16 ޖުލައި 2018 (ހޯމަ)


އެސްލޯނު ހޮޅި ސިކުނޑި: ފުވައްމުލައް މޮޑާރން ސިޓީ ދުކޮށް މާލެ ދިއުމުގެ ދައުވަތު ރައީސް ދެއްވައިފި

ސާއިމް މޫސާ
ފުވައްމުލަކު ފެނާއި ނަރުދަމާ އިފްތިތާޙް ކުރުމުގެ ޖަލްސާގެ ތެރެއިން

ފުވައްމުލަކު ފެނާއި ނަރުދަމާ އިފްތިތާޙް ކުރުމުގެ ޖަލްސާގެ ތެރެއިން

ރޭ ފުވައްމުލަކު ޙާފިޒް އަޙްމަދު ސްކޫލްގައި އޮތް ފުވައްމުލަކު، މާފުކުރައްވާތި، ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ އިފްތިތާޙް ކުރުމުގެ ބިޔަ ބޮޑު ޖަލްސާ ޝައުގުވެރިކަމާއި އެކު ބަލަން އިނީމެވެ.

ޖަލްސާގަިއ ޖުމްލަ ގޮތެއްގައި ހުރިހާ ބޭފުޅުންވެސް ދައްކަވަމުން ގެންދެވީ ފުވައްމުލަކުގައި ހަމުގެކުލަ ރީތި ސަޅި ބިޓުން ތިބޭވަހަކައޭ ބުނިކަމުގައިވިޔަސް ދޮގަކަށް ނުވާނެކަން ކަށަވަރެވެ. މަޖްލީސް ރައީސް އަދި މި ސިޓީގެ ދެކުނު ދާއިރާގެ މެމްބަރު މަސީހު ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާގެ ފައިދާ އެންމެ ބޮޑަށް ކުރާނީ މިރަށުގެ އަންހެން ކުދިންނަށެވެ. ތެދެކެވެ! މިރަށު އަންހެން ކުދިން ނަޖިސް ފެނުން ފެންވެރުމުގެ ސަބަބުން އެމީހުން އެ ރީތި އޮމާން މޫނު ހަޑިވެ ބޮލުން އިސްތަށި ފާބަމުން ދެއެވެ.

ކޮންމެ އަކަސް މިތާގައި ދައްކަން މި އުޅެނީ ފުވައްމުލަކު ބިޓުންގެ ވާހަކައެއް ނޫނެވެ. ރޭގެ ޖަލްސާގައި ފުވައްމުލަކު 3 މެމްބަރުންނާއި ރައީސް ދެއްކެވި ވާހަކަފުޅެވެ. ރޭގެ ޖަލްސާގައި ފުވައްމުލަކު ރައްޔިތުންނަށް މިއަދު ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް މިސަރުކާރުން ހައްލުކޮށްދޭނެކަމުގެ އުފާވެރި ހަބަރު ދެއްވިއެވެ. ފުވައްމުލަކު ފެނާއި ނަރުދަމާގެ މަސައްކަތް ރޭގައި، އެބޭފުޅުންގެ ބަހުންނަމަށް ގޫގުލް ސްޕީޑްގައި އެފެއްޓެވީއެވެ.

ނުވިތާކަށް ފުވައްމުލަކު އަޑިގުޑަން ވެފައިވާ މަގުތަށް ތާރުއަޅާ ހަދާދޭނެ ކަމުގެ ވާހަކަވެސް ދެކެވުނެވެ. އަނެއްކޮޅުން އެއްވެސް ސަރުކާރަކުން ނުކުރެވިފައިވާ ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލައަށް ވެސް ރައީސް ޔާމީންގެ ޒައާމަތުގައި ހައްލެ އަންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.، ނުވިތާކަށް ފުވައްމުލައް ސިޓީގައި ތިބެގެން މަތީ ތައުލީމަށް ކިޔެވުމަށް މަގުފަހިވާ ގޮތަށް ގައުމީ ޔުނިވާރސިޓީ އާއި އިސްލާމިކް ޔުނިވާރސިޓީގެ ގޮފިތަށް މިރަށުގައި ގާއިމް ކުރެވިގެންދާނެކަމުގެ ފެހި ސިގްނަލް ވެސް ފުވައްމުލައް ސިޓީގެ، އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހު ވަނީ ދެއްވަފައެވެ.

ފުވައްމުލަކު ހަގީގި ސިޓީއެއްގެ ކުލަޖެހިގެން ދަނީއެވެ. އެބޭފުޅުންގެ ބަހުންނަމަ މޮޑާރން ސިޓީއަކަށް ބަދަލުވަނީއެވެ. އުފަލުގެ ކޮޅެއްވެސް ނެތެވެ! ޝުކުރިއްޔާ ރައީސް ޔާމީން!

އެހެންނަމަވެސް ރޭގެ ޖަލްސާގައި ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ހިތްނުތަނަވަސް ވާކަހަލަ ވާހަކައެއް އަޅުގަނޑުމެންގެ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ފުވައްމުލައް ސިޓީގައި އިތުރަށް ގޯތި ދޫކުރެވޭނެ ބިމެއް ނެތް ކަމަށާއި އަދި މި ސިޓީއަކީ ބިން ހިތްކައިގެން ބޮޑުކުރެވޭނެ ގޮތެއްވެސް ނެތް ސިޓީއެއް ކަމަށެވެ. އެހެންކަމުން ރައީސް ވަނީ މި ސިޓީގައި، ގޯތި ނުލިބިތިބި ރައްޔިތުން މާލެ އާއި ހުޅުމާލެ އަށް ބަދަލުވުމަށް ރޭގެ ޖަލްސާގައި ދައުވަތު އަރުވާފައިއެވެ.

 ހުޅުމާލެ އިން ނުވަތަ މާލެއިން ލިބޭނީ ފްލެޓެވެ! މި ސިޓީގައި ވެސް ފްލެޓް ނޭޅެނންވީ ސަބަބެއް ނެތެވެ! މިސިޓީގެ ރައްޔިތުން ދިރިއުޅެން ފްލެޓް އެޅިދާނެ ބިންތަށް އެބަހުއްޓެވެ.ފުވައްމުލައް ސިޓީގައި ފަޅު ގޯތިތަށް ވަރަށް ގިނައައެވެ. ކޮންމެހެން ގޯތި ނުލިބުނޭ ކިޔާފައި، ފުވައްމުލައް ޒަމާނީ ތަހުޒީބު ސިޓީއަކަށް ބަދަލުވެ، ރަށުން ވަޒީފާގެ ފަހި ފުރުސަތުތަކައި، މަތީތައުލީމުގެ ފުރުސަތުތަށް އަދި ފުރިހަމަ ސިއްޙީ ނިޒާމު ލިބުމުގެ މަގު ފަހިވެގެންދާއިރު މި ސިޓީ ދޫކޮށް މާލެ ދާކަށްނުޖެހެއެވެ.

މި ރައީސް ފުވައްމުލައް ޒަމާނީ ތަހުޒީބީ ސިޓީއަކަށް ހަދާފައި، މާލެ ބަދަލުވާން ދަޢުވަތު އެރުވުމުން، މި ކޮންކަހަލަ ސިޓީ އެއްތޯ ސުވާލު އުފެދެއެވެ. ކޮންމެއަކަސް ގޮތެއް ނިންމާނީ ތިބޭފުޅުންނެވެ. މިއީ އަޅުގަނޑުގެ ހިޔާލު، ތިބޭފުޅުންގެ ހިޔާލާއި ތަފާތު ވެދާނެއެވެ. ތިބޭފުޅުންގެ ޚިލާލަކީ ކޮބާތޯ!

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!