A wide advertisement which will be shown on all devices. (700 x 100)

ވަތަނީ ފިކުރު: ބޭނުންވަނީ ތަރައްގީ، ޕާޓީއެއް ނޫން

ފުވައްމުލަކަކީ ރާއްޖޭގެ ތިންވަނަ ސިޓީއެވެ. ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުގެ ބަހުން ބުނާނަމަ “މޮޑާން ސިޓީ”އެވެ. އިދިކޮޅު ފަރާތްތަކުން ބުނާނަމަ ނަމެއްގައި އޮތް “ސިޓީ އުރަ” އެކެވެ. މައްސަލައެއް ނެތެވެ. ކޮންމެ ގޮތެއްގައިވިޔަސް މިއީ ސިޓީއެކެވެ. ސިޓީ ހެދުމަށްފަހު ދެން ބަލަންޖެހެނީ ސިޓީ ތަރައްގީ ކުރާނެ ގޮތަކަށެވެ.

ސިޔާސީ އެންމެ ހަލަބޮލި ދުވަސްވަރު ކަމަށްވާ 2006 ވަނަ އަހަރު ރައީސް މައުމޫން ފުވައްމުލަކަށް ވަޑައިގެންނެވި ދަތުރު ފުޅުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ޝުއޫރެއް ފާޅުނުކުރެއެވެ. އެދުވަހު ނޫސްވެރިޔާ ހޯރަފުށީ ސަލީމް ވިދާޅުވެފައިވަނީ ފުވައްމުލަކުވަނީ ޑިމޮކްރަސީ އަށް ފައްކާވެފައި ކަމަށެވެ. ތެދެކެވެ. ބައެއްކަން ކަމުގައި ފައްކާވެފައެވެ. އޭގެ ފަހުން ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކަށް ރައީސް މައުމޫން ވަޑައިގެންނެވި ދަތުރުފުޅުގައި ރީނދޫ ފޮތި ތަކުގައިވެސް ލިޔެފައިވަނީ “ރައީސް މައުމޫނަށް މަރުހަބާ” އެވެ. ތެދެކެވެ. ޑިމޮކުރަސީ އެއޮތީ ހަމަ ރަނގަޅަށް ފައްކާވެފައެވެ.

މިއަދު ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަނީ ގައުމުގެ ރައީސްގެ ގޮތުގައި އެހެންކަމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔަން ޖެހެއެވެ. މަރުހަބާ ރައީސް ޔާމީން. އިދިކޮޅު ފަރާތްތަކުންވެސް ގަބޫލުކުރަންޖެހެނީ ގައުމުގެ ވަލިއްޔުލް އަމްރު ރައްޔިތުންގެ ހާލު ބަލައިލައި ތަރައްގީގެ ބޮޑު މަޝްރޫއުތައް އިފްތިތާހްކުރުމަށް ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވަން ޖެހޭނެކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ ދަތުރުފުޅު ހަޖަމް ކޮށްލާށެވެ.

ފުވައްމުލަކު ރައްޔިތުން އަބަދުވެސް ބުނަމުންދަނީ ތިމަންނަމެން ބޭނުންވަނީ ތަރައްގީ ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ހެޔޮ ކަމަށެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. ސަރުކާރަށް ތާއިދު ކުރަނީ އަދި ސަރުކާރަށް ފާޑުކިޔަނީވެސް ކަމެއް ހާސިލް ނުވެގެންނެވެ. އެހެންކަމުން ތަރައްގީ މަޝްރޫއުތަކަށް އާނބަސް ބުނަންޖެހެއެވެ. މަރުހަބާ ކިޔަން ޖެހެއެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަނީ ފުވައްމުލަކު ހުރިހާ ރައްޔިތުން އެންމެ ބޭނުން ކަންތައްތަކުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވުމަށެވެ. އެއީ ފެނާއި ނަރުދަމާ އަދި މަގު ހެދުމެވެ. މިހެންކަމުން އެކަންތައްތައް ކުރުމަށް ހުރިހާ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަން އެބަޖެހެއެވެ. އެބިޔަ ޕްރޮޖެކްޓަށް “ރަނގަޅު” ކަމަށް ބުނެ “ޔޭސް” އޭ ބުނެ ފުވައްމުލައް ތަރައްގީ ޔަގީން ކުރަންޖެހެއެވެ.

ފަހުގެ ޖީލުގެ ހަތަރު ރައީސުންވެސް ފުވައްމުލަކަށް ބޮޑެތި މަޝްރޫއުތައް ހިންގަވައި ދެއްވައިފިއެވެ. އެގޮތުން ރައީސް މައުމޫން ބަނދަރު ހައްދަވައި ދެއްވައި ފުވައްމުލަކު ރައްޔިތުން ބިރު ފަހަނަޅައި ރަށުން ބޭރުވެވޭނެގޮތް ހަމަޖެހިގެން ދިޔައެވެ. ރައީސް ނަޝީދު އެއަރޕޯޓް ހެދުމަށްފަހު ރަށު ބަންދުން ނެރެދިނެވެ. ރައީސް ވަހީދު އެއަރޕޯޓްގެ ލައިޓް ޖެހުމަށްފަހު ރޭގަނޑު ދަތުރު ކުރެވޭ ގޮތް ހަދައި ދެއްވިއެވެ. ދެން އޮތީ ރައީސް ޔާމީންގެ ފަހަރެވެ. ޔަގީނެވެ. މިފަހަރު ނަރުދަމާ އާއި ބޯފެން އަދި މަގުތައް ހެދުން ޔަގީންވީއެވެ. ހުރިހާ ރައީސުންނަށްވެސް މަރުހަބާ އެވެ. ފުވައްމުލައް ތަރައްގީ އެކުރީ ހަތަރު ރައީސުންކަން ޔަގީނެވެ.

a

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !