A wide advertisement which will be shown on all devices. (700 x 100)

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: އަބޫ އުބައިދާ ބިން ޖައްރާހު – 3 ވަނަބައި

އަބޫ އުބައިދާ (ރއ) ގެ ވެރިކަމުގައި މުޅި ސީރިއާ މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި ސީރިއާގެ ގޮރުނުދޯރު (ގަވަރނަރ) ގެ މަގާމަށް އަބޫ އުބައިދާ އައްޔަންކުރެވުނެވެ. އަބޫ އުބައިދާ ސީރިއާގެ ވެރިއަކަށް ހުންނެވި ދުވަސްވަރު މުސްލިމުންގެ ޚަލީފާ އުމަރު ބުނު ޚައްތާބު ސީރިއާއަށް ދަތުރެއް ކުރެއްވިއެވެ. އުމަރު (ރއ) އަބޫ އުބައިދާ ދިރިއުޅުއްވާ ގެކޮޅަށް ވަނދެވަޑައިގެންނެވިއިރު ފެނިވަޑައިގަތީ އަބޫ އުބައިދާ (ރއ) ވަރަށް އާދައިގެ ނިކަމެތި ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވަނިކޮށެވެ. މުޅި ގޭތެރި އޮތީ ހުހަށެވެ. އަރަން ގެންގުޅޭ ފައިވާނާއި ހަގުރާމައަށް ބޭނުންވާ ދަހަނާ ފިޔަވައި އެހެން އެއްޗެއްނެތެވެ. ކާއެއްޗެހި ގެނެވުނު އިރު ގެނެވުނީ ހިކި ޕާންކޮޅެކެވެ. މިކަމާއި ގުޅިގެން އުމަރު (ރއ) ވިދާޅުވިއެވެ. “އަޅުގަނޑުމެން އެންމެ ބަދަލުވެއްޖެއެވެ. އަބޫ އުބައިދާ ފިޔަވައެވެ.”

އެއަށްފަހުވެސް އަބޫ އުބައިދާ އުޅުއްވީ އާދައިގެ ދިރިއުޅުއްވުމެކެވެ. ލިބޭ މުސާރަ މުޅިންހެން ކަހަލަ ގޮތަކަށް ނިކަމެތިންނަށް ބައްސަވައެވެ.

ފަނާވަނިވި ދުނިޔެ ދޫކުރެއްވުން

އަބޫ އުބައިދާ (ރއ) އާއި އެކަލޭގެފާނުގެ ސިފައިން ސީރިއާއާއި ސީރިއާގެ ވަށައިގެންވާ ބިންތަކުގައި ހަރަކާތްތެރިވަނިކޮށް ސީރިއާގައި ޕްލޭގް (ތާއޫން) ބަލި ފެތުރުނެވެ. މިޚަބަރު މުސްލިމުންގެ ދެވަނަ ޚަލީފާ އަށް ލިބިވަޑައިގަތުމާއިއެކު އަވަހަށް މަދީނާ އަށް ވަޑައިގަތުމަށް އަބޫ އުބައިދާ އަށް އުމުރު ބުނު ޙައްތާބު (ރއ) އެންގެވިއެވެ. ނަމަވެސް ޖަވާބުގައި އަބޫ އުބައިދާ ދެންނެވީ “މުސްލިމުންގެ އަމީރެވެ. ކަލޭގެފާނު އަޅުގަނޑުގެ ޚިދުމަތް ބޭނުންފުޅުވާކަން އެގިލައްވައެވެ. ނަމަވެސް، އަޅުގަނޑާއި އެކު މިވާ މުސްލިމު ސިފައިން ދޫކޮށް ދާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑު އަޅުގަނޑާއި އެކު މިވާ ސިފައިންނާއި އެކު އުޅުމުގެ އިޒުނަ ދެއްވާށެވެ”. މިޚަބަރު ލިބުމާއިއެކު އުމަރު (ރއ) ކީރިތި ކުރެއްވިއެވެ. އުއްމަތުގެ އަމީނު ގެއްލިދާނެކަމުގެ ބިރަށްޓަކައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން މިއުއްމަތުގެ އަމީނު މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިއުމަށްފަހު ދާއިމީ ގޮވައްޗަށް ދަތުރުކުރެއްވިއެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ އެކަލޭގެފާނުގެ ރައްޔިތުން ދޫކުރައްވައި ޕްލޭގުގެ ބިރަށް ދަތުރުނުކުރެއްވުމަށް ނިންމަވައި ރައްޔިތުންނާއިއެކު ހުންނަވަނިކޮށް ޕްލޭގްގެ އަލާސްކަންފުޅު ޖެހިވަޑައިގެންނެވެ. އެކަލޭގެފާނަށް ﷲ ބަރަކާތް ލައްވާށިއެވެ. އާމީން.

އަބޫ އުބައިދާ އަވަހާރަވެފައިވަނީ ޖޯޑަންގެ ބިމުގައި އެކަލޭގެފާނުގެ އުމުރުފުޅުން 58 އަހަރުފުޅުގައެވެ. އެކަލޭގެފާނަށް އިމާމުވެ ކަށުނަމާދު ކުރެއްވީ މުއާޒު ބިން ޖަބަލެވެ. މިކަށުނަމާދުގައި އަމުރު ބުނު އާސްގެ އައްދަހާ ބިން ގައިސް ޖަނާޒާގައި ބައިވެރިވެވަޑައިގަތެވެ.

އަބޫ އުބައިދާ އަވަހާރަވުމާއި ގުޅިގެން މުއާޒު ބިން ޖަބަލު ވިދާޅުވިއެވެ. “ތިޔަބައިމީހުންނަށް މީހަކު ނިޔާވުމުގެ އިހުސާސް ކުރެވިދާނެއެވެ. ﷲ ގަންދީ ބުނަމެވެ. ﷲގެ އަޅުންގެ ތެރެއިން މިއަށްވުރެ ހިތްސާފު، ބޭކާރު ވާހަކަ މަދު، ނަސޭހަތްތެރިވުމަށް ލޯބިކުރާ ދެވަނަ އަޅަކު ނުދެކެމެވެ. ވީމާ ﷲ ރަހުމަތަށް އެދި އެއަޅާއަށް ދުއާކުރާށެވެ.”

އުމަރު ބުނު ޙައްތާބު (ރއ) ސަރުޚާއި ހަމައަށް ވަޑައިގެންނެވުނުތަނާހެން ތާއޫން ބަލި ސީރިއާގައި އޮތް ޚަބަރު ލިބިވަޑައިގަތެވެ. އެހިނދު އުމަރު (ރއ) ވިދާޅުވިއެވެ. “އަބޫ އުބައިދާ ދުނިޔޭގައި ހުންނަވަނިކޮށް ތިމަން ކަލޭގެފާނު މިދުނިޔެ ދޫކުރައްވައިފިނަމަ ތިމަން ކަލޭގެފާނު އެކަލޭގެފާނު ޚަލީފާ ކަމަށް އިސްކުރާ ހުށީމެވެ. އެކަމާއި ގުޅިގެން އަޅުގަނޑާއި ސުވާލުވެވިއްޖެނަމަ ދަންނަވާ ހުށީމެވެ. ކޮންމެ އުއްމަތަކަށްވެސް އަމީނެއްވެއެވެ. މިއުއްމަތުގެ އަމީނަކީ އަބޫ އުބައިދާ އެވެ.”

ކީރިތި ރަސޫލު ﷲ (ސއވ) މިދުނިޔެ ދޫކުރުމަށްފަހު ޚަލީފާއެއް އިސްކުރުމުގެ މަޝްވަރާ މަދީނާގެ އަހުލުވެރިން ކުރެވުނު ހިނދު އަބޫ ބަކުރު (ރއ) ވިދާޅުވީ “އުމަރު ބުނު ޚައްތާބު ނޫނީ އަބޫ އުބައިދާ ބިން ޖައްރާހު އައްޔަންކުރުމަށް ހުށަހަޅަމެވެ. އެހެނީ، ކޮންމެ އުއްމަތަކަށްވެސް އަމީނެއްވެއެވެ. މިއުއްމަތުގެ އަމީނަކީ އަބޫ އުބައިދާ (ރއ) ކަމަށް ކީރިތި ރަސޫލު ﷲ (ސއވ) ހަދީޘް ކުރެއްވި އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ…”

(ނިމުނީ)

ގުޅޭ ލިއުންތައް

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: އަބޫ އުބައިދާ އާމިރު ބިން ޖައްރާހު

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: އަބޫ އުބައިދާ ބިން ޖައްރާހު – 2 ވަނަ ބައި 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !