A wide advertisement which will be shown on all devices. (700 x 100)

ސިޓީގެ ދަރަޖަ ދެވޭ ތަންތަނުގައި ހުންނަން ޖެހޭ ޚިދުމަތްތައް ކަނޑައެޅިއިރު …؟

އެލްޖީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްގައި ޝާއިއުކުރި ސިޓީގެ ދަރަޖަ ދޭ މިންގަނޑު

އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ އެއްގެ ދަރަޖަ ދެވޭ ތަންތަނު ގައި ހުންނަން ޖެހޭ ޚިދުމަތްތައް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަނޑައަޅާފައެވެ. އެލްޖީއޭ އިން އާއްމުކުރި ޚިދުމަތުގެ މިންގަނޑުތަކަށް ބަލާއިރު ފާހަނގަ ކުރެވެނީ އެއީ އަދި މާސާފު މިންގަނޑެއް ނޫން ކަމަށެވެ. އެހެނީ އެމިންގަނޑު ގައި، އެއްވެސް ޚިދުމަތެއް ލިބެންޖެހޭ މިންވަރު ސާފުކޮށް ބަޔާން ކުމުގެ ބަދަލު ގައި ވަނީ، އޮޅޭނެ އަދި އެކިގޮތަށް މާނަ ކުރެވޭ، ސާފު ނޫން އިބާރާތް ތަކުންނެވެ.

އެލްޖީއޭގެ މިންގަނޑުގައި ވަނީ 3 ބައެކެވެ. އެއީ 1. ތައާރަފުގެ ބަޔާއި 2. ސިޓީ އެއްގެ ދަރަޖ ދެވޭ ތަނަކުން ލިބެން ހުންނަންވާނެ ޚިދުމަތްތައް އަދި 3. އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް ހިމެނޭ މިތިން ބައެވެ. އެގޮތުން މިލިޔުމުން ފަށައިގަންނާނީ ދެވަނަ ބައިގައި ފާހަނގަކޮށްފައިވާ ހިސާބުންނެވެ.

2. ސިޓީއެއްގެ ދަރަޖަ ދެވޭ ތަނެއްގައި ލިބެން ހުންނަންވާނެ ޚިދުމަތްތައް

އުމަރާނީ ގޮތުން ލިބެން ހުންނަން ޖެހޭނެ ކަންތައްތައް

“އުމްރާނީ ގޮތުން ބަލާއިރު އެފަދަތަނަކާއި އެކަށީގެންވާ ފެންވަރުގެ ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތް ތައް ލިބެން ހުންނަން ވާނެ” ކަމަށް ބުނެފައި ވެއެވެ.

އެފަދަ ތަނަކާއި އެކަށީގެން ވުމަކީ ކޮބައިކަން އެކިމީހުން މާނަ ކުރާނީ އެކިގޮތް ގޮަތަށެވެ. ވުމާއެކު އެ ފާހަނގަ ކުރާ އެކަށީގެން ވުން އިތުރަށް އަދި މާނަ ކުރަން އެބަޖެހެއެވެ. އެއީ ކޮން ވަސީލަތްތަކެއްކަން ކަނޑައަޅާ ބުނަން ނޭނގޭނެތީއެވެ. އަދި އެބުނާ ވަސީލަތްތަކުގެ ކޮން މިންވަރެއްކަން ކަނޑައެޅުމުން ނޫނީ އެސިޓީއަކުން ލިބެނީ ކޮން ޚިދުމަތެއް ކޮން ފެންވަރެއްގައި ކަން ބުނަން ނޭގުން ގާތެވެ. އަދި އެފަދަ ސިޓީއަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ދެވޭ ޔަގީންކަން ކުޑަވެ އެދިމާލަކަށް މީހުން ދިއުމަށް މަގު ހުޅުވާލައެއް ނުދޭނެއެވެ.

އާއްމު ޚިދުމަތްތައް

“އާއްމު ޚިދުމަތްތަކަށް ބަލާއިރު، އިސްލާމީ ޝިއާރު ފާޅުކުރުމާއި،” އެފަދަ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނަން ވާނެއެވެ. އެބުނަނީ މިސްކިތްތަކުގައި ބަންގި ގޮވާ ވާހަކަ ހެއްޔެވެ؟ ނޫނީ އިސްޅާމީ ތައުލީމު ދޭ ތަންތަނާއި އިސްލާމް ދީން ހަރުދަނާ ކުރަން މަސައްކަތްކުރާ ޖަމްއިއްޔާ ޖާމާއަތްތަކެއްގެ ވާހަކަ ހެއްޔެވެ؟ ނޫނީ ދީނީ ދަރުސް ދޭނެ ތަންތަން ހުންނާނެ ވާހަކަ ހެއްޔެވެ؟ ސާފެއް ނުވިއެވެ. އެނގޭ ކަމަކީ ރާއްޖޭގައި އިސްލާމްދީން ގާއިމު ވީއްސުރެ މިއަދާއި ހަމަޔަށް ވެސް މިސްކިތްތަކުގައި ބަންގި ގޮވާކަމެވެ.

އިޖުތިމާއީ ޚިދުމަތަތްތައް

“އިޖުތިމާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތަކާއި، ސިއްޙީ ޚިދުމަތްތަކާއި، ތައުލީމާއި ތަމްރީނަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނަން ވާނެއެވެ.”

އިޖުތިމާއީ ކޮންކޮން ކަމަކަށް ބޭނުންވާ ކޮން ވަސީލަތެއްގެ ވާހަކަ ހެއްޔެވެ؟ އަދި އެވަސީލަތެއް ކޮން ފެންވަރެއްގައި ލިބެން ހުންނަން ޖެހޭ ވާހަކަ ހެއްޔެވެ؟

ސިއްޙީ ޚިދުމަތް ކޮން ފެންވަރެއްގައި ހެއްޔެވެ؟ ސިޓީ ހޮސްޕިޓަލެއް ހެއްޔެވެ؟ ޖެނެރަލް ޑްކްޓަރުްނނާއި ސްޕެޝަލިސްޓުން މަދުވެގެން ކިތައް ދާއިރާއިން ކިތައް މީހުން ތިބެން ޖެހޭނެ ހެއްޔެވެ؟ ހޮސްޕިޓަލުން ދެވޭނީ ކޮން ފެންވަރެއްގެ ކޮން ކަހަލަ ޚިދުމަތަތްކެއް ހެއްޔެވެ؟ ޕަބްލިކް ހެލްތު ނުވަތަ އާއްމު ސިއްހަތު ކޮންކޮން ކަންތައްތަކެއް ކޮން މިންގަޑެއްގެ ދަށުން ލިބެންޖެހޭ ހެއްޔެވެ؟ ހަތްތާވެސް ސުވާލެވެ؟ އިތުރަށް ސާފުވާން ޖެހެއެވެ.

ތައުލީމާއި ތަމްރީނަށް ބޭނުންވާ ވަސީލަތް ފޯރުކޮށްދޭނީ ކޮންފަރާތަކުން ކޮން ފެންވަރެއްގައި ހެއްޔެވެ؟ ދައުލަތުގެ ފަރާތުން ހެއްޔެވެ؟ ނުވަތަ އަމިއްލަ މީހުންގެ ފަރާތުން އެޚިދުމަތް ލިބޭނެ މަގުފަހި ކުރާނީ ބާއެވެ؟ ފުވައްމުލަކުގައި އާއްުމު ތައުލީމު ދޭ ދައުލަތުގެ ސްކޫލްތައް އެބަހުއްޓެވެ. މަތީ ތައުލީމުދޭ ދައުަލތުގެ މުއައްސަސާތަކެއް، ގުރުއާނާއި ބެހޭ މަރުކަޒު، އަދި ގައުމީ ޔުނިވަރސިޓީގެ ކޮލް އައުޓްރީޗު ސެނޓަރެއް އެބަހުއްޓެވެ. އަދި މީގެ އިތުރުން އަމިއްލަ ފަރާތްކުގެ ކޮލެޖް ކެމްޕަސް އަދި ސްކޫލަތައް ވެސް އެބަހުއްޓެވެ. ނަމަވެސް މަސައްކަތުގެ ތަމްރީނު ދޭ ތަނެއް ނެތެވެ. މި އުސޫލުގެ ތެރެއިން އެފަދަ ތަނެއް ގާއިމު ކުރެވޭނެ ހެއްޔެވެ؟ ނުވަތަ އެފަދަ ތަނެއް ގާއިމު ކުރަން ޖެހޭހެއްޔެވެ؟

ކަނޑައެޅުނު އުސޫލުގައި ތައުލީމާއި ތަމްރީނު ލިބޭނެ ފެންވަރެއް ނުވަތަ މިންގަނޑެއް ކަނޑައެޅިފައެއް ނެތްކަން ފާހަނގަ ކުރެވެއެވެ.

ދަތުރުފަތުރު

“ދަތުރުފަތުރު ފަދަ ކަންކަމަށް ބޭނުންވާ ޚިދުމަތް ތަކުގެ ތެރެއިން، އެއްގަމާއި ކަނޑުގެ ދަތުރަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހި، އެސަރަހައްދަކުން ނުވަތަ ދުރުނޫން ހިސާބަކުން ވައިގެ ދަތުރުތަކަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނަން ވާނެއެވެ.”

އެއްގަމާއި ކަނޑުގެ ދަތުރުތަކަށް ބޭނުންވާ އިންތިޒާމުތައް ކަމަށް މާނަ އެކުރަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެއްގަމާއި ކަނޑު އުޅަނދުފަހަރުތައް ދުއްވަންޖެހޭ ގާނޫނާއި ގަވާއިދުތަކުގެ ވާހަކަ ހެއްޔެވެ؟ ނުވަތަ މަގުހަދާފައި، ރީއްޗަށް ކުރަހައި ނިޝާން ޖަހައި، މަގުން ދުއްވޭނެ ކޮޅުތައް ފާހަނގަ ކުރުން ހެއްޔެވެ؟ ނުވަތަ މަގާއި ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި އެހީތެރިކަމަށް ފުލުހުން ތިބެން ޖެހޭ ވާހަކަ ހެއްޔެވެ؟ ނޫނީ އެބުނާނީ އާއްމު ދަތުރުފަތުރުގެ ނިޒާމެއްގެ ދަށުން، އާއްމު ފެރީއާއި ބަސް ދަތުރުތަކުގެ ނިޒާމުގެ ވާހަކަ ބާވައެވެ؟ ވައިގެ ޚިދުމަތްތަކަށް ބޭނުންވާ ކޮން ވަސީލަތެއް ކޮން ފެންވަރެއްގައި ލިބޭނެ ވާހަކަ ހެއްޔެވެ؟ އެއާރޕޯރޓެއްގެ ވާހަކަ ހެއްޔެވެ؟ އިތުރަށް މާނަކުރަން އެބަޖެހެއެވެ. ފުވައްމުލަކަށް ސިޓީގެ ދަރަޖަ ލިބޭއިރު ލިބޭނީ މީގެތެރެއިން ކޮން ޚިދުމަތްތަކެއް ތޯ ދެނެގަތުމަށް މިއުސޫލުތައް އިތުރަށް މާނަކޮށްދޭން އެބަޖެހެއެވެ.

އިގުތިސާދީ

“އަދި އިގުތިސާދީ ގޮތުން ބަލާއިރު، އެކިއެކި ސިނާއަތްތަކަށް ފުރުސަތުތައް ތަނަވަސްވެފައި އޮންނަން ވާނެއެވެ.”

އިގުތިސާދީ ކޮންކަހަލަ ފުރުސަތުތަކެއް ހެއްޔެވެ؟ މަސްވެރިކަމަށް ކަނޑު އެބައޮތެވެ! އޮޑިދޯނިފަހަރު އެބަހުއްޓެވެ، ކޮންމެވެސް ވަރެއްގެ ބިންކޮޅެއް ދަނޑުވެރިކަން ކުރަން ވެސް އެބައޮތެވެ! ޓޫރިޒަމް ދާއިރާއިން ސިޓީހޮޓަލެއް ހުންނާނެ ހެއްޔެވެ؟ ގެސްޓް ހައުސްތަކަށް ފުރުސަތު އެބައޮތް ހެއްޔެވެ؟ ކޮންމެވެސް ކަހަލަ ފެކްޓަރީއެއްގެ ވާހަކަ ހެއްޔެވެ؟ ރަށުގައި ތައްޔާރުކުރާ ކާނާގެ ބާވަތްތައް ބައިނަލް އަގުވާލމީ ފެންވަރެއްގައި ބަންދުކޮށް މާކެޓަށް ނެރެވޭ ވަރުގެ ތަނެއްގެ ވާހަކަ ހެއްޔެވެ؟ މޫސުމީ ގޮތުން ރަށުން ލިބޭ މޭވާއާއި ފަލަމަޑީގެ ބާވަތްތައް ގިނަ ދުވަހަށް ރައްކާ ކުރެވޭނެ ފަދަ ސިނާއީ ވަސީލަތެއް ގާއުކުރުން ހެއްޔެވެ؟ އަމިއްލަ ފުއްދުން ތެރިކަމުން ކިހާވަރެއް ހެއްޔެވެ؟

ބޯހިޔާވަހިކަން

“ބޯހިޔާވަހިކަމުގެ ވަސީލަތްތައް ތަނަވަސްވެފައި ހުރުމާއި، ޔުޓިލިޓީ ޚިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ ޚިދުމަތްތަކާއި، ސަލާމަތާއި އާއްމު ރައްކާތެރިކަމަށް ބޭނުންވާ ޚިދުމަތް ފަދަ ޚިދުމަތްތައް ލިބެން ހުންނަން ވާނެއެވެ.”

ބޯހިޔާވަހިކުމުގެ ތެރެއިން ގެ ނުވަތަ ފްލެޓް ބޭނުން ކޮންމެ ފަރާތަކަށް ލިބެން ހުންނާނެ ވާހަކަ ހެއްޔެވެ؟ ނުވަތަ ރަށުން ދިރިއުޅުމަށް ކުއްޔަށް ދޭ ތަންތަން ލިބެން ހުންނާނެ ވާހަކަ ހެއްޔެވެ؟

ޔުޓިލިޓީ ޚިދުމަތް ތަކުގެތެރޭގައި ކަރަންޓާއި ބޯފެން އަދި ނަރުދަމާ ނިޒާާމު ގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ވާހަކަ ހެއްޔެވެ؟ އަދި ކޭބަލް ޓީވީއާއި އިންޓަރނެޓް، ލޭންޑްލައިނާއި މޯބައިލް ފޯންގެ ޚިދުމަތުގެ ވާހަކަވެއް އިތުރުވޭ ހެއްޔެވެ؟ މިޚިދުތަމްތައް ލިބެން ވަނީ ކޮން ފެންވަރެއްގައިހެއްޔެވެ؟ އެންމެންނަށް ހެއްޔެވެ؟ ނުވަތަ ސިޓީގެ ވަކި ހިސާބަކަށް، ވަކި ބަޔަކަށް ހެއްޔެވެ؟

އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ހާލުގައި ޖެހޭ މީހުންނާއި ނިކަމެތިންނަށް އަދި ސިޓީގެ މުޖުތަމިއުގައި ޚާއްސަ ޙާލަތްތައް ދިމާވެފައިވާ ފަރާތްތައް އެހާލަތުން ސަލާމަތްވުމަށް މާލީ ގޮތުންނާއި މަސައްކަތުގެ ގޮތުން އެހީވެދޭނެ ފަރާތެއް ގާއިމުވެފައި ތިބުމުގެ ވާހަކަ ހެއްޔެވެ؟ ނޫނީ ފަޔަރ އެންޑް ރެސްކިއު ޚިދުޔމަތުގެ ވާހަކަހެއްޔެވެ؟ އެކަންކަން ކޮންފެންވަރެއްގައި ލިބޭނެ ވާހަކަ ކަމެއް އެނގޭކަށް ނެތެވެ.

ސަލާމަތާއި އާއްމު ރައްކާތެރިކަމުގެ ގޮތުން ސިޓީގައި ފުލުހުންގެ މަރުކަޒުތައް ގާއިމުވެ ފުލުހުންގެ ޚިދުމަތް ލިބުން ހެއްޔެވެ؟ އާބާދީގެ ނިސްބަރުން ކިތައް ފުލުހުން ހެއްޔެވެ؟ މަގުމަތީގައި ފުލުހުން ފޯރިމަރާނެ ހެއްޔެވެ؟ ނޫނީ ޚާއްސަ ސެކިއުރިޓީ ޕޮއިންޓްތަކެއް، ބަނދަރު، އެއަރޕޯރޓް ރަށުގެ ގިނަމީހުން ޖަމާވާ ތަންތަން ފަދަގޮތަކަށް، ފުލުހުންގެ ޚިދުމަތް ލިބޭނެ ހެއްޔެވެ؟ އިތުރު އެހެން ގޮތަކުން އާއްމު ސަލާމަތްކަން ބަލަހައްޓާނެ ހެއްޔެވެ؟ އާއްމުންނަށް ސެކިއުރެޓީ ބެލެހެއްޓުމުގެ އުސޫލެއް އޮންނާނެ ހެއްޔެވެ؟

3 ވަނަ ބައި: ސިޓީއެއްގެ ދަރަޖަ ދެވޭ ތަނެއްގެ އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް

“ސިޓީއެއްގެ ދަރަޖަދެވޭ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ ސަރަހައްދަކީ އުފެއްދުންތެރިކަމުގެ ގޮތުން ބަލާއިރު، އެތަނެއްގެ އާބާދީއާއި، އިގުތިސާދީ އަދި ސިނާޢީ ފުރުސަތުތަކަށް ބިނާކޮށް، އެވްރެޖް ގޮތެއްގައި އުފެއްދުންތެރިކަމުގެ ނިސްބަތް، ގައުމީ މިންގަނޑާއި އަޅާ ބަލާއިރު އެކަށީގެންވާ މިންވަރަކަށް ހުންނަ ތަނަކަށް ވާންޖެހޭނެއެވެ.”

އެކަށީގެން ވާ މިންވަރަކީ ވަރަށް ބޮޑަށް ވެސް ތަފާތު މިންގަނޑުތަކެއް ކަމުގައި އާއްމު ތަޖުރިބާތައް ދައްކައެވެ. ވީމާ އެތަނެއްގެ އިގުތިސާދާއި، އުފެއްދުންތެރިކަމުގެ ސިނާއަތަށް ބަލައި ގައުމީ މިންގަނޑުން %1 ހެއްޔެވެ؟ ނުވަތަ %25 ހެއްޔެވެ؟ ވާސިލުވާން ޖެހޭ އެންމެ ދަށް މިންގަޑެއް ކަނޑައެޅުން މުހިންމެވެ. ނުވަތަ ގައުމުގެ އާމްދަނީން ބޮލަކަށްޖެހޭ އާމްދަނީން، އެސިޓިއެއްގެ ބޮލަކަށް ކަނޑައެޅޭ ވަކިވަރެއް ޖެހެން ވާނެކަމަށް ބަލައި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރުމަކީ ތަރައްގީއަށް ހުޅުވާލެވޭ ފުރުސަތެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !