ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ އިއްޔެ ހަވީރު ކުޅުނު މެޗްގައި ޗެމްޕިއަން ފިސްޑާ ބަލިކޮށް މީދޫ ވޮލީ ޓީމްގެ ފެށުން ރަނގަޅުކޮށްފިއެވެ. އަދި އަންހެން ޑިވިޝަންގެ ދަޑިމަގު ރަނިންގެ މައްޗަށް ފިސްޑާ ކާމިޔާބު ހޯދައިފި އެވެ.
މީދޫ ވޮލީ ޓީމްގެ ފުރަތަމަ މެޗްގައި ޗެމްޕިއަން ފިސްޑާ ބަލިކޮށްފައިވަނީ 3-1 އިން ނެވެ. މީދޫ ޓީމް މެޗް ކާމިޔާބުކުރީ މެޗްގެ ފުރަތަމަ ސެޓް ފިސްޑާ ގެންގޮސްފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓް ކާމިޔާބުކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ މޮޅު ކުޅުންތެރިޔަކީ މީދޫ ވޮލީ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދިން ޕާކިސްތާން ކުޅުންތެރިޔާ މުރާދު އެވެ. ދެޓީމަށްވެސް ގައުމީ ޓީމްގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ކުޅެފައިވެއެވެ.
އަންހެން ޑިވިޝަންގެ ރޭގެ މެޗްގައި ބައްދަލުކުރީ ދަޑިމަގު ރަނިން އާއި ފިސްޑާ އެވެ. މިމެޗް ފިސްޑާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ފިސްޑާ ތިންސެޓް ގެންދިޔައީ 19-25، 22-25 އަދި 24-26 އިންނެވެ. ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް ގައުމީ ޓީމް އަދި ބިދޭސީ ކުޅުންތެރިން ކުޅެފައިވެއެވެ.
މިއަދު ހަވީރު 16:00 ގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ އަފުން ޓީމް އަދި ހޯދަޑު ހިއްވަރު އެވެ. އަންހެން ޑިވިޝަންގައި ބައްދަލުކުރާނީ ދަޑިމަގު ރަނިންއާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިމެޗް ފެށޭނީ ރޭގަނޑު 8:30 ގައެވެ.
މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.
ޚިޔާލުތައް