A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި މޯޗަރީއަކާއެކު ހިނަވާގެއެއްގެ ޚިދުމަތް

އިއްޔެ ހަވީރު ހުޅުވި ދިގުވާނޑު ކައުންސިލްގެ ހިނަވާގެ އަދި މޯޗަރީ. ފޮޓޯ ދިގުވާނޑު ކައުންސިލް

ފުވައްމުލަކުގައި މޯޗަރީއަކާއެކު ހިނަވާގެއެއްގެ ޚިދުމަތް އިއްޔެ އިފްތިތާޙުކޮށްފިއެވެ. ދިގުވާނޑު އަވަށުގައި ހުޅުވުނު މިމޯޗަރީ އާއި ހިނަވާގޭގެ ޚިދުމަތް އިއްޔެ ހަވީރުން ފެށިގެން ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.

ދިގުވާނޑު ކައުންސިލުގެ މި އިމާރާތުގެ ޚިދުމަތް ފުވައްމުލަކުގެ އިތުރުން ދިވެހިރާއްޖޭގައި އުޅޭ އެންމެހާ މުސްލިމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހިނަވާގޭގައި ފަހަރަކު އެކަކު ހިނެވޭގޮތަށް ހަމަޖިފައި ވިޔަސް މޯޗަރީބައިގައި އެއްފަހަރާ ދެމީހަކު ބޭއްވޭނޭ ޖާގަ ހުރެއެވެ.

ހިނެއުމާއި މައްޔިތާގެ ކަފުނުގެ ހުރިހާ ބައިތަކެއް ވެސް މިހިނަވާގެއިން ހިލޭ ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ދިގުވާޑު ކައުންސިލްގެ ރައީސް ޚާލިސް ޝަރީފު މިކަލް ނޫހަށް މައުލުމާތު ދެއްވަމުން ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި ސަންދޯއް ޖެހުމުގެ އިންތިޒާމެއް ހަމޖެހިފައި ނެތްކަމަށް ވިދާޅުވިއެވެ.

މޯޗަރީގެ ޚިދުމަތަށް ކޮންމެވެސް އެއްޗެއް ޚިދުމަތުގެ އަގުގެ ގޮތުގައި ނަގަން ހަމަޖެހިފައިވާކަމަށް ޚާލިސް ވިދާޅުވިއެވެ. އެގޮތުން ދިވެއްސަކަށް 12 ގަޑިއުރު މޯޗަރީގެ ޚިދުތަމް ހިލޭ ލިބޭ އިރު އެއަށްވުރެ ގިނައިރުވާނަމަ ގަޑިއަކަށް 40 ރުފިޔާގެ ރޭޓުން ފައިސާ ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ. އަދި ބިދޭސީއެއް ނަމަ ކޮންމެ 24 ގަޑިއިރަކަށް 1000 (އެއްހާސް) ރުފިޔާގެ ރޭޓެއް ވަނީ ހަމަޖެހިފައެވެ.

މި ހިނަވާގޭގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެތަނުގައި މަޑުކޮށްގެން ތިބުމަށް އިތުރު ކޮޓަރިއެއް ފަރުނީޗަރާއެއްކޮށް ގާއިމު ކުރެވިފައިވާކަމަށް ޚާލިސް ވިދާޅުވިއެވެ. މިފަދަ ކޮޓަރިއެއްގެ ޚިދުމަތް މުހިންމު ވަނީ، މިތަނުން ޖަނާޒާގެ ކަންތައްތައް ކުރިޔަށް ދާއިރު އާއިލާއާއި އާއިލާއަށް ހެޔޮއެދޭ ދުވަސްވީ މީހުންނާއި މާބަނޑު މީހުން، ކިރުމައިން ފަދަ ފަރާތްތަކުން، މިތަނަށް އައިސް ގިނައިރު ތިބެންޖެހުމުން ލުއިފަސޭހަ ގޮތެއްގައި މިތަނުގެ ޚިދުމަތް ދިނުމަށް ކަމަށް ޚާލިސު ވިދާޅުވިއެވެ.

ދިގުވާޑު ކައުނސިލްގެ މި އިމާރާތަށް ބީއެޗްއެމްއާއި ނަން ހާމަކުރުމަށް ބޭނުންނުވާ ފަރާތްތަކުގެ ދީލަތި އެހީ ލިބިފައިވާކަން ޚާލިސް ފާހަނގަ ކުރެއްވިއެވެ. އަދި މާދަޑު ކައުންސިލާއި މިސްކިތްމަގު ކައުންސިލުގެ އިތުރުން ފުވައްމުލަކުގެ އަތޮޅު ކައުންސިލުން މިޕްރޮޖެކްޓަށް 2 ލައްކަރުފިޔާގެ އެހީއެއް ވެދެއްވާފައި ވާކަމަށް ވިދާޅުވިއެވެ.

ފާއިތުވި އަހަރު ކުރީ ކޮޅު އަމަލީ މަސައްކަތް ފެށި މި ހިނަވާގެ އިމާރަތްކުރެވިފައި ވަނީ ދިގުވާޑު އަލަށް ހެދި މިސްކިތް (މަސްޖިދުލް ހިދާޔާ) ގެ ކައިރީގައެވެ.

ދިގުވާނޑު ކައުންސިލު ފާހަގަ ވެފައިވަނީ އަބަދުވެސް ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފުވައްމުލަކުގެ ނަމޫނާ ކައުންސިލުގެ ގޮތުގައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !