19 ޖޫން 2018 (އަންގާރަ)


ކޮލަމް ސުމެއް: މާލެއަށް ބަދަލުވުމުގެ ދައުވަތު ގަބޫލުކޮށްފިން އަވަހަށް ފްލެޓް ދެއްވާ!

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލައް ސިޓީއަކަށް ބަދަލުވެ ފުވައްމުލަކު ރައްޔިތުންނާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ދެއްވި މުހިންމު އެއް ދައުވަތަކީ މާލެއަށް ނުވަތަ ހުޅުމާލެއަށް ބަދަލުވުމަށެވެ. އެއީ މާލެއަށް ބަދަލުވާން ބޭނުންވާ އަޅުގަނޑުމެންފަދަ ނިކަމެތިންނަށް ލިބުނު ހިތްވަރެކެވެ. ލިބޭ މުސާރަ ކޮޅުން މާލެއިން ނުވަތަ ހުޅުމާލެއިން ފްލެޓް ނުގަނެވޭވަރުގެ ރައްޔިތުމީހާ އަށް ލިބުނު އުފާވެރި ކަމެކެވެ. އަޅުގަނޑުމެން މިތިބީ އެދައުވަތު ގަބޫލު ކޮށް ފުވައްމުލަކު ރައްޔިތުންނަށް މާލެ އިން ނުވަތަ ހުޅުމާލެ އިން ފޯރުކޮށް ދެއްވާ ގެދޮރުގެ އިންތިޒާރުގަ އެވެ. 

ރައީސް މިދެއްވި ފަދަ ދައުވަތެއް މީގެ ކުރިން ވާވު އަތޮޅު ރައްޔިތުންނަށް ވެސް ދެއްވިއެވެ. ނަމަވެސް، މިހާތަނަށް ވާވު އަތޮޅު ރައްޔިތުންނަށް ވެސް މާލެ ނޫނީ ހުޅުމާލެ އިން ބޯހިޔާވަހި ކަމެއް ފޯރުކޮށް ދީފައެއް ނުވެއެވެ. ރައީސް މިދެއްވަނީ ކޮންކަހަލަ ދައުވަތެއްތޯ އެވެ. އަމިއްލަ އަށް މާލެ އަށް ނުވަތަ ހުޅުމާލެ އަށް ބަދަލުވެ މާލޭގެ ގެދޮރުވެރިން ނަށް ކުލި ދީގެން އުމުރު ނަގާލުން ތޯއެވެ. އެފަދަ ބަދަލެއް ނަމަ އަޅުގަނޑުމެން ރައީސް ދެއްވި ދައުވަތު ބަލައެއް ނުގަންނަމެވެ. އެއީ ދައުވަތެއްނޫނެވެ. ފުވައްމުލަކު ރައްޔިތުން ބިކަ ކޮށްލުމެވެ. އެފަދަ ދައުވަތަކީ ރައީސްމީހާ ދެއްވާ ފަދަ ދައުވަތެއް ނޫނެވެ. އެފަދަ ދައުވަތު އަޅުގަނޑު ވެސް ދީފާނަމެވެ.

ސުވާލު އުފެދެނީ، އިގްތިސާދީ ބިޔަ މަޝްރޫއުތަކެއް ފުވައްމުލަކުގައި ފައްޓަވާ ދެއްވުމަށްފަހު ފުވައްމުލައް ދޫކޮށް މާލެ އަށް ނޫނީ ހުޅުމާލެ އަށް ބަދަލުވުމަށް ދައުވަތު ދެއްވުމުންނެވެ. ސިޓީ އަކަށް ހެއްދެވުމަށްފަހު ސިޓީއިން މީހުން ބާލަނީ ހެއްޔެވެ. މިއީ ކޮންކަހަލަ ސިޓީއެއް ހެއްޔެވެ. ދުވަސް ކޮޅަކުން (މިހާރު ތިބި 12 ހާހެއްމީހުންގެ ތެރެއިން ދެތިން ހާސް މީހުން މާލެ ބަދަލުވުމުން) ސިޓީ އަތޮޅަކަށް ބަދަލު ވެދާނެއެވެ. ރައީސް މިއުޅުއްވަނީ ފުވައްމުލައް ސިޓީ އަތޮޅަކަށް ބަދަލު ކުރަންތޯއެވެ. 

ސަރުކާރުގެ ދިގުރާސްތާ ޕްލޭނާއި މެދު ވެސް ސުވާލު އުފެދެއެވެ. ބިލިއަނުން ޚަރަދު ކުރުމަށް ފަހު ފުވައްމުލަކު ގައި ތިބި ގިނަ ރައްޔިތުން ރަށުން ބޭލުމަށް އަނެއްކާ ވެސް ބިލިއަނުން ޚަރަދު ކުރަނީ ބާވައެވެ. ނަރުދަމާ އާއި ފެނާއި ބަދަރާއި ރަށް ގިރުން ހައްލު ކުރުމަށް ކުރަން ހުރި ޚަރަދު ތަކުން ފުވައްމުލަކު ގައި ތިބި 14 ހާހެއްހާ މީހުންނަށް ހުޅުމާލެ އިން ބޯހިޔާވަހިކަން ފޯރުކޮށް ނުދޭންވީ ކީއްވެ ހެއްޔެވެ. ސަރުކާރުގެ އަމާޒަކީ ކޮބައިތޯއެވެ. 

ދައުވަތު ދެއްވިއަސް އެދައުވަތުގެ އިޚްލާސްތެރިކަމާއި އެކަމާއިއެކު އަމަލުކޮށްފާނެ ކަމާއިމެދު ގިނަ ސުވާލުތަކެއް އަދިވެސް އެބަ އުފެދެއެވެ. ނަމަވެސް، އަޅުގަނޑުމެން މިތިބީ އެއިންތިޒާރު ގައެވެ. އިންތިޒާރު އޮތީ ކުރިއަށެވެ. ފުލެޓް ދެއްވާށެވެ. އަހަރެމެން މިދަނީ މާލެއަށެވެ.


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!