގެ ގޮތުގައި ތަފާތު އެއްޗެހި މުދައްރިސުންނަށް ލިބެއެވެ. އަގުބޮޑު ސެންޓާއި ބުރުގާ އަދި ހެދުމާއި ފައިވާން ފަދަ ތަކެތިވެސް ހަދިޔާގެ ތެރޭގައި ހިމެނެއެވެ. ކޮންމެ ހަދިޔާއަކީ މުދައްރިސުންގެ މޫނަށް ހިނިތުންވުން ގެނުވާ ހަދިޔާއަކަށް ނުވެއެވެ. ބައެއްފަހަރު އާދަޔާޚިލާފު ހީނުކުރާކަހަލަ ހަދިޔާވެސް ލިބެއެވެ. ޓީޝާޓެއްގައި އިންޒާރުގެ މެސެޖެއް ލިޔެ މުދައްރިސަށް ހަދިޔާއަކަށް ދިން މައްސަލައެއްގައި އެދަރިވަރު ގެނައި އެހެން ހަދިޔާތައް ޕޯސްޓުގެ ޒަރީއާއިން އަނބުރާ އެކުއްޖާއަށް ރައްދުކުރި ހާދިސާއެއްވެސް ހިގާފައިވެއެެވެ. އަދި މިކަމާއި ގުޅިގެން އުފެދުނު ނުތަނަވަސްކަމުގައި އެ މުދައްރިސް އަމިއްލަ ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ޖެހުނުކަމަށްވެސް ވެއެވެ.

ކޮންމެއަކަސް ގިނަމީހުން އެއބަސްވާގޮތުގައި، މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަކީ ރަނގަޅުކަމެކެވެ. ނަމަވެސް މުދައްރިސުން ކުރާމަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެކިވަރުގެ ހަދިޔާ ދިނުމަކީ ރަނގަޅުކަމަކަށް ގިނަ ބަޔަކަށް ގަބޫލެއްނުކުރެވެއެވެ. އޭގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެތިއެވެ. ޝަރަފުވެރި ގައުމީ މަސައްކަތް، ދެވޭ ހަދިޔާތަކުގެ ސަބަބުން މާއްދިއްޔަތާއި ދިމާއަށް އެނބުރިދާނެތީއެވެ. އަބުރުވެރި، ގަދަރުވެރި މުދައްރިސުންގެ އަބުރު ކަތިލެވިދާނެތީއެވެ. ފާޑުކިޔުންތަކަށް ޖާގަ ލިބިދާނެތީއެވެ. އިންސާނުންނަށް ވީތީ، ނޭނގިނަމަވެސް ތަފާތުކުރެވިދާނެކަމުގެ ބިރު އޮންނާތީއެވެ. ކަންމިހެން ހުރުމާއެކު، މުދައްރިސުންނަށް ހަދިޔާ ދިނުމުގެ ސަގާފަތަކީ “ވިހަ” ވުމުގެ ކުރިން ހުއްޓާލަން ޖެހޭކަމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !