31 މެއި 2020 ( އާދީއްތަ )

banner

ރުއްކަނި' ފޮށައި އެޑުން

މާސް ކޮލަމް: “ރުއްކަނި’ ފޮށައި އެޑުން”

‘ރުއްކަނި’ ފޮށައި އެޑުން’ ނުވަތަ ރުއްބުޑުގައި ފޮށާއެޅުން މިއީ ފުވައްމުލަކު މީހުން ވާހަކަދެއްކުމުގައި ބޭނުންކުރާ މިސާލުބަހެކެވެ. ނުވަތަ މުސްކުޅި ބަހެކެވެ. މިބަހާއި ގުޅޭގޮތުން މިދުވަސްކޮޅު ސޯޝަލް މީޑީއާގައި ވަރަށް ގިނަބަޔަކު އަންނަނީ ވާހަކަ ދައްކަވަމުންނެވެ.

މިދުވަސްކޮޅު މިބަސް ތިލަވެގެން މިއުޅެނީ ޕީއެސްއެމް-ޓީވީއެމްގެ ދިވެހިބަހުގެ ޕްރޮގްރާމެއްގައި ފުވައްމުލަކު ބަހުން ބޭނުންކުރާ މުސްކުޅި ބަހުގެ ގޮތުގައި ދެތިން ބަހުގެ ތެރެއިން އެއްބަހެވެ. މިއީ އެއާއެކުު މި ޖީލުގެ ގިނަ ބަޔަކަށް މިބަސް އާއްމުކޮށް އަޑުއިވިގެން ދިއުމުން އުފެދުނު ޝައުގުވެރިކަމެއްގެ ކަމުގައި ބެލެވެެއެވެ.

‘ރުއްކަނި’ ފޮށައި އެޑުން’ މިބަހުގެ މައިގަނޑު މާނަ ގިނަބަޔަކު ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ގޮތްވެސް ދާދި އެއްގޮތެވެ. ނަމަވެސް ކުދިކުދި ތަފާތުތަކެއް ހުރިކަން ފާހަގަ ވެއެވެ. ދޫދޫމަތިން  އައި ބަހެއްގައި އެއީ ނުވެ ނުދާނެކަމެއް ކަމަށް ގަބޫލުކުރަން ވެސް ޖެހެއެވެ.

މިބަހުގެ މުހާވަރާ އައިސްފައި ވަނީ އެހެންވެސް ގިނަ ބަސްބަހުގައި ހުންނަ ގޮތަށް ވަކި މީހަކުގެ ނަން ހިމަނަގެން އޭނައަށް ނިސްބަތްކޮށެވެ. އެއީ އެދުވަސްވަރު މައްސަލެއްކަމުގައި ނުބެލެވުނަސް މިޒަމާނަށް އެކަން ބަލައިގަންނަން އުދަގުލެވެ. ވުމާއެކު މިލިޔުނުގައި އެނަން ވީވަރަކުން މަދުން ބޭނުން ކުރަމަށް ގަސްދުކުރަމެވެ.

ބަސް ދޫދޫމަތިން ކިޔެމުން އައިސްފައި ވަނީ “އެއްގަމިގޭ އައިސާ ރުއްކަނި’ ފޮށައި އެޑުން” މިގޮތަށެވެ. އަދި އެކިއެކު ބުނުންތަކުގައި ބުނަމުން ގެންގޮސްފައި ވަނީ ‘އެއްގަމިގޭ އައިސާ ނިހެދެންނަ ކޭ!’ ނުވަތަ ‘ރުއްކަނި’ ފޮށައި ނިއެޑަންނަކޭ! މިފަދަ ގޮތްތަކަކަށެވެ.

ބަހުގެ މާނަ އެންމެ ފުރިހަމަގޮތުގައި ބަޔާންކޮށްދިނުމަށް އެބަހާއި ގުޅިފައިވާ ކަމަށް ބުނެވޭ ހާދިސާ ލިޔެފައިވާ ލިޔުމެއް ސޯޝަލްމީޑިއާގައި އިސިިސް-ފުވައްމުލައް ނަމުގައި ވާ އެކައުންޓަކުން ޝެއާކޮށްފައި ވެއެވެ. އެ ލިޔުމުގެ އަސްލު އޭނާއާއި ހިއްސާކޮށްފައި ވަނީ މިހާދަިސާގައި ބުނާ އެއްގަމިގޭ އާއިލާގެ މީހެއްގެ ފަރާތުން ކަމަށް ވެއެވެ. ހާދިސާގެ ތަފުސީލަކަށް އެލިޔުން ތިރީގައި ހިއްސާކޮށްލަމެވެ.

ބަހުގެ އަސްލު ހާދިސާއާއި ގުޅޭ ގޮތުން ލިޔެފައިވާ ލިޔުމެއް. – ލިޔުއްވި ފަރާތެއް ނޭގޭ

މިލިޔުމުގައި ނެތް ވާހަކައެއް ވެސް މުހައްމަދު ފާއިޒު (ޖިއްދާ) ބަޔާކޮށްފައި ވެއެވެ. ފާއިޒު ހާމަކުރައްވާ ގޮތުގައި ހާދިސާ ހިނގިގޮތް ކަމަށް އޭނާއަށް އަޑުއިވިފައި ވަނީ:

‘އެއްގަމިގޭ ފާތިހާ އަކަށް ކެއްކި ރެއެއްގައި އެ ގެއާއި (އެއްގަމިގޭއާއި) އިހަލެގެދަރާއި ދެމެދުގައި ހުރި ރުއްކަނެ’އް (ރުއްބުޑު) ކައިރީ (އެއްގމިގޭ އައިސާ) ކާއެއްޗެހި ތަށްޓަށް އަޅާފައި ބެހެއްޓުމަށް ފަހު އެރުއްކަނު’ ގައި ހުދު ފޮށައެއް އަޅައި، ގޭ(އެއްގަމިގޭ) ދޮރާށި ކާއިރީ ހުރެ ކިޔަމުން ދިޔަކަމަށް ވަނީ އަވަހަށް ކާށޭ! އައިސާ ކިޔާފައިވާ ކަމަށެވެ. (މިބުނެވުނު) އައިސާ އަކީ ދުވަހުކު ވެސް މީހަކާ އިނދެފައި ނުވާ މީހެއް ކަމަށެވެ. އަދި އެއަ (އޭނާ-އައިސާ) އެކަން ކުރީ އޭނާ ރައްޓެހިވެގެން އުޅޭ (އިންނަން އުޅޭ) މީހާއަށް ކާންދެނީ ކަމުގައި ހަދަން (ދައްކަން) ވެގެން ކަމަށެވެ.’

އެއްގަމިގޭ ބީރިބެއްޔާގެ އައިސާތާ ކިޔައިދީގެން އަޑުއެހި ކަމަށް ބުނެ ފާއިޒު ހަވާލާދީަފއި ވެއެވެ.

ކޮންމެ އަކަށް މި ދެ ހާދިސާއަށް ވިސްނާލާއިރުވެސް ގުޅުވާލެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ފުރަތަމަ ބަޔާން ކުރެވުނު ހާދިސާގައި ބުނަނީވެސް ރެއެއްގައި ހިނގި ކަމެއްގެ ވާހަކައެވެ. އަދި ރުއްކަނެއްގައި ފޮށައެއް އަޅާފައި ވާކަމަށެވެ.

ދެ ހާދިސާގައި ތަފާތުވެފައި ވަނީ ފުރަތަމަ ހާދިސާގައި އަންނަނީ ރައްޓެހިވެގެން އުޅޭ ދެމީހަކު ބައްދަލުކޮށްގެން ބައްދައިގެން ތިބި ކަމަށެވެ. ދެވަނަ ހާދިސާގައި ވެސް ރައްޓެހިވެގެން އުޅޭ ދެމީހުން ކަން ހާމަވާއިރު ދެމީހުން ތިބެނީ ދުރުގައެވެ. ދެވަނަ ހާދިސާގައި ފާތިހާއަކަށް ކައްކައިގެން ކާންދިނުމުގެ ތެރެއިން ރައްޓެހިވެގެން އުޅޭ މީހާއާއި ބައްދަލުކުރާ ކަމަށް ދައްކައެވެ. ނަމަވެސް ފުރަތަމަ ހާދިސާގައި ދައްކަނީ ސީދާ ރައްޓެހިވެގެން އުޅޭ ދެމީހުން އެކަހެރި ތަނެއްގައި ބައްދަލުކުރާ ތަން ދައްކާގޮތަށެވެ.

އެކަމަކުވެސް ދެ ހާދަސާގައި ވެސް ދައްކަން އުޅެނީ ނުވާކަމެއް ވާކަމަކަށް ދައްކާން އުޅޭ ކަންކަން ސާފުކޮސް އެނގެއެވެ. ނުވަތަ މީހަކާއި ރައްޓެހިވެގެން އުޅޭކަމަށް ދެއްކުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައެވެ.

އެކަކު މިބަހުގެ މާނަ ގެނެސް ދެމުން ބުނެފައިވަނީ “މިސާލާކަށް އެއީ މީހަކު ސިއްރުން ކަމަށް ކޮށްފައި އެހެން މީހުންނަށް އެކަން ނޭގެނީސް، އެވާހަކަ މީހުގެ ތެރޭގައި ދެކެވޭ ކަމަށް އެހެން މީހުން ކައިރީ އަމިއްލައަށް ބުނުން ކަމަށް” – އަސިފާ އިބްރާހިމް ބުނެފައި ވެއެވެ. އާސިފާގެ މިވާހަކައަށް މިބަސް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ހަސަން ސައީދު އާއި ޝާހީނު މުހައްމަދު އެއްބަސްވެ ބުނެފައި ވަނީ އޭނާގެ މަންމަ މެން ވެސް މިބަހުގެ މާނަ ކިޔާދީފައި ވަނީ އެގޮތަށް ކަމަށެވެ.

ނަމަވެސް ޝިމްލާ އިބްރާޙިމް ސުވާލެއް ގޮތަށް ބުނެފައި ވަނީ އާސިފާ ހާމަކުރެއްވި މާނައަކީ ހާދިސާގައި ބުނެވޭ އައިސާގެ ދިޔެ (އަންހެން ދަރިފުޅަށް) އަށް އެކަން މާނަކުރެވިފައި (ހީކުރެވިފައި) އޮތްގޮތަށް ނޫންތޯ އެވެ؟ އެއަށް ޖަވާބު ދެމުން ފާއިޒު އަދި ހައުލާ އަދުނާނު ޝިމްލާގެ ބަހާއި އެއްބަސްވެފައި ވެއެވެ.

މަރިޔަމްގެ ނަމުގައި ޖަވާބުދިން މީހަކު ބުނެފައި ވަނީ މިބަހުގެ އަސްލު މާނާކީ މީހަކަށް ރީތިވި މީހަކު (އަންހެނަކު) ހާސިލުކުރުމަށް އެގެއަކަށް ގޮސް އުޅުނުކަމުގައި ވިޔަސް، ހޯދަން ދާ (އަންހެން) މީހާއާއި އެއްވެސް ގުޅުމެއްނެތި، އަދި އޭނާއަށް އެކަން ނޭނގޭ ހާލުގައިވެސް އެގެއަށްދާާ  ފިރިހެންމީހާ އެހެން މީހުންކައިރީ ބުނަނީ ތިމަންނާ މިއައީ އެގެއަށް ގޮސް އެކުއްޖާއާއި ވާހަކަ ދައްކާފައި ކަމަށެވެ. (ނޫނީ އޭނާ އުޅެނީ އެކުއްޖާއާއި ރައްޓެހިވެގެން ކަމަށެވެ.) ނަމަވެސް އެއީ އެއަހެންހެން ކުއްޖާއަށް އެއްގޮތަކަށް ވެސް އެނގޭކަމެއް ނޫންނަމަވެސް ހަގީގަތް އޮޅުވާލާ ކަމަށެވެ.

ބައެއް މީހުން މިބަސް “ތެތް ގޯނި އެޅުން” މިބަހުގެ މާނާގައި ވެސް ބުނެއުޅެއެވެ.

ކުދި ތަފާތުތަކާއެކު ތަފާތު ގޮތްގޮތަށް މާނަކުރެވުނު ކަމުގައިވިޔަސް ‘ރުއްކަނި’ ފޮށައި އެޑުން’ މިބަހުގެ ޖުމްލަ މާނައަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެނީ ހުރިހާ ގޮތަކުންވެސް އައިސް ނިމެނީ މިބަހުގެ މާނައަކީ ނުވާކަމެއް ވާކަމެއްގެ ގޮތުގައި ދެއްކުމުގެ ގޮތުން ކުރެވޭ ކަމަކަށެވެ.



ކިޔުންތެރިންގެ ޚިޔާލު